ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އަށް ގެނައި ބަދަލުތައް ހިއްސާކުރަން މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައްޒާމް (ކ)، ޖެންޑާ މިނިސްޓަރު އައިޝާ، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން އަދި އެންސްޕާގެ ސީއީއޯ މަރިޔަމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
11 ޖުލައި 2023 - 13:33
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސަށް ގެނައި ބަދަލުތަކާ އެކު، އިތުރު 12 މިލިއަން ރުފިޔާ މިދިޔަ މަހު ހަރަދުކޮށްފި އެވެ.
މީގެ 13 އަހަރު ކުރިން ދޭން ފެށި އެލަވަންސް ފުރަތަމަ ފަހަރަށް މުރާޖައަކޮށް މިދިޔަ މަހުން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އެކި ގިންތިތަކަކަށް ބަހާލާފައިވާއިރު، 7،000ރ. އާ ހަމައަށް އެ އެލަވަންސް މިހާރު އޮތީ ބޮޑުކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން "މިހާރު"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެލަވަންސް ބޮޑުކުރި ފުރަތަމަ މަހު އެކަމަށް 34،662،000ރ. ހަރަދުކުރި އެވެ.
މިއީ، އޭގެ ކުރީ މަސްތަކާ ބަލާއިރު 12 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެ އަދަދު މިދިޔަ ޖެނުއަރީ މަހު ހުރީ 22،140،000ރ. ގަ އެވެ.
ފެބްރުއަރީ: 21،942،000ރ.
މާޗު: 22،172،000ރ.
އޭޕްރީލް: 22،432،000ރ.
މެއި: 22،536،000ރ.
ޖޫން: 34،662،000ރ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދިނުމަށް މި އަހަރުގެ މިހާތަނަށް 145،884،000ރ. ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް އިން ހިއްސާކުރި މައުލޫމާތުތަކުން އެނގެ އެވެ. އެންސްޕާއަށް މި އަހަރު ކަނޑައަޅާފައިވާ 341 މިލިއަން ރުފިޔާގެ ބަޖެޓުން އާ ބަދަލުތައް ވެސް ހަމަޖެއްސޭނެ ކަމަށް ސަރުކާރުން ކުރިން ބުންޏެވެ.
އެ ހާއްސަ ދަފްތަރުގައި 11،371 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އެ އެންމެންނަށް ވެސް ގާނޫނުގައި ލާޒިމްކޮށްފައިވާ 2،000ރ. ގެ އިތުރަށް 1،000ރ. އާއެކު، ޖުމްލަ 3،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.
ކެއާރާ އެލަވަންސް އާއި ސެލްފް ކެއާ އެލަވަންސް ލިބޭނީ އެ މީހެއްގެ ހާލަތަށް ބެލުށްފަހުގަ އެވެ. އަދި އާއިލާގައި ނުކުޅެދުންތެރިކަން ހުރި މީހުންގެ އަދަދު ތިނަކަށް ވުރެ އިތުރުވެއްޖެނަމަ ދޭ އެލަވަންސް ވެސް ލިބޭނީ އެ އަދަދަށް ވުރެ ގިނަވެއްޖެ ނަމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެއްޓެނީ
12 July 2023
ގައުމު ފެތެނީ