އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، މ. އަތޮޅުގެ އެންމެ ފަހުގެ މަންޒިލް، މި އަތޮޅު ދިއްގަރުގައި ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
16 ޖުލައި 2023 - 23:14
މ. ދިއްގަރުގައި ޒަމާނީ ފެންވަރުގެ އާ ހޮސްޕިޓަލަކާ އެކު، ގިނަ ވައުދުތަކެއް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވެވަޑައިގެންފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ދިއްގަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ރަށާ ދޭތެރޭ އުއްމީދު އެބައޮތް ކަމަށާއި ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދޭނެ ކަމަށެވެ.
މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އޭރުގެ އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި، އާބާދީގައި 965 މީހުން ދިރިއުޅޭ ދިއްގަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަޑައިގެންނެވިއިރު ރައްޔިތުން އެދުނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމަށެވެ. އެކަން ކޮށްދިނުމަށްޓަކައި މި ސަރުކާރުން ވަނީ 25 ހެކްޓަރު ހިއްކަން އެމްޓީސީސީއާ މިހާރު ހަވާލުކޮށްފަ އެވެ. އެ މަސައްކަތް އަންނަ މަހު އެއްކޮށް ނިންމައި، ރިވެޓްމަންޓް ޖަހަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް މި ރަށަށް މި ވަގުތު ބޭނުންވަނީ ރައީސް ވިދާޅުވި ގޮތުގައި، ރަށުގައި ތިބެގެން ރަނގަޅު ސިއްހީ ފަރުވާ ހޯދޭނެ ގޮތެކެވެ. އެކަން ފުރިހަމަކުރަން ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް ރައީސް އިއުލާންކުރެއްވި އެވެ. ނަމަވެސް، ހޮސްޕިޓަލް އަޅައި ނިމެންދެން މަޑުނުކޮށް ހެލްތު ސެންޓަރުގެ ފެންވަރު ރަނގަޅުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު ހުރި ހެލްތު ސެންޓަރުން ރަނގަޅަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެކްސްރޭ މެޝިނާއި އަދި ވެސް ބޭނުންވާ މުވައްޒަފުންނާ އެހެނިހެން ތަކެތި މި ރަށަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފޮނުވާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިއްގަރުން، މ. އަތޮޅުގެ އެހެން ރަށްތަކާ ދޭތެރޭގައި ދަތުރުކުރަން ދަތިތައް އެބަހުއްޓެވެ. އެެހެންވެ، އާރުޓީއެލް ފެރީގެ ހިދުމަތް މ. އަތޮޅަށް ފަށަންދެން މަޑުނުކޮށް، ދަތުރުފަތުރުކުރުމުގައި ލުއި ފަސޭހަ ކޮށްދިނުމަށް 2-3 ހަފުތާ ތެރޭގައި ދިއްގަރަށް ލޯންޗެއް ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރަށުގެ ބިން ހިއްކުމަށްފަހު ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި މި ފަހަރުގެ މެނިފެސްޓޯގައި ދިއްގަރަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓް ނޫނީ ރޯހައުސް އިމާރާތް ކޮށްދޭނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ޒުވާނުންނަށް ބޭނުންވާ ފުޓްބޯޅަ ދަނޑާއި ޒުވާނުންގެ މަރުކަޒު ވެސް ބިނާކޮށްދީ، ފައިސާގެ މުއާމަލާތް ކުރުމުގައި ފަސޭހަކޮށްދިނުމަށް ދިއްގަރުގައި އޭޓީއެމްގެ ހިދުމަތް ފަށައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މަގު ހެދުން ވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަގު ހަދާ ރަށްރަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަހަ
17 July 2023
ޢަބާދީ އެއިނީ ނިބަިއކޮށް. ޜަގަޅު ގޮތަކީ 1160 އެއްހާ މީހުން.
ޗޯރު
17 July 2023
ވަރަށް ދެރަ. ކިޔަވައިގެން ހުރި ސިކުނޑިއަކުން ވިސްނީމަ އިނގޭ ބަލިމީހުން ނާންނަތާކަށް ޑޮކްޓަރުން ނުދާނެކަން. މި ކަހަލަ ވައުދު ތަކަކީ އެކަނަމިކްސް ދަން ބޭފުޅުން ވާކަހަލަ ވައުދެއްނޫން. ވަރަށް ދެރަ.
ޑޭވިޑް ކަތީބު
17 July 2023
މ. މުލީގައި ޒަމާނީ ރީޖަނަލް ހޮސްޕިޓަލެއް ހުއްޓާ ތިޔަ ރިހާކުރު އައްޑާއަކަށް ހޮސްޕިޓަލެއް ބޭނުމެއް ނުވޭ.
ދަރުރު
17 July 2023
ތީ ތެދެއްނަމަ މީ ހޮސްޕިޓަލު ހުޅުވަނަ ދާންވީ ދުވަސް އނެއްކާ ގޮސް ވައުދު ވަނީ
ދިއްގަރޭ
17 July 2023
ބޭނުމީ އަނގަޢިން ކަންކަން ކުރާމީހެއްނޫން އަމަލުން ކުރާމީހެއް
ކޮބާތޯ
17 July 2023
ކޮބައިތޯ ނ. އަތޮޅުގެ އާރުޓީއެލް ފެރީ؟ ކޮބައިތޯ މަނަދޫގަ އަޅައިދޭންބުނި މަލްޓޕާޕަސް ހޮސްޕިޓަލް؟
ވަސްވާސްނުދީ
17 July 2023
އާބާދީ ކުޑަ ރަށްރަށުގައި ޒަމާނީ ހޮސްޕިޓަލެއް އަޅާނަމޭ ބުނުމަކީ ޖޯކެއް. އޮޅުވާލުމެއް. 900 މީހުންގެ އާބާދީއަކަށް ޒަމާނީ ހޮސްޕިޓަލެއް އަޅައިގެން ނުހިންގޭނެ. ތިފަދަ ތަންތަނުގައި ޑޮކްޓަރުން ވަޒީފާގައި ތިބޭކަށް ބޭނުމެއް ނުވާނެ. ތިޔަށްވުރެ ރަނގަޅުވާނެ މާލެއިން ލިބޭ ޞިއްޙީ ޚިދުމަތް އަތޮޅު ހޮސްޕިޓަލްތަކުން ލިބޭ ފެންވަރަށް އަތޮޅު ހޮސްޕިޓަލްތައް ތަރައްޤީ ކުރާނަމޭ ބުނުން.
ހިދާ،
17 July 2023
ތިހެން ކިތައްރަށުގަ ހޮސްޕިޓަލު އަޅައިފިން ދައުރުމިނިމެނީ
ނުރޯ ހައުސް
17 July 2023
ދެން އުޅެންޖެހޭނީ ކުލި ނުދައްކައިގެންދޯ ފުލެޓާ ރޯހައުސްގެ
ވަހީދުބެ
17 July 2023
ދިވެހިރާއްޖެއަށް އެންމެ ޚަރަދުކުޑަ ފައިދާހުރި އަދި ތަރައްގީގެންނަން ފަސޭހަ ދާއިމީކޮށް ކުރިޔަށް ގެންދެވޭނެ މޮޑެލްއަކީ މާލޭސަރަހައްދަށް ބަދަލުވާންތިބި އެންމެނަށް އެސަރަހައްދުން ބޯހިޔާވަރިކަން ފޯރުކޮށްދިނުންކަން މިއީ ބޮދުދިރާސާއަކަށް ދާންޖެހޭ ކަމެއްނޫން. ދުނިޔެއާ ފައިހަމަކުރުމަށް ދިވެހި ބޮޑުއާބާދީއެއް އެއްތާކުއުޅެންފަށަންޖެހޭ. އެގޮތުން މާލޭސަރަހައްދަށް ހުރިހާ ދިވެހިން ބަދަލުކުރަންޖެހޭ. އޭރުން ޕެޓްރޯލަށާ ޑީސަލްގެ ޚަރަދު ކުޑަވެފަ އެންމެނަށް ޚިދުމަތް.