ކުޅިވަރު / ފުޓްބޯޅަ

ރަށްރަށަށް ހަމައެކަނި ދަނޑު، ދިވެހި ފުޓްބޯޅައިގެ ހުރިހާ ބާރެއް މާލޭގެ ދެތިން ކްލަބަށް!

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް ދަނޑެއް ހުޅުއްވައި ދެއްވަނީ: އަތޮޅު ތަކުގައި ހޯމް އެންޑް އަވޭ ލީގު ކުޅެން ފައިސާ އެއް ނެތް --- ފައިލް ފޮޓޯ: އެފްއޭއެމް

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ހެއްދެވި ރެކޯޑަކީ، މީގެ ކުރިން އެއްވެސް މިނިސްޓަރެއްގެ ދައުރުގައި ނާޅާ ވަރަށް ރަށްރަށުގައި ދަނޑު އެޅުއްވުމެވެ. މިނީ ޓާފާއި ފުޓްބޯޅަ ދަނޑާ އެކު ފުޓްބޯޅަ އަށް އެކަނި 110 ޕިޗް މި ސަރުކާރުން އަޅައިފި އެވެ. މާޗް މަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ދިވެހި ޓީމު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗާ ގުޅިގެން މަހްލޫފްގެ ވާހަކަ ބިނާ ކުރެއްވީ ހަމައެކަނި މާލެ އަށް ބަރޯސާވެފައި އޮތް ފުޓްބޯޅަ އަތޮޅުތެރެއަށް ގެންދިއުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެކަމަކު ގައުމީ ލީގު އަތޮޅުތަކަށް ގެންދާ ވާހަކައާ ހިސާބުން ޖެހިގެން އައި އޭޕްރީލް މަހު، ސަރުކާރުގައި ފައިސާއެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރަސްމީ ހައިސިއްޔަތު ލިބިގެން ހޯމް އެންޑް އަވޭ އުސޫލުން ގައުމީ ފެންވަރު މުބާރާތެއް އަތޮޅުތަކުގައި ކުރިއަށް ގެންދެވުނު އެއްވެސް އެސޯސިއޭޝަނެއް ނެތެވެ. ވީއޭއެމުން ފެށި ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް އޮތީ ހުއްޓިފަ އެވެ. ސެޕްޓެމްބަރު 2019 ގައި އަތޮޅުތެރެއަށް ހާއްސަކޮށް އިއުލާން ކުރި ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ފަށައިގަންނަ ގޮތެއް ނުވި އެވެ.

ޖަޒީރާ ޗެމްޕިއަންޝިޕަކީ މި ސަރުކާރުން ސީދާ އިސް ނަގައިގެން އިއުލާން ކުރި މުބާރާތެކެވެ. ކުރިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް މޮޑެލް އަށް ބާއްވަން އުޅުނު އެ މުބާރާތުގައި ކުލަ ނުޖެހި ގެއްލުނީ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހްުމަދު މަހްލޫފް، ކުޅިވަރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެން އެފްއޭއެމުން އިއުލާން ކުރީ 2024 ގެ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށެވެ. އެ މުބާރާތް ލޯންޗުކުރުމަށް މިދިޔަ އަހަރު މާޗް މަހު ގައުމީ ފުޓްބޯޅަ ދަނޑުގައި އެފްއޭއެމުން ބޭއްވި ރަސްމިއްޔާތަށް މަހުލޫފް ވެސް ވަޑައިގެން އަތޮޅުތެރޭގެ ޓީމުތަކަށް އުންމީދެއް ދެއްވި އެވެ.

އެކަމަކު މިހާރު ވިދާޅު ވަނީ ފައިސާ ނެތް ވާހަކަ އެވެ.

"ލާރި ނެތިއްޔާ ކިހިނެއް އަޅުގަނޑުމެން ހޯމް އެންޑް އަވޭ ކުޅެނީ. އެއީ ހަމަގައިމު ވެސް އަޅުގަނޑުމެންގެ މިނިސްޓްރީގައި މިއޮތް ބަޖެޓުން ކުރެވޭވަރުގެ ކަމެއް ނޫން. އެ ފައިސާ ހަމައެކަނި ފުޓުބޯޅަ އަށް ދޫކޮށްފައި. އެހެން ކުޅިވަރުތައް ދޫކޮށްލައިފަ ކުރަންވީ ކަމެއް ނޫން،" ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވި އެވެ.

ރަށްރަށުގައި ދަނޑުތައް އެބަ އަޅަ އެވެ. އެކަމަށް ހަރަދު ކުރެ އެވެ. އެކަމަކު އެ ދަނޑުތަކަކީ ހަމައެކަނި ޑްރޯންއިން ފޮޓޯ ނަގައި އެވެނި ރަށެއްގައި ދަނޑެއް އަޅައިފީމޭ ބުނަން ކުރާ ކަމަކަށް ވެގެން އޭގެ ފައިދާ ރާއްޖެ އަށް ނުކުރާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.

ނ. ކެނދިކުޅުދޫގެ ދަނޑު: އެ ރަށުގައި ވެސް ދަނޑު ހެދިޔަ އެ ރަށު ޓީމު ވާދަ ކުރާނެ ގައުމީ ލީގެއް ނެތް

"އިންފްރާސްޓްރަކްޗާ މި ވަގުތު އެބައޮތް ރާއްޖޭގައި. ގިނަ ރަށްރަށުގައި ބޮޑެތި ޕިޗްތައް އަޅައިފި. (މިފަހުން ވެސް) ފުޓްބޯޅައިގެ ނަން މަޝްހޫރު ރަށެއް، ށ. ފޯކައިދޫގައި ދަނޑެއް އެ ހުޅުވީ. އެކަމަކު ކޮބައިތޯ ފޯކައިދޫގެ ކުޅުންތެރިންނަށް އޮތް މުސްތަގުބަލަކީ ލީގެއްގައި ވާދަނުކޮށްލެވޭ ކަމަށް ވަންޏާ،" ކުރިން ދިވެހި ލީގުގައި މާލެ އަށް ކުޅެން އައި ނިލަންދޫ ސްޕޯޓްސް ކްލަބްގެ އިސް މަގާމެއް އަދާކުރައްވާ އަންވަރު އަލީ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވި އެވެ.

"އަތޮޅު ލީގު [ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން] ގައި ފޯކައިދޫން ވެސް ވާދަކުރި. އެކަމަކު ކޮބައިތޯ މެއި މަހު ފަށަން ބުނި ސެކަންޑް ރައުންޑް ޖުލައި ފަސް ވެގެންދާއިރު ވެސް ނުފެށޭ. އެހެންވީމަ އަތޮޅު ޓީމުތަކަށް ނެތް ފުރުސަތެއް ސަރުކާރުން އިންފްރާސްޓްރަކްޗާ ޑިވެލޮޕް ކުރިއަސް."

އެކަމަކު އެފްއޭއެމުން ބުނަނީ އެ އެސޯސިއޭޝަނުން ތިބީ ލީގު ކޮލިފައިން ކުރިއަށްގެންދާ ގޮތަށް ކަމަށެވެ. އަމިއްލަ އަށް ހަރަދުކޮށްގެން ވިޔަސް ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދާނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެންމެ ފަހުން ދެއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ. މެދުކެނޑިފައިވާ ކޮލިފައިން ބުރު އަންނަ މަހު ފަށާނެ ކަމަށް ވެސް އެފްއޭއެމުން ބުނެ އެވެ. ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯއްދަވާނީ ރާއްޖޭން ބޭރުގެ ސްޕޮންސާޝިޕްގެ ދަށުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް މިހާރު ވެއްޓިފައި އޮތް މާލީ ވަޅުގަނޑާ އެކު އެއީ އެ އެސޯސިއޭޝަނަށް ކުރެވޭނެވަރުގެ ކަމެއްތޯ، ފުޓްބޯޅައިގެ ކުރީގެ އިސް ހިންގުންތެރި ބޭފުޅުން ސުވާލު އުފައްދަވަ އެވެ.

ބޮޑު އަނދަވަޅަކަށް އެފްއޭއެމް ވެއްޓުނު އެންމެ ބޮޑު ސަބަބުގެ ގޮތުގައި ބައްސާމް ދައްކަވާ އެންމެ ބޮޑު އެއްކަމަކީ، ކުރީ ސަރުކާރުގައި ސަރުކާރުގެ ކުންފުނިތަކުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ދެމުން ދިޔަ ފައިސާ 2019 އިން ފެށިގެން، އެފްއޭއެމުން ޖާމިނުވެގެން ދޭން ޖެހުމެވެ. ކޮންމެ އަހަރަކަށް 24 މިލިއަން ރުފިޔާ މާލޭގެ އަށް ކްލަބަށް ދޭން ޖެހުމުން އެފްއޭއެމާއި ފުޓްބޯޅަ ވެސް ވެއްޓުނު އަނދަވަޅު އެންމެންނަށް ސާފުކޮށް ފެނެ އެވެ. ދެން ހޯމް އެންޑް އަވޭ އުސޫލުން 12 ޓީމުގެ މެދުގައި ލީގު ކުޅެން އެފްއޭއެމުން އެކަނި ހުރިހާ ހަރަދެއް ކުރަން ވެއްޖެ ނަމަ، ފުޓްބޯޅަ ވެއްޓިގެންދާނީ ކިހާ ފުން ވަޅުގަނޑަކަށް ކަމެއް ވަޒަންކޮށްލަން ވެސް ނޭނގެ އެވެ.

އެންމެ ފަހުން ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އެފްއޭ އަށް ނުކުރެވޭނެ. މިހާރު އެއޮތް ބޮޑު ދަރަންޏާއި މިހާރު ވެއްޓިފައި އަޑިގަނޑުގެ ތެރޭގައި އެފްއޭއިން ކިހިނެއް ހޯމް އެންޑް އަވޭ ލީގެއް ހިންގާނީ. މިއުޅެނީ ހަމައެކަނި މާލޭގައި މިހާރު ކުޅޭ ލީގު ވެސް ރަނގަޅަށް ނުހިންގިގެން،" ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިޔަކު ވިދާޅުވި އެވެ.

އަތޮޅުތަކަށް ގައުމީ ލީގު ގެންދަން ދޭނެ ފައިސާ، ސްޕޯޓްސް މިނިސްޓްރީ އަށް ހޯދައި ނުދެވޭތާންގައި އެފްއޭއެމް އިސްލާހު ކުރަން ވެސް އެ މިނިސްޓްރީން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި އަތޮޅު ފުޓްބޯޅަ އަށް އެއްވެސް ހައިސިއްޔަތެއް ނެތެވެ. އެއްވަނަ ޑިވިޝަނަށް ނިސްބަތްވާ މާލޭގެ އަށެއްކަ ކްލަބުން އެފްއޭއެމްގެ ކޮންގްރެސްގައި 16 ވޯޓާ އެކު މުޅި ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން އޮތް އިރު ވެސް ސްޕޯޓްސް މިނިސްޓްރީން އަޅައެއް ނުލަ އެވެ.

އެންމެ ބޮޑު ދެ ޑިވިޝަނުގައި އަތޮޅު ޓީމަކަށް އޮތީ މަހިބަދޫ ސްޕޯޓްސް ކަލްބް އެކަންޏެވެ. އެކަމަކު އެ ޓީމުގެ ކުޅުންތެރިން ވެސް ކުޅެނީ މާލޭގައި ބާއްވާ މުބާރާތުގަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި ބައިވެރިވި ބައެއް މެމްބަރު ކްލަބްތަކުން ވޯޓް ދެނީ: އެ އެސޯސިއޭޝަންގެ ހުރިހާ ބާރެއް ކޮންޓްރޯލް ކުރަނީ މާލޭގެ އަށެއްކަ ކްލަބުން --. ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

"ފުޓްބޯޅަ އަށް އެންމެ ބޮޑު ހަރަދެއް ސަރުކާރުން ކުރާއިރު [ޔޫތު] މިނިސްޓްރީން ބުނަންވީ ނޫންތޯ އެފްއޭގެ އަސާސީ ގަވާއިދު ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާ ކޮންޓްރަޑިކްޓް ވެޔޭ. ކޮންމެ ބަޔަކަށް ވެސް އެއް ވޯޓް އެއް ވޯޓް އުސޫލުން އަތޮޅުތަކަށް ވެސް އެ ހައިސިއްޔަތު އެފްއޭއެމްގެ ކޮންގްރެސްގައި ލިބޭ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރަން ސަރުކާރަށް އެންގޭނެ. އެކަން ކުރަން އަންގައިގެނެއް ފީފާގެ ސަސްޕެންޝަނެއް ނާންނާނެ،" ކުރިން ވާހަކަ ދެއްކެވި ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިޔާ ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން އަތޮޅުތަކުގެ ޓީމުތަކަށް މާލޭގައި ކުޅޭ ގޮތަށް ދިވެހި ލީގުން ފުރުސަތު ދިނެވެ. ނަމަވެސް ފަހުން އެ ޓީމުތައް ލީގުން ބޭރުކޮށްލީ ނިލަންދޫގެ އަންވަރު ވިދާޅުވި ގޮތުން، ވަލުދޮރުއަށިން ވަދެ އޮތް ޓީމުތަކެއް ކަމަށް ބުނެ އެވެ.

އެ ކްލަބްތައް ލީގުގައި ވާދަކުރި އިރު ވެސް ވެސް އެ ޓީމުތަކަށް، އެފްއޭއެމުން ފައިސާ ދިނީ ރާއްޖެތެރޭގެ ކްލަބަކަށް ވާތީ މާ މަދުންނެވެ. މާލޭގެ ކްލަބްތަކަށް މުޅި އަހަރަށް ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ އެވެ. އަތޮޅުތެރެއިން ވާދަކުރި ޓީމެއް ނަމަ 1.5 މިލިއަން ރުފިޔާ އެވެ.

"ސޭވް އެފްއޭއެމް" ކެމްޕޭނުގެ ބައްދަލުވުމުގައި އަންވަރު (ކ): އޭނާ ވިދާޅުވީ ކްލަބްތަކަށް ފައިސާ ދިން އިރު މާލޭގެ ކްލަބްތަކާއި އަތޮޅުތަކުގެ ކްލަބްތައް އެފްއޭއެމުން ތަފާތު ކުރި ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ހޯމް އެންޑް އަވޭ އުސޫލުން ލީގު ހިންގުމުގެ ގާބިލުކަން އެފްއޭއޭގައި ނެތް

ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ހިންގުމުގެ ގާބިލުކަން އެފްއޭއެމްގައި ނެތެވެ. އެއަށް ހައްލެއް ހޯދަން، "ސޭވް އެފްއޭއެމް"ގެ ނަމުގައި މިހާރު މަސައްކަތްތަކެއް ފަށައިފައިވާ ހަރަކާތުން ހުށަހަޅަނީ ގައުމީ ލީގު ހިންގުން އައުޓްސޯސް ކުރުމަށެވެ. އިންޑިއާގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު، އިންޑިއަން ސުޕަ ލީގު ހިންގަނީ އެ ގައުމުގެ އެފްއޭ ވަކިން އުފައްދާފައިވާ ޕްރައިވެޓް ކުންފުންޏަކުންނެވެ.

ސޭވް އެފްއޭއެމް ހަރަކާތުގައި އުޅުއްވާ، އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމިދު އަބްދުލްގަފޫރު، އެ ހަރަކާތުގެ ފުރަތަމަ ބައްދަލުވުމުގައި ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި ވިދާޅުވީ، މިހާރު ވެސް ލީގު އައުޓްސޯސްކޮށްގެން ހިންގޭނެ ނިޒާމެއް ކުޅިވަރު ގާނޫނުގެ ތެރޭގައި ވެސް އެބައޮތް ކަމަށެވެ.

ސޭވް އެފްއޭއެމްގެ ބައްދަލުބުމެއްގައި ހާމިދު ޕްރެޒެންޓޭޝަން ހުށަހަޅަނީ: އޭނާ ވިދާޅުވީ ލީގު ހިންގަން އައުޓްސޯސް ކުރަންވީ ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސަރުކާރުގެ ކުންފުންޏަކުން އެކަން ކުރާނަމަ، ކުޅިވަރުގެ ވިޔަފާރި ކުންފުނި ސްޕޯޓްސް ކޯޕަރޭޝަނަށް އެކަން ކުރަން ބާރާއި ފުރުސަތު ދޭން ހާމިދު ހުށަހެޅުއްވި އެވެ. ސަރުކާރުން އެކަން ނުކުރާ ނަމަ އެކަން ކުރަން ޕްރައިވެޓް ކުންފުންޏެއް ހޯދަން އިއުލާން ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭނުމަކީ ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގެ ނުވަ ޒޯން ޝާމިލުވާ ގޮތަށް ފެންވަރު ރަނގަޅު ލީގެއް ކުރިއަށް ގެންދިއުން،" ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރިން ކުރެއްވި ހާމިދު ވިދާޅުވި އެވެ.

އެކަމަކު، އެ ބާރު ދޫކޮށްލަން އެފްއޭއެމުން ބޭނުންވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. އަދި އެފަދަ ކަމަކަށް އެފްއޭއެމް އެއްބަސްވުމަށް އެ އެސޯސިއޭޝަނު ފަހުގެ ނިންމުންތައް ކޮންޓްރޯލް ކުރާ މާލޭގެ ކްލަބްތަކުން ބޭނުން ވެދާނެ ކަމަކަށް ނުބެލެވެ އެވެ. އެފްއޭއެމާއި ދިވެހި ފުޓްބޯޅަ މިހާރު އޮތް ހާލަތުގައި ވެސް އެއިން ކްލަބަކުން ކަންބޮޑުވާތަނެއް ވެސް ނުފެނެ އެވެ.

33 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޯޕައްޓާ

21 July 2023

ފުޓްސަލް ދަނޑެއް އެޅޭނެ ދެތިންލައްކައަށް، މާލޭ ކޮންމެމީހަކަށް 18 މިލިއަނުގެ ގޯއްޗެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 July 2023

ގަލޮޅުދަނޑުގެ އިތުރަށް ހަނިމާދުއާއި އައްޑޫސިޓީގައި ސާފްގޭމްސް އަދި AFC މެޗްތައްކުޅެވޭ ފެންވަރުގެ ސްޓޭޑިއަމްހަދާ ހޯމްއަވޭ އުސޫލުން މުބާރާތް ބާއްވަން 3 ޒޯނަކަށް ބަހާލެވިދާނެ. # މިގޮތުން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެ ރީޖަނެއްގައި ވެސް އަމިއްލަ އެސޯސިއޭޝަން ހަދާފައި National Football Federationގެ ނަމުގައި ޤައުމީ އެސޯސިއޭޝަން ހަދަންވީ.

The name is already taken The name is available. Register?

ޖުދާ

21 July 2023

ގޭންގު ފުޓުބޯޅައަށް ސަލާން. ތިޔަ އުޅެނީ އެހެން ކަމެއް ކުރަން. މޮޅުތަކެއް އެބަވޭތަ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 July 2023

މާލޭ އަވަށު ޖަމިއްޔާތަކުން ފައިބޯޅަކުޅެ "ބޮޑުބޯޅަ ޖަހަމުންދަނިކޮށް" ފުޓްބޯޅައަކީ "ޖާދުލެއްކަން" މާލޭމީހުނަށް ދަސްކޮށްދީ ޕާސިންގ ގޭމެއްކުޅެ މާލޭމީހުން އަޖައިބުކޮށްލި އައްޑޫ ޑީއެންސީ އާއި އޭއެންސީ ފަދަ ޓީމްތައް "އެހެންގޮތެއް ނެތިގެން އެކަންހުއްޓާލުމުން" އުފެދުނު ނެކްސަސް، ގުޅި ޓީމް، ހިންމަފުށި، އޭދަފުށި ޒޖ އާއި ހުއްރިއްޔާ ވީބީ އައްޑޫ އެފްސީ ފަދަ މާލެއިން ބޭރު އެހެން ހުރިހާ ޓީމްތަކެއްވެސް ހުއްޓާލީ އެފްއޭއެމް އާއި ސަރުކާރު އުދަގޫ ބޮޑުވެގެން.

The name is already taken The name is available. Register?

ޒަކާތު ފަންޑު

21 July 2023

ބޭފުޅާ. މުޅި މާލޭގަ ބަގުޑި ބައްދައިގެން ރަށްރަށާއި ފަޅުތައް ސަރުކާރުން ހޯދައި ރިސޯޓު އަޅައިގެން އެންމެ ގިނައިން އުޅެނީ ހަމަ ތިޔަ އައްޑު މީހުން. ނުވިތާކަށް ދަފްތަރުގައި ޖެހިގެން މާލެ މީހުންނަށް ވެގެން ގޯއްޗާ ފްލެޓުތައް އެންމެ ގިނައިން ހޯދަނީ ވެސް ހަމަ ތިޔަ އައްޑޫރިއަންސް. ދެން ކީކޭބާ މިކިޔަނީ. އައްޑޫ ތަރައްގީވާން އެދޭނަމަ ތިބޭނީ އައްޑޫގަ ދޯ.

The name is already taken The name is available. Register?

ބ‫ިރިޔާނީ

21 July 2023

‫މާލޭ ޓީމްތަކަށް ރަށްރަށުން އަންނަ ޓީމްތަކާ ވާދަ ނުކޮއްލެވޭތީ ރަށްރަށުގެ ޓީމްތައް ފުނޑާޔީ އެނގިއްތަ ހަމަ ފުނޑާޔީ

The name is already taken The name is available. Register?

ރަށުގޮއްޔެ

21 July 2023

ތިދަނޑުތަށް އަޅަށް ދެނީ ގާތް މީހުންގެ " ހާއްސަ " ކުންފުނި ތަކަކަށް. އެންމެ ދަނޑަކަށް ތިން ދަނޑުގެ ބަޖެޓުގައި ... ހުސް ކޮރަޕްޝަން.

The name is already taken The name is available. Register?

ދޯޕައްޓާ

21 July 2023

ނަސްލީތަފާތުކުރުންއޮތީ ހުރިހާ ދިމާލެއްގަ، ބޭރުގައުމުތަކުގެ ސަފީރުން އައްޔަންކުރާފޮތް މިހާރުވެސް ބަލާ އޭގަ އޮންނާނެކަންނޭނގެ ކަނޑައެޅިގެން މާލޭމީހަކުނޫނިއްޔާ ވަޒީފާދީގެން ނުވާނެއޭ.

The name is already taken The name is available. Register?

Draw

21 July 2023

ބަލާލަބަލަ 110 ދަނޑަށް 187 ރަށުގައި ދަނޑުއެޅޭ ވަރަށް ފައިސާ ހަރަދުވެފައި ހުންނަނީ. ދަނޑުތައް ހަނދަންދިނީ ބައިއެޅޭގޮތަށް. ތީގެތެރެއިން އެންމެދަނޑެއްވެސް އޭދަފުށީގައި ނޭޅޭ. އޭދަފުއްޓަކީި ގައުމީޓީމަށް އެންމެ ގިނަކުޅުންތެރިން ނެރޭ އެއްރަށް.

The name is already taken The name is available. Register?

ޕެލޭ

21 July 2023

ފުޓްބޯޅައާއި ފުޓްސަލް އަކީ ތަފާތު އެއްޗެއް. އަހަރެމެން މި ކުޅެނީ ފުޓްސަލް ނުބައި ޕިޗް ތަކެއްގަ. ފުޓްސަލް ކުޅެވުނަސް މޮޅަށް ފުޓްބޯޅަ ނުކުޅެވިދާނެ. މިއީ މުޅިން ގޯހުން ފެށިފަ އޮތް ކަމެއް.

The name is already taken The name is available. Register?

ސަލީމު އިދުރީސް

21 July 2023

އަޅުގަނޑުވެސް ކުރިން ފުޓުބޯޅާގެ ފޯޜީނެގިމީހެއްމި!އެއިރު އަތޮޅު މުރާތް ކުޅޭއިރު ކުޅޭރަށުގެ ރައްޔިތުން އިރުން މުޅިއަތޮޅުއް ކުޅިބަލަން ގޮސް ފޯރިނެގި ބެންޗުގަ ފެންއަޅާފަހުންނަ ބަނޑި އަލައް މަތިކަނޑާ ފަހުންނަ ކޯލާދަޅު ކޮއްފައިގެން ފެންބުޔަސް ފުޓުބޯޅާގެ ފޯރި ދަނޑުބޭރުގަ އެހާގަދަ! މިހާރު ރަށުންޓީމެއް ކުޅުނަސް ރަށައްވުރެ ބޮޑައް ތަމުސީލު ކުރަނީ ސުފޮންސަ ދޭފަރާއް މައިލޯކަފު ނުވަތަދިރާގު ފަދަ ނަމެއްޖަހައިގެން! މީހަރު މަށައް ވަށިހަމަ ކުކުނަސް ނުކުޅުނަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454