ޓީޗަރުންގެ ދުވަސް ފާހަގަކުރަން މީގެ ކުރިން ބޭއްވި ހަރަކާތުގައި ޓީޗަރުން ބައިވެރިވަނީ--. ފޮޓޯ:ނިޝާން އަލީ/މިހާރު
24 ޖުލައި 2023 - 14:18
ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުނުކުރެވޭ ގޮތަށް ޓީޗަރުންނަށް ސުލޫކީ މިންގަނޑެއް ހަދައި މިއަދު އާއްމުކޮށްފި އެވެ.
ތައުލީމުގެ ގާނޫނުގެ ދަށުން އާއްމުކުރި ސުލޫކީ މިންގަނޑުގެ އުސޫލުގައި ބުނީ އޭގެ ބޭނުމަކީ ޓީޗަރުންގެ ފަންނީ އަހުލާގާއި އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާ އެކު، ޒަމާނުއްސުރެ ރާއްޖޭގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމް އިތުރުކޮށް، ދެމެހެއްޓުން ކަމަށެވެ.
ކިޔަވައިދިނުމުގެ މާހައުލަކީ ބިރުދެއްކުންތަކާއި ތަފާތުކުރުންތަކާއި ބުލީކުރުން ފަދަ ނޭދެވޭ އަސަރުކުރާ ކަންތައްތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ ވެސް އުސޫލުގެ ބޭނުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓީޗަރުންގެ ސުލޫކީ މިންގަނޑު ބިނާވަނީ މައިގަނޑު ހަތް އަސާސަށެވެ. އެއީ؛
- ދަރިވަރުންގެ ކަރާމާތާއި ރައްކާތެރިކަން
- ތައުލީމީ ދާއިރާގެ އިތުބާރު
- ދަރިވަރުންގެ ފަރުދީ ތަފާތުތައް
- ފަންނީ އަދި ރަސްމީ ގުޅުން
- ތެދުވެރިކަމާއި އިހުލާސްތެރިކަން
- ޒަމާނާ އެކަށޭނެ އިލްމާއި ފަންނުވެރިކަން
ތައުލީމީ ދާއިރާގެ އިތުބާރުގެ މާއްދާގައި ބުނީ ޓީޗަރުން ކުރާ މަސައްކަތުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ނަޒާހަތްތެރި އަދި އިންސާފުވެރި ވާންޖެހޭނެ ކަމަށެވެ. ކިޔަވައިދިނުމުގައި ކޮންމެ ކަމެއް ވެސް ކުރަން ވާނީ ތައުލީމީ ދާއިރާއަށް އޮންނަ އިތުބާރާއި ޔަގީންކަން ދެމެހެއްޓޭނެ ގޮތަށް ކަމަށް ވެސް ބުންޏެވެ.
"ދައުލަތާއި ސަރުކާރާއި މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާ ފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ." އުސޫލުގައި ވެ އެވެ.
މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށެއް ނުކުރުމާއި ޓެރަރިޒަމްގެ އަމަލެއް ނުކުރުމާއި އޮރިޔާންކާޑު ގެންގުޅުމާއި އެހެން މީހަކަށް ދެއްކުމާއި ފެތުރުން ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް އުސޫލުގައި ކަނޑައަޅވެ އެވެ.
އޭގެ އިތުރުން، ތައުލީމީ ދާއިރާގެ ތަސައްވަރު ރަނގަޅުކުރުމަށާއި ކިޔަވައިދިނުން ކުރިއަށްދާ ގޮތާ މެދު މުޖުތަމައު ދެކޭގޮތް ރަނގަޅުކުރަން މަސައްކަތްކުރުމަކީ، ސުލޫކީ މިންގަނޑުން ޓީޗަރުންނަށް މަތިކޮށްފައިވާ ޒިންމާއެކެވެ.
ޓީޗަރުން އަމަލުކުރަން ޖެހޭ ވަކި އުސޫލެއް މީގެ ކުރިން އާއްމުކޮށްފައެއް ނުވެ އެވެ. މިހާތަނަށް އަމަލުކުރަމުން ދިޔައީ ޓީޗަރުންގެ ވަޒީފާގެ ބަޔާނުގައި އޮންނަ ގޮތަށެވެ. އެކަމަކު، އޭރު ވެސް އެހެނިހެން ކަންކަމުގެ ތެރޭގައި، ތަނުގެ ވެރިން އަންގާ ގޮތަށް އަމަލުކުރުމާ ބެހޭ ބައެއް އޮވެ އެވެ.
އުސޫލުގައި ބުނީ ދަރިވަރުންނަށް މަގު ދައްކައިދީ، ތަރުބިއްޔަތާއި ތައުލީމު ދިނުމުގައި އިސްލާމް ދީނާ ހިލާފު އެއްވެސް ކަމެއް ނުވަތަ އިސްލާމްދީނުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ އުސޫލުތަކާ ހިލާފު އެއްވެސް ކަމެއް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ލިބޭ ގަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.
ދަރިވަރަކާ އެކު އެއްވެސް ބާވަތެއްގެ ނޭދެވޭ ގުޅުމެއް ނުބޭއްވުމާއި ސޯޝަލް މީޑިއާގައި މުއާމަލާތްކުރުމުގައި އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ނުވަތަ ބަދުނާމުވެ، އަބުރަށް ހުތުރުވެދާނެ އަމަލެއް ޓީޗަރުން ކޮށްގެން ނުވާނެ ކަމަށް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި އުސޫލުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްލު......
27 July 2023
ދިވެހި އެއްވެސް ރައްޔަތަކު ސަރުކާރުބަދުނާމުވާކަހަލަ ކަމެއް އެފަދުގެވާހަކައެއްވެސް ދެއްކުކަމީ ގައުމަށާއި ރައްޔަތުންނަށް ނުހަނުގެއްލުން ކުރިމަތިވާނެ ކަމެއްކަމުގައިވާތީ އެފަދުގެ ކަންތަކުން ދުރުވެތިބުން ވަރަށްވެސް މުހިއްމު ކަމެއް.
ފޮނުބުރު
25 July 2023
ފުރަތަމަ ސަރުކާރުން ފާޑުނުކިޔޭ ގޮތަށް ކަންކަން ކުރާނަމަ ޓީޗަރުން ފާޑެއް ނުކިޔާނެ. ޢިތުރު ގަޑީގަ ހެސްކިޔާފަ މަސައްކަތް ކުރުވާފަ ލާރިކޮޅު ނުލިބޭ. ކޮންމެ ދުވަހަކު ވަކިވަރަކަށް މަސައްކަތް ކުރީމަދެން އަދި މި އިތުރު ގަޑިއެއް ލިޔެނީ. އަޖައިބެއް. ނުދެންޏާ ނުދޭނަމޭ ބުނެބަލަ.
ހަހަ
25 July 2023
މިމީހުން ވެރިކަމުގަ ތިބޭއިރު ހުރިހާ ކަމެއް އޮންނަންވަނީ އެންމެ ރީތި އަދަބު އަޚުލާގާ އެއްގޮތަށް. އެކަމު މިމީހުން ވެރިކަން ބޭނުންވެގެން މަގުމަތީ އުޅޭއިރު ޓީޗަރުން އެއްކޮށްގެން ފޮޓޯ ނަގާ ހަދައި ސްކޫލްތައް ދޮށުން އަޑުގަދަކުރަމުން މުޒާހަރާކޮށް އެހެން ކަންކަން ކުރަމުން ދިޔަ ހަނދާނެއް މިމީހުން މިހާރަކު ނެތް. ދެންވެސް ވެރިކަމުން ފައިބަންޖެހޭއިރަށް ތިޔަ ކިޔާ ރީތި މާތް ގޮތްތައް އޮޅާލާފަ އެނދު ދަށަށް ލާތަން ފެންނާނީ.
މުނާލް
25 July 2023
ތިޔައީވެސް ޑިމޮކްރަސީގެ ވައްތަރެއްތާ ދޯ
އިސްލާހު
25 July 2023
ސްކޫލް މާހައުލުން ބޭރުގައި އަޚުލާޤީ މިންގަޑުން ބޭރުނުވެ ޙަޤީޤަތަށް ވާހަކަ ދެއްކުމުގެ ޙައްޤު ކޮންމެ މީހަކަށް ވެސް އޮންނަންްވާނެއެވެ. މިހާރު ތިވާގޮތަކީ ސަރުކާރު ޕްރޮމޯޓް ކުރާނެ ހުރިހާ މަގުތަކެއްވެސް ބަންދުވެ ހަދާނެ ގޮތް ހުސްވީއެވެ.
އަހަންމަ
25 July 2023
ސަރުކާރުން ތިޔަބުނަނީ އެދުރު މީހާ ދަރިވަރުން ކައިރީގަބުނާށޭ މިހުރިހާކަމަކީވެސް ސަރުކާރުން ކޮށްދޭ ކަންތައްތަކޭ.. އަދި ޑްރާމާއެއް ކުޅެންޏާ އަބަދުވެސް ސަރުކާރަށް ސަނާކިޔާށޭތަ... އަހަންނަށް ހަމަހެވެނީ.. ކުރިންކިޔަނީ މައުމޫނުގެ ވެރިކަމުގަ އެކަންކުރުވި ވާހަކަ.. މިއީކޮންކަމެއްބާ.؟؟؟؟.. ވަރަށްވެދުން
ޕިންޕޮން
25 July 2023
ޓީޗަރުންނަކީވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހި އާއިލާތަކުގެ ދަރިންނެވެ. މައިންބަފައިންނެވެ. ގައުމަށް ލިބޭ ގެއްލުމާއި ފައިދާ އިހުސާސް ކުރަންޖެހެނީ އެއްވަރަކަށެވެ. އެއީ ތައުލީމީ ބައެކެވެ. އެދުރުންނެވެ. ސިޔާސީ ގިނަ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށްވުރެ. ޢިލްމީ ބައެކެވެ. ވީމާ ހެޔޮނުބާ އާއި ގެއްލުމާއި ފައިދާ ގައުމުގެ ކަންކަމުގައި އޮތްގޮތް ދަރިވަރުންނަށާއި ރައްޔިތުންނަށް އޮޅުންފިލުވާދީ ހައްޤުބަސް އެބޭފުޅުން ބުނަންޖެހެވެ. ފާޑުވެސް ކިޔަންޖެހޭނެ.
ޗަކޮއި
25 July 2023
ހުރިހާ އެންމެންގެ އަނގަ ތެރަސްލައި ބައްދަންވީނު
ޓީޗަރުން
25 July 2023
ސިޔާސީ ކަންކަމުގަ ނޫޅެވޭ މަގާމަކައް ޓީޗަރުން ހަދަންޖެހޭއެބަ. ސިޔާސީ މީހުން ސިޔާސީ ކަންކަމުގަ. ޓީޗަރުން ގޮސް ކެމްޕެއިން ފަދަ ކަންކަން ކުރަން ނުފެނޭ. އެ ޕާޓީއެއްގެ ބަޔަކު އެކަމައް ބޭތިއްބުން ފެނޭ. -ހިޔާލު މިކަމައް ތިބޭފުޅުންގެ-
ބޮޑުމީހާ
25 July 2023
ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސް އިން ގައުމު ފަހަތަށް، ޓްރާންސްޕޭރަންސީ އިންޑެކްސް އިން ފަހަތަށް، ވަރީގެ އިންޑެކްސް މައްޗަށް، އިންފްލޭޝަން މައްޗަށް، ދަރަނި މައްޗަށް. މިވަރުވީމާ ޓީޗަރުންނާއި މުދިމުން ނިކުމެވިޔަސް މިގައުމު ސަލާމަތްކުރަންޖެހޭ. ކޯޑްއޮފްއެތިކްސް އަންނާނީ ގައުމަށްވުރެ ފަހަށް.