ދުނިޔެ / ޔަހޫދީ ވަޒަންވެރިން

އިޒްރޭލުގެ އާ ގާނޫނުން ފަލަސްތީނު ބަނދެލާނެ

އިސްރާއީލްގެ އާ ގާނޫނާ ދެކޮޅަށް ޢެ ޣައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ޓެރެއިން

25 ޖުލައި 2023 - 18:54

3 comments

ތެލްއަވީވް (ޖުލައި 25) - އިޒްރޭލުގެ އާންމު ރައްޔިތުންނާއި ސިޔާސީ ލީޑަރުން ވެސް ދެކޮޅު ހަދަމުން ދިޔަ، ސަރުކާރުގެ ގޮށްމުށުގެ ބާރު ގަދަކޮށްދޭ ގާނޫނު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށް، ފަލަސްތީނުގެ މިނިވަންކަމަށް އިތުރު ހުރަސްތައް ކުރިމަތިކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ބާރު ދަށްކޮށް، ގާނޫނު ހަދާ މަޖިލީހަށް އިތުރު ބާރުތައް ލިބިދޭ ގޮތަށް، ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ސަރުކާރުން ހުށަހެޅި ގާނޫނު، މަޖިލީހުން އިއްޔެ ފާސްކުރުމަށް ވޯޓަށް އެހުމާއެކު، އެ ގާނޫނާ ދެކޮޅު ހުރިހާ މެންބަރުން، "ތިޔައީ ހުތުރު ގާނޫނެއް" ކަމަށް ވިދާޅުވެ މަޖިލިސް ބޮއިކޮޓް ކުރެއްވި އެވެ. އެހެންކަމުން އެ ގާނޫނު މަޖިލީހުން ފާސްވީ، އެ ވަގުތު މަޖިލީހުގައި ތިއްބެވި، ސަރުކާރަށް ތާއީދުކުރާ 64 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން އިއްޔެ ފާސްކުރި ގާނޫނަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރެވެ.

މި ގާނޫނުން، ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރެވެ.

މި ގާނޫނަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި ކުރިން އޮތް ގޮތުން، ރައްޔިތުންގެ މަންދޫބުން ނިންމާ ނިންމުންތައް ބަދަލުކޮށްލުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެ އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ވެފައި، ފަނޑިޔާރުންނަކީ އިންތިޚާބުކުރާ ބަޔަކަށް ނުވާތީ، އެ ބާރު ކޯޓަށް އޮވެގެން ނުވާނެ ކަމަށް އެމީހުން ދެކެ އެވެ.

އެހެން ނަމަވެސް މި ގާނޫނާ ދެކޮޅު ހަދާ މީހުން ބުނާ ގޮތުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކުރުވުމަށް، ޝަރުއީ ދާއިރާއަށް ލިބިގެންވާ ބާރު ނިގުޅައިގަތުމަކީ، އިޒްރޭލުގެ ޒަމާންވީ ޑިމޮކްރެސީގެ އުސޫލުތައް ނެތިކޮށްލުމުގެ އަމަލެކެވެ. މި ގާނޫނުގެ ސަބަބުން ޑިމޮކްރެސީގެ އެންމެ ހަރުދަނާ އެއް ސިފަ ނެތިގެން ގޮސް، ސަރުކާރުގައި ޚުދުމުޚުތާރު ކަމުގެ ލަގަބު އެޅުވިގެންދާ ކަމަށް ވެސް އެމީހުން ބުނެ އެވެ.

މި ގާނޫނުގެ ބިލް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދާތާ މިހާރު އެތައް މަހެއްވެއްޖެ އެވެ. އިއްޔެ ވެސް އެތައް ހާސް ބަޔަކު ވެރިރަށް ތެލް އަބީބުން ފެށިގެން އިރުމަތީ ގުދުސަށް ފައިމަގުގައި ހިނގާފައި ގޮސް، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި އެވެ.

ގާނޫނީ އޮނިގަނޑަށް މިގެނައި ބޮޑު ބަދަލުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ، މިހާރު ވެސް އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގައި އޮތް ފަލަސްތީނަށެވެ. ހުޅަނގު އައްސޭރީގެ ބިންތައް ބައިނަލްއަގުވާމީ މުއާހަދާތަކާއި ޚިލާފަށް އިޒްރޭލުގެ ބިންތަކުގެ ގޮތުގައި، ޔަހޫދީންނަށް އާރާސްތުކޮށްދެމުން އަންނަ އިރު، އެފަދަ އެއްވެސް މައްސަލައެއް މީގެ ފަހުން އިޒްރޭލުގެ ކޯޓުތަކަށް ނުބެލޭނެ އެވެ.

3 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީރުބޮލުވަޒީރު.

26 July 2023

ދުނިޔޭގައި ޢަދުލުއިންސާފު ގާއިމުކުރެވޭނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެންކަމަށް ގަބޫލުކުރަނީ ކަނޑުކޮހުން. ޢުމަރު ބިން ޢަބުދުލް ޢަޒީޒު ވެރިކަންކުރެއްވީ ތިއަބުނާ އެއްވެސް ނިޒާމެއްގެދަށަކުން ނޫން. ބަރުލަމާނީއެއް އޮތަސް ރިޔާސީ ނިޒާމެއް އޮތަސް ރަސްކަމެއް އޮތަސް މީސްތަކުންގެ ހިތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހުލށްތެރިކަމާއި މިތިން ސިފަ ނެތިއްޖެނަމަ ކޮންމެ ނިޒާމެއްވެސް ބޭކާރު. ޕާކިސްތާނާއި ސިންގަޕޫރުގެ ތަފާތު ބަލާބަލަ. ދީނީ ތާކިހާ އެޅިއަސް.

The name is already taken The name is available. Register?

ހިއްކިބިން

26 July 2023

ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރީމާ ރައްޔިތުންގެ މެމްބަރުންނަށް ވާނީ ވެރިމީހާގެ ޕަޕެޓުންނަށް ނުވެ، ރައްޔިތުންގެ އަޑުއަހާނަމަ. ފެންނަ ހަގީގަތަކީ ވޯޓުން ހޮވުނީމާ ކޮންމެ ތާކުވެސް ޕާލަމެންޓްގައި ތިބޭ މީހުން ވަނީ ވެރިޔާގެ ނުވަތަ ޕާޓީ ލީޑަރުގެ ޕަޕެޓްންނަށްކަން. "ރައްޔިތުންގެ މެމްބަރުން" ނެެއް ނުތިބެ. މި ހަގީގަތް ފާޅުކަންބޮޑު ގޮތެއްގައި މުޅި ދުނިޔެއިންވެސް ފެންނަން އޮތްއިރު، ބަރުލަމާނީއެއް ހެޔޮވާނީ ކިހިނެއް؟ އިޒްރެއިލްގެ މި ހާދިސާ ހެތްކަކަށް ފުދޭ.

The name is already taken The name is available. Register?

ގެދާށޯމޮސް

25 July 2023

މި ގާނޫނަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި ކުރިން އޮތް ގޮތުން، ރައްޔިތުންގެ މަންދޫބުން ނިންމާ ނިންމުންތައް ބަދަލުކޮށްލުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެ އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ވެފައި، ފަނޑިޔާރުންނަކީ އިންތިޚާބުކުރާ ބަޔަކަށް ނުވާތީ، އެ ބާރު ކޯޓަށް އޮވެގެން ނުވާނެ ކަމަށް އެމީހުން ދެކެ އެވެ. ތެދެއްމެ ؛ އެއީ ނަތަންޔާހޫގެ ޕަޕެޓުންނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454