މިއަހަރު ބޭއްވި އެމްއޯސީ ކޮންގްރެސްގައި، އެމްއޯސީގެ އިސްވެރިންނާ އެކު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ބައިވެރިވެ ވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
26 ޖުލައި 2023 - 12:01
އަންނަ މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރަން ރާއްޖޭން ނިންމައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަނީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ބަޖެޓްގެ ތާށިކަން އުޅޭތީ އެވެ. އެކަމަކު އެ ގޭމްސްގައި ވާދަކުރަން އޮލިމްޕިކް ކޮމިޓީން ކުރިން ނިންމި އެވެ.
ސާދަ އަހަރާއި 18 އަހަރާ ދެމެދުގެ އެތުލީޓުންނަށް ހާއްސަކޮށްގެން ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ކުރުމުގެ ފުރުސަތު ދޫކޮށްލިކަން ހާމަ ކުރުމުގެ ގޮތުން އޮލިމްޕިކް ކޮމިޓީ އިން ރޭ ނެރުނު ބަޔާނުގައި ވަނީ، ޔޫތު ގޭމްސްގެ ބަދަލުގައި މިހާރު ފޯކަސް އޮތީ، އަންނަ މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރަނގަޅަށް ތައްޔާރުވެ، ގައުމަށް ޝަރަފްވެރި ކާމިޔާބެއް ހޯދުން ކަމަށެވެ.
ކޮމަންވެލްތު ޔޫތު ގޭމްސް އަށް އޮލިމްޕިކް ކޮމިޓީން ރާއްޖޭގެ ޗެފް ޑި މިޝަންގެ ގޮތުގައި މަސައްކަތްކުރަން ހަމަޖެއްސީ އައިމިނަތު އަލީ (އައިންތު) އެވެ.
އޮލިމްޕިކް ކޮމިޓީން ބުނީ މުބާރާތުގައި ވާދަ ނުކުރަން ނިންމަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފުރުސަތުތަކެއް ހޯދައިިދިނުމުގައި ކުރަމުން އަންނަ މަސައްކަތް އިތުރަށް ރަނގަޅަށް ކުރިއަށްގެންދާނެ ކަމަށެވެ.
ކޮމަންވެލްތުން ވަކިވާން 2016 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން ނިންމައި އޭގެ ސަބަބުން ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ގެއްލުން، ދިވެހި އެތުލީޓުން ވީ ވަރަށް ބޮޑު މާޔޫސް ކަމަކަށެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅިނީ މި ސަރުކާރާ އެކު 2020 ވަނަ އަހަރެވެ.
މެދުކެނޑުމަކަށް ފަހު ކޮމަންވެލްތާ ގުޅި، ރާއްޖޭން ވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަ ކޮށްފަ އެވެ. ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން އެންމެ ފަހުން ވާދަ ކޮށްފައި ވަނީ 2015 ވަނަ އަހަރު ސަމޯއާގައި އޮތް ގޭމްސްގަ އެވެ.
ރާއްޖޭން މިއަހަރުގެ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރާން ނިންމިއިރު، ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ މުބާރާތަށް ދާ ގައުމީ ސްކޮޑް ވެސް އިއުލާން ކޮށްފަ އެވެ.
އޮލިމްޕިކް ކޮމިޓީގެ ބަޖެޓް 80 ޕަސެންޓް ދެނީ ޔޫތު މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުންނެވެ. މި އަހަރަށް 72 މިލިއަން ރުފިޔާގެ ބަޖެޓެއް އޮލިމްޕިކް ކޮމިޓީން ފާސް ކުރީ މިދިޔަ މާޗު މަހު ބޭއްވި ކޮންގްރެސްގަ އެވެ. އަދި އެމްއޯސީ އިން ލަފާކުރި ގޮތުގައި 62 މިލިއަން ރުފިޔާ ހަރަދު ވާނީ މިއަހަރު އޮންނަ ފަސް ގޭމްސް އަށެވެ.
ފަސް ގޭމްސް އެއްގައި ވާދަ ކުރުމަށް ތައްޔާރީތައް ވަމުން ގެންދިޔަ ނަމަވެސް ތަފާތު އެކިއެކި ސަބަބުތަކާ ހުރެ މިއަހަރު ވާދަ ކުރެވޭނެ ކަމުގެ އުންމީދު އޮތީ ދެ ގޭމްސް އެއްގަ އެވެ. އެއީ އަންނަ މަހުގެ 25 އިން ސެޕްޓެމްބަރު ތިނަކަށް މަޑަގަސްކަރައިގައި ބާއްވާ އައިއޯއައިޖީ އާއި ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު އަށަކަށް ޗައިނާގެ ހަންގްޒޫގައި ބާއްވަން ތާވަލް ކޮށްފައިވާ އޭޝިއަން ގޭމްސް އެވެ.
ކޮމަންވެލްތު ގޭމްސްގައި މާލީ ދަތިތަކާ ހުރެ ބައިވެރި ނުވެވޭއިރު، އަންނަ މަހު 5-12 އަށް އިންޑޮނޭޝިއާގެ ބާލީގައި ބާއްވަން ތާވަލް ކުރެވުނު އޭނޮކް ވޯލްޑް ބީޗް ގޭމްސް ކެންސަލް ކޮށްލަން ޖެހުނީ މުބާރާތް ފެށެން މަހަކަށް ވެފައި ވަނިކޮށެވެ. އެއީ މާލީ ދަތިތަކާ ހުރެ މުބާރާތް ހޯސްޓް ނުކުރެވޭނެ ކަމަށް އިންޑޮނޭޝިއާގެ އޮލިމްޕިކް ކޮމިޓީ އިން އެންގުމުންނެވެ.
ނޮވެމްބަރު 17-16 އަށް ތައިލެންޑުގައި ބާއްވަން ހަމަޖެހުނު އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް ވަނީ އަންނަ އަހަރަށް ފަސް ކޮށްފަ އެވެ. މި މުބާރާތް ދެން ކުރިއަށް ގެންދަން އޭޝިއާގެ އޮލިމްޕިކް ކައުންސިލުން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 24 އިން މާޗު ހަޔަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަމްއޫން
28 July 2023
18އަހަރުން ދަށްވީމަ ވޯޓު ނުލެވޭތީ ސަރުކާރުގެ ޝައުގެއްނުހުންނާނެ.
ޙުސް ދަތުރު
27 July 2023
ޔޫރަޕް ގަ ކުޅެފަ، ރަނގަޅަށް ނުބަލައި އަރުތަ ބެހީމަ ވާނެގޮތް ތިޔަވީ
ނިއާ
26 July 2023
އަދި ތަންކޮޅެއް އަވަސް ގޭމްސްއަށް ނުދާ ވާހަކަ ބުނަން. ޓިކެޓް އަގުބޮޑުވީ ފަހުވަގުތު ނަގަން އުޅުނީމަ. ހުރިހާ ދެރައެއް އެތްލީޓުން ނައް.
ސަރުކާރުގެ
26 July 2023
ޢެހެނެއްނޫންވާނީ . އަރުތައޭ ކިޔާފައި އެއެއް މިއެއްނުބަލައި ވޯޓް ހޯދަންވެގެން ޑޮކްޓަރުންނާއި ފަނޑިޔާރުންގެ ދަރިންނަށް ލާރިކޮޅުބަހާލީވިއްޔާ.ަޓެލެންޓް ހުރި ކުދިން ތި އަރުތައިން ވެސް ވީ ބާކީ.
ޛަމެ
26 July 2023
ވަރަށް ރަގަޅު ވާހަކައެއް ؟ މިފަހަރު ޔޫތް ކޭމްޕަ ދާ ކުދިން ހޮވިއިރު ، ގަވާއިދުގަ ޖަހާފަ އިދޭ 14 އަހަރާ 25 އަހާ ދެމެދުގަ ކުދީންނައް . އެކަމަކު ޱޮކުޓަރ ކުއްޖާ އަށް ފުރެނީ 13 އަހަރް ، މިވާ ގައުމެ
ފައިސާ
26 July 2023
ފައިސާ ހުންނާނެ މިހާރުވެސް ސަރުކާރު ވަފުދެއް އެމެރިކާ އަށް ނޫނީ ވިލާތައް ދާން... މުހިންމު ކަމަކަށް ނޯންނާނެ. ތިވެސް އަމިއްލަ ފަރުދުން، އަމިއްލަ ޚަރަދުގައި ދެވޭގޮތަށް ހަދަންވީނު
ބުޅިތުއްތު
26 July 2023
ބަޖެޓު ތަޅާހުސްކޮއްލީ ކުރިކެޓް ދަނޑުގައި ބޭއްވި މަކްޓިމިލިއަން ޑޮލަރ އިވެންޓައް .. އެވެސް ޖީބުފުރާލަން
ދޮހޮއްތު
26 July 2023
ޒުވާން އެތުލީޓުންގެ މޫނުމަތީޖެހި ތަފާވަރެއް
ޗާޗޫ
26 July 2023
ޢެކި އެކި ކުޅިވަރުތަކުން ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އޮލިމްޕިކް ކޮމެޓީޢިން މިއޮތީ ފުރުސަތު ގެއްލުވާފައި.
ނަސޭހަތް
26 July 2023
އޭޝިއަން ގޭމްސް ގައި ބައިވެރިވަނީ މެޑެލް ގެނެވޭނެ ކަމަށްތަ؟ އެވެސް ބޭކާރު ޚަރަދު.
މޫނިސާ
26 July 2023
މިގޭމްސް ތަކަށް ތައްޔާރުވުމަށްޓަކައި އޮލިމްޕިކް ކޮމެޓީގެ ބޭފުޅުން ބޭރު ޤައުމުތަކުގައި އުޅުއްވާތާ އެތަކެއް މަސް ވެއްޖެ. ސަލާމް