ރޭގެ މެޗުގައި އެސްފަޒިއެން ބަލިކުރި ގޯލު ޖެހުމަށް ފަހު ބެންޒެމާ.--
31 ޖުލައި 2023 - 10:50
ތޯއިފް، ސައުދީ އަރަބިއްޔާ (ޖުލައި 31) - ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ކަރީމް ބެންޒެމާ ގެ ގޯލުތަކާ އެކު ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދު، އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިއްތިހާދުން ޓިއުނީޝިއާގެ އެސްޕެރާންސޭ ޑި ތޫނިސް 2-1 އިން ބަލިކުރި އިރު، މޮޅުވި ގޯލު ޖަހައިދިނީ ބެންޒެމާ އެވެ. އަދި ރޭ ޓިއުނީޝިއާގެ ކްލަބް އެސްފަޒިއެން 1-0 އިން ބަލިކުރި ގޯލު ވެސް ޖަހައިދިނީ އޭނާ އެވެ.
އެންމެ ފަހުގެ ސައުދީ ލީގު ޗެމްޕިއަން އިއްތިހާދުން ވަނީ ބެންޒެމާގެ އިތުރުން ޗެލްސީއަށް ކުޅޭ މިޑްފީލްޑަރު ކަންޓޭ ވެސް ގެންގޮސްފަ އެވެ. ފުރަތަމަ މެޗުގެ ދެވަނަ ހާފުގައި ކަންޓޭ ކުޅުނެވެ. ނަމަވެސް ރޭގެ މެޗަށް ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ނެގި ޓީމުގައި އޭނާ ނުހިމަނަ އެވެ.
އެސްޕެރާންސޭ ކައިރިން މޮޅުވި ގޯލު ޖެހުމަށް ފަހު ބެންޒެމާ އާއި ކަންޓޭ ޓީމު ކުޅުންތެރިންނާ އެކު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ގުރޫޕްގެ ފަހު މެޗުގައި، ބުދަ ދުވަހުގެ ރޭ އެޓީމުން ކުޅޭނީ، ހަތަރު ޕޮއިންޓާ އެކު ދެވަނައިގައި އޮތް އިރާގުގެ އަލް ޝޯޓާ އާ ދެކޮޅަށެވެ.
މިއީ، އަރިބި ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ޔޫނިއަން (ޔުއާފާ) އިން މި މުބާރާތް ބާއްވާ 30 ވަނަ ފަހަރެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކަކީ ޓިއުނީޝިއާގެ އެސްޕެރާންސޭ އާއި އިރާގުގެ އައް ރަޝީދެވެ. ދެ ކްލަބުން ވެސް ވަނީ މި މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ.
އެންމެ ފަހުން 2019/2020 ގައި މުބާރާތް ކާމިޔާބު ކުރީ މޮރޮކޯގެ ރާޖާ ކަސަބުލަންކާ އެވެ. އެއީ އެޓީމުން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި އިއްތިހާދު ބަލިކޮށްފަ އެވެ. އިއްތިހާދުން ވަނީ 2005 ގައި ޓިއުނީޝިއާގެ ކްލަބް އެސްފަޒިއެން ބަލިކޮށް މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އޭގެ ކުރިން 1994 ގެ ފައިނަލްގައި ސައުދީގެ އަލް ހިލާލް އަތުން ބަލިވިއިރު 1987 ގެ ފައިނަލުން ބަލިވީ އިރާގުގެ އައް ރަޝީދު އަތުންނެވެ.
މިއަހަރުގެ މުބާރާތުގައި އިއްތިހާދުގެ އިތުރުން އަލް ހިލާލް އާއި އަލް ޝަބާބު އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރު ވެސް ކުޅެ އެވެ.
ނަސްރާއި ޝަބާބު ކުޅުނު މެޗުގައި ރޮނާލްޑޯ (ކ) ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޕްލޭއޮފް ކުޅެގެން އައި އަލް ޝަބާބް އާއި، މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ޔުއާފާ އިން ދައުވަތު ދީގެން ކުޅެމުން އަންނަ އައް ނަސްރު ހިމެނެނީ އެއް ގުރޫޕެއްގަ އެވެ. ހުކުރު ދުވަހުގެ ރޭ މި ދެ ޓީމުގެ ކުރިމަތިލުން ނިމިފައި ވަނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޝަބާބުން މިރޭ ނުކުންނާނީ މިސްރުގެ ޒަމާލިކާ ދެކޮޅަށެވެ. އަދި ނަސްރުން ނުކުންނާނީ ޓިއުނީޝިއާގެ ޔޫނިއަން މޮނަސްޓިރިއޭނޭއާ ދެކޮޅަށެވެ.
މިދިޔަ ޑިސެމްބަރު މަހު ރޮނާލްޑޯގެ ސޮއި ހޯދި ނަސްރުން ވަނީ އަންނަ ސީޒަނަށް އެލެކްސް ޓެލޭސް އާއި މާސެލޯ ބްރޯޒޮވިޗް ވެސް ގެނެސްފަ އެވެ. ހަމަ އެއާ އެކު ސަޑިއޯ މާނޭ ވެސް އެޓީމަށް ބަދަލުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޝަބާބާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ އާއި ޓެލޭސް ވެސް ކުޅެން އެރީ ފަހު ހާފުގަ އެވެ. އެ މެޗަށް ނެގި ސްކޮޑުގައި ބްރޯޒޮވިޗް ނުހިމެނެ އެވެ.
ކުރިން ސެވިއްޔާ އާއި އިންޓަ މިލާނުގެ އިތުރުން އާޖެންޓީނާގެ ގައުމީ ޓީމަށް 10 އަހަރު ވަންދެން ކުޅުނު މިޑްފީލްޑަރު އެވާ ބަނޭގާ ގެ ކެޕްޓަންކަމުގައި ކުޅޭ ޝަބާބުން ވަނީ އަންނަ ސީޒަނަށް ދެކުނު ކޮރެއާ ގައުމީ ޓީމުގެ އެއް ނަމްބަރު ގޯލްކީޕަރު ކިމް ސެއުންގްޔޫ ގެނެސްފަ އެވެ. ނަސްރާ ދެކޮޅަށް ޝަބާބުގެ ގޯލު ބެލެހެއްޓީ އޭނާ އެވެ.
ހިލާލް އާއި އަލް އަހްލީ ޓްރިޕޯލީ އާ ދެކޮޅަށް ކުޅުނު މެޗުގައި ކުލިބާލީ (ކ).-- ފޮޓޯ: އޭއެފްޕީ
ކަލިދޫ ކުލިބާލީ އާއި ރުބެން ނެވޭސް އަދި ސާގެޖް މިލިންކޮވިޗް ސަވިޗް އާއެކު ކުޅެމުން އަންނަ، ސައުދީ ކިންގް ކަޕްގެ ޗެމްޕިއަން ހިލާލް މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ލީބިޔާގެ އަލް އަހްލީ ޓްރިޕޯލީ އާ ދެކޮޅަށް ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި އެއްވަރު ވިއިރު، ރޭ ގަތަރުގެ އަލް ސާދު އަތުން ފަހު ސިކުންތުގައި ބަލިވީ 3-2 އިންނެވެ. ގުރޫޕްގެ ފަހު މެޗުގައި ނުކުންނާނީ މޮރޮކޯގެ ވިދާދު އޭސީއާ ދެކޮޅަށެވެ.
ހިލާލަލީ ހަތަރު ފަހަތު މުބާރާތުގެ ފައިނަލް ކުޅެ، ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ. ހަމަ އެއާ އެކު ޝަބާބުން ވެސް ވަނީ ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ހިލާލާއި އިއްތިހާދު އަދި ޝަބާބުގެ އިތުރުން އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ތަށި ހޯދި ސައުދީ ކުލަބްތަކަކީ އަލް އިއްތިފާގާއި އަލް އަހްލީ އެވެ. އިއްތިފާގުން ދެފަހަރު މުބާރާތް ކާމިޔާބު ކުރި އެވެ.
މުބާރާތުގައި އެންމެ ކާމިޔާބީ ވެސް ސައުދީގެ ކްލަބްތަކެވެ. ސައުދީ ކުލަބްތަކުން ވަނީ އަށް ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy