އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު ޖިއާންލުއީޖީ ބުފޮން: އޭނާ ވަނީ 28 އަހަރުވީ ދިގު ކެރިއާ ނިންމާލަން ތައްޔާރު ވެފަ --- ފޮޓޯ: ގެޓީ އިމޭޖަސް
02 އޯގަސްޓް 2023 - 11:00
ޕާމާ (އޯގަސްޓް 2) - ލެޖެންޑަރީ ގޯލް ކީޕަރު ޖިއާންލުއީޖީ ބުފޮން ފުޓްބޯޅަ ކުޅުން ހުއްޓާލަން ތައްޔާރުވެއްޖެ އެވެ.
ބުފޮން އެންމެ ފަހުން ކުޅުނީ އޭނާ ކެރިއާ އެ ކްލަބެއްގައި ފެށި ޕާމާގަ އެެވެ. އިޓަލީގެ ދެވަނަ ޑިވިޝަނުގައި އޮތް ޓީމުގައި 43 މެޗު ކުޅުނެވެ. ޕާމާއިން 1995 ގައި ކެރިއާ ފެށި ބުފޮން އެ ކްލަބަށް އެނބުރި ގޮސް މިދިޔަ އަހަރު އިތުރު މުއްދަތަކަށް ކޮންޓްރެކްޓް އާ ކުރި އެވެ.
އެ އެއްބަސްވުން އަންނަ އަހަރު ހަމަވާން އޮތް ނަމަވެސް އުމުރުން 45 އަހަރުގެ ބުފޮން ދަނީ 28 އަހަރުވީ ދިގު ކެރިއާ ނިންމާލުމަށް ތައްޔާރުވަމުންނެވެ.
ދެ ފަހަރެއްގެ މަތިން ބުފޮން ވަނީ ޕާމާ އަށް 220 މެޗު ކުޅެފަ އެވެ. ޕާމާގައި ފަސް އަހަރު ހޭދަ ކުރުމަށް ފަހު 2001 ގައި ބުފޯން ޔުވެންޓަސް އަށް ބަދަލުވީ ގޯލްކީޕަރަކު އޭރު ކްލަބް ބަދަލުކުރި އެންމެ ބޮޑު އަގުގަ އެވެ.
އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކީޕަރު ވަނީ 17 އަހަރު ޔުވެންޓަސް އަށް ކުޅެފަ އެވެ. އެ ކްލަބަށް އިޓާލިއަން ލީގު ނުވަ ފަހަރަށް ހޯދައި ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.
އެ ކްލަބް 2006 ގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމުން ވެސް ބުފޮން އެ ޓީމުގައި މަޑު ކުރި އެވެ. އޭނާ ވަނީ 2018 ގައި ޕީއެސްޖީ އަށް ބަދަލުވެ އެ ކްލަބްގައި އެއް އަހަރު ކުޅެފަ އެވެ.
އަލުން ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމުގައި ބަދަލު ކީޕަރެއްގެ ގޮތުގައި 29 މެޗު ކުޅުނެވެ. އޭނާ އަކީ ޔުވެންޓަސް އަށް ދެވަނަ އަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 685 މެޗު ކުޅެފަ އެވެ. އެ ކްލަބަށް އެންމެ ގިނަ މެޗު ކުޅުނީ އަލްސެންޑް ޑެލްޕިއޭރޯ އެވެ.
އިޓަލީގެ ގައުމީ ޓީމަށް 176 މެޗު ކުޅެ އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް އޮތީ ބުފޮން އަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy