މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

19 އަހަރު ފަހުން "އަމާނާތް" ބަލަންވީ ކީއްވެ؟

"އަމާނާތް" ގެ ޕޯސްޓަރެއް: މި މަހުގެ 14 ގައި އޮލިމްޕަހުގައި އަޅުވާނެ.

އެޓާނަލް ޕިކްޗާސްގެ ފިލްމް "އަމާނާތް" ރިލީޒް ކުރިތާ 19 އަހަރު ފަހުން އަލުން ސްކްރީނަށް އަންނަނީ އެވެ.

މި ފިލްމުގެ ފަސް ޝޯ މި މަހުގެ 14 ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިމްޕަހުގައި ދައްކާނެ އެވެ. ރަށްރަށުގައި ވެސް ފިލްމް އަޅުވަން ވަނީ ހަމަޖެހިފަ އެވެ.

ސުވާލަކީ އެހާ ޒަމާންވީ މި ފިލްމެއް ބަލަން ޓިކެޓް ނަގައިގެން މިހާރު ސިނަމާ އަށް ދާންވީ ކީއްވެތޯ އެވެ؟

އެ ސުވާލަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ދެވޭތޯ މަސައްކަތްކޮށްލާނަމެވެ.

މުހައްމަދު ނިޔާޒް (ޓެޑްރީ)

"އަމާނާތް" އާ ޓެޑްރީގެ ނަން ގުޅިފައި އޮތުމަކީ މި ފިލްމަށް ޝައުގުވެރި ވާނެ އެއް ސަބަބެވެ. އޭނާއަކީ 1994 ވަނަ އަހަރު "ދެރިޔާ" ޑައިރެކްޓްކޮށްގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޑައިރެކްޓަރެކެވެ.

"ދެރިޔާ" އަކީ މޮޅު ފިލްމެއްކަން، ކާމިޔާބު ފިލްމެއްކަން އެ ފިލްމަށް ޓެޑް ކޮށްފައި ހުރި މަސައްކަތްތަކުން އޮތީ ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުކޮށް ދީފަ އެވެ.

"އަމާނާތް" އަކީ އޭނާގެ އަމިއްލަ ސްޓޫޑިއޯ އެޓާނަލް ޕިކްޗާސް އިން ހެދި ފިލްމެކެވެ. ފިލްމް ރިލީޒް ކުރީ ނޮވެމްބަރު 4، 1998 ގަ އެވެ. މި ފަހަރު ޓެޑް ނެގީ ޕްރޮޑިއުސަރެއްގެ ޒިންމާ އެވެ.

މަހުދީ އަހުމަދު

މިއީ މިހާރު ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ ބިޒީ ސްކްރީން ރައިޓަރެވެ. އޮފީސް ޓެލެޑްރާމާ މުބާރާތުގައި ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް މަހުދީ ލިޔެ، ޑައިރެކްޓް ކުރި ޑްރާމާތަކަކީ އޭނާގެ ހުނަރު ކިތަންމެ ރަނގަޅަކަށް ވެސް ފެނިގެން ގޮސްފައިވާ ޑްރާމާތަކެވެ. އޭގެ ހެއްކަކަށް "ތައުބާ" އާއި "ވާރޭ" ފަދަ ޑްރާމާތައް ނެގި ދާނެ އެވެ.

"އަމާނާތް" އަކީ އެ ޑްރާމާތަކުގެ ތަޖުރިބާގެ އަލީގައި މަހުދީ ފީޗާ ފިލްމެއް ޑައިރެކްޓް ކުރަން އިށީން ހަމައެކަނި ގޮނޑި އެވެ.

މަހުދީ: "އަމާނާތް" އަކީ އޭނާ ޑައިރެކްޓް ކުރި ހަމައެކަނި ފީޗާ ފިލްމް.

އެ ފިލްމަށް ފަހު މިހާތަނަށް އޭނާ އެއްވެސް ފިލްމެއް ޑައިރެކްޓެއް ނުކުރެ އެވެ. ހުރިހާ ފޯކަސްއެއް މިހާރު އޮތީ ސްކްރީންޕްލޭ ލިޔުމަށެވެ.

"އަމާނާތް" ބެލި ގިނަ ބަޔަކަށް އެ ފިލްމް ކަމުދިޔަ އެއް ސަބަބަކީ ވެސް ފިލްމުގެ ޑައިރެކްޝަން ފުރިހަމަވެފައި ރީތިވުމެވެ. އެހެން ނަމަވެސް ފިލްމުގެ ލަވަތައް ޑައިރެކްޓް ކުރީ ޓެޑެވެ.

"އަމާނާތް" އަލުން ބަލައިފައި، މަހުދީ އަލުން ޑައިރެކްޝަނެއް ހަދާނެ ނަމަ ކިހާ ރަނގަޅުވީހޭ ހިތަށް އަރުވާނެ ކަމެއް ނެތެވެ. އޭނާ ބުނަނީ އަލުން ޑައިރެކްޓަރުގެ ގޮނޑި އަށް އައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

ވާހަކަ

"އަމާނާތް" އަކީ ސައްތައިން ސައްތަ ދިވެހި ވާހަކައެއް ނޫނެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިއީ ކޮޕީ ފިލްމެކޭ ބުނެވި ދާނެ އެވެ.

މީގެ ވާހަކަ ބިނާކޮށްފައި ވަނީ މަޝްހޫރު ލިޔުންތެރިޔާ އެރިކް ސޭގަލް 1970 ގައި ގެނެސް ދިން "މޭން، ވުމަން އެންޑް ޗައިލްޑް" އަށެވެ.

އެ ވާހަކަ އަސްލަކަށް ބަލައިގެން ޝޭކަރް ކަޕޫރު 1983 ގައި ގެނެސް ދިން "މަސޫމް" އަކީ "އަމާނާތް" އަށް ބޮޑު ނުފޫޒެއް ފޯރުވި ފިލްމެކެވެ. އެކަމަކު މިއީ މިއީ "މަސޫމް" ގެ ފޮޅުވަތް މަތިން ފޮޅުވަތް އަޅައިގެން ކޮށްފައި އޮތް މަސައްކަތެއް ނޫނެވެ.

"އަމާނާތް" ހަދަން އެންމެ ބޮޑަށް ޓެޑްރީ އާއި މަހުދީ ބެލީ "މަސޫމް" އަށް ވުރެ ބޮޑަށް ވާހަކައަށެވެ. މިއީ އެޑަޕްޓެޑް ސްކްރީންޕްލޭއެކެވެ.

"އަމާނާތް" އަކީ މީގެ ވާހަކަ ނުވަތަ ފިލްމުގެ މައިގަނޑު ޕްލޮޓް އޮތް ގޮތަށް ބާއްވައި، އެކަމަކު ވާހަކަ ދިވެހިން ދިރިއުޅުމާއި ވައްޓަފާޅި އާއި އާދަކަދަތަކަށް ވެސް ފައްތައިގެން ގެނެސް ދީފައިވާ ފިލްމެކެވެ. ވާހަކަ ނުވަތަ ފިލްމުގައި ނަމަ، ޖަމްޝީދާ އަހުމަދު "އަމާނާތު" ގައި ކުޅުނު ރޯލަކީ ވާހަކަ އަދި ފިލްމްގައި ވެސް ވަރަށް ކުރުކުރު ކެރެކްޓާއެކެވެ. ހަތަރު ފަސް މިނިޓެއްހާ އިރުގެ ރޯލެކެވެ.

"މާސޫމް" ގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރާ އެކު ޓެޑްރީ.

އެކަމަކު ޓެޑްގެ ޓީމުން އެއަށް ގެނައި ބަދަލާ އެކު، "އަމާނާތް"ގެ ލީޑް ބަތަލާއަކީ ޖަމްޝީދާ ކުޅުނު ރޯލެވެ. މިއީ މީގެ ހިންދީ ފިލްމް "މާސޫމް" ގައި ބަތަލާ ސްޕްރިޔާ ޕަތަކް ކުޅުނު ރޯލާ އަޅާކިޔާ ނަމަ، ސްކްރީން ޓައިމް އެތައް ގުނަ ބޮޑު، ކެރެކްޓާއެކެވެ. އެހެންވެ މިއީ އެންމެ ބޮޑު އެއް ބަދަލެވެ.

މީގެ ވާހަކަ އަށް ބަލާ އިރު، މިއީ އިންސާނީ ޖަޒްބާތުތަކުން ފޯވެފައިވާ އަސަރުގަދަ އާއިލީ ލޯބީގެ ވާހަކައެކެވެ.

މިއީ ލޯތްބާއި ކުލުނާއި ހަމްދަރުދީ އާއި ވަފާތެރިކަމާއި ބޭވަފާތެރިކަމުގެ ހިތި އިހުސާސްތަކާއި ތެދުވެރިކަމާއި އިހުލާސްތެރިކަން ވެސް އޭގެ އިންތިހާ އަށް ކިޔައިދޭ، ރޮއްވައިލާ، ހެއްވައިލާ ހާދިސާތަކެއް ކިޔައިދޭ ވާހަކައެކެވެ.

ކާސްޓް

"އަމާނާތް" ކާމިޔާބުގެ ފަހަތުގައިވާ އަނެއް ކަމަކީ މީގެ ލީޑް ކާސްޓެވެ. މި ފިލްމަކީ ޓެޑްގެ "ދެރިޔާ" އިން ވިދާލި އަލީ ހާލިދު ކުޅުނު ދެވަނަ ފިލްމެވެ.

އޭނާއާ އެކު މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނު ބަތަލާއިންނަށް ބަލާ އިރު، ޖަމްޝީދާ އާއި ފާތުމަތު ރަމީޒާ ވަނީ ފިލްމުގައި ވަރަށް ފުރިހަމަ އެކްޓިންއެއް ދައްކައިފަ އެވެ.

މީގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އަލީ ހާލިދާ އެކު ޖަމްޝީދާ އާއި ރަމީޒާގެ ގުޅުން ވެސް ވަރަށް ފުރިހަމަ ކަމެވެ.

"އަމާނާތު" ގެ ޕޯސްޓަރެއް: މި ފިލްމް 14 ފެބްރުއަރީގައި އޮލިމްޕަހުގައި އަޅުވާނެ.

ޖަމްޝީދާ އާއި ރަމީޒާގެ ކެރިއާއަށް ބަލައިފި ނަމަ، "އަމާނާތް" އަކީ އެ މީހުންގެ އެންމެ ކާމިޔާބު ފިލްމެވެ.

"އަމާނާތް" އަކީ ކުޑަ ތިން ކުއްޖަކު ވެސް މުހިއްމު ރޯލްތަކުން ފެނިގެންދާ ފިލްމެކެވެ.

އޭގެ ތެރެއިން ވެސް މުޅި ފިލްމުގެ ވާހަކަ އެނބުރެނީ ޖަމްޝީދާގެ ދަރިފުޅުގެ ރޯލް ކުޅުނު އިއުޖާޒް ހާފިޒްގެ ވަށައިގެންނެވެ.

ކޮޕީ ފިލްމުތަކަށް އިންގިލާބެއް

"އަމާނާތް" އަކީ ސަތޭކަ ޕަސަންޓް ކޮޕީ ފިލްމެކޭ ބުނާ ހިތެއް ނުވެ އެވެ. ކޮޕީއެކޭ ބުނާ ވަރަށް ވުރެ ބޮޑަށް މިއަށް ވަނީ ކުރިން ވެސް ބުނިހެން ބަދަލުތަކެއް ގެނެސްފަ އެވެ.

އެކަމަކު މި ފިލްމު ވުޖޫދަށް އައުމުގެ އަސްލަކަށްވީ ގައުމީ ފިލްމް އެވޯޑްސްގައި ކޮޕީ ފިލްމުތައް ބައިވެރި ކުރުމާ ދެކޮޅަށް އޭރުގެ އިންފޮމޭޝަން މިނިސްޓްރީއާ އެކު ޓެޑް ކުރަން ޖެހުނު ހަނގުރާމައެއްގެ ތެރެއިން ނިކުތް ނަތީޖާއަކުންނެވެ. އޭނާ ވަކާލާތު ކުރީ ގައުމީ އެވޯޑެއްގައި ކޮޕީ ފިލްމްތައް ބައިވެރި ނުކުރުމަށެވެ.

އެކަން އެގޮތަށް ކުރާ ނަމަ އެއީ، ފަހަތަށް ދެ ފިޔަވަޅު އެޅުން ކަމަށް ބުނެ، އޭނާ ދެއްކި ވާހަކަ އަށް އޭރު ތާއީދު ކުރާނެ ބަޔަކު ނުވި އެވެ. އެހެންވެ އެކަނިމާއެކަނި އެ މިސްރާބަށް ވަކާލާތު ކުރަން ޖެހުނެވެ. ދެން ތިބި އެންމެން ތިބީ ކޮޕީ ފިލްމްތަކަށް މަރުހަބާ ކިޔާ ގޮތަށެވެ.

ބަހުސް ކުރެވުނު އެ މޭޒުގައި، އެންމެ ފަހުން ނިންމީ ކޮޕީ ފިލްމްތައް ގައުމީ އެވޯޑްގައި ބައިވެރި ކުރާށެވެ. މާޔޫސްކަމާ އެކު ބައްދަލުވުން ނިންމާލައި، ނިކުންނަމުން، ބައްދަލުވުމުގައި ބައިވެރިވި އިސް އޮފިޝަލަކާ ދިމާ އަށް ޓެޑްރީ ބުނީ މިހެންނެވެ.

ކޮޕީ ފިލްމެއް ހަދައިގެން ވެސް ގައުމީ އެވޯޑް ހޯދި ދާނެކަން ސާބިތުކޮށް ދޭނީ އެވެ. "އަމާނާތް" ގެ ފެށުމަކީ އެއީ އެވެ. މިއީ ހަގީގަތަށް ބުނާ ކަމަށްވާ ނަމަ ދިވެހިން ހަދާ ކޮޕީ ފިލްމްތަކަށް އިންގިލާބެއް ގެނައި ފިލްމެކެވެ.

"އަމާނާތް" ސާބިތުކޮށް ދިން އެއް ކަމަކީ ކޮޕީ ފިލްމެއް ހަދާ ނަމަ، ހަދަން ޖެހޭނީ މި ފެންވަރަށް ކަމެވެ.

ފިލްމަށް ކުރެވުނީ ކިހާ ވަރެއްގެ މަސައްކަތެެއް؟

"އަމާނާތް" ގައި ކޮޕީ ފިލްމެއްގެ ޓެޑް ގިނަ ބަޔަކު އަޅުވައިފައި އޮތަސް، ކޮޕީ ފިލްމެކޭ ބުނާ ވަރަށް ވުރެ މާ ރަނގަޅަށް މަސައްކަތްކޮށްފައި އެބަ އޮތެވެ. މިއީ އެއްޗަކަށް އެއްޗެއް ހަދަން ހަދާފައި އޮތް ފިލްމެއް ނޫންކަން ފިލްމުގެ ކޮންމެ ޑިޕާޓްމަންޓަކަށް ބެލިޔަސް އެނގޭނެ އެވެ.

ހަމައެކަނި ސްކްރީންޕްލޭ އަށް ވެސް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ކޮޕީ ފިލްމެއް ހަދަން ބޭނުންވި ނަމަ، ބޮޑު ހަރަދުތަކެއްކޮށްފައި، ބޮޑު ކްރޫއަކާ އެކު، އެ ޒަމާނުގައި އައްޑޫ ކަހަލަ ތަނަކަށް ގޮސް ފިލްމުގެ ބޮޑު ބައި ޝޫޓް ވެސް ނުކުރީހެވެ.

"އަމާނާތް" ގެ ޝޫޓިންގެ ތެރެއިން އައްޑޫގައި.

އެކަމަކު "އަމާނާތް" އަކީ ހަރަދުތަކެއްކޮށްގެން، ވަގުތުތަކެއް ހޭދަކޮށްގެން، ބުރަ މަސައްކަތުން އުފައްދާފައި އޮތް އެއްޗެކެވެ.

މިހާރު ދިވެހި ސިނަމާ އަށް އަންނަ ފިލްމްތަކާއި މި ފިލްމް އަޅާ ކިޔާ ނަމަ، ކޮށްފައި ހުރި މަސައްކަތް ދެރައެއް ނުވާނޭ ބުނަން ޓެޑަށް ކެރެނީ ހަމަ އެވަރަށް މަސައްކަތްކޮށްފައި ހުރުމުންނެވެ.

މި ފިލްމަކީ މާލެ އާއި އައްޑޫގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) މެން، ގްލައިޑްކެމްއާ އެކު، ރީތި މަންޒަރުތަކެއް، ތަފާތު ޝޮޓްތަކެއް ސިނަމާ އިން ދައްކުވައި ދިލް ފިލްމެކެވެ.

ލަވަތައް/ މިއުޒިކް

"އަމާނާތް" ގެ ލަވަތައް އަދިވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލެވެ. މި ފިލްމުގެ އެންމެ ގަޔާވާ އެއް ކަމަކީ ވެސް ރީތި ލަވަތަކެވެ. "މާސޫމް" ގެ ބައެއް ލަވަތަކުގެ ރާގަށް ފިލްމުގެ ބައެއް ލަވަތައް ހުރި ނަމަވެސް، ދެން ހުރީ އެހެން ފިލްމްތަކުން ނަގާފައި ހުރި ރާގުތަކެވެ.

މީގެ ލަވަތަކަށް ބަލާ އިރު، ފިލްމުގެ މޫޑާ ވަރަށް ގުޅޭ ކަހަލަ ލަވަތަކެއް ހޮވައިފައި ހުރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެ އެވެ.

"އަމާނާތު" ގެ ލަވަތަކުގެ ތެރެއިން އުމަރު ޒާހިރާއި ފާތުމަތު ރައޫފު ކިޔާފައިވާ "އޯގާވެރިވޭ ލޯބިވާ" އާއި އަލީ ރަމީޒާއި ފަޒީލާ އާމިރް (ފަޒީ) ކިޔަފާފައިވާ "މި ހިތާ ލޯބި ދޭނަން" އަދި މުހައްމަދު ހުޒާމް ކިޔާފައިވާ "ތުއްތު މޫނާ" ލަވަ ވަކިން ފާހަގަކޮށްލެވެ އެވެ.

ހަމައެއާ އެކު ލަވަތަކުގެ ޅެންތައް އެހާ އަސަރު ގަދަވެފައި، ތަކުރާރުކޮށް އަޑު އަހާލަން ބޭނުންވާ ކަހަލަ ގޮތެއް ހުރެ އެވެ.

"އަމާނާތު" ގެ ބެކް މިއުޒިކް ހަދައިފައި ވަނީ ރާއްޖޭގައި އެ ފަންނުގައި އެންމެ ކުރީގައި މިހާރު ވެސް އުޅޭ މުހައްމަދު އިކްރާމެވެ.

ފިލްމަށް ލިބުނީ ކިހާ ވަރެއްގެ ތަރުހީބެއް؟

"އަމާނާތް" އަކީ ވިޔަފާރީގެ ގޮތުން ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ. ހައުސްފުލް އެތައް ޝޯއެއް ދެއްކި އެވެ. ތަކުރާރުކޮށް އެތައް ބަޔަކު 1998 ގައި ވެސް މި ފިލްމް ބެލި އެވެ.

މި ފިލްމަށް އޭރުގެ ކްރިޓިކުން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފު އޮއްސައިފަ އެވެ.

މިއީ ޓެކްނިކަލް ހުނަރުތަކުގެ އިތުރުން ފިލްމުގެ ވާހަކަ އާއި އެ ވާހަކަ އަށް ދިރުމާއި ރޫހު ގެނެސް ދިން މޮޅު ތަރިންތަކަކާއި އާ ޑައިރެކްޓަރެއްގެ ހުނަރު އެކުވެގެން ހެދި ހަނދާނުން ފިލުވާލަން ދަތި ފިލްމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

"އަމާނާތް" އާ ބެހޭ ގޮތުން ބަތަލާ ޖަމްޝީދާ ވާހަކަ ދައްކަނީ.

އެކަން ފަހުން ސާބިތުކޮށް ދިނީ 2007 ގައި ބޭއްވި ތިން ވަނަ ގައުމީ ފިލްމް އެވޯޑްސްގަ އެވެ. "އަމާނާތް" ވަނީ 12 އެވޯޑް އުފުލާލައި، އޭރު ބެންޗް މާކެއް ގާއިމުކޮށްފަ އެވެ.

މި ފިލްމަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމް، އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ، އެންމެ މޮޅު، ބަތަލާ، އެންމެ މޮޅު ސަޕޯޓިން އެކްޓަރު އަދި އެންމެ މޮޅު ބެކްމިއުޒިކް ފާހަގަކޮށްލެވެ އެެވެ.

ޓެޑް މިހާރު ބުނަނީ ކީކޭ؟

އޭނާ ބުނަނީ 19 އަހަރު ފަހުން ފިލްމް އަލުން ސްކްރީނަށް ގެންނަނީ އެތައް ބަޔަކު އެކަމަށް އެދިގެން ކަމަށެވެ. ހާއްސަކޮށް މިހާރުގެ ޒުވާނުންނެވެ. ފިލްމް އެއްގޮތަކަށް ވެސް ނުބަލާ އަދި ތަކުރާރުކޮށް ބަލަން ބޭނުންވާ އެތައް ބަޔަކު އެބަ ތިއްބެވެ.

ޓެޑް ބުނަނީ "އަމާނާތް" އަދިވެސް "އައުޓްޑޭޓެޑް" ނުވާ ކަމަށެވެ.

އޭނާ ބުނީ ފިލްމުން ވަރަށް ގިނަ އަދަދަކަށް އޭރުގެ ކުޑަކުދިން ފެންނާނެ ކަމަށެވެ. އެ ކުދިންތަކުގެ އުމުރު އޭރަށް ބަލައިފި ނަމަ އެއީ 6-12 އަހަރާ ދެމެދުގެ ކުދިންނެވެ. އެ ކުދިން މިހާރު ތިބޭނީ ބޮޑެތިވެފަ އެވެ.

އައްޑޫގައި ނެގި ބައެއް މަންޒަރުތަކުންނާއި ވިލިމާލޭގައި ނަގާފައިވާ ފިލްމުގެ ލަވައަކުން ވަރަށް ގިނަ އަދަދަކަށް ކުޑަ ކުދިން ފެންނާނެ އެވެ. އެހެންވެ އެ ޖީލުގެ ޒުވާނުންގެ މެދުގައި ފިލްމަށް އޮތް ޝައުގުވެރިކަމާއި ތަރުހީބު ބޮޑެވެ.

"އުންމީދު ކުރަން ވަރަށް ގިނަ ބަޔަކު މި ފަހަރު ފިލްމް ބަލާނެ ކަމަށް،" ރަށްރަށުގައި ވެސް ދައްކަން ހަމަޖެހިފައިވާ ފިލްމާ ބެހޭ ގޮތުން ޓެޑް ބުންޏެވެ.

4 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 8%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރީ

06 February 2017

ދެން އަނެއްކާ ދުވަސްކޮޅެއްކޮށްލާފަ ދެރިޔާ އަޅުވާ....އަދިވެސް އައުޓް ޑޭޓެއްނުވޭ އޭ ކިޔާފަ

The name is already taken The name is available. Register?

ހަލީފާ

06 February 2017

ޓެޑްރީއަށް ދަންނަވާލަން އޮތީ ތިޔަ ފަދަ މޮޅު ޑައިރެކްޓަރަކު މީގެ 19 އަހަރު ކުރީގެ ފިލްމެއް އަލުން ބަލުން އަޅުވަން ނޫޅެ އައު ފިލްމެއް ނުހެދެނީ ކީއްވެތޯއެވެ. ޓެޑްރީގެ މަޝްހޫރު ކަމުގެ ވާހަކަ ދެރިޔާއާއި ހިސާބުން ފެށިފައި ދެރިޔާއާއި ހިސާބުން ނިމެނީ ކީއްވެގެން ތޯއެވެ. ދެރިޔާގެ ފަހުން މިހާރު އެތައް އަހަރެއް ވެގެން ދިޔައިރު ޑައިރެކްޓު ކޮށްލެވުނު ދެވަނަ ފިލްމެއް އެބައޮތްތޯއެވެ. މިސުވާލުތައް މިކުރަނީކީ ޓެޑްރީ ގެ އުފެއްދުންތަކުގެ ފެންވަރު ދެރަވެގެނެއްނޫނެވެ. އެކަމަކު އެ މޮޅުކަން ބޭނުންކޮށް އާންމުންނަށް އައު އުފެއްދުމެއް ގެނެވިފައިނުވާތީ ޓެޑްރީގެ ހީވާގިކަމާމެދު ސުވާލު އުފެދޭތީއެވެ. މިލިޔުން ކިތަންމެހާވެސް މޮޅެވެ. ނަމަވެސް 19 އަހަރު ކުރީގެ ފިލްމެއް ހިރަފުސް ފޮޅާފައި އެޅުވުމުގެ ބަދަލުގައި އައުފިލްމެއް ނުހެދުނީތީ ހިދާމަކުރަމެވެ.

The name is already taken The name is available. Register?

ބޯ ހަލާކު

06 February 2017

ފިލްމުގެ ކުޑަ 3 ކެރެކްޓަރ ކޮބާ މިހާރު ... ޥަރަށް ބޭނުން އެމީހުން ބަލަން ..ނެއްތަ ފެއްނާނެ ގޮތެއް

The name is already taken The name is available. Register?

ބޯޓެންގ

06 February 2017

އޭގެ ހެއްކަކަށް "ތައުބާ" އާއި "ވާރޭ" ފަދަ ޑްރާމާތައް ނެގި ދާނެ އެވެ."އަމާނާތް" އަކީ އެ ޑްރާމާތަކުގެ ތަޖުރިބާގެ އަލީގައި މަހުދީ ފީޗާ ފިލްމެއް ޑައިރެކްޓް ކުރަން އިށީން ހަމައެކަނި ގޮނޑި އެވެ.ވާރޭ އަދި ތައުބާ އަކީ މަހުދީ، އަމާނާތް ޑައިރެކްޓް ކުރިތާ އެތައް ޒަމާނެއް ފަހުން 2000 ގެ ކުރީ ކޮޅު ހެދި ޑްރާމާތަކެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454