ީޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު: އޭނާ ވިދާޅުވީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ޓީޓީގެ އެންމެ ބޮޑު ޗެލެންޖް ކަމަށް --- ފައިލް ފޮޓޯ: ރައީސް އޮފީސް
08 އޯގަސްޓް 2023 - 13:18
ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީ އަށް އޮތީ އެންމެ ބޮޑު ޗެލެންޖް ކަމަށް، ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.
މަޑަގަސްކަރައިގައި މި މަހު ފަށާ ގޭމްސް އަށް އެންމެ ފުރަތަމަ ތައްޔާރުވާން ފެށީ ޓީޓީއޭއެމުންނެވެ. އެ އެސޯސިއޭޝަނުން ވަނީ ކުޅުންތެރިން ތަމްރީންތައް އިންޑިއާ އާއި ކްރޮއޭޝިއާގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި ޗައިނާގެ ޓީމަކާ އެކު މޭލާގައި ވެސް ޓްރޭނިން ކުރިއަށް ގެންދިޔަ އެވެ.
މޮރިޝަސްގައި 2019 ގައި ބޭއްވި އެންމެ ފަހުގެ ގޭމްސްގައި ރާއްޖެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދީ ޓީޓީންނެވެ. ޓީޓީ އަންހެން ޓީމުން ވަނީ އެފަހަރު މުބާރާތުން ރަން މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ސިންގަލްސް އާއި ޑަބަލްސްއިން ރަން މެޑަލް އާއި ރިހި މެޑަލް ހޯދީ ވެސް ޓީޓީގެ އަންޓީމު ކުޅުންތެރިންނެވެ.
"ކުޅިވަރުގައި އެންމެ އުނދަގޫ ޗެލެންޖަކީ ޓައިޓަލް ޑިފެންޑް ކުރުން. ޓީޓީން މިފަހަރު އެންމެ ފުރަތަމަ ޓާގެޓަކީ މިދިޔަ އަހަރުގެ ކާމިޔާބު ޑިފެންޑް ކުރުން،" ގައުމީ ޓީމަށް ވެސް ކުރިން ކުޅުއްވި އަލީ ވިދާޅުވި އެވެ.
"މިނިސްޓަރު [އަހްމަދު މަހްލޫފް] މެދުވެރިކޮށް ކްރޮއޭޝިއާއިން ލިބުނު ފުރުސަތުގައި ކުޅުންތެރިން އެކޮޅުގައި ވެސް ވަރަށް ރަނގަޅު ތަމްރީންތަކެއް ކުރިއަށްގެންދިޔަ. ރަނގަޅު ޓްރޭނިންތަކެއް ކުރިއަށް ގެންދެވިއްޖެ. އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ."
ފުވައްމުލަކު ޓީޓީ ހޯލްގައި އަލީ (ވ) ކުއްޖަކަށް ބޯޅަ ޖަހަންވީ ގޮތް ކިޔައި ދެނީ --- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވީ، އެންމެ ފަހުގެ ގޭމްސްގައި ރާއްޖޭގެ ޓީޓީ ޓީމުން ކާމިޔަބު ހޯދުމުން، ރާއްޖޭގެ ތައްޔާރީތައް ބަލައިގެން މޮރިޝަސް އާއި މަޑަގަސްކަރައިން ވެސް ވަރަށް ބޮޑަށް ތައްޔާރުވަމުންދާކަން އެނގިފައިވާ ކަމަށެވެ. ފްރާންސްގެ ކުޅުންތެރިޔަކު ވެސް މަޑަގަސްކަރައިގެ ޓީމުގައި މިފަހަރު ހިމަނާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
"ޑުއަލް ސިޓަޒަންޝިޕް އޮތް ރަނގަޅު ފެންވަރުގެ ފްރާންސްގެ ކުޅުންތެރިޔަކު މިފަހަރު މަޑަގަސްކަރަ ޓީމުގައި ހިމެނިކަން އެނގިފައި އޮތީ،" އަލީ ވިދާޅުވި އެވެ.
ގޭމްސްގައި ރާއްޖޭގެ ޓީމުގެ ކޯޗަކަށް ޒެވޯނިމިރް ކޮރެނިޗް އެވެ. އޭނާގެ ބެލުމުގެދަށުން ޓީޓީ ޓީމުން ދަނީ މިހާރު މާލޭގައި ޓްރޭނިން ހަދަމުންނެވެ. ކްރޮއޭޝިއާގައި ކުރިއަށް ގެންދިޔަ ޓްރޭނިންތަކުގައި ވެސް ރާއްޖޭގެ ކުޅުންތެރިންގެ ޓްރޭނިންތައް ބައްޓަން ކުރީ އޭނާ އެވެ.
ކުރިން އޮތް ގޮތުންނަމަ، މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮންނާނީ ރާއްޖޭގަ އެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން މުބާރާތް ރާއްޖޭގައި ބޭއްވޭނެ ހާލަތެއް ނެތް ކަމަށް ބުނެ ސަރުކާރުން ފުރުސަތު ދޫކޮށްލުމުން ގޭމްސް ހޯސްޓް ކުރުމުގެ ފުރުސަތު ދިނީ މަޑަގަސްކަރަ އަށެވެ.
ރާއްޖެއިން 2019 ގައި ބިޑް ހުށަހެޅި އިރު ރާއްޖޭން އޭރު ބިޑް ކާމިޔާބު ކުރީ މަޑަގަސްކަރައާ ވާދަކޮށެވެ. އެ ގައުމުގައި މިފަހަރުގޭ ގޭމްސް ފަށާނީ މި މަހު 23 ގަ އެވެ. ގޭމްސް ކުރިއަށް ދާނީ ސެޕްޓެމްބަރު 3 ގެ ނިޔަލަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފަރުކައްދަ
08 August 2023
ޢައި އޯ ޖީ އޭ ކިޔައިގެން މަހްލޫފޫ އާއި މި އެސޯސިއޭޝަންތަކުން މާ ބޮޑުކޮށް މި އުޅެނީ މި މީހުން ރަގަޅު ޑިވެލޮޕްމަނޓަށް މަސްައްކަތް ނުކޮށް އެކަންތައް އޮއްބަން. ތ އައި އޯޖީގައި ކުޅޭ ގައުމުތަކަކީ ކުޅިވަރު މާ ސީރިއަސްކޮށް ނަގާ ބައެއް ނޫން. ތި ޓީޓީ އާއި ބެޑްމިންޓަނުން ނާއި ޓެނިސް އިން އެންމެ ކައިރި އޮތް ލަންކާ ބަލިކުރެވެނީއަކީ ނޫން