ލައިފްސްޓައިލް / ރިޝްވަތު

ރިޝްވަތާއި ހަދިޔާގެ ފަރަގު ދެނެގަންނަން ޖެހޭ

މީހަކު ފައިސާތަކެއް ގެންގުޅެނީ: ކައިވެނި ކުރާނެ ކަމަށް ބުނެ ގެއަކަށް މީހަކު ގެންގޮސް ބިރު ދައްކައިގެން ފައިސާ އަތުލި މައްސަލައެއްގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ/މިހާރު

އިސްލާމީ ސަގާފަތާއި އަހުލާގާ ދުރަށް މުސްލިމުން ދިއުމަކީ މުޖުތަމައުގައި ނުބައި ކަންތައްތަކާއި ފާހިޝް އަމަލުތައް ގިނަވާ ކަމެކެވެ. މުސްލިމް މުޖުތަމައު ތަކުގައި މިފަދަ ނުބައި އާދަތައް މިއަދު ވަރަށް ގިނަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމެވެ. މި ކަމުގައި އެންމެ ހިތާމަ ކުރަން ޖެހޭ ކަމަކީ މި ނުބައި އަމަލު ކުރަމުން މިއަދު ގެންދަނީ އިސްލާމްދީން އެ ކަމަށް ހިތްވަރުދޭ ރަނގަޅު ކަމެއްގެ ނަމުގައި ކަމަށް ވާތީ އެވެ. އާދެ، ހަދިޔާގެ ނަމުގައި ކަމަށް ވާތީ އެވެ. އެހެން ކަމުން ހަދިޔާ އާއި ރިޝްވަތާ ދެމެދު ހުރި ފަރަގު ވަރަށް ރަނގަޅަށް މުސްލިމުންނަށް އެނގުމަކީ ލާޒިމު ކަމެކެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ރިޝްވަތަކީ މާތްﷲ ނަހީކުރައްވާފައިވާ ނުބައިކަން ބޮޑު ފާފަ އެކެވެ. މީސްތަކުންގެ މެދުގައި ބާތިލު ގޮތުގައި މުދާތައް ނުކެއުމަށް އަމުރު ކުރެއްވުމަށް ފަހު މާތްﷲ އަލްބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތުގައި ދެން އަންގަވަނީ ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި ހާކިމުންނަށް އެ މުދަލުން ބައެއް ނުދިނުމަށެވެ. ތަފްސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ ރިޝްވަތުގެ ވާހަކަ އެވެ. އަނެއްކޮޅުން ބަލާއިރު ރިޝްވަތަކީ ހަރާމް ގޮތުގައި މުދާ ކެއުމެވެ. އަލްމާއިދަތު ސޫރަތުގެ 62 ވަނަ އާޔަތުގައި ޔަހޫދީންގެ ތެރެއިން މުނާފިގުންގެ ނުބައި އަމަލުތައް ބަޔާން ކުރައްވަމުން އޭގެ ތެރޭގައި "ސުހުތު" ކެއުން ވެސް ބަޔާން ކުރައްވާފައި ވެ އެވެ. ތަފްސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ސުހުތަކީ ރިޝްވަތެވެ. ނުވަތަ ރިޝްވަތަކީ ސުހުތުގެ ބާވަތެކެވެ.

އިބްނު އުމަރު ރިވާކުރައްވާފައިވާ ހަދީސެއްގައިވާ ގޮތުން ސުހުތު ކައިގެން ހަށިގަނޑުގައި ޖަހާފައިވާ މަހަށް އެންމެ އައުލާކަން ބޮޑުވެގެން ވަނީ ނަރަކައިގެ އަލިފާނެވެ. ސުހުތަކީ ކޮބައިތޯ ސުވާލު ކުރެވުމުން ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވީ އެއީ ހުކުމް ކުރުމުގައި ރިޝްވަތު ކެއުން ކަމުގަ އެވެ. މީގެ އިތުރުން ސައްހަ މަގުން ރިވާވެގެންވާ އެހެން ހަދީސެއްގައި ނަބިއްޔާ ﷺ ބަޔާން ކުރައްވަނީ ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާ އާއި އެ ކަމުގައި މެދުވެރިއަކަށްވާ މީހާ އަށް ވެސް މާތްﷲ ލައުނަތް ލައްވަވާނެ ކަމަށެވެ.

ޔަހޫދީންގެ އަތުން ޖިޒީ ނެންގެވުމަށް އަބްދުﷲ ބުނު ރަވާހަތު ފޮނުވުނު ހިނދު ޔަހޫދީން ރަވާހަތުގެފާނަށް ރިޝްވަތު ހުށަހެޅި އެވެ. އެ ހިނދު އެކަލޭގެފާނު ވިދާޅުވީ "ތިޔަބައިމީހުން ތިޔަ ހުށަހަޅާ ރިޝްވަތަކީ ސުހުތެވެ. ތިމަން ބޭކަލުން ސުހުތު ކައި ނޫޅެމު އެވެ."

ރިޝްވަތަކީ މިފަދަ ބޮޑު ފާފައެއް ކަމުގައި އިސްލާމް ދީން ބަލަނީ މީގެ ސަބަބުން މުޖުތަމައު ފަސާދަވާތީ އެވެ. ދޮގު ހެދުމާއި މަކަރު ހެދުމާއި އޮޅުވާލުން ފަދަ ކަންކަމަށް މަގުފަހިވާތީ އެވެ. އެއީ ވަކި ބަޔަކަށް ނުހައްގުން ކަންކަން ކޮށްދިނުމާއި އަދުލު އިންސާފު ނެތި ދިއުމާއި މީސްތަކުންގެ ހައްގުތަކަށް އަރައިގަތުން އޭގައި އެކުލެވޭ ކަމަކަށް ވާތީ އެވެ. މި ކަންކަމުގެ އިތުރުން އާންމު އަހުލާގު ފާސިދުވެ މީސްތަކުންގެ ޒަމީރުތައް ހަރާބުވާ ކަމަކަށް ވާތީ އެވެ.

އިމާމް އަޒާލީ ވިދާޅުވާ ގޮތުގައި ވެރިންނާއި ގާޒީންނަށް ދެވޭ ހަދިޔާގައި އެ މީހުންގެ ކިބައިން އެ ބާރުތައް އަޒުލު ކުރެވޭ ހިނދެއްގައި އެ ހަދިޔާ ލިބޭނެތޯ ނުވަތަ ނޫންތޯ ޝައްކުވާ ހާލަތްތަކުގައި އެ ހަދިޔާ އަކީ ރިޝްވަތުގެ ޝުބުހާ އޮންނަ އެއްޗެކެވެ. އެހެންކަމުން އެއިން ދުރުހެލިވާން ޖެހޭނެ ކަމަށެވެ.

އިހުގެ ފިގުހު ފޮތްތަކުގައި ރިޝްވަތަކީ ކޮބައިކަން ބަޔާން ކުރައްވަމުން އިލްމުވެރިން ވިދާޅުވަނީ އެއީ ތިމާ ބޭނުންވާ ގޮތަށް ހުކުމެއް ނިންމުމަށް ނުވަތަ ބޭނުންވާ ގޮތަށް މައްސަލަ އަނބުރާލުމަށް ހާކިމަށް ނުވަތަ އެ ކަމުގައި ބާރެއް ލިބިގެންވާ ފަރާތަކަށް ދޭ މުދަލެއް ކަމަށެވެ. މި ތަނުގައި ރިޝްވަތު ގުޅުވާލާފައި އެ ވަނީ ހުކުމް ކުރުމުގައި ހާކިމަށް ނުވަތަ ގާޒީ އަށް ދޭ އެއްޗެއްގެ ގޮތުގަ އެވެ. ރިޝްވަތުގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ރިޝްވަތަކީ އެއީ ކަމުގައިވީ ނަމަވެސް ރިޝްވަތަކީ ހަމައެކަނި ފަނޑިޔާރުގެތަކުން ނިންމާ މައްސަލަތާ ގުޅުން ހުރި އެއްޗެއް އެކަންޏެއް ނޫނެވެ. ހައްގު ނޫން ކޮންމެ އެއްޗެއް ނުވަތަ ކަމެއް ހޯދައިގަތުމަށް ނުވަތަ ފަހުން ލިބެންޖެހޭ އެއްޗެއް ކުރިން ހޯދައިގަތުމުގެ ބަދަލެއްގެ ގޮތުގައި ދެވޭ ކޮންމެ އެއްޗެއް ވެސް ވާނީ ރިޝްވަތަށެވެ. މިސާލަކަށް ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވަކި މީހަކަށް ފުރުސަތެއް ދިނުމަށް ހަދިޔާގެ ނަމުގައި ދޭ ތަކެއްޗެވެ.

ރިޝްވަތާއި ހަދިޔާއާ މިއީ މުޅިން ތަފާތު ދެ އެއްޗެކެވެ. ރިޝްވަތަކީ ހަރާމް އެއްޗެކެވެ. ނަމަވެސް ހަދިޔާ އަކީ ހަލާލު އެއްޗެކެވެ. އެހެނީ ހަދިޔާ އަކީ އެކުވެރިކަމާއި އެކަކު އަނެކަކަށް އޮންނަ ލޯތްބާއި ގާތްގުޅުން ދެމެހެއްޓުމަށްޓަކައި ދެވޭ އެއްޗެކެވެ. އޭގައި ހައްގު ނޫން ގޮތުގައި ހުކުމެއް ކުރުމެއް ނުވަތަ ހައްގު ނޫން ކަމެއް ކޮށްދިނުމެއް ނުވަތަ ފަސްކުރަންޖެހޭ ކަމެއް އިސްކުރުމެއް ނުވަތަ އިސްކުރަން ޖެހޭ ކަމެއް ފަސްކުރުމެއް ފަދަ އެއްވެސް ކަމެއް ބަދަލެއްގެ ގޮތުގައި ކޮށްދިނުމެއް ނޯންނާނެ އެވެ.

ހަދިޔާ ދިނުމަށް ކީރިތި ރަސޫލާ ﷺ ވަރަށް ބޮޑަށް ބާރު އަޅުއްވަ އެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ އެއީ މީސްތަކުންގެ މެދުގައި ލޯބި އިތުރުވާނެ ކަމެއް ކަމަށް ވާތީ އެކަން ކުރުމަށެވެ. އަދި ހަދިޔާއެއްގެ ގޮތުގައި ކިތަންމެ އާދައިގެ އެއްޗެއް މީހަކު ދިން ނަމަވެސް އެ ރައްދު ނުކޮށް ހިފުމަށެވެ. ނަމަވެސް މި ކަމުގައި ވެރިންނާއި ގާޒީން އިސްތިސްނާ ވާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެ އެވެ. ހަދިޔާ އަކީ މީސްތަކުންގެ ހިތްތަކުން ހަސަދަ އާއި ރުޅިވެރިކަން ފިލުވައިލާ އެއްޗެއް ވެސް މެ އެވެ. ހަދިޔާ ދިނުމަކީ މިހާ ރަނގަޅު ކަމެއް ކަމުގައި ވިއަސް އެ ހަދިޔާގެ ބަދަލުގައި ބާތިލު ކަމެއް ކުރަން ޖެހޭ ނަމަ އެއީ ހަދިޔާއެއް ނޫނެވެ. އަދި ކިއެއްތަ، ހަދިޔާއެއްގެ ބަދަލެއްގެ ގޮތުގައި ތިމާ އަދާކުރަން ޖެހޭ ވާޖިބެއް އަދާކުރަން ޖެހޭ ނަމަވެސް އެއީ ހަދިޔާއެއް ނޫނެވެ. އެ ވާނީ ރިޝްވަތަށެވެ. އެ އަށް ހަދިޔާ އޭ ނުވަތަ ސަޔެކޭ ކިޔަސް ނުވަތަ އެހެން ކޮންމެ ނަމެއް ކިޔަސް އެ ވާނީ ހަމަ ރިޝްވަތަށެވެ.

ރިޝްވަތާއި ހަދިޔާގެ ފަރަގު ވަރަށް ސާފުކޮށް ކީރިތި ރަސޫލާ ﷺ ގެ ހަދީސަކުން ދޭހަވެ އެވެ. އެއީ އަޒަދު ގަބީލާގެ މީހުން އަތުން ޒަކާތް ނަންގަވަން އެކަލޭގެފާނު ވެރިޔަކު ފޮނުއްވެވި ހިނދު އެ ބޭކަލަކު ޒަކާތް ޖަމާކުރައްވައި، ގެންނެވި މުދަލުގެ ތެރެއިން "މިއީ ތިމަންނާ އަށް އެ މީހުން ދިން އެއްޗެކޭ" ވިދާޅުވެ ބައެއް ނެންގެވުމުން ކީރިތި ރަސޫލާ ކޯފާވެވަޑައިގެން ވިދާޅުވި ބަސްފުޅެވެ. އެކަލޭގެފާނު ހަދީސް ކުރެއްވީ "އޭނާ އޭނާގެ މަންމަގެ ގޭގައި އިން ނަމަ އެމީހުން އައިސް އޭނާ އަށް އެ ބައި ދޭނެ ހެއްޔޭ" އެވެ. މި ހަދީސްގެ މައްޗަށް ބިނާކޮށް އިމާމް އަޒާލީ ވިދާޅުވަނީ ހަދިޔާ އާއި ރިޝްވަތު ވަކި ކުރުމަށްޓަކައި ބަލާނީ ވެރިކަމެއް ނުވަތަ ހުކުމެއް ކުރުމުގެ ބާރެއް ލިބިފައިވާ މީހެއްގެ ކިބައިން އެ ބާރު ނެތިދާ ހިނދެއްގައި ވެސް ލިބެމުންދާ ނުވަތަ ލިބިދާނެ ހަދިޔާއެއް ކަމަށް ވޭތޯ އެވެ. އެހެން ކަމަށް ވާނަމަ އެއީ ހަދިޔާ އެއް ކަމަށެވެ. އެހެން ނޫން ނަމަ އެއީ ރިޝްވަތު ކަމަށެވެ. މާނައަކީ އެ ހަދިޔާ އަކީ އެއްގޮތަކަށް ވެސް ވެރިކަމެއްގެ ނުވަތަ ބާރެއްގެ ބޭނުން ހިފައިގެން ނާޖާއިޒު މަންފާއެއް ލިބިގަތުމަށް ދިން އެއްޗެއް ކަމުގައި ނުވާ ނަމަ އެއީ ހަދިޔާ އެކެވެ.

ހައްގު ނޫން ކޮންމެ އެއްޗެއް ނުވަތަ ކަމެއް ހޯދައިގަތުމަށް ނުވަތަ ފަހުން ލިބެންޖެހޭ އެއްޗެއް ކުރިން ހޯދައިގަތުމުގެ ބަދަލެއްގެ ގޮތުގައި ދެވޭ ކޮންމެ އެއްޗެއް ވެސް ވާނީ ރިޝްވަތަށެވެ. މިސާލަކަށް ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވަކި މީހަކަށް ފުރުސަތެއް ދިނުމަށް ހަދިޔާގެ ނަމުގައި ދޭ ތަކެއްޗެވެ.

މި މޭރުމުން ބަލާއިރު ކޮންމެ މީހަކަށް ވެސް ހަދިޔާ ދެވިދާނެ އެވެ. ނަމަވެސް ގާޒީންނާއި ވެރިންނަށް ދޭ ހަދިޔާ އެއީ ރިޝްވަތު ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެ އެވެ. އުމަރުބުނު އަބްދުލް އަޒީޒަށް ހަދިޔާއެއް އެރުވި ހިނދު އެ ރައްދު ކުރެއްވުމުން އަރިހުގައި ތިއްބެވި ބޭފުޅުން ވިދާޅުވީ ކީރިތި ރަސޫލާ ﷺ ވެސް ހަދިޔާ ގަބޫލު ކުރައްވާ ކަމަށެވެ. އެ ހިނދު އުމަރު ބުނު އަބްދުލްއަޒީޒު ވިދާޅުވީ ކީރިތި ރަސޫލާ އަށް އޭރު އެއީ ހަދިޔާއެއް ކަމަށެވެ. ނަމަވެސް ތިމަންނާ އަށް މިހާރު މިއީ ރިޝްވަތު ކަމަށެވެ. އިމާމް އަޒާލީ ވިދާޅުވާ ގޮތުގައި ވެރިންނާއި ގާޒީންނަށް ދެވޭ ހަދިޔާގައި އެ މީހުންގެ ކިބައިން އެ ބާރުތައް އަޒުލު ކުރެވޭ ހިނދެއްގައި އެ ހަދިޔާ ލިބޭނެތޯ ނުވަތަ ނޫންތޯ ޝައްކުވާ ހާލަތްތަކުގައި އެ ހަދިޔާ އަކީ ރިޝްވަތުގެ ޝުބުހާ އޮންނަ އެއްޗެކެވެ. އެހެންކަމުން އެއިން ދުރުހެލިވާން ޖެހޭނެ ކަމަށެވެ.

އިންތިހާބު ތަކާ ގުޅުވައިގެން ހަދިޔާ ދިނުމަކީ ވަރަށް ގިނަބަޔަކު ގެންގުޅޭ އާދަ އެކެވެ. އެކަމަކު، އެ ހަދިޔާ ދެނީ އޭގެ ބަދަލެއްގެ ގޮތުގައި އެ މީހަކަށް ވޯޓު ދޭން ކަމަށް ވާ ނަމަ (އެ މީހަކީ ވޯޓު ލިބުން އެންމެ ހައްގު މީހާ ކަމުގައި ވިއަސް) އެ ހަދިޔާ އަކީ ރިޝްވަތެވެ. ރިޝްވަތަކަށް ނުވާނީ ވޯޓާ ގުޅުވުމެއް ނެތި އިންތިހާބަށް ކުރިމަތި ލިޔަސް ނުލިޔަސް ވޯޓު ދިނަސް ނުދިނަސް ދާއިރާގެ ރައްޔިތުންނާ މެދު އޮންނަ އެކުވެރިކަމާއި ގާތްގުޅުން ކަށަވަރު ކުރުމަށްޓަކައި އަބަދުވެސް ހަދިޔާދޭ އުސޫލުން ދޭ ހަދިޔާއެއް ކަމަށް ވާ ނަމަ އެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި މި ކަން އޮޅުވާލައި ހަދިޔާގެ ނަމުގައި ރިޝްވަތު ދެމުން ދިއުމެވެ. ވީމާ ރިޝްވަތުގެ ނުބައި ފާފަ އިން އެންމެން ދުރުހެލިވުމަށްޓަކައި ރިޝްވަތާއި ހަދިޔާގެ ފަރަގު ކޮންމެހެން ދެނެގަންނަން ޖެހެއެވެ. އަދި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުން ދުރުހެލިވެ ﷲ އަށް ބިރުވެތިވާން ޖެހެ އެވެ.

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކރިކީލަ

12 September 2023

އިންތިޚާބަށް ދެ ހަފަތާއަށްވީމަ 50 ބިލިޔަން ރުފިޔާގެ ބިން ސަރުކާރަކުން ވަކިބަޔަކަށް ޚާއަސަކޮށް ބަހާލުން އެއީ ރިސްވަތުތޯ؟ ނޫނީ ހަމަ އިސްލާމީ ނަޒަރަކުން ރައްތިޔުންނަށް ޓަކާ ސަރުކާރުން ކޮށްދެއްވާ ކަމެއްތޯ؟ ޑރ.ސައުދު މިކަން ސާފުކޮށްލަދެއްވަފާނަންތޯ؟

The name is already taken The name is available. Register?

ރައްޒާގު

21 August 2023

ވަކި މީހަކައް ތާއީދު ހޯދުމަށާއި ކެމްޕޭނު ކުރުމައް އުޖޫރަ އެއް ނެގުމުން, އެ ލިބޭ އުޖޫރަ ވާނެތޯ ރިޝްވަތަށް? ޖަވާބު ދެއްވުން އެދެން ޢިލްމުވެރިޔެއްގެ އަރިހުން

The name is already taken The name is available. Register?

ސުލްހައިގެއަލީ

18 August 2023

ރިޝްވަތުހޯދަން ދެނީ ހަދިޔާ.

The name is already taken The name is available. Register?

ރ. ޔާމީން ވެސް ވިދާޅުވަނީ ހަދިޔާ ލިބުނުކަމަށް

18 August 2023

ވިޔަފާރިވެރިން ކެމްޕެއިނަށް ޚަރަދު ކުރުމަށް އެމަނިކުފާނަށް ހަދިޔާގެ ގޮތުގައި ފައިސާ ދެއްވި ކަމަށް ރ. ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ. އެ ވެރިކަމުގައި މެޑަމް ފާތުންގެ ޞަދަޤާތް ފައުންޑޭޝަނުން ކަންތައްތަކެއް ކޮށްދެއްވަމުން ގެންދެވި އެވެ. އެފައުންޑޭޝަނަށް ފައިސާ ވަންނަ ގޮތެއް ހާމައެއް ނުކުރައްވައެވެ. އެވެރިކަން ނިމުމާއިއެކު ޞަދަޤާތް ފައުންޑޭޝަންގެ އަޑުވެސް އެއްކޮށް ކެނޑިއްޖެއެވެ. ނަމަވެސް މިކަންކަމުން ޢިބްރަތް ލިބޭނީ ވިސްނައިފި ވަޔަކަަށެވެ.

The name is already taken The name is available. Register?

ސަރަގު

18 August 2023

ރިޝްވަތު ހިފިޔަސް ވޯޓް ދޭންވާނީ ގައުމަށްޓަކައި ބޭރުގެ ނުފޫޒާއި ދެކޮޅަށް

The name is already taken The name is available. Register?

އާދަނު

18 August 2023

ބޭރުނުފޫޒު އޮތީ ގޭތެރޭގައި. ދަރިންގެ ކަންތައް ބަލަހައްޓަނީ ބޭރުމީހުން. ފޮޅައި ސާފުކުރަނީ އެމީހުން. ކައްކައި ކާންދީ ހަދަނީ އެމީހުން. ބާޒާރު ކުރަނީ އެމީހުން. އެކަންކަން ރަނގަޅުކޮށްފަ އެހެން ވާހަކަދައްކަން ވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454