ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު.
20 އޯގަސްޓް 2023 - 17:13
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ކުރިން އިއުލާން ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
މުއިއްޒަށް ކެމްޕޭން ކޮށްދެއްވުމުގެ ފުރަތަމަ ދަތުރުގައި މުނައްވަރާއި އޭނާގެ ޓީމު މުއިއްޒާ އެކު މާދަމާ އައްޑު އަށް ވެސް ވަޑައިގަންނަވާނެ އެވެ.
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން އުޅުއްވުމަށް ފަހު، އެ ވިސްނުން ދޫކޮށްލައްވައި މި ފަހަރު ކުރިމަތިނުލައްވަން ނިންމެވި، އައްޑޫ މީދު އަށް އުފަން މުނައްވަރު، މުއިއްޒަށް ތާއިދުކުރައްވަން ނިންމެވިކަން އޭނާ "މިހާރު" އަށް މިއަދު ކަށަވަރުކޮށްދެއްވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 10 އަހަރު ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި މުނައްވަރު ވިދާޅުވި ގޮތުގައި، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ބޭފުޅެއް ކަމަށް އޭނާއަށް ފެނިވަޑައިގަންނަވަނީ މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒެވެ.
މުނައްވަރަކީ ޕީޕީއެމާ އެކު، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ން ނިންމި ނިންމުމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ ވެސް މެ އެވެ. މުއިއްޒަށް ތާއިދު ކުރައްވަން މުނައްވަރު ނިންމެވި އެއް ސަބަބަކީ ވެސް އެއީ އެވެ.
"ވާ ގޮތަކީ މިހާރު އަޅުގަނޑަށް މުހިންމީ ގައުމީ މައްސަލަތައްތާ. އޭގެ ތެރެއިން، އެންމެ ބޮޑު މައްސަލައަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލައިގެން މި ވެރިން އުޅޭ މައްސަލަތާ. ދެން އެއާ ގައުމުގެ އެހެން މައްސަލަތަކަށް ބަލާއިރު ކަންކަން ކުރެވޭނީ ހަމައެކަނި، ކަނޑުގެ މައްސަލާގައި ވެސް އަޅުގަނޑުމެންނާއެކު މަސައްކަތްކުރި ޕީޕީއެމް/ޕީއެންސީ އަށް ކަމަށް ވާތީ، އެ މީހުން އެކަން ކުރާނެ ކަން އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީން،" މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވި ސަބަބާ ގުޅޭ ގޮތުން މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވަނީ 2007 ގައި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. ފަހުން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެ ޕާޓީން ވަކިވެ، ދެން ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެން މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވި އެވެ. އެކަމަކު ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލީ އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން މުނައްވަރު ފަހުން ނިންމެވީ، މި ހާލަތުގައި އޭނާގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ މާހައުލެއް އޮތް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވެ އެވެ.
"ކުޅޭކުޅޭ ކަމަކަށް ނޫން އަޅުގަނޑުމެން މިކަމަށް މި މަސައްކަތްކުރީ، ވަރަށް ސީރިއަސްކޮށް ވަރަށް ގިނަ ސިޔާސަތުތަކަކާ އެކު ރައްޔިތުންނަށް ހައްލުތަކެއް ހޯދައިދޭން، އެކަމަކު އެކަންކަން ރައްޔިތުންނަށް ރަނގަޅަށް ކޮމިއުނިކޭޓް ކޮށްދެވޭނެ މާހައުލެއް ނެތް،" އޭނާ "މިހާރު" އަށް ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
23 August 2023
ޑރ. މުނައްވަރަކީ ކޮން ބޭފުޅެއްކަން، ކޮންމެވެސް ބޭފުޅަކު ސާފުކޮށްދެއްވައިފިއްޔާ ރަނގަޅެވެ.
އާދަނު33
21 August 2023
މިދެން ކާކު... އުރަތްޕެއް ހުރިމީހެއްނޫން. ވައި އަނގަތަޅާމީހެއް.
ރަދީފު ބިން ރަފައިދާ
21 August 2023
މުއިއްޒުގެ ފަރާތުން ޗާގޯސްގާ ހުންނަ ގަވަރުނަރަކަށް ވާނީ މުނައްވަރު.
ޅޯޔާ
21 August 2023
އަންނި ފޮނުވި ސްޕައިއެއް ތިއީ!
ސީޒަނަލް ފުލޫ
21 August 2023
ދެން މުއިއްޒުގެ އޮޑީގެ މިސްރާބު ބަދަލުވެ ދަތުރު ކުރާނީ ޗާގޮސް އާ ދިމާލަށް
އިބިރަހިމާ
21 August 2023
ގައިމު ބުނި ތިމައްނާ އެއްވެސް މީހެއްގެ ފަހަތަކަށް ނާރާނަމޭ. އެއްވެސް ޕާޓީ އަކާއެކު ކޯލިޝަނެއްވެސް ނުހަދާނަމޭ. މިހާރު ކޮނތާކު މިޖެހުނީ؟
އިހުސާން
21 August 2023
ރައީސް ޔާމިންއަށް އަބަދު ވަގަށްގޮވަގޮވާހުންނަމީހެއް ތި މުނައްވަރަކީ. މަށެއް ދެނެއް މުއިއްޒުއަކަށް ވޯޓެއްވެސް ނުދޭނަން
އަދާލަތު
21 August 2023
ޑޜ މުނައްވަރަކީ، ޤައުމުދެކެ ލޯބިވާ ބޭފުޅެއް. އިޚުލާޞްތެރިެއް. ސާބަސް މުނައްވަރު
ހާތްތެރި
20 August 2023
ތިހޮވުނީ
އެސްޓްރޮނޯޓް
20 August 2023
ދެން މިޓީމަށް ޕްރޮފެސާ އުގެއިލްވެސް ގެނޭ. އޭރުން މި 5 އަހަރުތެރޭ ފުރަތަމަ ރޮކެޓް ހަނދަށް ފޮނުވާލެވޭތޯ ބަލޭނެ. ހަނދުންވެސް ވާނެދޯ ގޯތިކަނޑޭތޯ ބަލަން.
ގެދާށޯމޮސް
21 August 2023
މަތީތަޢުލީމު ދޭން ވެރިޔަކު އެބަވޭ ދުނިޔެއިން ބޭރަށް ފޮނުވާފަ ފަހަރުގަ ވެދާނެ އެކޮޅުގަ.....ދޯ