ޓައެކްވޮންޑޯ އިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން؛ ފާތިމަތު އިބްރާހިމް (ކ)، ފަޒީލް (މ) އަދި ޖަންނަތު (ވ)، ފާތިމަތު ވަނީ ދެ މެޑަލް ހޯދާފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ
27 އޯގަސްޓް 2023 - 21:50
ބައިނަލްއަގުވާމީ މައިދާނުގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކުރާ ގައުމީ ޓައެކްވޮންޑޯ ޓީމުން މިހާރު މަޑަގަސްކަރައިގައި ކުރިއަށްދާ 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ހަތަރު މެޑަލް ހޯދައިފި އެވެ.
ރާއްޖޭގެ ޓައެކްވޮންޑޯ ޓީމުން ވަނީ ދެ ރިހި މެޑަލް އާއި ދެ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
ޓައެކްވޮންޑޯ ޓީމުގައި ހިމެނޭ ރާއްޖޭގެ އަންހެން އެތުލީޓް ފާތިމަތު އިބްރާހިމް ވަނީ ރިހި މެޑަލް އަކާއި ބްރޯންޒެއް ހޯދައިފަ އެވެ.
ފާތިމަތު ރިހި މެޑަލް ހޯދީ އަންހެނުންގެ 53 ކިލޯގުރާމުން ދަށުގެ ކެޓެގަރީންނެވެ. ރަން މެޑަލް ހޯދީ ފައިނަލްގައި އޭނާއާ ވާދަކޮށް ދެ ބުރު ވެސް ގެންދިޔަ މަޑަގަސްކަރައިގެ ފެނީޓްރާ ރަންޑްރިއަމަޒަކާ އެވެ. ފާތިމަތު ބްރޯންޒް މެޑަލް ހޯދީ އަންހެނުންގެ 62 ކިލޯގުރާމުން ދަށުގެ ކެޓެގަރީންނެވެ.
ރާއްޖެއަށް ދެވަނަ ބްރޯންޒް މެޑަލް އެއް ހޯދައިދިނީ ވެސް އަންހެން އެތުލީޓެކެވެ. އަންހެނުންގެ 46 ކިލޯގުރާމުން ދަށުގެ ކެޓެގަރީން ބްރޯންޒް ހޯދީ ޖަންނަތު ޖަވާދެވެ.
ޓައެކްވޮންޑޯ އިން ރާއްޖެއަށް އިތުރު ރިހި މެޑަލް އެއް ހޯދައިދިނީ ފިރިހެނުންގެ 87 ކިލޯގުރާމުން ދަށުގެ ކެޓެގަރީން އަހުމަދު ފަޒީލް އެވެ. އޭނާއާވާދަކޮށް ރަން މެޑަލް ހޯދީ މަޑަގަސްކަރައިގެ ކަން ޖޯޑަން އެވެ.
ރާއްޖޭގެ ޓައެކްވޮންޑޯ ޓީމް، އޮލިމްޕިކް ކޮމިޓީގެ އިސްވެރިންނާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފާ އެކު.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ
ގައުމީ ޓައެކްވޮންޑޯ ޓީމުގައި ހިމެނޭ މުހައްމަދު ސައިފް ޝާން އަބްދުﷲ ވަނީ ފިރިހެނުންގެ 54 ކިލޯގުރާމުން ދަށުގެ ކެޓެގަރީގައި ވާދަ ކޮށްފަ އެވެ.
ފިރިހެނުންގެ 63 ކިލޯގުރާމުން ދަށުގެ ކެޓެގަރީގައި މުހައްމަދު ރޫދު އަހުމަދު ވަނީ ބްރޯންޒް މެޑަލްއަކާ ގާތަށް ގޮސްފަ އެވެ. ނަމަވެސް އެ މެޗުގައި އޭނާ ބަލިވީ ކޮމޮރޯސްގެ އަލީ އަހުމަދު އަތުންނެވެ.
ރާއްޖޭގައި މާޝަލް އާޓްސް ސެންޓަރެއް ރަސްމީކޮށް ހުޅުވީ 2020 ވަނަ އަހަރެވެ. މާޝަލް އާޓްސްގެ ކުޅިވަރުތަކުން މިވަނީ ހަތަރު އަހަރު ތެރޭ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަރުކޭސް
28 August 2023
ކޮބާ ބާސްކެޓް އާއީ ޓެނިސް . އެއީ ޝޮޕިންގކޮށްލަން ދިއަ ބައެއްތަ؟
މަނަވަރު
28 August 2023
“ސިޔާސީ” ކަންތައްތައް ކުޅިވަރުގެ ތެރެޔަށްވަނީމަ މިހެން މިވަނީ. ކުރިން ކާމިޔާބު ކުރެވުނު އެތަކެއް ކުޅިވަރަކުން މިހާރު ވަނީ ނާކާމިޔާބު!!! މިނޫން ގޮތެއްވަެތޯ އާ ހިތްވަރެއް ކުރަމާބަހީ!!!!
ބެލެނިވެރިން
28 August 2023
ބާސްކެޓް އަކީ އެޑަމް އާއި ވިޒުއްޕެގެ އަމިއްލަ އެއްޗެއް ،
ޢެމް ބީ އޭ
27 August 2023
ބާސްކެޓް ޓީމް ތައް ޗޮކުން ދިޔައީ ދެއްތޯ