ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރުމަށް ފަހު ރާއްޖޭގެ އަންހެން ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
28 އޯގަސްޓް 2023 - 10:08
ބައިނަލްއަގުވާމީ ފެންވަރުގައި މުޅިން އަލަށް ވާދަކުރާ ރާއްޖޭގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އަންހެން ޓީމު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ ގޭމްސްގައި އަންހެން ޓީމު ސެމީ ފައިނަލަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ.
ފުރަތަމަ މެޗުގައި ސީޝެލްސްއާ ވާދަކޮށް ރާއްޖެ މޮޅުވީ 14-7 ޕޮއިންޓުންނެވެ. ދެވަނަ މެޗުގައި މަޔޯޓްގެ މައްޗަށް ކުރިހޯދީ 13-10 އިންނެވެ.
އަންހެން ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ
އަންހެން ޓީމުގައި ހިމެނެނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީ އެވެ.
ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ފިރިހެން ޓީމު ވެސް ގޭމްސްގައި ވާދަކުރެ އެވެ. ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު (ހުވޭ) އަދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ.
ފިރިހެން ޓީމު ފުރަތަމަ މެޗުގައި 15-12 އިން ސީޝެލްސް ބަލިކުރި ނަމަވެސް، ދެވަނަ މެޗުގައި މަޔޯޓް އަތުން ބަލިވީ 21-16 އިންނެވެ.
މިއާ އެކު ފިރިހެން ޓީމު ވާދަކުރާނީ ކުއާޓާ ފައިނަލްގަ އެވެ. އަންހެން ސެމީ ފައިނަލާއި ފިރިހެން ކުއާޓާ ފައިނަލް މެޗު ވެސް މިއަދު އޮންނާނެ އެވެ.
އަންހެން ހޭންޑްބޯޅަ ޓީމުން އިއްޔެ ރީޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ރާއިފް ޔޫސުފް/ އެމްއޯސީ
ރާއްޖޭން މިފަހަރު އަލަށް ވާދަކުރާ ކުޅިވަރުތަކުގެ ތެރޭން ހޭންޑްބޯޅައިގެ އަންހެން ޓީމުން މިއަދު ވަނީ ގުރޫޕް ސްޓޭޖުގައި ފުރަތަމަ މެޗު ކުޅެފަ އެވެ.
އަންހެން ހޭންޑްބޯޅަ ޓީމުގެ ފުރަތަމަ މެޗުގައި ރީޔޫނިއަން އައިލްޑްސް އަތުން ބަލިވީ 45-8 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރާއްޖެއާ އަޅާބަލާއިރު ރީޔޫނިއަން ފެނުނީ މާ ވަރުގަދަ ޓީމެއްގެ ގޮތުގަ އެވެ.
ހޭންޑްބޯޅަ ފިރިހެން ޓީމު ވަނީ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިއަދު މޮރީޝަސްއާ ދެކޮޅަށް ކުޅެފަ އެވެ. މޮރީޝަސް އަތުން ބަލިވީ 28-21 އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy