ވެޓެރަންސް ކަޕްގައި މިއަދު ހަވީރު ވިކްޓަރީގެ އަހުމަދު ނިސާމް ކައިރިން ވެލެންސިއާގެ މައުސޫމް އަބްދުލް ގަފޫރު (މާސޭ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 ޖޫން 2016 - 21:18
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ވިކްޓަރީ އަތުން ފަސޭހަކަމާ އެކު 6-2 އިން ވެލެންސިއާ މޮޅުވެއްޖެ އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން، މިދިޔަ މަހު 25 ވަނަ ދުވަހު އަވަހާރަވި ކުޅިވަރުގެ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނުގައި ވަނީ އެއް މިނިޓްގެ ސުކޫތެއް ގެނެސްފަ އެވެ.
މިއަދުގެ މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ވެލެންސިއާ އިންނެވެ. އެ ޓީމުން ފުރަތަމަ ހާފް ނިންމާލީ ވެސް ތިން ލަނޑުން ކުރީގައި އޮވެގެންނެވެ. މުހައްމަދު ނިހާންގެ ލަނޑުން ލީޑު ނެގިއިރު އަނެއް ދެ ލަނޑު ކާމިޔާބުކުރީ އިސްމާއިލް މުހައްމަދު (އިއްސޭ)ގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ.
ވެލެންސިއާގެ މައުސޫމް އަބްދުލް ގަފޫރު (މާސޭ) (ވ) އަށް ވިކްޓަރީގެ އަހުމަދު މުޖުތަބާ (ފެސްކޯ) ފައުލުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ވަނަ ހާފްގައި ވެލެންސިއާގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ އައްސަދާއި މުހައްމަދު އަނިލް އަދި އިއްސޭ އެވެ. މީގެ އިތުރުން ވެސް ވެލެންސިއާ ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ.
ވިކްޓަރީގެ ދެ ލަނޑު ކާމިޔާބުކުރީ އަހުމަދު ޝަރީފާއި އަބްދުﷲ މުފީދެވެ. މި މެޗުގައި ވިކްޓަރީގެ އަހުމަދު ނާޝިދު (ނާދު) އާއި އަހުމަދު ޝާކިރު (ޝާކިއްޓޭ) ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ވެލެންސިއާގެ އައްސަދު އަށެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިންޓް ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބާ އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy