ކެމްޕެއިނަށް ރައީސް ލ. ކަލައިދުއަށް ވަޑައިގަތުމުން ސަލާންކުރަން ހުރި ކުޑަކުއްޖެއްގެ ތޮއްޕެއްގައި ސޮއިކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
28 އޯގަސްޓް 2023 - 18:58
ސަރުކާރުން ކުރިން އިއުލާންކޮށްފައިވާ ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނެ ތަނެއް އަދި ނިންމާފައި ނުވިޔަސް، ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ އެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ކެމްޕެއިނަށް ލ. ކަލައިދޫގައި މިއަދު ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، އެ އަތޮޅުގައި މަދުވެގެން އަދި އިތުރު އެއް އެއާޕޯޓް އަޅައިދޭނެ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ވެސް މިހާރު ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، އެ އެއާޕޯޓް އަޅާނީ އަތޮޅުގެ ކޮން ތަނެއްގައި ކަމެއް އަދި ނުނިންމަ އެވެ.
ކެމްޕެއިނަށް ރައީސް ލ. ކަލައިދުއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
"މި ސަރަހައްދުގެ އެންމެން ވެސް ބޭނުންވާ އެއް ކަމެއް އެއީ އެއާޕޯޓެއްގެ ވާހަކަ. އިސްދޫން ވެސް އަޅުގަނޑުމެންނަށް [އެ ވާހަކަ] އައިސްފައި އެބައޮތް. އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވިސްނައި އެއާޕޯޓެއް އަޅަން އެންމެ ރަނގަޅީ ކޮން ތަނެއްތޯ ބެލުމަށް ފަހު ލ. އަތޮޅުގައި އަދި އިތުރު އެއް އެއާޕޯޓް އެޅުން އެއީ އަޅުގަނޑުމެން ވާ ވައުދެއް،" ރައީސް ވިދާޅުވި އެވެ.
ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ކަން ރައީސް އެންމެ ފުރަތަމަ އިއުލާންކުރެއްވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިދިޔަ ޖެނުއަރީ މަހު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެ އަތޮޅުގައި މިހާރު ހިންގަމުން އަންނަ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަށް ބޭނުންވާ ބިން ހިއްކަން މި މަހު ވަނީ އެމްޓީސީސީއާ ވެސް ހަވާލުކޮށްފަ އެވެ.
ކަލައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އެ ސަރަހައްދުގައި ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރުމަށް ފޮނަގާދޫ ޓޫރިޒަމަށް ހުޅުވާލިކަން ފާހަގަކުރައްވައިފަ އެވެ. އަދި ކަލައިދޫގައި ސިޓީ ހޮޓަލެއް އަޅަން އަންނަ ދައުރުގައި ހުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ ސޯ
29 August 2023
ހަގީގަތުގަ އަންނި ކައިރީ ތިބޭނީ ހަގީގީ ސަޕޯޓަރުން އެމީހުން ނުގުޑާނެ. އިބޫ ކައިރީ ތިބޭނީ ކޮންމެވެސް ކަހަލަ މަންފާއެއް ލިބިފައިވާ މީހުން
ހުވާ
28 August 2023
ޔާﷲ މިގައުމައް ވެރިވެގަނެގެން ތިބި ހީލަތްތެރި ގައްދާރުންގެ ކިބައިން ގައުމު ސަލާމަތް ކޮށްދެއްވާށި. މި އިންތިހާބުގަަައި މިމީހުންބޮޑުތަނުން ބަލިކުރައްވައި ހެޔޮލަފާ ގާބިލް ފަރާތަކަށް ގަައުމުގެ ވެރިކަން ދެއްވާށި. އާމީން
މުޑަހަންޖާ
28 August 2023
ކޮންމެ އަތޮޅެއްގަ ހަތަރުފަސް އެއާޕޯޓު އަޅަމުންދާއިރު ކ.އަތޮޅުގަ އިތުރު އިންޓަނޭސަނަލް އެއާޕޯޓުތައް ނާޅަނީ ކީއްވެތަ، އަޅަން ކެރޭނެތަ.
ބޮޑުމީހާ
28 August 2023
މިހާރު އޮތް ކައްދޫ އެއާޕޯޓަށް އަންނަނީ ދުވާލަކު ދެތިން ފްލައިޓް. އަނެއްކާ އަނެއް ރަށުގަ އެއާޕޯޓް. ދިވެހިން ބޭނުންވެގެން މިއުޅެނީ އަގަޔާއި އަތާއި ދިމާނުވިޔަސް އެއާޕޯޓްބާ؟ އެއާޕޯޓަކަީ އެވަރަށް ޕަސެންޖަރުން ތިބިގެން، އެވަރަށް ފްލައިޓް އޮޕަރޭޓްކޮށްގެން ނީޑްބޭސްޑް ކޮށް ކުރެވޭ އިންވެސްޓްމަންޓްތަކެއް. މިގައުމުގަ މިވަނީ ދަރަނި ނަގައިގެން އެއާޕޯޓް.
އަފްރާސިޔާބު
29 August 2023
އެއަރޕޯޓް އަޅަންވީ. އެކަމަކު އެއަރޕޯޓުން އެތަނުގެ ޚަރަދު ތައް ކޮށްފައި ފޫބެއްދޭނަމަ. ދެން އެނޫން ގޮތަކަށް އަޅާނަމަ އަޅަންވީ ކޮންމެ މީހެއްގެ ގޭ ދޮރުމަތީގައި އައިސް ބޯޓު މަޑު ކޮށްލެވޭ ގޮތަށް.
އޮނަރަބްލް އަފީފު ދީދީ
28 August 2023
އެއަރޕޯޓް އެޅުމުގެބަދަލުގައި ގެއްލުންނުވެ ދެމެހެއްޓެނިވިގޮތަކަށް ޑޮމެސްޓިކް އެއަރޕޯޓްތަކާއި ޤައުމީ އެއަރލައިން ހިންގުމަށްޓަކާ ކައްދޫއެއަރޕޯޓަކީ ޤައުމީއެއަރލައިންގެ މެއިން ހަބްކަމުގައި ކަޑައަޅާބަލަ. # އަދި މާލެއިން ހަނިމާދުއާއި ގޭންއެއަރޕޯޓަށް މޯލްޑިވިއަންގެ A-321 ޑެއިލީ ޝެޑިއުލްކޮށް، ހަނިމާދުއާއި ގޭންއެއަރޕޯޓުން ޑޮމެސްޓިކް މަންޒިލްތަކަށް ކުޑަބޯޓްތައްބޭއްވީމަ އޮޕަރޭޝަނަލް ކޮސްޓްކުޑަވެ މިބަދަލުން މާލޭއެއަރޕޯޓް ޓްރެފިކަށާއި ޕާކިންގް އަށް ލުއިލިބޭނެ.