ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ޔޫވީ ބަލިކޮށް ސަސް ތިންވަނައިގައި ވިއްދައިފައި

ސަސްގެ ދެވަނަ ގޯލު ޖެހުމަށް ފަހު ކުޅުންތެރިން އުފާފާލު ކުރަނީ.-- ފޮޓޯ: އެފްއޭއެމް

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު ދިވެހި ޕްރިމިއާ ލީގު މެޗު 2-0 އިން ރޭ ކާމިޔާބު ކޮށްފި އެވެ.

ސަސް އަކީ ލީގުގައި އެންމެ ވަރުގަދަކޮށް ފެންނަ މާޒިޔާ ސްޕޯޓްސް އާއި ކްލަބް އީގަލްސް އާ އެންމެ ވާދަކުރާ ޓީމެވެ. ލީގު ފުރަތަމަ ބުރުގައި ސަސް އަށް ޕޮއިންޓު ގެއްލުނީ މާޒިޔާ އާއި އީގަލްސް އަތުން ބަލިވެގެންނެވެ.

ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވި މެޗަށް ފަހު ސަސް މިވަނީ އަނެއްކާވެސް ލީގުގައި މޮޅެއް ހޯދައި، ތިންވަނައިގައި ވިއްދައިފަ އެވެ.

ލީގުގައި މިރޭ ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ފަސްވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބް ކުޅޭ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތަސް ސަސްގެ މަގާމަށް ބަދަލެއް ނާންނާނެ އެވެ.

ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: އެފްއޭއެެމް

މިރޭގެ މެޗަށް ފަހު ދެ މަހަށް ލީގު މެދުކަނޑާލާއިރު، ލީގު އެއްވަނައިގައި އޮތީ ނުވަ މެޗުން 23 ޕޮއިންޓް ހޯދާފައިވާ އީގަލްސް އެވެ. މާޒިޔާ ދެވަނައިގައި އޮތީ އަށް މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ސަސް އަށް ވަނީ 10 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ.

ސަސްގެ އެންމެ ފަހު ދެ މެޗުގައި ވެސް ކޮންމެވެސް ވަރެއްގެ އަނިޔާއަކާ އެކު ކުޅުނު ފޯވާޑް އަހުމަދު ހުސާމް (ހުސާންކޮ) ގެ ބަދަލުގައި ތޭގެ މެޗުގައި ކުޅުނީ އިބްރާހިމް އަތީގު ހަސަން (އިއްބެ) އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ 30 ވަނަ މިނިޓުގައި ސަސް އިން ލީޑު ނެގީ އަހުމަދު ހަމީދު ކާމިޔާބުކުރި ގޯލުންނެވެ. ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި ލީޑު ފުޅާކުރީ އަތީގު ކާމިޔާބުކުރި ގޯލުންނެވެ.

ޔޫވީގެ ޝަނާން، ސަސްގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އެފްއޭއެެމް

މީގެ އިތުރުން ވެސް އަތީގަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު އައިހަމް (ފަތޯ) އާއި މުހައްމަދު ޝަހާއު (ބޭލް) ފޮނުވާލި ހަމަލާއެއް ޔޫވީގެ ޒުވާން ކީޕަރު މުހައްމަދު ޔާމީން ދިފާއުކުރިއިރު ޝަހާއު ފޮނުވާލި ހިލޭޖެހުމެއް ވަނީ ގޯލުހުރަސް ދަނޑީގައި ޖެހިފަ އެވެ.

މެޗުގެ ކުރީކޮޅު ސަސް އިން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް މެޗުގެ ފަހުކޮޅު ޔޫވީގެ ކުޅުންތެރިން ވަނީ ސަސްގެ ޑިފެންސަށް ބާރު ބޮޑުކޮށްފަ އެވެ. އެގޮތުން އުންމީދީ ފޯވާޑް ޝަނާން ރަޝާދު ފޮނުވާލި ހަމަލާ ކީޕަރު އަބްދުﷲ ޒިމާމް ދިފާއު ކުރިއިރު ބަދަލުކުޅުންތެރިޔާ މުހައްމަދު އިޔާން ހަސަން ފޮނުވާލި ރީބައުންސް ބޯޅަ ވެސް ޒިމާމް މަތަކުރި އެވެ.

މީގެ އިތުރުން ވެސް ސަސްގެ ހަތަރުވަރަކަށް ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއިން ޝަނާން ހޯދި ފުރުސަތުގެ ބޭނުން ނުކުރެވުނު މުހައްމަދު ރީހާން އޭރިއާ ބޭރުން ފޮނުވީލި ހަމަލާ ކީޕަރު ޒިމާމް ދިފާއު ކުރި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454