ކުޅިވަރު / އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ޓައެކްވޮންޑޯގެ ފާތިމަތަށް އަނެއްކާވެސް ބްރޯންޒެއް

އިއްޔެ އޮތް ޕޫމްސޭ އިވެންޓުގެ ލޯ މެޑަލް ހޯދި ރާއްޖޭގެ ފާތިމަތު.-- ފޮޓޯ: ރާއިފް ޔޫސުފް/ އެމްއޯސީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މުޅިން އަލަށް ރާއްޖެ ތަމްސީލުކުރާ ޓައެކްވޮންޑޯ ޓީމުގައި ހިމެނޭ އަންހެން އެތުލީޓް ފާތިމަތު އިބްރާހިމް، ޕޫމްސޭ އިވެންޓުގައި ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ފާތިމަތު، ޕޫމްސޭ އިވެންޓުން ބްރޯންޒް މެޑަލް ހޯދީ އަންހެނުންގެ 40 އަހަރުން ދަށުގެ ކެޓެގަރީގައި ވާދަކޮށްގެންނެވެ.

ޕޫމްސޭ އިވެންޓުގައި ފިރިހެނުންގެ 40 އަހަރުން ދަށުގެ ކެޓެގަރީގައި އަހުމަދު ފަޒީލް ވާދަ ކޮށްފައި ވާއިރު، ފިރިހެނުންގެ 30 އަހަރުން ދަށުގެ ބައިގައި ވާދަކުރީ މުހައްމަދު ސައިފްޝާން އަބްދުﷲ އެވެ.

ޕޫމްސޭ އިވެންޓުގެ ލޯ މެޑަލް ހޯދި ފާތިމަތާ އެކު ކޯޗު ކިނާން އަދުނާން.-- ފޮޓޯ: ރާއިފް ޔޫސުފް/ އެމްއޯސީ

ފާތިމަތު ވަނީ ޕޫމްސޭ އިވެންޓުން ހޯދި މެޑަލް އާއެކު އިތުރު ދެ މެޑަލް ހޯދައިފަ އެވެ. އެއީ އަންހެނުންގެ 53 ކިލޯގުރާމުން ދަށުގެ ކެޓެގަރީން ރިހި މެޑަލް އަކާއި އަންހެނުންގެ 62 ކިލޯގުރާމުން ދަށުގެ ކެޓެގަރީން ބްރޯންޒް މެޑަލް އެކެވެ.

މުޅިން އަލަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާ ޓައެކްވޮންޑޯ ޓީމު ވަނީ މަޑަގަސްކަރާގައި ޖުމްލަ ފަސް މެޑަލް ހޯދައިފަ އެވެ.

ފާތިމަތު ހޯދި ތިން މެޑަލްގެ އިތުރުން އަންހެނުންގެ 46 ކިލޯގުރާމުން ދަށުގެ ކެޓެގަރީން ޖަންނަތު ޖަވާދު ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އަދި ފިރިހެނުންގެ 87 ކިލޯގުރާމުން ދަށުގެ ކެޓެގަރީން ފަޒީލް ވަނީ ރިހި މެޑަލް އެއް ހޯދައިފަ އެވެ.

ސްވިމިންގައި 400 މީޓަރު މެޑްލޭ ރިލޭ އިން ދެ ޓީމަށް ގައުމީ ރެކޯޑެއް

ސްވިމިންގައި ރާއްޖޭން ވަނީ 400 މީޓަރު އަންހެން އަދި ފިރިހެން މެޑްލޭ ރިލޭ އިވެންޓުގައި ވެސް ގައުމީ ރެކޯޑް އާކޮށްފަ އެވެ.

އަންހެނުންގެ 400 މީޓަރު މެޑްލޭ ރިލޭ އިވެންޓުގައި ފެތީ އައިޝަތު ސައުސަން، ޒައިނަބް އަބްދުﷲ ޝަފީގު، ހަނާން ހުސެއިން ހަލީމް އަދި މެރާލް އައިން ލަތީފް އެވެ. މި ޓީމުން ގައުމީ ރެކޯޑް އާކުރީ ފަސް މިނިޓް 15.09 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފިރިހެނުންގެ 400 މީޓަރު މެޑްލޭ ރިލޭ އިވެނޓުގައި ފަތާފައި ވަނީ އަލީ އިމްއާން، މުބާލް އައްޒާމް އިބްރާހިމް، މުހައްމަދު ރިހާން ޝިހާމް އަދި މުހައްމަދު އާން ހުސެއިން އެވެ. ފިރިހެން ޓީމުން ގައުމީ ރެކޯޑް އާކުރީ ހަތަރު މިނިޓް 29.42 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުރަތަމަ ދުވަހުގެ ފެތުމުގެ އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: ރާއިފް ޔޫސުފް/ އެމްއޯސީ

އިއްޔެ އޮތް އިތުރު އިވެންޓްތަކަށް ބަލައިލާއިރު ފިރިހެނުންގެ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ފައިނަލްގައި އިމްއާން ވާދަކުރި އެވެ. ފައިނަލްގައި އޭނާ ފެތީ ދެ މިނިޓް 27.83 ސިކުންތުންނެވެ. ޕްރިލިމިނަރީގައި އޭނާ ވަނީ ދެ މިނިޓް 27.80 ސިކުންތުން ފަތައިފަ އެވެ. އޭނާއާ އެކު ޕްރިލިމިނަރީގައި ފެތި އަހުމަދު ނީގް ނިޔާޒް ރޭސް ނިންމީ ދެ މިނިޓް 39.37 ސިކުންތުންނެވެ.

އަންހެނުންގެ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ފެތި މެރާލްގެ ޓައިމިންއަކީ ދެ މިނިޓް 55.93 ސިކުންތެވެ.

އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކުރި ސައުސަންގެ ޓައިމިންއަކީ ތިން މިނިޓް 1.85 ސިކުންތެވެ. އަދި ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންތުގައި ފެތި އިމްއާންގެ ޓައިމިންއަކީ ދެ މިނިޓް 29.75 ސިކުންތެވެ.

މުޅިން އަލަށް ގޭމްސްގައި ވާދަކުރާ ހޭންޑްބޯޅަ އަންހެން ޓީމު އިއްޔެ ވަނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗު ކުޅެފަ އެވެ. މަޔޯޓް އާދެކޮޅަށް ކުޅެ ބަލިވީ 36-16 އިންނެވެ. އަންހެން ޓީމު ފުރަތަމަ މެޗުގައި ވަނީ ރީޔޫނިއަން އަތުން ވެސް ބަލިވެފަ އެވެ.

ހޭންޑްބޯޅަ ފިރިހެން ޓީމު ފުރަތަމަ މެޗުގައި ކޮމޮރޯސް އަތުން ބަލިވިއިރު ދެވަނަ މެޗުގައި ބަލިވީ މޮރީޝަސް އަތުންނެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗު މިއަދު އޮތީ މަޑަގަސްކަރައާ ދެކޮޅަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454