ރިޕޯޓް

ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ކުރިމަތީގައި އޮތީ އެތައް ބިލިއަން ރުފިޔާއެއްގެ ވައުދު!

ރަށެއްގެ ބޭރުތޮށިގަނޑު މަތީގައި އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ކުލަތައް ރަމްޒު ކޮށްދޭ ދިދަތަކެއް ހަރުކޮށްފައި.

ރިޔާސީ އިންތިހާބުގެ އެންމެ ފޯރިގަދަ ދުވަސްކޮޅެވެ؛ ގެދޮރު ހަދަން 10 ޕަސެންޓްގެ އިންޓަރެސްޓްގައި ލޯނު ލިބޭނެ ކަމަށް އެއް ކެންޑިޑޭޓް ވިދާޅުވާ އިރަށް، އެ ލޯނު ތިމަންނާގެ ވެރިކަމުގައި ފަސް ޕަސެންޓަށް ކުޑަކުރާނެ ކަމަށް އަނެއް ކެންޑިޑޭޓް ވައުދުވެ ވަޑައިގަންނަވަ އެވެ. އަދި އޭގެ ފަހުން ވާހަކަ ދައްކަވާ ކެންޑިޑޭޓް، ވަރަށް ފޯރީގައި، އެ ލޯނުގެ އިންޓަރެސްޓް ތިމަންނާގެ ވެރިކަމުގައި ދެ ޕަސެންޓަށް ނުވަތަ ފްރީކޮށްދޭނެ ކަމަށް ވިދާޅުވެ އެވެ.

ތިމަންނާގެ ވެރިކަމެއްގައި ރަށުގައި 500 ހައުސިން ޔުނިޓް އަޅައިދޭނަމޭ ވިދާޅުވާއިރަށް އަނެއް ކެންޑިޑޭޓް އެ ރަށަށް ވަޑައިގެންފައި ތިމަންނާގެ ވެރިކަމުގައި 1000 ފްލެޓް އަޅައިދޭނެ ކަމަށް ވިދާޅުވެ އެވެ. ދެން ވަޑައިގަންނަވާ ކެންޑިޑޭޓް ވިދާޅުވާނީ، ރަށު އެންމެންނަށް ފްލެޓް އަޅައިދޭނަމޭ އެވެ.

މަހުގެ އަގަށް ވެސް މިއޮތީ ހަމަ މިހެން ވެފަ އެވެ؛ ކިލޯއެއްގެ އަގު 18ރ. އިން ފެށިގެން ބޮޑުވަމުން ގޮސް މިހާރު 25ރ. އަށް އަރައިފި އެވެ. ދުނިޔޭގެ ބާޒާރުގައި އަގު ހުރީ ކިހާ ވަރަކަށްތޯ ވެސް ބެލުމެއް ނެތެވެ. ވައުދުގެ ވާދަވެރިކަން މިހާރު އޮތީ ހައްދުން ނައްޓައިފަ އެވެ.

ވައުދު ވުމަކީ ސަމާސާއަކަށް ވާ ވަރަށް މި ރިޔާސީ އިންތިހާބުގައި މިހާރު އެކި ޕާޓީތަކުން ވައުދުވެއްޖެ އެވެ. އެއް ޕާޓީ އަށް ވުރެ އަނެއް ޕާޓީގައި އޮތް ވާދަވެރިކަން ބޮޑުވެ އޭގެ ހުރިހާ ބާރެއް ކޮށްފައި މިއޮތީ ވައުދަށެވެ. އެންމެ ފަހުން އެ ރަށަކަށް ވަޑައިގެންނެވޭ ކެންޑިޑޭޓަކު މި ޖެހެނީ އޭގެ ކުރިން ވަޑައިގަތް ކެންޑިޑޭޓުންނަށް ވުރެ ބާރުގަދަ ވައުދުތައް ވާށެވެ.

އެކަން އެހެން ގޮސް، ކުރިއަށް އޮތް ފަސް އަހަރަށް ކޮންމެ ބަޔެއްގެ ސަރުކާރެއް އަޔަސް، ފުއްދަން ޖެހޭ ވައުދު އެތައް ބިލިއަން ރުފިޔާއަކަށް މިހާރު އެބަ އަރަ އެވެ. އޭގެ ތެރޭގައި ޔަގީނުން ވެސް ގިނަވާނީ ނުފުއްދޭ ވައުދެވެ.

ހަގީގަތް ގަބޫލުކުރަމާ ހިނގާށެވެ! ރާއްޖޭގެ އިގްތިސާދު އޮތީ އެހާ ބައިވަރު އަދި ހާއްސަކޮށް ބޮޑެތި ވައުދުތަކެއް ފުއްދޭ ހާލަތެއްގައެއް ނޫނެވެ. ކޮންމެ ވައުދެެއް ގުޅިފައި އޮތީ ފައިސާއާ އެވެ. އެ ފައިސާ ނުލިބި ވައުދު ފުއްދޭނެ ގޮތެއް ނެތެވެ. އަދި އެ ފައިސާ ހޯދަން ކުރަން ޖެހޭ އިންވެސްޓްމަންޓް ވެސް ހަމަ އެހާމެ ބޮޑެވެ. އަނެއްކޮޅުން، ވައުދު ފުއްދަން ފައިސާ ހޯދަން އެ ރާވާ ރޭވުންތައް ހަގީގަތަކަށް ވުމަކީ ހުވަފެނަކުން ނޫނީ ނުފެންނާނެ ކަންތައްތަކެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ނ. ކެނދިކުޅުދޫއަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ އިގްތިސާދާއި ވޭތުވެދިޔަ ފަސް އަހަރުގެ އާމްދަނީ

މި ރިޕޯޓަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރާއްޖޭގެ ބަޖެޓް އަންދާޒާތައް ކުރިއަށް އޮތް ފަސް އަހަރު ވެސް ދައްކަނީ އެހާ ތިޔާގިކޮށެއް ނޫނެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މީގެ ދެ ދުވަސް ކުރިން ތ. ގާދިއްފުއްޓަށް ވަޑައިގެން ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓް އެންމެ އަވަހަށް އަރަނި ވާނެ ކަމަށް ވެސް ދެކެވަޑައިގަންނަވަނީ މީގެ ތިން އަހަރު ފަހުން، 2028 ގަ އެވެ. [އެކަމަކު އިގްތިސާދީ ފޯކާސްޓްތައް ދައްކާގޮތުން އެއީ ވެސް ވުން ގާތް ކަމެއް ނޫނެވެ.]

ރާއްޖޭގެ ބަޖެޓް ކޮންމެ އަހަރަކު ވެސް ވަނީ ދަރަންޏެވެ. ބޮޑު ތަނުން ދަރަންޏެވެ. ކޮންމެ ދަރަންޏަކީ ލޯނު ފައިސާ، ނުވަތަ ފަހުން ދައްކަން ޖެހޭ އެއްޗެކެވެ. އެގޮތަށް ދަރަނިވަމުން ގޮސް، ދައުލަތުގެ ދަރަނި މި އަހަރު ނިމޭއިރު 113 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ކޮންމެ ބޮލަކަށް ގާތްގަނޑަކަށް 300،000ރ. އެވެ. އެ ދަރަނި ދައްކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި, ބައެއް އަހަރުތަކުގައި 300 މިލިއަން ޑޮލަރުން މަތީގެ އަދަދުތައް ހޭދަކުރަން ޖެހެ އެވެ.

މި ހިނގާ އަހަރު އެކަނި ވެސް ދައުލަތުގެ ބަޖެޓް، އުފެއްދުންތެރި ކަމުގެ ނިސްބަތުން 8.6 ޕަސެންޓުން ވަނީ ދަރަނިވެފަ އެވެ. އެއީ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް ވޭތުވެދިޔަ ފަސް އަހަރު ލިބިފައިވާ ޖުމްލަ އާމްދަނީ އަކީ [ހިލޭ އެހީ ހިމަނައިގެން] 108 ބިލިއަން ރުފިޔާ އެވެ. މިއީ ބެލެވޭ ގޮތުގައި މުޅި ރާއްޖޭގެ އިގްތިސާދުގައި އުފެއްދޭ ފައިސާގެ އެންމެ ފަސްބައިކުޅަ އެއްބަޔެވެ. އޭގެ ތެރެއިން ދައުލަތް ހިންގުމުގެ ހަރަދަށް 90 ޕަސެންޓް ނުވަތަ 90.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ކެޕިޓަލް ހަރަދު ނުވަތަ ކެންޑިޑޭޓުން އެ ވިދާޅުވާ ވައުދު ފުއްދަން ދައުލަތުން ހޭދަކޮށްފައި ވަނީ ފަސް އަހަރުގެ ތެރޭގައި އެންމެ 14 ބިލިއަން ރުފިޔާ އެވެ.

އޭގެ މާނައަކީ، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި މުސާރަތަކާއި ދެން ހުރި އެހެން ހަރަދުތައް ކޮށްފައި، ރަށްރަށް ތަރައްގީކުރުމާއި އިގްތިސާދު ކޮޅަށް ޖަހަން ކުރަން ޖެހޭ އިންވެސްޓްމަންޓްތަކަށް ދައުލަތުގައި ފައިސާ ނުހުންނަ ކަމެވެ. އިތުރު އެއްވެސް ކުރަން ވެއްޖެ ނަމަ، ދެން އަނެއްކާ ވެސް އޮންނާނެ މަގަކީ ލޯނު ނެގުން ކަމެވެ. [އެކަމަކު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލޯނު ދޭނީ ވެސް ވަކި ދުވެއްޔެއްގައި އިގްތިސާދު ހުރެގެންނެވެ.]

ރާއްޖޭގެ އިގްތިސާދީ ދުވެލި ގޯސް ކަމަކަށް ނުދައްކަ އެވެ. އެކަމަކު، ކެންޑިޑޭޓުން އެ ވިދާޅުވާ ވަރުގެ "ރަން" ފަސް އަހަރަކަށް މުޅި ގައުމު ބަދަލުކޮށްލާ ވަރުގެ، ނުވަތަ އެ ހުރިހާ ވައުދެއް، ނުވަތަ އެ ވައުދުތަކުގެ ވަރަށް ކުޑަ ޕަސެންޓެއް ވިޔަސް ފުއްދާ ވަރުގެ އިގްތިސާދީ ބޫމްއެއް ރާއްޖެއަކަށް އައުމުގެ ކޮޅެއް އަދި ފެންނާކަށް ނެތެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފަނާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް އަދި ފިނޭންސް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކެންޑިޑޭޓު ނަންބަރު ތިނެއް ދައްކާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަކަށް ބަލާލުމުން އެ މަންޒަރު ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އިގްތިސާދީ ތަރައްގީ އަކީ މުޅި ދުނިޔެ އަށް ޖުމްލަކޮށް އަންނަ އެއްޗެކެވެ. ރާއްޖޭގެ އިގްތިސާދު ވެސް ދައުރު ވަނީ ހަމަ އެހެންނެވެ. އެމްއެމްއޭ އިން ތައްޔާރުކޮށްފައިވާ މުޅި ދުނިޔޭގެ އިގްތިސާދީ ޗާޓެއް ދައްކާ ގޮތުން އޭގެ ތީރުތައް މަތިވެ ތިރިވަމުން ދަނީ އެކުއެކީގަ އެވެ. ރާއްޖެ އަށް އެކަނި އިގްތިސާދު ޑަބަލްވުމަކީ ނާދިރު، ނުވަތަ ނުވާނެ ކަމެކެވެ. އެކަމަކު، ދުނިޔޭގެ އެހެން ގައުމުތަކާ އެކުއެކީހެން ކޮންމެވެސް ވަރަކަށް މައްޗަށް ދިއުން އެއީ ވެދާނެ ގޮތެކެވެ.

ރާއްޖޭގެ އިގްތިސާދު ޑަބަލް ނުކުރެވޭނެ ފޯމިއުލާ އަކީ، މިހާރު ވާހަކަ ދެކެވޭ ގޮތުން ޓޫރިޒަމް އިތުރަށް ފުޅާކުރުން އެކަންޏެވެ. ޓެކްސް އިތުރު ކުރެވޭކަށް ނެތެވެ. މަސްވެރިކަމަކީ އިގްތިސާދަށް ދިރުމެއް ގެނެވޭނެ އެއްޗެއް ނޫނެވެ. ދެން އޮތީ ޓްރާންޝިޕްމަންޓް ބަނދަރެވެ. އެއީ ވުން ގާތް ކަމެއް ނޫނެވެ. އެހެންވެ ޓޫރިޒަމް ނޫނީ، ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އިތުރު ކުރެވޭނެ އެހެން ގޮތްތަކެއް އެއްވެސް ކެންޑިޑޭޓަކު ދެއްކެވި އަޑެއް ނީވެ އެވެ. މުޅިން ވެސް ދެއްކެވީ އެއާޕޯޓްތަކެއް ތަރައްގީކޮށް ރަށްރަށުގައި ގެސްޓް ހައުސް ތަރައްގީ ކުރުމާއި އިތުރު ރަށްރަށް ތަރައްގީކޮށްގެން ޓޫރިޒަމް ވަރުގަދަ ކުރާ ވާހަކަ އެވެ.

އެކަމަކު، އެއްކޮޅުން އެއީ ވެސް ވަރަށް ބޮޑު އިންވެސްޓްމަންޓެކެވެ. އެކަމަށް ވެސް އެތައް ބިލިއަން ޑޮލަރެއް ހޯދަން ޖެހެ އެވެ. އަނެއްކޮޅުން މިހާރު ވެސް ޓޫރިޒަމަށް ދޫކޮށްފައި ހުރި އެތައް ބައިވަރު ރަށްރަށް ނުހެދި ހުރިކަން ހަނދާނަށް ގެންނަން ޖެހެ އެވެ. މާސިންގާ އެއާޕޯޓެއް ހުޅުވިޔަސް، އަދި އެނދުތަކެއް މާކެޓަށް ނެރުނަސް، އެ އެނދުތަކުގައި ނިދާނެ ޓޫރިސްޓުން ހޯދުމަކީ ވެސް ބޮޑު ހަރަދެކެވެ. މިއީ ހަމަ ޕޯޑިއަމަކަށް އަރާފައި ބުނެލާހާ ފަސޭހަ ކަންކަމެއް ނޫނެވެ.

ރަށްރަށުގައި މިވެނި އެވެނި ކަމެއް ކޮށްދޭނަމޭ ހަމަ ބުނުމާ އެކު އެ ވާހަކަ އަޑުއަހަން ތިބެފައި އަތް ޖެހުމުގެ ބޭނުމެއް ނެތެވެ. އޭގެ ތެރެއިން ހަމަ ގިނަ ކަންކަން އެއީ ނުވާނެ ކަންކަމެވެ. ސަބަބަކީ ފައިސާ އެވެ. މި ގައުމަކީ، މި ގައުމަކަށް ލިބޭ އާމްދަނީ އަކުން ހިންގޭ ގައުމެއް ނޫނެވެ. އެކަން ރައްޔިތުން ގަބޫލުކުރުން އެއީ މި ވަގުތު ވަރަށް މުހިންމު ކަމެކެވެ.

އެކަމަކު ވައުދަކީ ދިރުމެެއް ވާނެ އެއްޗެކެވެ. އެ ވައުދުގެ ވާހަކަ ރައްޔިތުން ދައްކާނީ ވަގުތު ޖެހުނީމަ އެވެ. މަސްކޮޅު ހިފައިގެން ގޮސް، ކިލޯއެއް 25ރ. އަށް ނުގަތީމަ މަސްވެރިން މުޒާހަރާ އަށް ނުކުންނާނެ އެވެ. އެއީ ވައުދެވެ. ބުނާމީހާ ސަމާސާ އަކަށް ބުންޏަސް، ނުވަތަ ވާދަވެރިކަމެއްގައި ބުންޏަސް، އާންމު މީހާ އެކަން ނަގާނީ ވަރަށް ސީރިއަސްކޮށެވެ.

54 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 80%
icon angry icon angry 0%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޔުބުޖ25

06 September 2023

ތީގެން 10% ވެސް ނުފުއްދާނެ،، ހަމަ ހުސް ޗަރުކޭސް

The name is already taken The name is available. Register?

ލަވައަކުން

30 August 2023

ހޮވުނީމަ ހޮވޭ މީހާ ހަމަ ލަވައަކުން ނިންމާލާނީ. ވައުދާ ހުވާ ކުރާނެއޭ. އެ ހަނދާން ނެތޭނެއޭ. ނޫނީ އެހެން ގޮތެއްގައި މަޖްބޫރުވާނެއޭ..

The name is already taken The name is available. Register?

ވާވާ

30 August 2023

އެންމެންވެސް ވަނީ ހުސް ފޭކް ވައުދު!

The name is already taken The name is available. Register?

އަލިފު.

30 August 2023

ހުރިހާ މައްސަލަ އަކީ ސިޔާސީ ގަމާރަކު ފަސް އަހަރު ދުވަހުގެ ވެރިކަމެއްގައި މިތަން ޚަރާބުކޮށްލިކަން. ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބުނު ނަމަ ދިވެހިގައުމު އޮންނާނީ އޭޝިޔާގެ މުއްސަނދި ލިސްޓްެގެ ކުރީ ސަފުގައި. ދެންވެސް ކުރަންވީ ކަމަކީ އިބޫ އަށް ދެވަނަ ދައުރެއް ނުދިނުން.

The name is already taken The name is available. Register?

ވާވާ

30 August 2023

ޔާމީނަށް 2 ވަނަ ދައުރެއް ދިން ނަމަ، މި ގަވްމު އޮންނާނީ ސީދާ ލަންކާއަށް ވީހެން ވެފައި! ޗައިނާ އަތުން ހެސްކިޔާފައި ލޯނު ނަގާ ލަންކާ ހެން ގަވްމު ދަރުވާލާފައި!

The name is already taken The name is available. Register?

ވާވާވާ

30 August 2023

ވާވާއަށް ނޭނގޭދޯ ޔާމީނަށްވުރެ ބޮޑަށް މި ދައުރުގަކަން ގައުމު ދަރުވާލާފަ އެއޮތީ

The name is already taken The name is available. Register?

ލަތީފު މ

30 August 2023

އަތް ޖަހާމީހުން ގިނަވީމަ އެކަން އެގޮތަށް ހިނގަނީ ހަގީގަތުގަ ރާއްގޭގެ އާބާދީގެ ތެރެއިން މަދުބައެއް ހޭލުންތެރީ

The name is already taken The name is available. Register?

ހާސް

30 August 2023

ހާސް ކަނޑާލާ ހަމަޖެހޭނެ. މިއިން ދޭހަކޮށްދެނީ އުސޫލުގެތެރެއިން ނުވިއްޔާ އުސޫލުން ބޭރުން ވެސް ކޮށްދޭނެކަން

The name is already taken The name is available. Register?

ފަގީރުކޮއެ

30 August 2023

މިވަމުންދާވައުދުތައް ފުއްދާނަމަ މީގެ 4 ދައުރުފަހުން ވެރިކަމަށް އަރާނެ މީހަކު ނުވާނެ. އެއީ ވިއްކާނެ ކުއްޔަށްދޭނެ އެއްޗެއްނެތީމަ. ކުރިމަތިލާފަ ތިބި މީހުންގެތެރެއިން މުއިއްޒުގެ ސިޔާސަތުވަނީ ފެނިފަ ރައްޔިތުން އެކަމުން ވަނީ އެއްކިބާވެފަ. ދެންހުރި ގާސިމަކީ ތަޖުރިބާހުރި ދުނިޔޭގެ އިގްތިސާދީ ހާލަތު އެނގޭ ރާއްޖެ ތަރައްގީކުރެވިދާނެ ބޭފުޅެއް. އިބޫއަކީ ގައުމު އަމާންކޮށް ކުރިޔަށް ގެންދެވިދާނެ ބޭފުޅެއް އެހެނަސް އިންޑިޔާއަށް މާބޮޑަށް އިސްކަންދޭތީ ވީކްގޮތެއްހުރޭ.

The name is already taken The name is available. Register?

1206

30 August 2023

އެއްފަސްކޮށްގެން ނޫނީ ރާއްޖެ ތަރައްގީ ކުރެވެން ނެތް ކަން ރައްޔިތުންނަށް ވިސްނައިދޭން ވެއްޖެ. އެޔަކީ ތޮއްޖެއްސުމެއް ވެސް ނޫން. އާބާދީ އަށް ނުބަލައި ގެނެވޭ ތަރައްގީއަކީ ބޮޑު އިސްރާފެއް. ނުއުފުލޭނެ ބޮޑު މާލީ ބުރައެއް. ތަރައްގީއަކީ ބައުވެ އާބާތުރަ ވެސް ފިލުވަންޖެހޭނެ ކަމެއް ކަމުގައި ވާއިރު އެއަށް ކުރަންޖެހޭ ހޭދަވެގެން ދަނީ ފޫ ނެތް ފަޔަކަށް ފުރާ ފެންކަމުގައި. ކުޑަ ރަށެއްގައި އަގު ބޮޑު ލޯނުން ކުރާ ތަރައްގީއަށް ހުރިހާ ދިވެހިން ޖާމިނުކުރުން ބޭއިންސާފު.

The name is already taken The name is available. Register?

1206

30 August 2023

މީގެ 3 އަހަރު ފަހުން 2028 ވާނީ ވަގުތު ފުންމާލުމަކުން. ޓައިމް ޓްރެވެލް ސްޓިލް ލަރޖްލީ އަ ފިކްޝަނަލް.

The name is already taken The name is available. Register?

ބޮޑުމީހާ

30 August 2023

ކޮރަޕްޝަން ހުއްޓުވުމާއި، ފަޑިޔާރުގެ އިސްލާހުކުރުމާއި، ސިޔާސީ މަގާމުތައް މަދުކުރުމާއި، މުއައްސަސާތައް މިނިވަންކޮށް ހަރުދަނާކުރުމާއި، މަސްތުވާތަކެއްޗާއި، ތައުލީމު، އަދި ސިއްޚީ ކަންކަމާއި ވަޒީފާ މިހިރަ ކަންކަމަށް އެޑްރެސްކުރާނެ ސިޔާސީ ބަޔަކުވެސް ނެތް. ރައްޔިތުންވެސް ބޭނުންވަނީ ރަށު އެންމެން މަސްތުގެ ހާލަތުން އަރައިނުގަތަސް ރަށުގެ މަގެއްގަ ތާރު އެޅިފަ ފުޓްސަލް ދަނޑެއް ލިބޭތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454