މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ޕާޓީއާ ގުޅުނު ބައެއް ފަންނާނުންނާ އެކު ރައީސް އަދި އަސްލަމް: ތާއިދު އިތުވަމުންދާ ކަމަށް އަސްލަމް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ | މިހާރު
02 ސެޕްޓެމްބަރ 2023 - 00:00
ހުޅުމާލޭގެ ބަދަލުގައި ގިރާވަރު ފަޅުންނާއި ގުޅިފަޅުން ގޯތި ލިބުނު މީހުން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ތަންތަން މާ ފުރިހަމައަށް މި ސަރުކާރުން ތަރައްގީކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މާލޭގެ ރަށްވެހިންނަށް މި ސަރުކާރުން ވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު ސަރަހައްދުން ގޯތި ދޫކޮށްފަ އެވެ. ތަަރައްގީވެފައި އޮތް ހުޅުމާލޭން ގޯތި ނުލިބުމުން އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން ބައެއް މީހުން ފާޅުކުރާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ކާނިވާ ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް އެ މީހުންނަށް ދެއްވި މެސެޖަކީ އެއްވެސް ގޮތަކަށް ކަންބޮޑުނުވުމަށެވެ. އޭނާ ވިދާޅުވީ މާލޭން ގޯތި ދޫކުރި ދުވަސްވަރު ހިއްކައިގެން އެކަން ކުރަން ޖެހުމުން ގިނަ މީހުން އެކަން ދޫކޮށްލި ކަމަށެވެ. ނަމަވެސް، އެކަން ކުރި މީހުންނަށް މިހާރު އެތައް މަންފާއެއް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.
ހަމަ އެގޮތަށް ގުޅިފަޅުން ގެވަޅު ލިބުނު މީހުންނަށް ވެސް އޮތީ އެކަހަލަ ބޮޑު މަންފާއެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ހުޅުމާލެއަށް ވުރެ މާރަނގަޅަށް އެ ތަން ޕްލޭން ކުރާނެ، 20 އަހަރުގެ ޕްލޭނަކަށްވުރެ މާ ފުރިހަމަ މާ ރަނގަޅު ޕްލޭނަކަށް ވެގެންދާނީ،. އެކަމާ ކަންބޮޑުނުވޭ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ގޯތި ދިނުމުގެ ކަންކަން މި ސަރުކާރުން ވަނީ ކޮށްފައި ކަމަށާއި އެއީ މާލޭގެ ރައްޔިތުންނަށް ގެނެސްދިން ބޮޑު ތަސައްލީއެއް ކަމަށެވެ. މާލެއަކީ މީހުންނަށް ދިރިއުޅެވޭ ފަދަ ތަނަކަށް ހަދަން ސަރުކާރުން ކުރަމުންދާ މި މަސައްކަތަކީ އެކަމުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރަށް ރައްޔިތުންގެ އެހާ ބޮޑު ތާއިދެއް އޮތީ އެހެންވެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"މިކަން ނިމިއްޖެ، މިކަން ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، މި ފެންނަނީ އުތުރުން ވެސް ދެކުނުން ވެސް މެދުރާއްޖެ ތެރެއިން ވެސް މި މަންޒަރު، މާލޭން އަދި އަމުދުން މި މަންޒަރު،" ސަރުކާރަށް އޮތް ތާއިދު ސިފަކުރައްވައި، އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީ އުފެދުނީ ރާއްޖެ ބަދަލުކޮށް ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެމްޑީޕީ އަދި މި ސަރުކާރުން އަދިވެސް ދެމިއޮތީ އެ މަސައްކަތުގައި ކަމަށެވެ. އެނޫން ވާހަކައެއް ދައްކައި، ބަޔަކު ޕާޓީ ދޫކޮށްލިޔަސް، ޕާޓީއަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ ފިކުރަކަށް ބަދަލެއް ނާދޭ، ބަދަލުވެގެން ވަކިވެގެން ދިޔައީ ވަންހަނާވެފައިވާ ފިކުރެއް، އަޅުގަނޑުމެންގެ ފިކުރެއް ނޫން. އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މި ފިކުރުގަ، ރައްޔިތުންނަށް ހެޔޮ ގޮތް ހޯދުމަށް،" އަސްލަމް ވިދާޅުވި އެވެ.
"ކާށިދޫ ނައީމްބެ ބުނަނީ މިއީ ވަރުގަދައަށް ފޯދީފައިވާ ކެޔޮ ގަހެކޭ، ކެޔޮގަނޑެއްގަ އިންނަ އެންމެ ފުލު ވަކަކުން އަދި ގަހަކަށް އަސަރެއް ނުކުރާނެއޭ، މި ފެންނަނީ މި ޕާޓީ ފުޅާވަނުންދާ ތަން، މެންބަރުން އިތުރުވާތަން، ތާއިދު އިތުރުވާ ތަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފުގެސަރުކާރު
02 September 2023
މަޖިލީހުމެންބަރުން، ބޭރުގައުމުތަކުގައި އުމުރު ހޭދަކުރި މާލެ ރައްޔިތާއި މާލޭގެ ބިންވެރިންނަށް ހިލޭ ގޯތި. ދަފުތަރު ރެފިއުޖީންނާއި ރާއްޖެތެރެ ރެފިއުޖީންނަށް ކުލިދައްކާގޮތަށް ފުލެޓް. ގޮދޮރު އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް މިސަރުކާރުގެ ވައުދު 100 އިން ފުއްދިޖެކަމަށް ވަނީ
އެފަޅު
02 September 2023
ގިރާވަރުފަޅު ނުހިއްކާ ވޯޓަރ ބަންގަލޯ އަޅާލާފަ ބަހާލަބަލަ.
ހައްގު ތެދު
02 September 2023
ފުރަތަމަ ބްރިޖެއް ވެސް ނޭޅުނު 5 އަހަރު ނިމުނު އިރު ނިންމަން އެކި މުއްދަތު ދީގެންވެސް އަދި އެޅުނަސް ނޭގެ ނުވެއްޓޭނެ ކަމެއް
1828
02 September 2023
"މެދުރާއްޖެ ތެރެއިން ވެސް މި މަންޒަރު". މ.ފ.ދ.ތ އެއީ މެދު ރާއްޖެތެރެއެއް ނޫން؟ މ އަދި ފ ގައި އެއަރޕޯޓެއް އަޅަން މަސައްކަތް އެބަކުރޭ. އިތުރު އެއްވެސް ކަމެއް ނެތް.
އެކްސްދަފްތަރު
02 September 2023
މާލޭގެ ދަފްތަރުގައި ޖައްސާފައި ތިބިމީހުންގެ ވެސް ވޯޓާއެކު މާލޭގެ މެންބަރުން ހޮވީ. މާލޭގެ ގިނަ ގޮނޑިތައް އެމްޑީޕީއަށް ލިބުނު 65 މެންބަރުންގެ ސުޕަރ މެޖޯރިޓީ ލިބުނުއިރު. އެމެޖޯރިޓީ ނެތްނަމަ ތިހާ ގަދަކޮށް 5 އަހަރުގެ ދައުރެއް ބޭނުންގޮތަކަށް ނިންމައެއްނުލެވޭނެ. އެކަމަކު ގޯތި ދޭންވީމާ ދަފްތަރު މީހުންގެ އެއްވެސް ހައްގެއްނެތް. އަދި ކޮބާ ގުޅި، މާފުށި، ހިންމަފުށި، ހުރާ މީހުންގެ ހައްގުތައް؟ މާލެއަތޮޅުން ހިއްކާހާ ތަނެއް މާލޭ މީހުންނަށް ލިބެންޖެހެނީ ކީއްވެ؟
މކަރުވރކަނ
02 September 2023
ގާތް ދަފުތަރު މީހންނަށް ދީފަ އެބަހުރި
އޮނަރަބްލް އަފީފު ދީދީ
02 September 2023
އިތުރުދައުރެއް ދީފިނަމަ ތުރާކުނުން އައްޑުއަށް ހިމެނޭ ހުރިހާ ރައްޔިތުން އެންމެން އެކަށް "ކުލީ އަޅުންނަށް ހަދާލާނެ" ކަމުގެ އިޝާރާތް އެބޭޅާ ކުރެއްވެވި. # ވިދާޅުވީ ދެވަނަ ދައުރެއް ލިބިއްޖެނަމަ "އަޅުގަނޑުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ އަދި އެންމެ ޙާއްސަކަމަކަށް ބަލައިގެން ކުރާނެ ކަމަކީ، މާލޭގެ އެއްވެސް މީހަކު ބާކީނުކޮށް އެންމެނަށް ގޯތި ގެދޮރާއި ބޯހިޔާވަހިކަން ދިނުމަށް" ދަފުތަރާއި ރާއްޖޭގެ އެހެން ރަށްރަށު ރައްޔިތުން ވޯޓްދޭއިރު ވިސްނާލާ.
އޮނަރަބްލް އަފީފު ދީދީ
02 September 2023
ތިއީ އަހަރުމެނަށް އޮޅިފައޮތް ކަމެއްނޫން. ބޭޅާގެވެރިކަމުގައި "ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވާކަމަށް" އަޑުފަތުރާފައި ކުރީ ހަމަ ތިކަންތައް. # ވެރިކަންހޯދަން ވިއްކި މެނިފެސްޓޯގައި ނުވެސްނެތް 800މ ޑޮލަރުގެ ބުރިޖަކާއި ދައުލަތްދަރަނިކޮށް އެތައްހާސް މިލިޔަން ޑޮލަރުނަގައިގެން ކ.އަތޮޅު ކަނޑުފަޅުހިއްކައި އަދި ދައުލަތުގެ ކުންފުންޏެއްގެ މިލްކުވެރިކަމުގައިހުރި ބިންތަކާއިއެއްކޮށް ޤަބީލާވަންތަ ސިޔާސަތެއްގެދަށުން ބަހާލީވެސް ތިރަށުގެ ބޮޑުންގެ އާއިލާތަކަށް ނޫންތޯ.
ލަލަލާ
02 September 2023
ތާކުން ތާކު ނުޖެހޭ ތަފާތުކުރުން ބޮޑު ބޭ އިންސާފު ވެރިކަމެއް. މިކަން ނިމެން ޖެހޭ.
ފާތުމަތު
02 September 2023
ދިވެހިރާއްޖެއަކީ ހަމައެކަނި މާލެއެއް ނޫން. މާލޭގައި އަހަރެންވެސް ދިރިއުޅޭތާ 35 އަހަރު. ހަމައެކަނި މާލެއަށް އުފަން ނުވާކަން. އަހަރެންގެ މުޅި އުމުރު ސަރުކާރަށް ޚިދުމަތް ކުރުމުގައި. އެކަމަކު އަހަރެންނަކަށް ،މާލެއިން ބިންކޮޅެއް ލިބޭކަށް ނެތް. އުފަންވި ރަށުގައިވެސް ބިމެއް ނެތް. ދެން އަހަރެންނަށް އޮތީ ކޮން އުފަލެއް. ކުރިމަތިން ފެންނަނީ ބޭ އިންސާފު. ވަކި ބަޔަކަށް ދައުލަތުގެ ބިންތައް ހިލޭ ބަހާލެވޭތަން. ސޮރީ އިބޫ. ތިއީ ބޭއިންސާފު. އަނިޔާ!
ބޮޝޭ
02 September 2023
ގޮސް ރަށުން ގޯތިހޯދާ.....
ގެދާނޯމޮސް
02 September 2023
ބިންތަށް ގިރައިގެން އޮޔާދާއިރު އަދިވެސް ތަރައްގީތޯޢެވެ.