ލިވަޕޫލްގެ މިލްނާ (ވ) ކައިރިން ޗެލްސީގެ އެންގޯލޯ ކާންޓޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
03 ފެބުރުއަރީ 2017 - 08:32
ފްރާންސް ލީގުގެ މެދުފަންތީގެ ކްލަބެއް ކަމަށްވާ ކާއެން އިން 2015 ވަނަ އަހަރު އަށް މިލިއަން ޕައުންޑަށް ލެސްޓާ ސިޓީ އަށް ގެނައި އެންގޯލޯ ކާންޓޭ އަކީ އޭރު ފުޓްބޯޅައިގެ މަޝްހޫރު ނަމެއް ނޫނެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ލީގުގެ ރެލިގޭޝަނުން ސަލާމަތްވި ޓީމަކަށް ކާންޓޭ ސޮއިކުރިއިރު މީޑިއާގެ މާބޮޑު ސަމާލުކަމެއް ވެސް އޭނާ އަށް ނުލިބެ އެވެ. އެހެން ނަމަވެސް ފާއިތުވި ދެ އަހަރު ލެސްޓާ އާއި ޗެލްސީގައި ކާންޓޭ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔެއް އަންނަނީ އޭނާ އަށް ތައުރީފް ކުރަމުންނެވެ.
މިދިޔަ ސީޒަނުގައި ގިނަ ބަޔެއް ހައިރާން ކޮށްލުމަށް ފަހު ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުން ލެސްޓާ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގެ މެދުތެރޭގައި ކާންޓޭ ދެއްކި މޮޅު ކުޅުން ފާހަގަކުރަން ޖެހެ އެވެ. ލެސްޓާގައި ދެއްކި މޮޅުކުޅުމާ އެކު އުމުރުން 24 އަހަރުގެ ކާންޓޭ އަށް ފްރާންސް ގައުމީ ޓީމުން ވެސް ފުރުސަތު ލިބުނެވެ. އަދި މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކާންޓޭ ވަނީ ފްރާންސް ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
ޕްރިމިއާ ލީގާއި ޔޫރޯގައި ކާންޓޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުގެ ހުށަހެޅުންތައް ކާންޓޭ އަށް ލިބުނެވެ. އޭގެ ތެރޭގައި ބަޔާން މިއުނިކާއި ޕީއެސްޖީ ހިމެނެ އެވެ. އެ ދެ ކްލަބަށް ނޫނެކޭ ބުނުމަށް ފަހު ކާންޓޭ ސޮއިކުރީ އެންޓޯނިއޯ ކޮންޓޭގެ ޗެލްސީ އަށެވެ.
ކާންޓޭ ޗެލްސީ އަށް ބަދަލުވީ 32 މިލިއަން ޕައުންޑަށެވެ. ކާންޓޭ ޗެލްސީ އަށް ބަދަލުވުމުން ގިނަ ބަޔެއްގެ ހިތުގައި އުފެދުނު ސުވާލަކީ ލެސްޓާގައި ދެއްކި މޮޅު ކުޅުން އޭނާ އަށް ޗެލްސީގައި ތަކުރާރު ކުރެވޭނެތޯ އެވެ. ކުޑަ ޓީމެއްގައި ހުރެފައި އައިސް ބޮޑު ޓީމެއްގައި ވެސް އެ ކުޅުން ތަކުރާރު ކުރުމަކީ އުނދަގޫ ކަމަކަށް ވެފައި އޮތުމުންނެވެ.
އެންމެ ފަހުން ޕްރިމިއާ ލީގުގެ 10 ވަނައިގައި ޗެލްސީ ނިންމުމުން އެ ޓީމު އާ ސީޒަނަކަށް ނުކުންނައިރު ކާންޓޭގެ ފަރާތުން ފެންނާނީ ކޮން ތަފާތެއްތޯ ބަލަން ގިނަ ބަޔެއް ޝައުގުވެރިވި އެވެ. ކޮންޓޭގެ ކޯޗުކަމުގައި ޗެލްސީން މި ސީޒަނުގައި ހޯދަމުން އަންނަ ކާމިޔާބީގައި ކާންޓޭގެ ދައުރު ބޮޑެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރުމޭނިއާގެ ސްޓަންކޫ (ކ) ކައިިރިން ފްރާންސްގެ ކާންޓޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ލީގުގެ އެއް ވަނައިގައި ޗެލްސީ މި ވަގުތު ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، ގިނަ މެޗުތަކުގައި ކާންޓޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ބޮޑެތި މެޗުތަކުގައި ކާންޓޭގެ ފަރާތުން ފެނުނު ކުޅުން ފާހަގަކޮށްލެވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑް އަތުން 4-0 އިން ޗެލްސީ މޮޅުވި މެޗުގައި ކާންޓޭ ލަނޑު ޖެހިއިރު، ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ލިވަޕޫލާ 1-1 އިން އެއްވަރުވި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް ކާންޓޭ އެވެ.
ކާންޓޭ ޕްރިމިއާ ލީގަށް އައި ފަހުން އޭނާގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ރެކޯޑެކެވެ. ލެސްޓާ އާއި ޗެލްސީ އަށް މިހާތަނަށް އޭނާ ވަނީ 59 މެޗުން 133 ޕޮއިންޓް ހޯދައިފަ އެވެ. މިއީ ކުރިން ދެ ކްލަބަކަށް ކުޅުނު ކުޅުންތެރިޔަކަށް ހަމަކުރެވިފައިވާ ރެކޯޑެއް ނޫނެވެ.
އަދި ޕްރިމިއާ ލީގުގައި ކާންޓޭ މިހާތަނަށް ދެ ސީޒަން ފުރިހަމަ ކޮށްފައިނުވާއިރު، ފާއިތުވި ތިން ސީޒަނަށް ބެލިޔަސް އެންމެ ޓެކްލް ގިނަ ކުޅުންތެރިޔަކީ ކާންޓޭ އެވެ. ކާންޓޭ ވަނީ މިހާތަނަށް 253 ޓެކްލް ކޮށްފަ އެވެ. އޭނާއާ އެންމެ ގާތުގައި އޮތީ 252 ޓެކްލްކުރި ޗެލްސީގެ ނިމެންޔާ މަޓިޗާއި ސްޓޯކް ސިޓީގެ އެރިކް ޕިއެޓާސް އެވެ.
ޕްރިމިއާ ލީގުގައި ކާންޓޭ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ފުޓްބޯޅައިގައި ގިނަ ފަރާތްތަކުން އަންނަނީ އޭނާގެ ކުޅުމާ ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކުޅުނު ފްރާންސްގެ ކްލައުޑިއޯ މަކަލޭލޭއާ އެއްގޮތް ކަމަށް ބުނެފަ އެވެ.
ޗެލްސީ އާއި ބަޔާން މިއުނިކަށް ކުރިން ކުޅުނު ޖަރުމަނުގެ މިޑްފީލްޑަރު މައިކަލް ބަލަކް ބުނީ ކާންޓޭ އާއި މަކަލޭލޭ އަކީ މުޅިން ތަފާތު ދެ ސްޓައިލެއްގެ ދެ ކުޅުންތެރިން ކަމަށެވެ.
ޗެލްސީގެ ކާންޓޭ (ކ) އަތުން ބޯޅަ ހޯދަން ސަންޑަލެންޑުގެ ކިރްޝޯފް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
"ތެދެއް މަކަލޭލޭ އާއި ކާންޓޭގެ ކުޅުމުގައި އެއްގޮތް ކަންތައްތަކެއް އެބަހުރި. އެކަމަކު މިއީ މުޅިން ތަފާތު ދެ ކުޅުންތެރިން. އަހަރެންގެ ނަޒަރުގައި މަކަލޭލޭ އަށް ވުރެން ކާންޓޭ އަކީ އެޓޭކިން އަށް ވެސް ބެލެންސް ކުޅުންތެރިޔެއް. މަކަލޭލޭ އަކީ ބޮޑަށް ޑިފެންސިވް ކުޅުންތެރިޔެއް،" ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބަލަކް ބުންޏެވެ.
ބަލަކްގެ ވާހަކަތަކާ މަކަލޭލޭ ވެސް އެއްބަސްވެ އެވެ. އޭނާ ބުނީ ކާންޓޭ އަކީ އަދި ޒުވާން ކުޅުންތެރިޔެއް ކަމަށާއި ފުޓްބޯޅައިގައި ގިނަ ކަންތައްތަކެއް ދަސްވުމުން އޭނާގެ ވިދުން އިތުރަށް ގަދަވާނެ ކަމަށެވެ.
"ކާންޓޭ އަކީ ފުރިހަމަ މިޑްފީލްޑަރެއް. އެ ތަފާތު އޭނާ ދައްކައިފި. އެކަމަކު އޭނާ އަކީ އަދި ޒުވާން ކުޅުންތެރިޔެއް ގިނަ ކަންތައްތަކެއް ދަސްވާވަރަކަށް އޭނާގެ މޮޅު ކުޅުން އިތުރަށް ފެންނާނެ. ކިހިނެއް އެނގެނީ އޭނާ އަކީ އަހަންނަށް ވުރެން މޮޅު ކުޅުންތެރިޔަކަށް ނުވާނެ ކަމެއް،" ސްވަންސީ ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މަކަލޭލޭ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔައިކްސް
05 February 2017
މަބުނީ ބާސާ ވާހަކަ ނުދައްކަން ވީނު؟ ބާސާޔާ ގުޅުން ހުރި ހަބަރެއްނޫނޭ މީ.. ލޯބިފަށެއް ވޭދޯ
ބަކުރު
05 February 2017
ބާސާދޭ ފަރަށް
ބާސާ
03 February 2017
ބާސާގެ މެދުތެރެ ބަލިކަށި ވެފާވާ މިދަނޑިވަޅުގާ ބާސާއައް މެދުތެރެއައް އެންމެ އެކަށީގެންވާ ކުޅުންތެރިއަކީ ކަންޓޭ. ތަފާތު ދައްކާނެ..
ކެޓަލޯނިއާ
03 February 2017
ބާސާގެ މެދުތެރެއަށް އާކުޅުންތެރިޔަކު ގެންނަންޏާ އޮޒިލް ފެންވަރުގެ ކުޅުންތެރިޔެއް ބޭނުމީ. އިނިއެސްޓާ އާއި ބުސްކެޓްސް ވައްޓާލާފައި އެރޭވަރުގެ ކުޅުންތެރިޔަކު ޔޫރަޕުގައި އަދި ހުރިހެން ހިއެއްނުވޭ. މެދުތެރެއިން ކަނާތްފަރާތަށް ކުޅެން ރަކިޓިޗް ވެސް ގޯހެއް ނޫން. މިހާރު ގެނެސްފަ ތިބި އަންދްރޭ ގޯމެޒްއާއި ޑެނިސް ސުއަރޭޒް ވެސް މަޑުމަޑުން ދަނީ ޓީމަށް ފިޓްވަމުން. ބާސާގެ މެދުތެރެ ރަގަޅުވާން ދުވަސް ނަގާނެ. މިވަގުތު މައްސަލައަކީ ހަމައެކަނި އިންޖަރީ.
ޯމާބޮޑަަަަަަަަަަަަައް އެގެނީ
03 February 2017
މާބޮޑަަަަަަަަަަަަައް އެގިފަތިހިރީ ބާސާ އައް
އެންރީކޭ
03 February 2017
ނޫނޭ ދޮންކަލޯ ތިހެން ނުބުނޭ، ބާސާކަހަލަ ޕާސިންގޭމް ކުޅޭ ޓީމަކައް ކަންޓޭކަހަލަ ކުޅުންތެރިއަކު ހޭނިއްޖެއާ އަދި މާމޮޅުވާނެ ކަންޓޭއަކީ ވަރައްހިއްވަރުކުރާ މޮޅު ކުޅުންތެރިއެއް..