އިންތިހާބުގެ ކާމިޔާބަށްފަހު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ހޯދުނީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
09 ސެޕްޓެމްބަރ 2023 - 23:42
މިއަދު ބޭއްވި ވާދަވެރި ރިޔާސީ އިންތިހާބަށް ސަރުކާރުން ފޯރުވި ނުފޫޒުތަކާއި ފިއްތުންތަކާ އެކު އޭނާ އަށް ލިބިވަޑައިގަތީ ބޮޑު ކާމިޔާބީއެއް ކަމަށް އެ އިންތިހާބުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއެއް ހޯއްދަވައި ދެވަނަ ބުރަށް ދަތުރުކުރައްވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުއިއްޒުގެ ވާދަވެރި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން ބާއްވާނީ މި މަހުގެ 30 ގަ އެވެ.
މިއަދުގެ ނަތީޖާ އަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާ އަށް ރައްޔިތުން ދިން ތާއިދާއި ކުރި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި މިއީ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ހަގީގަތުގައި މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ދުވަހެއް. އެކިއެކި ނުފޫޒުތަކާއި ފިއްތުންތަކާ އެކު އެކި ކަންކަމުގެ ކުރިމަތީގައި ދިވެހި ލޮބުވެތި ރައްޔިތުން ގައުމީ ފިކުރެއްގަ ނުކުމެވަޑައިގެން މި ދެއްކެވީ ވަރަށް ވަރުގަދަ މިސާލެއް. އޭގެން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދަނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކެމްޕެއިން ކުރަން ލިބިވަޑައިގެންނެވި 28 ދުވަސް ތެރޭ ފެނިވަޑައިގަތީ ރައްޔިތުން ތިބީ މި ސަރުކާރު ބަދަލުކޮށް، އިދިކޮޅާ އެކު ކުރިއަށް ދާން ބޭނުންވެފައި ތަން ކަމަށެވެ. ސަރުކާރުން ވަޒީފާގެ ނުފޫޒުތަކާއި ފިއްތުންތައް ވެސް ކުރިމަތި ކުރަމުން ދިޔަ ކަމަށާއި އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ރައްޔިތުން މިއަދު ނިންމި ނިންމުން އެނގެނީ ގައުމާއިގެން ކުރިއަށް ދާން ބޭނުންވެފައިވާ ވަރު ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އުއްމީދު ކުރަނީ އިންތިހާބުގެ ދެވަނަ ބުރެއްގައި ވަރަށް ރަނގަޅު ނަތީޖާއަކުން ކާމިޔާބުވާނެ ކަމަށް ކަމަށެވެ. ރައްޔިތުން ގާތަށް ގޮސް، ކެމްޕެއިންކޮށް އެކަން ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އިންތިހާބުގެ ކާމިޔާބަށްފަހު ލީޑަޝިޕްގެ ބައެއް ބޭފުޅުންނާ އެކު މުއިއްޒު މަޑުކޮށްލައްވައިގެން: ހޯދުނީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރާނީ ކޮން ޕާޓީތަކަކާ އެކު ކަން، ލީޑަޝިޕުން މަޝްވަރާކޮށް ނިންމާނެ ކަމަށާއި މިހާތަނަށް ކޯލިޝަނާ ގުޅޭ އެއްވެސް ނިންމުމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެ ތިން ހަފުތާ މި އޮތީ. އިންޝާﷲ ރައްޔިތުންގެ އިތުބާރާއި ތާއިދާ އެކު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ދިވެހިންގެ ރާއްޖެ ހޯދުމަށް ދިވެހި ގައުމަށްޓަކައި މިއަދު އޮތް ހާލަތުން އަރައިގަނެ މިނިވަކަން ޔަގީންވެ، ތަރައްގީ ކަށަވަރުވެ އިގުތިސޯދު ކޮޅަށް ޖަހާނެ ގޮތެއް. މި ކަންކަމާއިގެން ކުރިއަށް އޮތް ދެތިން ހަފުތާ ވެސް މަސައްކަތް ކުރާނީ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެެ.
މުއިއްޒަށް ގާތްގަނޑަކަށް 46 ޕަސެންޓް ލިބިވަޑައިގަންނަވާނެ ކަމަށް މިހާރު ބެލެވެ އެވެ. އެއީ އެއްލައްކަ އަށް ވުރެ ގިނަ ވޯޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހށް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެނީ 39 ޕަސެންޓް ވަރެވެ. އެއީ 85،000 ވޯޓެވެ. އިންތިހާބު ކާމިޔާބުކުރުމަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ބޭނުންވެ އެވެ.
މިއަދުގެ އިންތިހާބުގައި ތިންވަނަ އަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އެއީ ގާތްގަނޑަކަށް ހަތް ޕަސެންޓް ނުވަތަ 15 ވަރަކަށް ހާސް ވޯޓެވެ.
މި އިންތިހާބުގައި ކުރިން ހީކުރެވިފައިވާ ގޮތާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ. އޭނާ ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެނީ 2.5 ޕަސެންޓެވެ. އަދި އެމްއެންޕީން ވާދަކުރެއްވި ދަނގެތީ ދާއިރާގެ މުހަންމަދު ނާޒިމަށް އެއް ޕަސެންޓް ވޯޓު ވެސް ހަމައެއް ނުވެ އެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަތަރު ވަނައިގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
10 September 2023
ނުފޫޒުން 2013 އިން 2018 އަށް މީހަކު ވެރިކަން ކުރީ. ދެން 2023 އިން 2028 އަށް އެ ނުފޫޒު ފޯރުވޭނެކަމަށް ހުވަފެން ބަލަނީ. ކޮރަޕްޓް އަނިޔާވެރި މީހުންނަށް ދިވެހިން ނޫނެކޭ ބުނާނެ!
ހުސެއިން ޖަލީލް
10 September 2023
މި އިންތިހާބު ބޮޑު ތަފާތުން މޭޔަރު ކާމިޔާބު ކުރައްވާނެ އިންޝާﷲ
ޢަހުމަދު ސަމީދު
10 September 2023
ސަރުކާރުން ފިތުނަ އުފައްދައިގެން ވެސް ވީ ކަމެއް ނެތެއްނު މިހާރު ރައްޔިތުންގެ ނިންމުން ވަރަށް ސާފު
ސަމީހާ
10 September 2023
މަރުހަބާ މުއިޒް. ޢިންޝާﷲ ދެވަނަ ބުރުންވެސް ނަގާނީ މުއިޒް
ހުސެއިން ޒާހިރު
10 September 2023
އިރާދަކުރެއްވިއްޔާ ދެވަނަ ބުރުންވެސް ބޮޑު ތަފާތުން ނަގާނީ މުއިޒް
ލިއުޝާ ޖުނައިދު
10 September 2023
އަލްހަމްދުﷲ މީ ވަރަށް ބޮޑު ކުރިއެރުމެއް
ގުއި
10 September 2023
ހުރިހާ ކަމެއް މޮޅައް ދެނެވޮޑުގެންވަނީ ﷲ ތައާލާ.... ތިޔަބައިމީހުންގެ ހިތްތަކުގައިވާ ރޭވުމާ ކަންކަން އެކަލާނގެ ދެނެވޮޑިގެންވޭ. މިއަދު ދޮގު ހަދައިން ވައްކަން ކޮށްފަ ދީނޭކިޔައިން މުނާފިގު ވެގެން އުޅެވިދާނެ.
ވަލީދުބެ
10 September 2023
ކޮންމެ މީހަކު ހޮވުނަސް ފަށާކަމެއް ދައުރު ތެރޭ ނިންމަންވާނެ. ލޯނު އިތުރުކޮށްގެން ނުވާނެ.
ސަލީމ
10 September 2023
މި އިންތިހާބު ބޮޑުތަނުން ދެންވެސް ނަގާނީ މުއިއްޒު އިރާދަ ކުރެއްވިއްޔާ
ސިރާޒު
10 September 2023
ރައްޔިތުންގެ އިތުބާރު ހުރީ މުއިއްޒު އަށްކަން ވަރަށް ސާފު