ކުޅިވަރު

ވާދަވެރި މެޗެއް ނުލިބުމަކީ ޗެލެންޖެއް، އެކަމަކު އުންމީދު އެބަ އޮތް: ހަމްޕު

ބަޝުންދަރާއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން މާޒިޔާގެ އެންމެ ފަހު ފަރިތަކުރުންތަކުގައި ހަމްޕު.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

19 ސެޕްޓެމްބަރ 2023 - 10:55

ލީގު މެދުކެނޑިފައި އޮތުމާއި، ވާދަވެރި މެޗެއް ކުޅެން ނުލިބުމަކީ އޭއެފްސީ ކަޕްގެ ވަރުގަދަ މެޗުތަކަށް ނުކުންނަ އިރު ކުރިމަތިވާ ގޮންޖެހުމެއް ކަމަށާއި ނަމަވެސް ކުޅުންތެރިން ތިބީ މެޗުން މޮޅު ވެވޭނެ ކަމުގެ އުންމީދުގައި ކަމަށް މާޒިޔާގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފި އެވެ.

މި ސީޒަންގެ އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ މިއަދު ހަވީރު 3 ޖަހާއިރު ގަލޮޅު ދަނޑުގައި ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އާ ދެޮޅަށެވެ. ބަޝުންދަރާ އޭއެފްސީ ކަޕް ކުޅެނީ، އޭއެފްސީ ޗެމްޕިއަންސް ލީގު ޕްލޭއޮފްގައި ނާކާމިޔާބު ވުމުންނެވެ.

"ހޯމްގަ ކުޅުމަކީ އެޑްވާންޓޭޖެއް، ނަތީޖާ ބިނާވާނީ ކުރާ މަސައްކަތަށް. އިންޝާﷲ މަސައްކަތް ކުރާނީ މާދަމާ ތިން ޕޮއިންޓް ހޯދަން،" އަމިއްލަ ގައުމުގައި މެޗު ކުޅުމަކީ ލިބޭ އެޑްވާންޓޭޖެއް ކަން ފާހަގަކޮށް ހަމްޕު ބުންޏެވެ.

"ޓީމެއް ގޮތުގައި މަސައްކަތް ކޮށްގެން ވާނީ، ފުދޭވަރަކަށް ދުވަސް ވެއްޖެ އޮފިޝަލް މެޗެއް ނުކުޅޭތާ، އެތަން ދައްކާނެ. ވާދަވެރި މެޗެއް މާޒިޔާ ނުކުޅޭތާ ދެތިން ހަފްތާއެއް ވެއްޖެ. ޗެލެންޖެއް، އެކަމަކު ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗުން ތިން ޕޮއިންޓް ހޯދުމުގެ ރޫހުގައި."

މާޒިޔާ ވަނީ މި ސީޒަން ފެށުމުގެ ކުރިން ސައުދީ އަރަބިއްޔާގައި ޓްރޭނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ. އޭގެ ފަހުން ޗެރިޓީ ޝީލްޑް މެޗު ކާމިޔާބު ކޮށް، ޕްރެޒިޑެންޓްސް ކަޕް ވެސް ހޯދި އެވެ. ނަމަވެސް މެއި މަހު ފެށި ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަށް އަދި ކުޅެވިފައި ވަނީ ހަތް މެޗެވެ.

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ކްލަބް އީގަލްސްއާ ދެކޮޅަށް 2-2 އިން އެއްވަރު ކުރުމަށް ފަހު މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ 3-0 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ. އޭގެ ފަހުން ބަޝަންދުރާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓީމުގެ ޓެކްޓިކްސް ރާވާލީ 21 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުތަކާ ދެކޮޅަށް ދެތިން މެޗެއް ކުޅެގެން ކަން މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޯމިރް ސެސިލިއާ (މިލޯ) ވެސް ފާހަގަ ކުރި އެވެ.

ނިއު ރޭޑިއަންޓް ދޫކޮށް 2019 ގައި މާޒިޔާ އަށް ބަދަލުވި ހަމްޕު އަކީ އެ ޓީމުގެ ވައިސް ކެޕްޓަނުންގެ ތެރޭން ހިމެނޭ ކުޅުންތެރިއެކެވެ. އޭއެފްސީ ކަޕް 2020 ގެ ކޮލިފައިންގައި ހަމްޕުއާ އެކު މާޒިޔާ ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށް ގުރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. ގުރޫޕް ސްޓޭޖުގައި ބަޝުންދަރާ އާ ކުޅެން އޮތް ނަމަވެސް ކޮވިޑާ ގުޅިގެން މުބާރާތް ކެންސަލް ކުރި އެވެ.

ޖެހިގެން އައި އަހަރުގެ ގުރޫޕް ސްޓޭޖް ސެންޓްރަލައިޒްޑް ކޮށް ރާއްޖޭގައި ބޭއްވި ނަމަވެސް ހޯމް އެޑްވާންޓޭޖް ނުނެގި، ބަޝުންދަރާ އަތުން 2-0 އިން ބަލިވީ އެވެ. އަދި މިދިޔަ އަހަރު އިންޑިއާގައި ސެންޓްރަލައިޒްޑް ކޮށް ކުރިއަށް ގެންދިޔަ ގުރޫޕް ސްޓޭޖުގައި ބަޝަންދުރާ އިން މާޒިޔާ ބަލިކުރީ 1-0 އިންނެވެ.

މާޒިޔާ އަށް ބަދަލު ވުމުގެ ކުރިން ނިއު ރޭޑިއަންޓްގައި ހަމްޕު ވަނީ ބަޝުންދަރާގެ މިހާރުގެ ކޯޗު ސްޕެއިންގެ އޮސްކާ ބުރުޒޯންގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. ޕްރެސް ކޮންފަރެންސްގައި އޮސްކާ ވަނީ ހަމްޕު އަށް ސަމާލުވާން ޓީމު ކުޅުންތެރިންނަށް އިރުޝާދު ދީފައި ވާނެކަން ހާމަ ކޮށްފަ އެވެ.

"ހަމްޕުގެ ވާހަކަ އަހަރެންގެ ކުޅުންތެރިންނަށް ކިޔައިދިނިން، އޭނާއަކީ އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެ ތަފާތު ފެންވަރުގެ ކުޅުންތެރިއެއް،" އޮސްކާ ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454