ރައީސް ވިދާޅުވި ގޮތުގައި، ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަންތައް ބަދަލުވަމުން އައިސްފައިވާ ދުވަސްގެ ގޮތުގައި އޮތްއޮތުން އަނެއްކާ ވެސް އިޔާދަކުރައްވަން އެމަނިކުފާނު ބޭނުންފުޅުވޭ.
ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
02 އޮކްޓޯބަރ 2023 - 11:33
ގާނޫނީ އެއްވެސް ހުރަހެއް ނެތް ނަމަ އަންނަ ނޮވެމްބަރު 11 ވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބީގެ ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަންތައް ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށެވެ. އެކަން އަނެއްކާ ވެސް އިޔާދަކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.
"އޭގެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަ ގެންދަން. ގާނޫނީ ގޮތުން އެ އަށް ހުރަހެއް ނެތް ކަމަށް ވަންޏާ ނޮވެމްބަރު 11 ގައި އެކަން ބަދަލުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސަށް ހުވާކުރެއްވޭނެ ހަމައެކަނި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުން ކަމަށް ވަންޏާ އެކަން ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ އެ މަނިކުފާނު އަދި ނައިބު ރައީސް ފައިސަލް ނަސީމް އިސްތިއުފާ ދެއްވިޔަސް ވެރިކަމުގެ ބާރު ދެން ދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ކަމަށެވެ. އެހެންވެ، އެއީ ހައްލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ގާނޫނީ ގޮތުން އަޅުގަނޑުމެން މި ބަލަނީ. މިސާލަކަށް އަޅުގަނޑު އަދި އިސްތިއުފާ ދިނަސް، ނައިބު ރައީސް އިސްތިއުފާ ދިނަސް އަދި އެބައޮވޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް [ވެރިކަން] އެ ދަނީ،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެެއް ނޫސްވެރިން.-- ފޮޓޯ: ރައީސް އޮފީސް
ޖުމްހޫރީ ދުވަސް ފާހަގަކުރާ ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ކުރިން އޮތުމަށް ފަހު 2013 ގެ ރިޔާސީ ދައުރު ފެށުން ލަސްވުމުން އައި ފަރަގު ނައްތާލަން ގާނޫނީ ހައްލެއް ހޯއްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ވިދާޅުވީ ނޮވެމްބަރު 11، 2020 ގައި ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވެރިކަމުގެ ދައުރު ނޮވެމްބަރު 17 އިން ފެށިގެން ގުނުމުން ރައީސްގެ ވެރިކަމުގެ ދައުރުން ގެއްލޭ ހަ ދުވަސް ހިފަހައްޓަވައިގެން ނުހުންނަވާނެ ކަމަށް އެ މަނިކުފާނު ހުވާކުރެއްވުމުގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ.
ނޮވެމްބަރު 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ 1968 ގައި ފެށި ޖުމްހޫރީ ދެވަނަ ވެރިކަމާ ގުޅުވައިގެންނެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް އަހަރު ފުރޭ ދުވަހުގެ އިތުރުން އެ އިރަކު އޮންނަ ވެރިކަމަށް ވެސް އަހަރެއް ފުރޭ ދުވަހެވެ.
އެކަމަކު، 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އައި ލަސްވުމާ ހެދި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށުނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެކަމަކު އެއީ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ މަތިންނެވެ.
ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމުން، އަނެއްކާވެސް އާ ބުރެއް އޭރު ބޭއްވި އެވެ. އެ ބުރުން ނަތީޖާއެއް ނުނިކުތުމުން، ދެ ވަނަ ބުރެއް ބާއްވަން ޖެހުނީ ނޮވެމްބަރު 16 ގަ އެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފަސް އަހަރުގެ ރިޔާސީ ދައުރު ނޮވެމްބަރު 11 އަށް ހަމަވިޔަސް، ޚާއްސަ ހާލަތެއް ދިމާވުމުން އެ ފަހަރު ސުޕްރީމް ކޯޓުން ނިންމީ އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަން، އިންތިހާބު ބާއްވައި، އާ ރައީސަކު ހުވާކުރަންދެން ދެމިގެންދާނެ ކަމަށެވެ. ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2013 ގަ އެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ނޮވެމްބަރު 17، 2018 ގައި ކުރެއްވީ ވެސް އެ ބަހުސްގެ ތެރެއިން ހައްލެއް ނެރެގެންނެވެ. އެ މަނިކުފާނު ހުވާކުރައްވާނީ އެ އަހަރުގެ ނޮވެމްބަރު 17 ގައި ކަމަށް ކަނޑައެޅީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދަލެއް
02 October 2023
މިހާރު ޤާނޫނު އޮތް ގޮތުން ފުށުއެރުން އެބައިތް. ޖުމްހޫރީ ދުވަސް ޤާނޫނުގައި ކަނޑައެޅުފައި އެބަވޭ. ކޮންމެ އަހަރެއްގެ ނޮވެމްބަރ 11 ވަނަ ދުވަސް. މަނިކުފާނު ހުވައިކުރެއްވީ 5 އަހަރުގެ ޕީރިއަޑަކަށް. މިހެނވީމާ ސްޕްރިމް ކޯޓުން އެބަޖެހޭ ޖުމހޫރީ ދުވަހާ ދިމާވާގޮތަށް ހުވައި ކުރަން ޖެހޭނެ ކަމުގެ ޢަމުރެއް ނެރެން. އަދި ޤާނޫނުގައިބުނާ ހުވައިގެ ޢިބާރާތްވެސް 5 ވަނަ އަހަރުގެ ނޮވެމްބަރ 11 ދުވަހާ ހަމައަށް ކަމަށް އިބާރާތް އިސްލާޙުކުރަން. މަޖިލިސްގެ ރައީސަށް ނުދީނިމޭނެ.
ބޮޑުމީހާ
02 October 2023
ރިޔާސީ ނިޒާމުގައި މަނިކްފާނުގެ ބަހަކީ ގާނޫނު، މަނިކްފާނު ބޭނުން ކޮންމެ ގޮތަކަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ
އޯގާ
02 October 2023
މިއަދަކު ވެއްޓުނު ފާހަގަ އެއް ނެތް. އޮޅުވާލި ވޯޓެއް ނެތް. އިލެކްޝަން ކޮމިޝަނަށް ފޯރުވި ނުފޫޒެއް ނެތް. ކުރި ޝަކުވާ އެއް ނެތް. ސުޕްރީމް ކޯޓަށް ވެއްދި މައްސަލައެއް ނެތް. މިއީ އެމްޑީޕީ އަކީ. މިއީ ރައީސް އިބޫ އަކީ. މިއީ ޕީޕީއެމްއާ ހުރި ތަފާތަކީ. ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ރައްޔިތުން ނިންމި ނިންމުން ބަލައިގަނެ ފަހަރަކު ކަމަކުން އެ ދައްކާ ރީތި މިސާލުތަކުން ރައީސް އިބޫ އަށް އޮތް ލޯބި އިތުރުވަމުން މިދަނީ. ސާބަހޭ ރައީސް އިބޫ
ދޫނި ރާއްޖެ
02 October 2023
އުޅެ އުޅެވެސް އިދިކޮޅުން މިކިޔާ އަނިޔާވެރިކަމެއްނޭންގުން އާނ ގޭންގުތައް ކިޔާއެހެން،އެހެންނުވާނީ އެމީހުނައް ޔާމީނުވެރިކަމުގަ އުޅުނު ބާރެއް އިބޫ ނުދޭވިއްޔަ،ރާއްޖެ ރައްޔިތުންނަކައް ނޯންނާނެ ރަނގަޅުއެއްގޮތެއްވެސް.ގައުމު ފަނާވަނީ ރައްޔިތުންގެވެސް ނުބައިކަމުން މީ އަދުގެ ހާލަތު.
ދިވެހި އަޑު
02 October 2023
ގާނޫނީ ހުސްކަމެއް އޮވެގެންތޯ ޔާމީން 6 ދުވަސް ވެރިކަމުން ނެންގެވީ. ޔާމިނަށް ވެސް އޮތޭ 11 ގައި ހުވާ ކުރަން އިބޫ އަށް ފުރުސަތު ދެވެން. އެކަމަކު އެ 6 ދުވަސް ވެސް ބޭނުންވީ. އިބޫ އަކީ ރިވެތި މިސާލުން މިސާލު ދައްކާ ހުލްގު ހެޔޮ ވެރި އެއް.
ހުވޭ
02 October 2023
އެހެންނަމަ ފެބުރުއަރީ 12 ގައި ތިޔަ ހުސްކަމެއް އައިސް މަޖިލިސް ރައީސަށް ވެރިކަން ލިބުނީސް. އެކަމަކު އިނތިހާބީ ނައިބުރައީސަކުހުރުމުން ނައިބު ރައީސް ހުވާކުރެއްވީ. މިހާރު ރައްޔިތުންއެވަނީ އިންތިހާބީ ރައީސަކާއި ނައިބުރައީސަކު ދައްކާފަ. އެހެންވީމާ ނޮވެމްބަރު 11 އަށް މަނިކުފާނުގެ ނުފުއްދިއޮތް ރިއާސީ އެއްމެފަހު ވައުދުފުޅު ފުއްދެވުމުގެ ފުރިހަމަބާރު އޭގެއެއްމެފުރިހަމަގޮތުގައިއޮތީ މަނިކުފާނުގެ އަތްޕުޅުގައި.
ޑީޑީޑީ
02 October 2023
ދުވަހަކުވެސް އެއްވެސް ޕާޓީއެއްގައި ނޫޅެން. ނަމަވެސް ރައީސް އިބޫ އިންތިހާބު ބަލިވުމުން ދައްކަމުންދާ ރީތި މިސާލުތަކުން އިބޫއަށް އޮތް ލޯބި އިންތިހާއަށް އިތުރުވެ އެމްޑީޕީ އަށް ވަންނަން ނިންމައިފިން. ރައީސް އިބޫ މީ ލޯބި މީހެއް. ހުވާ
ނަން ނުކިޔާ
02 October 2023
ރައީސް ސޯލިހު އަކީ އޯގާތެރި ތެދުވެރި އިޚްލާސްތެރި ޚުލްގުހެޔޮ ކެއްތެރި ހިކްމަތްތެރި ރައީސެއް.
ނިލިސް
02 October 2023
ޝުކުރިއްޔާ ރައީސް ޞާލިޙް
އަބްޑޫޅް +
02 October 2023
"އިންތިހާބީ ރައީސު" އެއް ނޫން. "ހޮވިފައިވާ ރައީސު މީހާ". ކަލޭމެން، ދިވެހި ބަސް ދެކެ ވަކި ސުމާރު ވަރަކަށް ނޫނިއްޔާ ރުޅި އަންނަނީ.