މަނާބޭހަށް ޕޮޒިޓިވް ވެގެން ސަސްޕެންޑު ކޮށްފައި ހުރި ޕޮގްބާ، އޭނާގެ މުސާރައިގެ ބޮޑޫ ބައެއް އުނިކުރަން ޔުވެންޓަސް އިން ވަނީ ނިންމަައިފަ.-- ފައިލް ފޮޓޯ: އޭއެފްޕީ
10 އޮކްޓޯބަރ 2023 - 10:56
ޓިއުރިން (އޮކްޓޫބަރު 10) - މަނާބޭހަށް ޕޮޒިޓިވް ވެގެން ސަސްޕެންޝަނުގައި ހުރި ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ކުޅެމުން އަންނަ އިޓަލީގެ ޔުވެންޓަސް އިން އޭނާގެ މުސާރައިގެ ބޮޑު ބައެއް އުނިކުރަން ނިންމައި އެކަން ޕޮގްބާ އަށް އަންގައިފި އެވެ.
ޔުވެންޓަސްއާ އެކު، 2026 ގެ ނިޔަލަށް އޮތް ޕޮގްބާގެ ކޮންޓްރެކްޓުގެ ދަށުން އޭނާ އަށް މުސާރައިގެ ގޮތުގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 11 މިިލިއަން ޑޮލަރު ލިބޭނެ އެވެ. ނަމަވެސް ސަސްޕެންޝަނުގައި ހުންނަ ކުޅުންތެރިންނަށް ހާއްސަ ގަވާއިދުގެ ދަށުން، ކޮންޓްރެކްޓް އުވައި ނުލާހާ ހިނދަކު އޭނާ އަށް ދޭން ހަމަޖެހިފައި ވަނީ، އިޓަލީގެ ފުޓްބޯޅަ ކުޅުންތެރިންގެ އެސޯސިއޭޝަންގެ ގަވާއިދުގައި ހިމަނައިފައިވާ މިނިމަމް ވޭޖެވެ.
އުމުރުން 30 އަހަރުގެ މިޑްފީލްޑަރަށް މިނިމަމް ވޭޖް ދިނުމަށް ހަމަޖެހިފައި ވާއިރު، އެއީ އަހަރެއްގެ މައްޗަށް 45،500 އެއްހާ ޑޮލަރެވެ.
މިދިޔަ މަހުގެ 20 ގައި އުދިނޭޒީއާ ދެކޮޅަށް ޔުވެންޓަސް ކުލުނު މެޗުގައި ޕޮގްބާ އިނީ ބެންޗުގަ އެވެ. ނަމަވެސް މެޗަށް ފަހު އިޓަލީގެ އެންޓި ޑޯޕިން އިދާރާ އިން އޭނާ ޓެސްޓް ކުރުމުން މަނާ ބޭހަށް ޕޮޒިޓިވް ވެފައި ވާތީ އޭނާ ހުރީ މައްސަލަ ނިމެންދެން ވަގުތީ ސަސްޕެންޝަނެއްގަ އެވެ.
ނަމަވެސް މިދިޔަ ހަފުތާގައި ނެގި ދެވަނަ ސާމްޕަލް ވެސް ޕޮޒިޓިވް ވުމާ އެކު، މިހާރު ވަނީ އޭނާ އަށް ދިގު މުއްދަތެއްގެ ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވިފަ އެވެ. އެންޓި ޑޯޕިން އުސޫލުތަކާއި ގަވާއިދުގައި ވާ ގޮތުން އޭނާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައުން ގާތެވެ. އެކަމަކު ދިފާއުގައި މައްސަލަ އެޕީލް ކުރުމުގެ ފުރުސަތު އެބަ އޮތެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ޕޮގްބާ އަލުން ޖުވެންޓަސް އާ ގުޅުނު ފަހުން، އަނިޔާތަކުން ސަލާމަތް ނުވެވި އޭނާ އަށް އަދި އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތެއް ނުވެ އެވެ. އަނިޔާގެ ގިނަ މައްސަލަތަކަކާ އެކު އޭނާ އަށް މިހާތަނަށް ކުޅެވުނީ ޖުމްލަ 12 މެޗެވެ. މި ސީޒަންގައި ދެ މެޗުގައި ކުޅެން އަރުވާފައި ވާއިރު، އެންމެ މެޗަކު ވެސް 30 މިނިޓަށް ވުރެ ގިނައިރު ކުޅެފައެއް ނުވެ އެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ އަށް މަނާ ބޭހުގެ މައްސަލަ ދިމާވީ، މަނާ ބޭސްތަކުގެ ލިސްޓުގައި ހިމަނާފައިވާ ބޭހެއް ކަން ނޭނގި އޭނާ އަށް ބޭސް ބޭނުން ކުރެވިގެންނެވެ. އޭނާ ބޭސް ބޭނުން ކުރަނީ އަނިޔާއިން އަވަހަށް ރަނގަޅުވެ، ކުރީގެ ފޯމަށް އަންނަން ކުރާ މަސައްކަތުގެ ތެރެއިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy