ކުޅިވަރު / އައިސީސީ ވޯލްޑްކަޕް

އިންޑިއާ-ޕާކިސްތާން ކްރިކެޓް މެޗުގެ ކުރިން ސަޕޯޓަރުން ނިދީ ހޮސްޕިޓަލްތަކުގައި

އިންޑިއާ ޓީމުގެ ބައެއް ސަޕޯޓަރުން މެޗު ކުޅޭ ނަރެންދަރަ މޯދީ ސްޓޭޑިއަމް ބޭރުގައި މަޑުކޮށްލައިގެން.-- ފޮޓޯ: އޭއެފްޕީ

އަހުމަދުއާބާދު (އޮކްޓޫބަރު 14) - އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ އައިސީސީ ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕް މެޗު ބަލާލުމަށް ދަންޑަށް ވަނުމުގެ ކުރިން، މެޗު ކުޅޭ ސްޓޭޑިއަމް ކައިރީ ހުރި ހޮސްޕިޓަލްތަކުގައި ސަޕޯޓަރުން ރޭކޮށްފި އެވެ.

މިއަދުގެ މެޗަށް ދަނޑަށް ވަނުމުގެ ކުރިން ސަޕޯޓަރުން ކައިރީ ހޮސްޕިޓަލްތަކުގެ ބޭނުން ކުރީ، އަހުމަދުއާބާދުގައި އަގު ހެޔޮކޮށް ރޭގަނޑު ނިދާލާނެ ތަނެއް ހޯދުމުގެ ގޮތުންނެވެ. އެގޮތުން ސަޕޯޓަރުން ވަނީ ހޮސްޕިޓަލުގައި ރޭގަނޑު މަޑުކުރަން ޖެހޭ ފަދަ މެޑިކަލް ޗެކަޕް ޕެކޭޖުތަކުގެ ބޭނުން ކޮށްފައި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

"އިންޑިއާ އާއި ޕާކިސްތާނުގެ މެޗު ބަލަން އަންނަ ބައެއް ސަޕޯޓަރުން ވެސް މެޑިކަލް ޗެކްއަޕްތަކަށް އެޕޮއިންޓްމަންޓެއް ނަގައިގެން ހޮސްޕިޓަލްތަކުގައި މަޑުކުރާ ބައެއް ޝަކުވާ އަޅުގަނޑުމެންނަށް ލިބިފައިވޭ،" އަހުމަދުއާބާދު މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޓުޝާރު ޕަޓޭލް ވިދާޅުވި އެވެ.

އަހުމަދުއާބާދު ހޮސްޕިޓަލްސް އެންޑް ނާސިން ހޯމްސް އެސޯސިއޭޝަނުން ވަނީ އެފަދަ ސަޕޯޓަރުން އެދޭގޮތަށް ހޮސްޕިޓަލުގައި މަޑުކުރުމުގެ ފުރުސަތު ނުދިނުމަށް، އެސޯސިއޭޝަންގެ މެމްބަރު ހޮސްޕިޓަލުތަކުގައި އެދިފަ އެވެ.

"އަޅުގަނޑުމެންގެ މެމްބަރުންނަށް އެދިފައި އޮންނާނީ އެފަދަ ރިކުއެސްޓްތަކަށް ފުރުސަތު ނުދޭން. ހޮސްޕިޓާތަކަކީ ބަލިމީހުން ނޫން މީހުންނަށް ހާއްސަ ތަންތަނެއް ނޫން،" އެ އެސޯސިއޭޝަންގެ ރައީސް ބާރަތު ގަދަވީ ވިދާޅުވެފައިވެ އެވެ.

މިއަދުގެ މެޗު ފެށުމުގެ ކުރިން އިންޑީއާގެ ސަޕޯޓަރުން ދަނޑުގައި ޓީމަށް ތަރުހީބު ދެނީ.-- ފޮޓޯ: އޭއެފްޕީ

އިންޑިއާ އާއި ޕާކިސްތާނު ބައްދަލުކުރާ މެޗުގެ ކުރިން މި ދެ ޓީމު ވެސް ވަނީ މުބާރާތުގައި ދެ މެޗު ކުޅެ، ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

މެޗު ކުޅޭ ނަރެންދަރަ މޯދީ ސްޓޭޑިއަމަކީ ދުނިޔޭގައި ވެސް ސަޕޯޓަރުންގެ ޖާގަ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމެވެ. އެ ސްޓޭޑިއަމަށް ޖުމްލަ 132،000 މީހުނަށް ވަދެވޭއިރު، މިދިޔަ އޮގަސްޓް މަހު ވަނީ ފުރަތަމަ ބެޗްގެ ޓިކެޓް ވިއްކައިފަ އެވެ. ޓިކެޓް ވިއްކަން ފެށިތާ ގަޑީއިރެއް ތެރޭ ހުރިހާ ޓިކެޓެއް ވިކި ހުސްވެފައި ވުމުން، އިންޑިއާގެ ކްރިކެޓް ބޯޑުން ވަނީ މި މަހުގެ ކުރީކޮޅު އިތުރު 14،000 ޓިކެޓް ވިއްކައިފަ އެވެ.

މި މެޗުގެ ޓިކެޓް ވިއްކާފައި ވަނީ 6،000 އިންޑިއަން ރުޕީސް (72.15 ޑޮލަރު) އަށެވެ. އޮންލައިން ކޮށް ވެސް ޓިކެޓް ގަންނަން ގިނަ ބަޔަކު މަސައްކަތް ކުރިއިރު، ކިއޫގައި ޖެހިގެން ވެސް މަސައްކަތް ކޮށްގެން އެތައް ބަޔަކަށް ހުސްއަތާ އެނބުރި ދާން ޖެހުނެވެ.

ޓިކެޓްގެ އަސްލު އަގުގެ 25 ގުނަ ބޮޑުކޮށް ވެސް ކަޅުބާޒާރުގައި ޓިކެޓް ވިއްކާފައި ވެއެވެ. ހަމަ އެއާ އެކު ފޭކު ޓިކެޓް ވިއްކަމުން ގެންދާ މައްސަލައެއްގައި އިންޑިއާ ފުލުހުން ވަނީ ގިނަ ޒުވާނުންތަކެއް ހައްޔަރުވެސް ކޮށްފަ އެވެ.

އިންޑިއާ އިން މިހާތަނަށް ދެފަހަރު އޯޑީއައި ކްރިކެޓް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައި ވާއިރު ޕާކިސްތާނުން ވެސް ވަނީ މުބާރާތް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އޯޑީއައި ވޯލްޑް ކަޕްގައި މި ދެ ޓީމުގެ ބައްދަލުކުރި ހަތް ފަހަރު ވެސް ކުރި ހޯދާފައި ވަނީ އިންޑިއާ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454