ދުނިޔެ / މެދުސަފުހާ

އިޒްރޭލް: މާ ދުރުން، މަކަރާއި ހީލަތުން އުފެއްދި ތަނެއް!

ޔަހޫދީ ދައުލަތް އިއުލާން ކުރަނީ

ނޮވެމްބަރު 2، 1917 ގައި އިނގިރޭސި ހާރިޖީ ވަޒީރު އާތަ ބެލްފޯ، އެ ގައުމުގެ ޔަހޫދީންގެ ޑިރެކްޓަރުންގެ ބޯޑްގެ ރައީސް ވޯލްޓާ ރޮތުސްޗައިލްޑް އަށް ފޮނުއްވި ސިޓީގައި ވަނީ އޭރު އުސްމާނީ ހިލާފަތުގެ ވެރިކަމުގެ ދަށުގައި އޮތް ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް "ގައުމީ ދައުލަތެއް" އުފެއްދުމަށް އިނގިރޭސި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އެ ދުވަސްވަރަކީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ހުޅުގަނޑު ޔޫރަޕްގައި ފެތުރިފައި އޮތް ދުވަސްވަރެވެ. ޔަހޫދީންނަށާއި އަރަބިންނަށް އިނގިރޭސިން ދެ ވައުދެއް ވި އެވެ. ޔަހޫދީންނަށް ވައުދުވީ ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ގާއިމުކޮށްދިނުމަށެވެ.

އަރަބިންނަށް ވައުދުވީ އުސްމާނީ ހިލާފަތާ ދެކޮޅަށް ނުކުމެއްޖެނަމަ އަރަބި ޕެނިންސިއުލާގައި އަރަބި ވަކި މިނިވަން ދައުލަތެއް އުފައްދައިދޭނެ ކަމަށެވެ. އަރަބިން، އުސްމާނީ ހިލާފަތާ ދެކޮޅަށް ނުކުތެވެ. ބޮޑު ހަނގުރާމައިގައި ކުރިމަތިވި ނާކާމިޔާބަށް ފަހު އުސްމާނީ ހިލާފަތް އޮތީ ރޫޅޭން ގާތް ވެފަ އެވެ. ބާރެއް ނެތެވެ.

އަތާ ބެލްފޯ: އޭނާ އަކީ އިޒްރޭލްގެ ދައުލަތް އުފެއްދުމަށް އިސް ނެގި އިނގިރޭސި ސަރުކާރުގެ ފުރަތަމަ އޮފިޝަލް

400 އަހަރަށްފަހު އުސްމާނީ ހިލާފަތަށް ފަލަސްތީނުގެ ވެރިކަން ގެއްލުން

ބެލްފޯގެ ގަރާރަށް މަހެއް ނުވަނީސް އިނގިރޭސި އަސްކަރީ ކޮމާންޑަރު އެޑްމަންޑް އެލެންބީގެ ބެލުމުގެ ދަށުން އިނގިރޭސި ސިފައިން ލަޝްކަރުން ޑިސެމްބަރު 1917 ގައި ފަލަސްތީނުގެ ބިން ހިފި އެވެ. އަދި 400 އަހަރު ވަންދެން އުސްމާނީ ހިލާފަތުގެ ވެރިކަމުގެ ދަށުގައި އޮތް ފަލަސްތީނުގެ ބިމުން މުސްލިމުންގެ ވެރިކަން ފޮހެލި އެވެ.

ފަލަސްތީނުގެ ހުރހާ ބިންތަކެއް އިނގިރޭސިންގެ ބާރުގެ ދަށަށް ގެނެސް ނިމުނީ އޮކްޓޯބަރު 1918 ގަ އެވެ. އެ ބިމުގައި އޭރު ދިރިއުޅުނު 90 ޕަސެންޓް މީހުންނަކީ ޔަހޫދީންނެއް ނޫނެވެ. ގިނައީ އަރަބި މުސްލިމުންނެވެ. ދެން ނަސޯރާއިންނެވެ. ޔަހޫދީންގެ މަދު އާބާދީއެއް ވެސް ދިރިއުޅުނެވެ.

ގުދުސް އަށް އެލަންބީގެ ލަޝްކަރު 1917 ގައި ވަންނަނީ --- ފައިލް ފޮޓޯ: ކަލްޗާ ކްލަބް

އަށާރަ ސަތޭކައިގެ ފަހުކޮޅުގައި ޔޫރަޕުން ފަލަސްތީނުގެ ބިމަށް ހިޖުރަކުރި ޔަހޫދީން މަދުން ނަމަވެސް ދިރިއުޅުނެވެ. އެއީ އޭރު ޔޫރަޕްގެ އެކި ގައުމުތަކުގައި ޔަހޫދީންނާ ދެކޮޅަށް ހިންގަމުން ދިޔަ ގަތުލުއާންމުތަކުން ސަލާމަތް ވާން ރެފިއުޖީންގެ ގޮތުގައި ފަލަސްތީނުގެ ބިމަށް ހިމާޔަތް ހޯދަން ހިޖުރަކުރި ޔޫރަޕްގެ ޔަހޫދީންނެވެ.

ތިއޮޑޯ ހާޒަލް؛ އިޒްރޭލް އުފެއްދުމުގެ ހަރަކާތުގައި މުހިންމު ނަމެއް

އޮސްޓްރިއާ ހަންގޭރީގެ ނޫސްވެރިޔާ އަދި ސިޔާސީ އެކްޓިވިސްޓް ތިއޮޑޯ ހާޒަލް ފެބްރުއަރީ 1896 ގައި "ޑާ ޔޫޑެން ސްޓާޓް" (ޔަހޫދީންގެ ދައުލަތް) ގެ ނަމުގައި ޖަރުމަނު ބަހުން ފޮތެއް ލިޔެ ޝާއިއު ކުރި އެވެ. ފޮތަކީ މި ޒަމާނުގެ ޒަޔަނިޒަމް ފިކުރުގެ ފެށުމެވެ. ޒަޔަނިޒަމް ނުވަތަ ޒަޔަނިސްޓް މޫވްމެންޓަކީ ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ދައުލަތެއް ގާއިމުކުރުމަށް ވަކާލާތުކުރާ ސިޔާސީ ހަރަކާތެވެ. އެ ހަރާކަތުގެ ފައުންޑަރަކީ ހާޒަލް އެވެ.

"ޑާ ޔޫޑެން ސްޓާޓް" ގައި އޭނާ ލިޔެފައިވާ ގޮތުން ޔަހޫދީންނާ ދެކޮޅަށް ޔޫރަޕުގައި ހިންގާ ގަތުލުއާންމުތަކުން ސަލާމަތްވާން ހަމައެކަނި، ޔޫރަޕް ދޫކޮށް ދިއުމަކީ ހައްލެއް ނޫނެވެ.

"ޔޫރަޕުގައި އެންޓި-ސެމިޓިޒަމް [ޔަހޫދީންނާ ދެކޮޅަށް ހިންގާ ހަރަކާތް] އިން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިނިވަން ޔަހޫދީ ދައުލަތެއް އުފެއްދުމެވެ." ފޮތުގައި އޭނާ ލިޔެފައި ވެއެވެ.

އާޖެންޓީނާގައި ޔަހޫދީ ދައުލަތެއް އުފެދުމުގެ ފުރުސަތު އޮތް ނަމަވެސް ފަލަސްތީނުން ބިން ގަތުމަށް، އެ ފޮތުގައި ޔަހޫދީންނަށް އޭނާ ގޮވާލާފައި ވެއެވެ.

ތިއޮޑޯ ހަޒަލް 1901 ވަނަ އަހަރު ސްވިޒަލޭންޑްގައި ބޭއްވި ޒަޔަނިސްޓް ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: ސެންޓްރަލް ޒަޔަނިސްޓް އާކައިވް

ފޮތެއް ލިޔެފައި އޭނާ ހުއްޓާލީކީ ނޫނެވެ. ޖެހިގެން އައި 1897 ވަނަ އަހަރުގެ އޯގަސްޓް މަހު ސްވިޒަލެންޑްގެ ބަޒެލްގައި ފުރަތަމަ ޒަޔަނިސްޓް ކޮންގްރެސް އޭނާ ބޭއްވި އެވެ. އެ ކޮންގްރެސްގެ ބައިވެރިން އެއްބަސްވީ ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ދައުލަތެއް ގާއިމު ކުރުމަށް ވާކާލާތު ކުރުމަށެވެ. އެ ކޮންގްރެސް އަށް ފަހު ޒަޔަނިސްޓް މޫވްމެންޓް ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރަން ފެށި އެވެ. ޔޫރަޕްގެ ޔަހޫދީން ފަލަސްތީނަށް ހިޖުރަކުރަން އެހީވުމަށް ފަންޑު ހޯދައި ކުދި އާބާދީތަކުން ފަލަސްތީނަށް މީހުން ފޮނުވަމުން ދިޔަ އެވެ. އެ އާއިލާތަކުގެ ބޭނުމަށް ކަމަށް ބުނެ ފަލަސްތީނުން ބިން ގަންނަމުން ދިޔަ އެވެ. އަދި ޔޫރަޕްގެ އެކި ގައުމުތަކުގެ ސަރުކާރުގައި ޒައިނިސްޓް ހަރަކާތަށް ތާއީދުކުރާނެ އެކްޓިވިސްޓުން ބިނާ ކުރި އެވެ.

"ބަޒްލްއިން އަހަންނަށް ޔަހޫދީ ދައުލަތް ފެނިއްޖެ އެވެ. ފަސް އަހަރުގެ ތެރޭ އެކަން ވާނެތަން އަހަންނަށް ފެނެ އެވެ. އަދި ހަމަ ޔަގީނުން ވެސް، 50 އަހަރު ދުވަހުން އެންމެންނަށް ވެސް އެކަން ފެންނާނެ އެވެ." ޒަޔަނިސްޓް ކޮންގްރެސް ބޭއްވިތާ ދުވަސްކޮޅެއް ފަހުން ހާޒަލް އޭނާގެ ޑައިރީގައި ލިޔެފައި ވެއެވެ.

1922: ލީގު އޮފް ނޭޝަންސް އުފައްދައި، ބާރު އިނގިރޭސިންނަށް

ފުރަތަމަ ބޮޑު ހަނގުރާމައިން މޮޅުވި ބާރުތައް އިސްނަގައިގެން ލީގު އޮފް ނޭޝަންސްގެ ނަމުގައި ދުނިޔޭގައި ހަމަޖެހުން ގާއިމު ކުރުމަށް ކަމަށް ބުނެ ޖަމިއްޔާއެއް އުފެއްދި އެވެ. އެއީ މިހާރު މިއޮތް ޔުނައިޓެޑް ނޭޝަންސްގެ ކުރިން އުފެއްދި ޖަމިއްޔާ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި ހިފި ބިންތައް ލީގު އޮފް ނޭޝަންސް މެދުވެރިވެ، ޔޫރަޕްގެ ބާރުތަކުގެ މެދުގައި ބަހާލެވުނެވެ. އަރަބިންގެ ބިންތަކުން އެންމެ ގިނަ ސަރަހައްދުތަކުގެ ވެރިކަން ލިބުނީ އިނގިރޭސިވިލާތަށާއި ފްރާންސަށެވެ. ފަލަސްތީނުގެ ބިމުގައި ބާރު ހިންގަން، ލީގު އޮފް ނޭޝަންސް އިން އިނގިރޭސިންނާ ހަވާލު ކުރީ 1922 ގަ އެވެ.

ފަލަސްތީނުގެ ރައްޔިތުން ބޭނުންވަނީ ކޮންގޮތެއްތޯ އިނގިރޭސިން އެ ބިމުގެ ރަށްވެހިންގެ ގާތު ނާހަ އެވެ. އެކަމަކު ފަލަސްތީނުގެ ބިމާ ބެހޭގޮތުން މަޝްވަރާ ކުރީ ޒަޔަނިސްޓް މޫވްމެންޓްގެ އިސްވެރިންނާ އެކު އެވެ. ފަލަސްތީނުގައި އިނގިރޭސިން ވެރިކަން ކުރަމުން ގެންދިއުމަކީ ޒަޔަނިސްޓުންގެ ހިތަށް ފަސޭހަ ކަމަކަށް ވި އެވެ.

ލީގު އޮފް ނޭޝަންއިން ދިން ބާރުގެ ދަށުން ފަލަސްތީނުގެ ބިމުގައި އިނގިރޭސިން ހަރަކާތްތެރި ވަނީ --- އާކައިވް ފޮޓޯ: ޔާސިރު އަރަފާތު ފައުންޑޭޝަން

ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކުރި ޔަހޫދީން މެދުވެރިވެގެން، ޔޫރަޕުން ޔަހޫދީންގެ ގިނަ އާބާދީތަކެއް ފަލަސްތީނަށް ހިޖުރަ ކުރަން ފެށި އެވެ. ޔަހޫދީންގެ އަމިއްލަ ސްކޫލްތަކާއި ފެކްޓަރީތައް ފަލަސްތީނުގައި ބިނާ ކުރި އެވެ. އަދި ހަތިޔާރު އެޅި ހަނގުރާމަ ވެރި ޔަހޫދީންގެ ޖަމާއަތެއް ވެސް "ހަގަނާ" ގެ ނަމުގައި ފަލަސްތީނުގައި އުފެއްދި އެވެ. އެ ޖަމާއަތުގެ ލީޑަރަކީ، ޕޮލެންޑުން ފަލަސްތީނަށް ހިޖުރަ ކުރި ޑޭވިޑް ބެން ގޯރިއަން އެވެ. އޭނާ އަކީ ހަގަނާގެ މައި ގޮފި "ދަ ޖްވިޝް އެޖެންސީ" ގެ ވެސް ލީޑަރެވެ.

1936: އިނގިރޭސިންނާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ގެންނަން އުޅުނު އިންގިލާބު

ފުރަތަމަ ބޮޑު ހަނގުރާމައިގެ ފަހުން އަރަބިންގެ ތެރެއިން ކުދިކުދި ގައުމުތަކެއް އުފަންވުމުގެ ހިޔާލު ފެންމަތިވާން ފެށި އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ޔަގީންވީ، އެ މީހުންނަށް ވަކި ދައުލަތެއް އުފައްދައި ދޭން އިނގިރޭސިން ބޭނުން ނުވާ ކަމެވެ. އަދި ފަލަސްތީނުގެ ބިމާ މެދު ޔަހޫދީންގެ މަޝްވަރާ އަށް ކަންކަން ނިންމަމުންދާ މަންޒަރު ފަލަސްތީނުގެ ރައްޔިތުންނަށް ފެނުނެވެ.

މިނިވަން ދައުލަތަކަށް ފަލަސްތީނު ވުމަށާއި އެ ބިމުގެ އަސްލު ވަޒަންވެރިންގެ މަޝްވަރާ ނުހޯދައި ޔޫރަޕުން ހިޖުރަ ކުރި ޔަހޫދީން ބޭނުންވާގޮތަށް ކަންކަން ނިންމަމުންދާތީ ފަލަސްތީނުގެ ރައްޔިތުން 1936 ގައި އިނގިރޭސިންނާ ދެކޮޅަށް ތެދުވި އެވެ.

އިނގިރޭސި ސިފައިން ރަހީނު ކުރި ފަލަސްތީނުގެ ދެ މީހުން: އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަނީ --- ފައިލް ފޮޓޯ

އެ ހަރާކަތްތައް ރޫލާލަން އިނގިރޭސި ސިފައިން ބަރުގެ ބޭނުން ކުރި އެވެ. ގިނަ ބަޔަކު ހައްޔަރު ކުރި އެވެ. އެތައް ބަޔަކަށް ބޮޑެތި އަދަބު ދިނެވެ. ހަޅުތާލުތަކުގެ އިސްކޮށް އުޅުނު މީހުންނަށް މަރުގެ އަދަބު ދިނެވެ. އެންމެ އިސްކޮށް ތިބި ލީޑަރުންނަށް އަމިއްލަ އަށް އަރުވާލެވިގެން ގައުމު ދޫކޮށް ދާން މަޖުބޫރު ކުރުވި އެވެ. ހަތިޔާރު އަތުލައި އެ މީހުންގެ ގެތައް ގޮއްވާލި އެވެ. އިނގިރޭސިން ހަރުކަށި ބާރު ބޭނުން ކުރީ ފަލަސްތީނުގެ ރައްޔިތުން ދެން ދުވަހަކު ވެސް އެކަމާ ދެކޮޅަށް ނުނިކުންނާނެ ވަރު ކުރުމަށެވެ.

ފަލަސްތީނުގެ ހަނގުރާމަވެރިން އިނގިރޭސިންނާއި ޔަހޫދީންގެ އަމާޒުތަކަށް ހަމަލާ ދޭން ފެށި އެވެ. ރައްދުގައި އިނގިރޭސި ސިފައިންނާއި ހަގަނާގެ ހަނގުރާމަވެރިން ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދިޔަ އަވަށްތަކަށް ހަމަލާ ދީ އެ އަވަށްތައް ރެއިޑް ކުރަން ފެށި އެވެ.

1937: ފަލަސްތީނުގެ ބިމުގައި ދެ ދައުލަތް އުފެއްދުމަށް އިނގިރޭސިން ނިންމުން

ފަލަސްތީނުގެ ރައްޔިތުން، އިނގިރޭސިންނަށް ހަމަލާ ދޭން ފެށުމުން މައްސަލަ ހައްލު ކުރުމަށް، ޕީލް ކޮމިޝަންގެ ނަމުގައި، ލަންޑަނުން ޓީމެއް ފޮނުވި އެވެ. އެ ކޮމިޝަނުގެ ލީޑަރަކީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ވިލިއަމް ޕީލް އެވެ.

ފަލަސްތީނަށް ގޮސް ޕީލްގެ ކޮމިޝަނުން ތައްޔާރު ކުރި ފައިނަލް ރިޕޯޓް ޖުލައި 1937 ގައި އިނގިރޭސި ސަރުކާރާ ހަވާލު ކުރި އެވެ. ފަލަސްތީން ދެ ދައުލަތަކަށް ބަހާލުމަށް އެ ކޮމިޝަނުން ލަފާ ދީފައިވެ އެވެ. އެއްބައި ޔަހޫދީންނަށެވެ. އަނެއްބައި އަރަބިންނަށެވެ. ފަލަސްތީނުގެ އަރަބިންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

މެޕުގައި ރޮނގުދަމައި ޔަހޫދީންނަށް ދައުލަތް ހަދައި ދޭން އިން ވަކި ކުރި އިރު އެހެން މައްސަލައެއް ކުރިމަތި ވެއްޖެ އެވެ. ޔަހޫދީންގެ ދައުލަތަށް ކަނޑައަޅާ ސަރަހައްދުގައި ވެސް ގިނައީ ފަލަސްތީނުގެ ރައްޔިތުންނެވެ. އެކަން ހައްލު ކުރުމަށް 250،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދުން ގަދަކަމުން ބޭރު ކުރަން އިނގިރޭސިން ނިންމި އެވެ.

ޕީލް ކޮމިޝަނުން 1937 ގައި ފަލަސްތީނު ދެ ބައި ކުރުމަށް ނިންމި ގޮތް: ފެހި ކުލައިގެ ސަރަހައްދު ޔަހޫދީ ދައުލަތަށް ދޭން ނިންމި

މައްސަލަ ހައްލުކުރަން އިނގިރޭސިން ދެމި ރޮނގުން އުފެދުނީ އިތުރު ހައިޖާނުތަކެވެ. އެ ހަމަނުޖެހުންތައް 1939 ވަނަ އަހަރާ ހަމައަށް ދެމިގެން ދިޔަ އެވެ. އެ މުއްދަތުގައި ފަލަސްތީނުގެ ފިރިހެނުންގެ އާބާދީގެ 10 ޕަސެންޓް އެ ބިމުން "ގެއްލިގެން" ދިޔަ އެވެ. އެއްބަޔަކު މަރައިގެންނެވެ. އަނެއް ބަޔަކަށް ބޮޑެތި ޒަހަމްތައް ދީގެންނެވެ. ދެން ބައެއް މީހުންނަށް މަޖުބޫރު ކުރީ އަމިއްލަ އަށް އަރުވާލެވިގެން ދިއުމަށެވެ. އިނގިރޭސި ސަރުކާރުން ތިބީ މައްސަލަ އަށް ކޮންމެ ހައްލެއް ހޯދަން ވެސް ތައްޔާރަށެވެ.

ފަލަސްތީނުގެ ރައްޔިތުން އިނގިރޭސިންނާ ދެކޮޅަށް ގެންނަން އުޅުނު އިންގިލާބުގައި 1936-1939 އަށް ދިގު ދެމިގެން ދިޔަ އެވެ. އިނގިރޭސި ސިފައިންނާއި ހަގަނާ ޖަމާއަތް ގުޅިގެން ފަލަސްތީނުގެ 5،000 އަށް ވުރެ ގިނަ މީހުން މަރާލި އެވެ. އެ ހަމަނުޖެހުންތަކުގައި 15،000 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. އަދި 105 މީހުން ދަންޖައްސައި މަރާލި އެވެ.

1939: ފަލަސްތީނުގެ ރައްޔިތުންގެ އުތުރި އެރުން ހުއްޓުވަން "ވައިޓް ޕޭޕާ ޕޮލިސީ"

ދިގުދެމިގެންދާ ހަނގުރާމައެއްގައި ތިބެން އިނގިރޭސިންނަށް ކެތް ނުވުމުން، އެ ގައުމުގެ އޭރުގެ ބޮޑުވަޒީރު ނެވިލް ޗެމްބަލިން، ފަލަސްތީނު ރައްޔިތުންގެ އުތުރިއެރުން މައިތިރި ކުރުމަށްޓަކައި "ވައިޓް ޕޭޕާ ޕޮލިސީ" ގެ ނަމުގައި ސިޔާސަތެއް އެކުލައިވައިލި އެވެ. އެއީ ގައުމު ދެ ބައި ކުރުމަށް ފަލަސްތީނުގެ ރައްޔިތުން ދެކޮޅު ހެދުމުން، އެކަން ފިނި ކުރުމަށް އެކުލަވާލި ސިޔާސަތެކެވެ.

އެ ސިޔާސަތުގައި އިނގިރޭސިން ހުށަހެޅީ 10 އަހަރު ތެރޭ މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ހަދައި ދިނުމަށެވެ. އަދި ހިޖުރަކުރި ޔަހޫދީންނާއި އަރަބިންނަށް ހިއްސާވެގެން ދިރިއުޅެވޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށް އިނގިރޭސިން ބުންޏެވެ. އަދި ޔަހޫދީންނަށް ބިން ގަތުމުގައި ފުރުސަތު ހަނި ކުރި އެވެ. އަދި ޔޫރަޕުން އިތުރު ޔަހޫދީން ހިޖުރަ ކުރުން ވެސް އިނގިރޭސިން ކޮންޓްރޯލް ކުރި އެވެ.

އިނގިރޭސިންނާ ދެކޮޅަށް ތެދުވެ ނާކާމިޔާބުވި ފަލަސްތީނުގެ ރައްޔިތުންނަށް، އިނގިރޭސި ސިފައިން އަދަބު ދެނީ --- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް

ފަލަސްތީނުގެ ރައްޔިތުން މައިތިރި ކުރަން އިނގިރޭސިން މަޑުމައިތިރި ސިޔާސަތަކަށް އެނބުރުމުން، ޒަޔަނިސްޓުންނަށް އިހްސާސް ކުރެވުނީ، އިނގިރޭސިން ވީ އަހުދަށް އެ ގައުމުގެ ސަރުކާރުން ހިޔާނާތްތެރިވީ ކަމަށެވެ. ރައްދުގައި ހަގަނާ ޖަމާއަތުން ފަލަސްތީނުގެ ރައްޔިތުން އަވަށްތަކަށް ހަމަލާދީ އެތައް ބަޔަކު މަރާލި އެވެ.

މައްސަލަ އަށް ހައްލު ނުލިބިގެން އުޅެނިކޮށް ދެން ކުރިމަތިވީ މާ ބޮޑު ބިރަކާ އެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމަ އެވެ.

1945-1948: ގިނަ އަދަދަކަށް ޔޫރަޕްގެ ޔަހޫދީން ފަލަސްތީނަށް ހިޖުރަ ކުރަން ފެށުން

ދެވަނަ ބޮޑު ހަނގުރާމައިގެ 60 މިލިއަނަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ނާޒީން، މީހުން މަރަން ތައްޔާރު ކުރި ކޭމްޕްތަކުގައި މަރާލި ހަ މިލިއަން ޔަހޫދީން ވެސް ހިމެނެ އެވެ. އެޑޯލްފް ހިޓްލާގެ ނާޒީ ސިފައިންގެ އަތްދަށު ނުވެ ސަލާމަތްވި މީހުން މަރަށް ފިލަން ފަލަސްތީނުގެ ބިމަށް ހިޖުރަ ކުރަން ފެށި އެވެ. ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުން އިނގިރޭސިވިލާތުން ކޮންޓްރޯލްކޮށްފައި އޮތް ނަމަވެސް އެތައް ހާސް ޔަހޫދީންނެއް ފަލަސްތީނަށް ހިޖުރަ ކުރި އެވެ.

1947 ގައި ކަނޑު ބޯޓެއްގައި ފަލަސްތީނަށް ހިޖުރަ ކުރި ޔޫރަޕްގެ ޔަހޫދީން "ޖަރުމަނުން އަހަރެމެންގެ އާއިލާތަކާއި ގެދޮރު ހަލާކުކޮށްލީ - އަހަރެމެންގެ އުއްމީދުތައް ހަލާކުކޮށްނުލާތި" ލިޔެފައިވާ ބެނާއެއް ހިފައިގެން --- ފޮޓޯ: ކަލެކްޓެޑް

އިނގިރޭސިންނަށް ހެދޭނެ އެއްގޮތެއް ވެސް ނެތެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ކުރިމަތިވި ގެއްލުންތަކުގައި އިނގިރޭސި އަސްކަރީ ބާރު އޮތީ ފުނޑުފުނޑުވެފަ އެވެ. އެހާހިސާބުން ޒަޔަނިސްޓުންނަށް ދެ ކަމެއް ޔަގީންވި އެވެ. އަސްކަރީ ގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ވުރެ ޔަހޫދީންގެ އަސްކަރީ ބާރު މާ ގަދަ ކަމެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިންނަށް ލިބުނު ބޮޑު ގެއްލުންތަކުގެ ސަބަބުން ޒަޔަނިސްޓުންގެ މައްޗަށް ދެން އިތުރު ބާރެއް ނުހިންގޭ ވަރަށް އިނގިރޭސިން ބަލިކަށިވެފައިވާކަން ވެސް ޔަގީންވި އެވެ.

ޔޫރަޕްގައި ޔަހޫދީންނާ ދެކޮޅަށް ހިނގަމުން ދިޔަ ގަތުލުއާންމުތަކުން ސަލާމަތްވި ގިނަ މީހުންނަކީ ފަލަސްތީނަށް އޭގެ ކުރިން ހިޖުރަކުރި ޔަހޫދީ އާބާދީތަކުގެ ތިމާގެ މީހުން ނުވަތަ ރައްޓެހިންނެވެ. ޔަހޫދީންނާ ދެކޮޅަށް ޔޫރަޕްގައި އޮތް ނުރައްކަލުން ސަލާމަތް ވުމަށް 100،000 އަށް ވުރެ ގިނަ ޔަހޫދީން އެކި ފަހަރުތަކުގެމަތިން ފަލަސްތީނުގެ ބިމަށް ހިޖުރަ ކުރި އެވެ. އެކަން ހުއްޓުވަން އިނގިރޭސި ސަރުކާރުން މަސައްކަތް ފެށި ނަމަވެސް އެ ދައުލަތް އޮތީ ވާގި ނެތިފަ އެވެ.

1947: އިނގިރޭސިން ފަލަސްތީނުން ފައިބަން ނިންމުން

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އިނގިރޭސިން ވަކިހިއްޕާލައިގެން ތިބި ނަމަވެސް ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު އެ ބާރު ފަނޑުވާން ފެށި އެވެ. އިނގިރޭސިން ހިފާފައިވާ އެކި ބިންތަކުން ފައިބަން ފެށި އެވެ. ފަލަސްތީނު، 30 އަހަރުވަންދެން އިސްތިއުމާރުކޮށްގެން ތިބުމަށް ފަހު 1947 ގައި އިނގިރޭސިން އެ ގައުމުން ފައިބަން ފެށި އެވެ. ފަލަސްތީނުގައި ހައްލު ނުކުރެވުނު މައްސަލަ، އދ. ގެ އަތްމައްޗަށް އިނގިރޭސިން ދޫކޮށްލި އެވެ. އިނގިރޭސިން ފަލަސްތީނުގައި ބާރު ހިންގި 30 އަހަރުގެ މުއްދަތުގައި 10 ޕަސެންޓްގައި އޮތް ޔަހޫދީންގެ އާބާދީ 30 ޕަސަންޓަށް އިތުރު ކުރި އެވެ. ނަމަވެސް ޔަހޫދީންނަށް ކޮންޓްރޯލް އޮތީ ބިމުގެ ހަ ޕަސަންޓެވެ.

ފަލަސްތީނުން ފޭބި އިނގިރޭސި ވިލާތުގެ ސިފައިންގެ އެންމެ ފަހު ލަޝްކަރު، ފަލަސްތީނުން ފޭބުމުގެ ކުރިން --- ފޮޓޯ: ބްރިޓިޝް އާމީ އާކައިވް

ޔަހޫދީންގެ ހަނގުރާމަވެރި ޖަމާއަތް، ހަގަނާގެ ލީޑަރު ބެންގޯރިއަންގެ ރިޔާސަތުގެ ދަށުން "ޖްވިޝް އެޖެންސީ" ހިންގަމުން ދިޔައީ ސަރުކާރެއްގެ ސިފައިގަ އެވެ. ހަގަނާ ޖަމާއަތުގައި ވެސް 10،000 ވުރެ ގިނަ ހަނގުރާމަވެރިން ތިއްބެވެ. އަދި ޒަމާނީ ހަތިޔާރާއި ދެވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވި ޔަހޫދީ އޮފިސަރުން ވެސް ފަލަސްތީނަށް ހިޖުރަކޮށް ހަގަނާގެ އިތުރުން ޔަހޫދީ ހަނގުރާމަވެރި އެހެން ޖަމާއަތްތަކާ ވެސް ގުޅުނެވެ.

ޔަހޫދީންނަށް އެ ފުރުސަތު އޮތް ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ސަރުކާރެއް ހިންގާނެ ހުއްދައެއް އަދި އަސްކަރީ ބާރެއް އުފައްދާނެ ހުއްދައެއް ވެސް ނެތެވެ. އޭރު ވެސް ފަލަސްތީނުގެ ބިމުގައި ބޮޑު އާބާދީ އަކީ އަރަބިންނެވެ. އެ މެޖޯރިޓީ ފަލަސްތީނުގެ ރައްޔިތުންގެ އަތުގައި އޮތް ނަމަވެސް އެ ރައްޔިތުން މަޑުކުރަން ޖެހުނީ އދ. އާންމު މަޖިލީހުން ނިންމާނެ ގޮތަކަށެވެ.

1947 ނޮވެމްބަރު: ފަލަސްތީނު ދެބަޔަށް ބަހާލައި ދެ ދައުލަތް އުފެއްދުން

ނޮވެމްބަރު 29، 1947 ގައި އދ.ގެ ޢާންމު މަޖިލީހުން ފާސްކުރީ ފަލަސްތީނުގެ ބިން ބަހާލައި ދެ ދައުލަތް އުފެއްދުމަށެވެ. ފަލަސްތީނުގެ ބިމުގެ 55 ޕަސެންޓަށް ވުރެ ބޮޑު ބައެއް ދިނީ އަލަށް އުފައްދަން އުޅޭ ޔަހޫދީ ދައުލަތަށެވެ. އެކަމަކު އެ ދައުލަތަށް ދޭން ކަނޑައެޅި ސަރަހައްދުތަކުގައި ވެސް ދެބައިކުޅަ އެއްބަޔަކީ ފަލަސްތީނުގެ ރައްޔިތުންނެވެ. އެ ރައްޔިތުންނާ މެދު އަމަލު ކުރާނެ ގޮތަކީ ކޮބައިކަމެއް އދ. އިން ނުނިންމަ އެވެ.

އދ. ގެ ނިންމުމާ އިސްލާމީ ގިނަ ގައުމުތަކާއި އަރަބިން ދެކޮޅު ހެދި އެވެ. ނަމަވެސް ބެންގޯރިއަންގެ ޖްވިޝް އެޖެންސީން، އދ.ގެ ނިންމުން ބަލައިގަތެވެ. އޭނާގެ އެޖެންސީން އެކަން ބަލައިގަތީ ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ. އިނގިރޭސިން ފަލަސްތީނުން ފައިބައިގެން ދިއުމުން އެ ބިމުގައި އެންމެ ބޮޑު އަސްކަރީ ބާރަކަށް އޮންނާނީ އޭނާގެ ހަނގުރާމަވެރި ޖަމާއަތްކަން ބެންގޯރިއަން އަށް ޔަގީންވި އެވެ.

އދ. އިން ކަނޑައެޅި ސަރަހައްދުތަކަށް ވުރެ އިތުރަށް ވެސް، ޔަހޫދީންގެ ހަނގުރާމަވެރި ޖަމާއަތުން ބިންތައް ހިފުމަށް ބެންގޯރިއަން އެންގި އެވެ. އަދި އެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ހުސް ކުރުމަށް ވެސް އޭނާ އެންގި އެވެ.

ފަލަސްތީނުގެ ބިމުގައި ދެ ދައުލަތް އުފެއްދުމަށް އދ. އިން އެކުލަވާލި ގޮތް: ފެހި ކުލައިގެ ސަރަހައްދު ޔަހޫދީންނަށް -

ހައިފާ ސިޓީގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ އަވަށްތަކުގައި ކާރު ބޮންގޮއްވައި އެތައް ބަޔަކު މަރާލި އެވެ. އަދި އަވަށްތައް ރެއިޑްކޮށް އެތައް ބަޔަކު ހައްޔަރު ކުރަން ފެށި އެވެ. ޔަހޫދީންގެ ހަނގުރާމަވެރި ޖަމާއަތުގެ ކިބައިން ސަލާމަތްވުމަށް ފަލަސްތީނުގެ ރައްޔިތުން އެހެން ތަންތަނަށް ހިޖުރަ ކުރަން މަޖުބޫރުވި އެވެ.

ޔަހޫދީ ހަނގުރާމަވެރިންގެ ހަމަލާތަކަށް ފަހު، ގުދުސްގެ ހުޅަނގު ސަރަހައްދު ބަލަން ބެންގޯރިއަން ވެސް ދިޔަ އެވެ. އެތަން ބެލުމަށް ފަހު އޭނާ ބުނީ އަރަބިންގެ އެކަކު ވެސް އެ ސަރަހައްދުން ފެންނާން ނެތް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ހުސްކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާނަމަ އަށް މަސް ދުވަސްތެރޭ ރަނގަޅު ނަތީޖާއެއް ޔަހޫދީ ދައުލަތަށް ހޯދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ގުދުސްގެ ހުޅަނގު ސަރަހައްދުގެ އަރަބި އަވަށްތަކުން އެންމެ އަރަތްބަކު ވެސް ނުދެކެން. މިކަމުގައި ދެމިތިބޭނަމަ ކުރިއަށް އޮތް ހަ ނުވަތަ އަށް މަސް ދުވަހުގެ ތެރޭގައި އަހަރެމެންގެ ގައުމުގެ ފައިދާއަށް ބޮޑެތި ބަދަލުތަކެއް އައުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" ގުދުސްގެ ހުޅަނގު ސަރަހައްދު ބެލުމަށް ފަހު ބެންގޯރިއަން ބުނެފައި ވެއެވެ.

1948 އެޕްރީލް: ޔަހޫދީންގެ ދައުލަތް އުފެއްދުން، ބޮޑު ގަތުލުއާންމެއް

އިނގިރޭސި ސިފައިން ފަލަސްތީނުގެ ބިމުން އެއްކޮށް ފޭބުމުގެ ގާތްގަނޑަކަށް އެއް މަސްކުރިން، އޭޕްރީލް 9، 1948 ގައި ފަލަސްތީނުގެ ދިރް ޔަސީން އަވަށުގައި ޔަހޫދީން ބޮޑު ގަތުލުއާންމެއް ހިންގައި އެތައް ބަޔަކު މަރާލި އެވެ.

އެ ގަތުލުއާންމު ސިފަކޮށް ސީދާ އިނގިރޭސި ސަރުކާރުން ވެސް އދ. އަށް ރިޕޯޓެއް ހުށަހެޅި އެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ ޔަހޫދީ ހަނގުރާމަވެރިން، ފަލަސްތީނުގެ 250 މީހުން މަރާލީ ބޮޑު ވަލު ޖަނަވާރެއް މަރާލާހެން ކަމަށެވެ.

ދިރް ޔަސީންގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ގަތުލުއާމުތަކުގެ ތެރެއިންލ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލްގެ ސިފައިން އަދަބު ދެނީ

"އަންހެނުންނާއި ކުޑަކުދިން އެއްކޮށް ސަފު ހަދައި، ފޮޓޯ ނަގައި، އެއަށްފަހު އޮޓޮމެޓިކް ފަޔަރިންގެ ޒަރިއްޔާއިން ކަތިލީ އެވެ." އދ. އަށް އިނގިރޭސިން ހުށަހެޅި ރިޕޯޓްގެ ތިންވަނަ ޕޮއިންޓްގައި ވެއެވެ.

ދިރް ޔަސީންގެ ގަތުލްއާންމުގެ މަންޒަރުތައްވީ ފަލަސްތީނުގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ބިރުވެރި ކަމަކަށެވެ. އެ މުއްދަތުގައި ޔަހޫދީ ހަނގުރާމަވެރިން ގިނަ އަވަށްތަކެއްގައި އެފަދަ ގަތުލުއާންމުތަކެއް ހިންގި އެވެ. ދުރު އަވަށްތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި އުފެދުނު ބޮޑު ބިރުވެރި ކަމާ އެކު ދެން ދިމާކުރާނީ އެމީހުންނާ ކަން އެނގޭތީ އަވަސް އަވަހަށް ގެދޮރު ދޫކޮށް ހިޖުރަކުރަން ފެށި އެވެ.

1948 މެއި- ޔަހޫދީންގެ ދައުލަތް ރަސްމީކޮށް އިއުލާން ކުރުން

ފަލަސްތީނުގެ ބިން ބެލެހެއްޓުމަށް އދ. އިން އިނގިރޭސިންނަށް ދީފައި އޮތް މުއްދަތު ހަމަވާން އޮތީ މެއި 15، 1948 ގަ އެވެ. އޭގެ ކުރީ ރޭ (މެއި 14 ވަނަ ދުވަހުގެ ރޭ) އިޒްރޭލްގެ ނަމުގައި ޔަހޫދީންގެ ދައުލަތް، ބެންގޯރިއަން އިއުލާން ކުރި އެވެ. ދުނިޔޭގެ ނުފޫޒުގަދަ ދެ ބާރުގެ ވެރިން ކަމަށްވާ، އެމެރިކާގެ އޭރުގެ ރައީސް ހެރީ އެސް ޓްރުމަން އާއި ކުރީގެ ސޯވިއެޓް ޔޫނިއަންގެ ލީޑަރު ޖޯސެފް ސްޓާލިން އިޒްރޭލްގެ ދައުލަތް ބަލައިގަތްކަން ވަގުތުން އިއުލާން ކުރި އެވެ.

އިޒްރޭލްގެ ދައުލަތް 1948 ބެންގޯރިއަށް އިއުލާން ކުރަނީ ގައި އިއުލާން ކުރަނީ

އިޒްރޭލްގެ ދައުލަތް އިއުލާން ކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ދައުލަތުގެ ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި ބެންގޯރިއަން މަގާމާ ހަވާލުވި އެވެ. އެ ރަސްމިއްޔާތުގައި އޭނާގެ ބޯ މަތީގައިހުރި ބިތުގައި ތިއޮޑޯ ހާޒަލްގެ ބޮޑު ފޮޓޯއެއް ހަރުކޮށްފައި ހުއްޓެވެ. ޔަހޫދީންގެ ދައުލަތުގެ ހިޔާލު ހާޒަލް އިއުލާން ކުރިތާ 51 އަހަރު ފަހުން އެ ދައުލަތުގައި ރަސްމީ ސިފަ ޖެހުނެވެ.

ޔަހޫދީންގެ ހަނގުރާމަވެރި ހުރިހާ ޖަމާއަތެއް އެއްކޮށްލައި އިޒްރޭލްގެ ސިފައިންގެ އަސްކަރިއްޔާ އުފެއްދި އެވެ. އެހާ ހިސާބުން އަދި ހަނގުރާމަ ނިމުނީކީ ނޫނެވެ. ބައެއް އަރަބި ގައުމުތަކުގެ ސިފައިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފެށި އެވެ. އެކަމަކު އަރަބި ލަޝްކަރުތަކުގައި ނެތްވަރުގެ ޒަމާނީ ހަތިޔާރާއި ވަސީލަތްތައް އިޒްރޭލްގެ އަސްކަރިއްޔާގައި މާ ތަނަވަހެވެ. އެއް ކޮމާންޑަރަކަށް ތަބާވާ ބަދަހި ސިފައިންގެ ލަޝްކަރުތަކެއް އޮތެވެ. އަދި ހުޅަނގުގެ ގައުމުތަކުގެ ތާއީދު ވެސް އިޒްރޭލަށް އޮތެވެ.

ނޮވެމްބަރު 4، 1948 ގައި ފަލަސްތީނުގެ ރެފިއުޖީން ފަލަސްތީނުން ލުބުނާނަށް ދިއުމުގެ މަގުމަތީގައި --- ފައިލް ފޮޓޯ: އޭޕީ

އދ. އިން ފަލަސްތީނުގެ ރައްޔިތުންނަށް ކަނޑައަޅާފައިވާ ބިންތައް ވެސް އެ ހަނގުރާމައިގައި އިޒްރޭލް ސިފައިން ހިފި އެވެ. އެ ހަނގުރާމައިގައި ފަލަސްތީނުގެ 50،000 މީހުން ގެދޮރު ދޫކޮށް ދާން ޖެހުނެވެ. ގިނަ މީހުން ހިޖުރަކުރީ ފައި މަގުގަ އެވެ. އެ ހިނގުން "ލިއްދާ ޑެތު މާޗް" ގެ ނަމުގައި ފަހުން މަޝްހޫރުވި އެވެ.

އިޒްރޭލުން ހިފި އަވަށްތައް ހުސް ކުރުމަށް ފަހު ހިބްރޫ ބަހުގެ ނަންތަކަށް ބަދަލު ކުރި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ބިނާކޮށްފައި ހުރި އިމާރާތްތަކާއި ގެދޮރުތައް ޔަހޫދީންނަށް ދޭން ފެށި އެވެ. އދ އިން އާންމު ކުރި ގޮތުގައި ފަލަސްތީނުގެ ތިންބައި ކުޅަ އެއްބައި މީހުން ރެފިއުޖީންނަށް ވި އެވެ. އިޒްރޭލުން 1948 ގައި ހިންގި ގަތުލުއާމުތައް ފަހުން މަޝްހޫރުވީ "ނަކްބާ" ނަމުންނެވެ. މާނަ އަކީ ކާރިސާގެ ހަނދާންތަކެވެ.

އަރަބިންނާއި އިޒްރޭލާ ދެމެދު ހިނގި ފާހަގަ ކުރެވޭ ބޮޑެތި ކުރިމަތިލުންތައް

- އަރަބި-އިޒްރޭލް ހަނގުރާމަ 1948

- ފަލަސްތީނުގެ ފިދާއީންގެ ހަނގުރާމަ 1950

- އަރަބި ގައުމުތައް ބައިވެރިވެގެން އިޒްރޭލާ ދެކޮޅަށް ކުރި ހަ ދުވަހުގެ ހަނގުރާމަ 1967

- ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަނުން ދެކުނު ލުބުނާނުގައި ތިބެގެން އިޒްރޭލަށް ހަމަލާ ދިނުން 1971

- ފުރަތަމަ އިންތިފާލޯ 1987-1993 އަށް

- ދެވަނަ އިންތިފާލޯ 2000-2005 އަށް

- ހިޒްބުﷲ އާއި އިޒްރޭލްގެ ހަނގުރާމަ 2006

- ގާޒާ ހަނގުރާމަ 2008-2009

- އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް 2014

- އޮޕަރޭޝަން ގާޑިއަން އޮފް ދަ ވޯލްސް 2021

- އަގްސޯ ތޫފާން 2023

29 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 73%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

4565

26 October 2023

މިގައުމުގެ ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނަންޖެހޭ. ކޮމެންޓުތަކަށް ބަލާލުމުންއެނގޭ ދިވެހިންނަކީ ޖާހިލުންގެ ބައެއްކަން. ކީރިތި ގުރުއާނުގައި އެބިމަކީ ﷲ ބަރަކާތްލެއްވި ބިންކަމާ އެބިމަކީ ﷲ އަށް އީމާންވާ ބަޔަކަށް ﷲ ދެއްވިތަނެއްކަން ދަންނަ މީހަކުވެސް މަދުކަން އެނގޭ. ކީރިތި ގުރުއާނުގެ އިސްރާ ސޫރަތުގެ ފުރަތަމަ 8 އާޔަތުގެ މާނަ ކިޔާލާ މީހަކަށްވެސް އެނގޭނެ އެތަނަކީ ޒައިނިސްޓުންގެ ތަނެއްނޫންކަން. ޔޫރަޕާ އެމެރިކާއަކީ އަނިޔާވެރިންކަން އެނގޭނެ.

The name is already taken The name is available. Register?

ޗގޔގޔގޔ

29 October 2023

މިގައުމުގެ ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނަންޖެހޭ..ތާއީދު.. ގިނަ ބަޔަކަށް ބަހުގެ އެންމެ އަސާސް އެއް ކަންތައް "ސުކުން" ވެސް ނޭނގެ

The name is already taken The name is available. Register?

މަކާރު

24 October 2023

ޔަހޫދީންނަކީ ކަންއާން ނުވަތަ ފަލަސްތީންގެ އަސްލު ވަޒަންވެރިން. މީ ކަންޢާނީ ދަރިކޮޅުގެ ގޮއްޕެއް. ޢަރަބި މުސްލިމުނަކީ ޢުމަރުގެފާނުގެ ޒަމާނުގައި ޤުދުސް ފަތަހަ ކުރުމަށްފަހު ފަލަސްތީންގައި ވަޒަންވެރިވީ ޢަރަބި ފާތިހުންގެ ދަރިކޮޅު. ކުރިން ތިބީ ޔަހޫދީން. ފަހުން އައީ އަރަބިން. އިންޑިޔާގައި ވެސް ކުރިން ތިބީ ހިންދޫން. ފަހުން އައީ މުސްލިމުން. ރާއްޖޭގައިވެސް ކުރިން ތިބީ ބުޑީސްޓުން، ފަހުން އައީ މުސްލިމުން.

The name is already taken The name is available. Register?

ކާށި

24 October 2023

އިބުރާޙީމްގެފާނުން ފަލަސްތީނުގަ ވަޒަންވެރި ވުމުގެ ކުރިންވެސް އެތަނުގަ މީހުން އުޅުނު..އެމީހުންނަކީ އަރަބިން..ޔަހޫދީންނަކީ މާފަހުން އައިސް ވަޒަންވެރިވި ބައެއް..

The name is already taken The name is available. Register?

މަކާރުގެ ޔަހޫދީއޭ

24 October 2023

ކުރިންވެސް ފަހުންވެސް އެތަނަކީ މުސްލިމުންގެ ތަނެއް. ޔަހޫދީ ވެރިކަމެެއް ފުރަތަމަވެސް ފެށުނީ ދައޫދުގެ ފާނުގެ ނަބީކމުގައި އޭގެކުރިން އިބްރާހީމަގެފާނާއި އެނޫން އެތައް ނަބީއްޔުނެއް ރަސޫލުން އުޅުނު. އެހެންވީމާ އެއީ ޢަރަބިންގެ ތަނެއް. މުސްލިމުންގެ ތަނެއް. ރާއްޖެމީހުން އިސްލާމްދީނަށް ވަނުމަކުން ބުޑިސްޓުންގެ ތަނަކަށް ދިވެހިރާއްޖެ ނުވެ Hama ދިވެހިންގެ ތަނެއް ދިވެހިރާއްޖެއަކީ Hama އެގޮތަށް ފަލަސްޠީނަކީ ޔަހޫދީންގެ ތަނެއްނޫން. ޢަރަބިންގެ ބިމެއް.

The name is already taken The name is available. Register?

މައްކާރު

24 October 2023

އިންޑިޔާގައި މުސްލިމް ދައުލަތް އުފެދުމުން ކިތައް ހިންދޫން ޕާކިސްތާނުން އިންޑިޔާއަށް ހިޖްރަ ކުރިތޯ ބަލާބަ. ކިތައް މީހުން ދެގައުމުގެ ބޯޑަރު ހުރަސްކޮށް ކިތައް ރެފިޔުޖީން އުފެދުނުތޯ ބަލާބަ. އެތައް ސަތޭކަ މިލިޔަނުން.

The name is already taken The name is available. Register?

ފާތިޙްޙް

24 October 2023

ދިވެހިރާއްޖެ ވެސް ފަތަހަ ކުރިޔެއް ނޫންތޯ. މިހާރު ބުޑިސްޓް ދިވެހިރާއްޖެ މެޕުން ނުފެނޭ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

24 October 2023

ރާއްޖެއިން އިޒްރޭލްދައުލަތް ހަދަން ވޯޓް ދިނީ ކީއްވެހޭ! ރާޢްޖެ ވެސް އިޒްރޭލް ދައުލަތް ހަދަން ވޯޓް ދިން!

The name is already taken The name is available. Register?

88888

26 October 2023

މީހަކު ވޯޓު ދީގެން ހެދި ތަނެއްނޫން ޔަހޫދީ ދައުލަތަކީ. އެއީ އިންގިރޭސިން އިސްތިއުމާރުގަ އޮތްތަނެއް. އެމީހުން އެތަނުން ފައިބައިގެން ވަގަށް ނުކުމެގެން ދަމުން ބެލްފޯ ޑިކްލަރޭޝަން ނަމުގަ އެއްޗެއް ހަދާފަ ހަވާލުކުރީ. އޭގެ ކުރިން 2 ވަނަ ބޮޑު ހަނގުރާމާގަ އިނގިރޭސިންނަށް ޒައިނިސްޓުން އެހީވީ ފަލަސްތީނުގެ ބިން ދިނުން ޝަރުޠުކޮށް. ހަނގުރާމަ ނިމުމާއެކު ރޮތްޗައިލްޑް އާއިލާއަށް އިނގިރޭސިން އެބިން ލިޔުމުން އޮތީ ހަވާލުކޮށްފައި.

The name is already taken The name is available. Register?

ފާތިޙު33

23 October 2023

އުސްމާނީ ޚިލާފަތުން ފަލަސްތީނު 'ފަތަޙަ' ކުރި ގޮތަށް، އިނގިރޭސިންވެސް ފަލަސްތީނު /ފަތަޙަ' ކުރީ. ފަތަޙަކުރުމަށްފަހު އެތާއުޅޭ މީހުންގާތު އަހާކަށް ނުޖެހޭނެތާ އެމީހުން ބޭނުމީ ކޮންގޮތެއްތޯއެއް. ގައިމު މިސްރު، ޓިއުނީޝިއާ އަލްޖީރިއާ މޮރޮކޯ ފަދަ ތަންތައް ފަތަޙަ ކޮށްފައިވެސް އެމީހުން ގާތު ނާހާ ކޮންކަހަލަ ވެރިކަމެއްތޯއެއް ބޭނުމީ. ދެން ފަތަޙަ ކުރާ ބަޔަކު ބޭނުންގޮތެއް ބިމަށް ހެދޭކަމަށް އިސްލާމީ ތާރީޚުން ފެންނަން އެބައޮތް. ޖިޒީދޭންވެސް އެންގިދާނެ.

The name is already taken The name is available. Register?

ޏާއްކޮ

23 October 2023

ބަލަ މުސްލިމުންނާ ކާފަރުންނާ އެއްވަރުވާނެ ތަ އަޅެފަހެ

The name is already taken The name is available. Register?

ޖޯޝީ

23 October 2023

ފަލަސްތީނުމީހުންލައްވާ އުސްމާނީ ޚިލާފަތާދެކޮޅަށް ހަނގުރާމަކުރުވީ ފަލަސްތީނުމީހުންނަށް މިނިވަން ދައުލަތެއް ހޯދައިދޭނެކަމަށްބުނެ. އެހެންވީމާ އެމީހުންބޭނުންވާގޮތް އަޑުއަހަންޖެހޭނެ

The name is already taken The name is available. Register?

އަނގަބޭ

24 October 2023

އެހެންވީމަ ކަލޭ ހާސްނުވޭ ތި ލޮޖިކުގެ ބޭނުންކޮށްގެން ފަލަސްތީނުމީހުން މުޅި ފަލަސްތީނު އަނބުރާ އެމީހުންގެ ބާރުގެ ދަށަށް ގެންނަތަން ބަލަންހުރޭ ސޮނިވެއްޓިފަ ރުޅިއަރައި ފުފިފަ ވިޔަސް. ކަލެޔާ ކަލޭގެ ފުރެންޑުން ތިބެންޖެހޭނީ ހަމަ ރާޑި ކޮމެންޓު ލިޔަން. އަލްޖީރިޔާ ލީބިޔާ އިންވެސް ފެންނާނެ ތިބުނިހެން 'ފަތަހަ' ކުރި ބޭރު މީހުނަށް ހަދާލި ގޮތް. މުސްލިމުންގެ ބިން ފަތަހަކޮށްގެނެއް ކާފަރުންނަށް ނުތިބެވޭނެކަން އެނގޭނެ މިގައުމުގެވެސް ތާރީޚުން.

The name is already taken The name is available. Register?

ީއަބުރާހީމް

24 October 2023

އޮޅުވާނުލާ އެގައުމުތަކުގެ ރައްޔިތުން އިސްލާމްދީނައް ވަނީ ރުހިގެން.

The name is already taken The name is available. Register?

ސަރީހު

23 October 2023

އަހަރުމެންގެ މުސްލިމް އަޚުން ގެ ދުރުވިސްނުން ކޮށިކަން ހާމަވެގެން ދިޔަ ލިޔުމެއް. އަހަރުމެން ގެ ނުކުޅެދޭ ކަމުގެ އޑުވާންޓޭޖު ބަޔަކު ނެގުމަކީ އަހަރުމެންގެ ކަޑަކަން. އަހަރުމެންގެ އިލްމުވެރިން ގޮވާލްނީ ގުނޫތު ކިޔަން. ޒަމާނީ ލަޝްކަރު ތަކަށްވުރެ އަހަރުމެން މުސްލިމުން ކިޔާ ގުނޫތު ބާރުގަދަވާނެ.

The name is already taken The name is available. Register?

ތާކޫރު

24 October 2023

އަހަރުމެން މުސްލިމުންގެ މައްސަލަ އަކަށްވުރެ ބޮޑަށް އަރަބިން ގެ މައްސަލަ އެއް

The name is already taken The name is available. Register?

58565

26 October 2023

އަރަބިންގެ ތަނެއްނޫން އެއީ. ބައިތުލް މަގްދިސް ނުވަތަ ހޯލީ ލޭންޑްއަކީ މުސްލިމުންގެ ތަނެއް. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ މުސްލިމަކަށްވެސް ވާޖިބުވާނެ އެ މުގައްދަސް ބިން މިނިވަންކުރަން މަސައްކަތް ކުރަން. ކީރިތި ގުރުއާނުގެ އިސްރާ ސޫރަތުގައި ﷲ ވަހީކުރައްވަނީ. އެއީ ބަރަކާތްތެރި ބިމެއްކަމަށް އެތަނަކީ މުސްލިމުންގެ ފުރަތަމަ ގިބްލަ. އެތަނަކީ 3 ޙަރަމްފުޅުގެ ތެރެއިން 1 ތަން. ދިވެހިންގެ އިލްމެއްނެތްކަން ހިތަށްއަރާ ހިތާމަކުރަންޖެހޭ.

The name is already taken The name is available. Register?

ގާދިމޫން

23 October 2023

1948 ނަކްބާގައި ގެދޮރުން ނެރެލެވުނީ 50،000 އެއްނޫން 870000 މީހުން ، ގިނަމީހުންނަށް ވިސްނައިދިނީ ހަފްތާއެއްވަރުފަހުނ ހަނގުރާމަ ފިނިވީމަ އަލުން އާދެވޭނެ، އެކަމަކު ޔަހދީން ފަލަސްޠީނުމީހުންގެ ގެދޮރަށް ވެރިވަގަނެ ދުވަހަކުވެސް އެނބުރި އައުމުގެ ފުރުސަތު ބަންދުކުރި، ބޮޑެތި ސިޓީތައް އެއީ އެދުވަސް ވަރު މެދުއިރުމަތީގެ ވެސް އެންމެ ހެޕެނިންގ ރަށްތައްމ ހައިފާ، ޢައްކާ، ޔާފާ، ލިއްދު، އަސްޤަލާން، ތައްލިއަބީބު، މީގެ އިތުރަށް 500 ވިލެޖު އެއްކޮށް ސުންނާފަތިކުރި

The name is already taken The name is available. Register?

މިލޯސަވަިޗް

23 October 2023

ކޮސޯވޯޔާ ބޮޒްނިޔާ ގައުމެއް ވެސް ކުރިޔަކުން މެޕްގަ ނުއޮވޭ. އޮންނަނީ ސާރބު-ޔޫގޯސްލާވިޔާ.

The name is already taken The name is available. Register?

މަރިއްކޮކީ

24 October 2023

ޣައްޒާގެ މި ކަތިލުމަށްފަހު އިޒުރޭލެއް ދެން މާގިނަ ދުވަހަކު ނޯންނާނެ ﷲ އިރާދަކުރެއްވިއްޔާ. ބަޔަކު އަނިޔާވެރިކަމުގަ ހައްދުފަހަނަ އެޅުން އެއީ އެމީހުންގެ ނިމުން ކައިރިވެއްޖެ ކަމުގެ އަލާމާތެއް. ކަލޭ ނަމަކަށް ޖަހާފަ ތިޔަ އިނީ އޭގެ މިސާލެއް.

The name is already taken The name is available. Register?

އިންޑަސް

23 October 2023

ކުރިން އޮންނަނީ މުސްކުޅި އިންޑިޔާ އެކަނި. ހިންދުސްތާން. އެއީ މުސްލިމުނާ ހިންދޫނާ ދެބައިމީހުން ތިބި ގައުމެއް. ސައުދީ އަރަބިއްޔާއާ ޖޯރޑަން ކިޔާ ގައުމެއް ވެސް ކުރިޔަކުން މެޕްތަކުގަ ނުއޮވޭ. ކުރިން އޮންނަނީ ހިޖާޒް އެކަނިން..

The name is already taken The name is available. Register?

ާރިމާޙް

23 October 2023

ކުރިން ވެސް އަރަބި ގައުމްތަކުގަ އުޅުނީ އަރަބިން... މިހާރު ފަލަސްތީން ހިފައިގެން އުޅެނީ އަނިޔާވެރި އިސްޓާން ޔޫރަޕް ޔަހޫދީންތަކެއް... އިންޑިއާގަ އުޅެނީ އިންޑިއާ މީހުން މިހާރު ވެސް އެއިރުވެސް...

The name is already taken The name is available. Register?

މަޖާކަމެއް

24 October 2023

މެޕެއް ދުށިންތަ ދުވަހަކުވެސް؟ އެނގޭތަ ހުޅަނގު ދެކުނު ވަކިކުރަން؟ ވަރިހަމަ ދެން ކޮންމެ އެއްޗެކޭ އޮތަސް. ތިބުނި ގައުމުތަކުގަ މިހާރުވެސް ތިބީ މާމަ ކާފަ ތި ގައުމުތަކަށް އުފަންވި މީހުން. ޔޫރަޕު ދޮން މީހުން އައިސް އެމީހުން ނުކުންމާފަ ދިސް އިސް މައި ހޯމްލޭންޑޭ ކިޔާފަ ވެރިވެނުގަނޭ. ވެރިވެ ގަތް ގައުމުތަކުން ބޭރު ކޮށްފި. އެކަން ކާމިޔާބު ނުވެ އޮތީ ފަލަސްތީނުމީހުނަށް. އެމީހުން އެއުޅެނީ އެބައިގަނޑު ބޭރުކުރަން. އޯކޭ. މެޕު ކިޔަން އިނދޭ އެކޮއި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454