29 އޮކްޓޯބަރ 2023 - 06:38
ޓައިގާ ޝްރޮފްގެ އާ ފިލްމު "ހީރޯ ނަންބަރު ވަން"ގައި ސާރާ އަލީ ހާން ކުޅެން ނިންމާފައި އޮތް ރޯލު ދިޝާ ޕަޓަނީ އަށް ދީފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ރޯލު ދިޝާ އަށް ދިނީ، ސާރާ އެހެން ފިލްމުތަކުގެ މަސައްކަތްތަކުގައި ބިޒީވުމުން ކަމަށެވެ.
އެ ފިލްމުގައި ޓައިގާއާ އެކު، ލީޑު ރޯލުން އިތުރު ދެ އަންހެން ތަރިން ފެންނާނެ އެވެ. އެއީ ދިޝާގެ އިތުރުން، ބޮލީވުޑްގެ ތަރި ރިތިކް ރޯޝަންގެ ކަޒިންއެއް ކަމަށްވާ ޕަޝްމިނީ ރޯޝަން އެވެ.
ޓައިގާގެ "ހީރޯ ނަންބަރު ވަން" އަކީ ހަމަ އެ ނަމުގައި 1997 ގައި ނުކުތް ގޯވިންދާގެ "ހީރޯ ނަންބަރު ވަން"އާ އެއްވެސް ގުޅުމެއް އޮތް ފިލްމެއް ނޫނެވެ. ދެ ފިލްމުގެ ވާހަކަ ވެސް ތަފާތުވާނެ އެވެ.
އެ ފިލްމުގެ ޝޫޓިން ފަށަން ނިންމާފައި ވަނީ އަންނަ އަހަރު ޖެނުއަރީ މަހު ލަންޑަންގަ އެވެ.
ޓައިގާ އާއި ދިޝާ ވަނީ މީގެ ކުރިން ވެސް ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އެއީ "ބާގީ 2"ގަ އެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވެސް ކުރިން އަޑު ފެތުރުނެވެ. ނަމަވެސް، އެ ގުޅުމާ ބެހޭ ގޮތުން ދުވަހަކު ވެސް އެމީހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެންމެފަހުން ޓައިގާގެ ފިލްމެއް ނުކުތީ މި މަހު 20 ގަ އެވެ. އެއީ "ގަނަޕަތު" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި އަދި މާ ބޮޑު ކާމިޔާބީއެއް ނުލިބެ އެވެ.
ދިޝާ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ނުކުތް "އޭކް ވިލަން ރިޓާންސް" އިންނެވެ. އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ "ޔޯދާ"ގައި ވެސް އޭނާ ރޯލެއް ކުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްމުދިޝް
29 October 2023
ސާރާމެން ނުކުޅޭނެ މާބޮޑަށް ގައިގޯޅި މަންޒަރުތަކެއް އެއީ މާމަ ޝަރު މާގަޔާ ވާކަމެއް ނޫނެވެ.