02 ނޮވެމްބަރ 2023 - 17:33
ދިވެހި އަންހެނުން ފަލަކޮށް ތިބެނީ ގިިނައިން ކާތީ ކަމަށް ބުނެ ކިޔާ ފާޑުކިޔުންތަކަށް، ތަޖުރިބާކާރު ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް މިއަދު ރައްދު ދެއްވައިފި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީސީއޯއެސް ތަހައްމަލުކުރާ މީހުން ވެސް ހިމެނޭ ގޮތަށް، ދިވެހިން ފަލަކޮށް ތިބެނީ ގިނައިން ކާތީއެއް ނޫނެވެ. އެއީ ހޯމޯނަލް އިންބެލެންސްގެ ސަބަބުން ވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ އަންހެނުންގެ މެދުގައި އާއްމު "ޕީސީއޯއެސް" އަށް ހޭލުންތެރިކުރުވަން ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި، އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ އާސިޔާ ވިދާޅުވީ ޕީސީއޯއެސް ފަދަ ސިއްހީ މައްސަލަތައް ހުންނަ ނަމަ ކެއުން ބުއިމުގެ ވައްޓަފާޅިއަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.
އެ ބައްޔަކީ އެއްކޮށް ފަސޭހަވާނެ ކަމަކަށް ނުވާތީ، ކެއުން ބުއިމުގެ ލައިފްސްޓައިލާއެކު ދިރިއުޅުމަށް ލުއިތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މިފަދަ މައްސަލަތަކުގައި ކިތަންމެ ގިނައިން ޑޮކްޓަރަށް ދެއްކިޔަސް، ޑައިޓީޝަނަށް ދައްކަން ރިކޮމެންޑެއް ނުކުރެ އެވެ. އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވައި، އާސިޔާ ވަނީ އެކަން ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އާއްމުކޮށް ކާބޯތަކެއްޗާއި ޕީސީއޯއެސްއާ ވަރަށް ބޮޑަށް ގުޅޭނެ ކަމަށާއި ޕީސީއޯއެސް ހުންނަ ނަމަ ބަރުދަން އިތުރުވަނީ އިތުރު ސަބަބުތަކާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕީސީއޯއެސް ހުންނަ ކޮންމެ މީހަކީ ވެސް ފަލަ މީހެއް ނޫން ކަމަށް އާސިޔާ ވިދާޅުވި އެވެ.
ޓްރެކްގައި ދެ އަންހެނަކު ދުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"ބައެއް ފަހަރު ލޭބަލް ކޮށްފާނެ ކަލޭ ގިނައިން ކާތީއޭ ފަލަވަނީ. އިތުރަށް ކާތީއެއް ނޫން ރާއްޖޭގައި ގިނަ މީހުން ފަލަކޮށް ތިބެނީ....ރާއްޖޭގެ ގިނަ ބައެއް، އަޅުގަނޑުގެ ތަޖުރިބާގަ، ޑައިޓީޝަނެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަން ފެށީއްސުރެ، ގިނަ މީހުން ބަރުދަން އިތުރުކޮށް ހުންނަނީ ގިނައިން ކައިގެނެއް ނޫން. އެހެންވީމަ، އެ މީހުންނާ ދިމާލަށް، ހާއްސަކޮށް ޕީސީއޯއެސް ކަހަލަ ކަމެއްގައި ބުނެގެން ނުވާނެ މާ ގިނައިން ކާތީއޭ ބަރުދަން އިތުރުކޮށް ހުންނަނީ. އެހެންނެއް ނޫން ވަނީ،" އޭނާ ވިދާޅުވި އެވެ.
ޕީސީއޯއެސްގައި ބަރުދަން ލުއިކުރުމަކީ ހަމައެކަނި ފަރުވާއެއް ނޫނެވެ.
"ކެއުންބުއިމުގެ ވައްޓަފާޅި ރަނގަޅަށް ބައްޓަން ކުރެވިއްޖެނަމަ ވަރަށް ގިނަ ފަހަރަށް އެހީތެރިވެދޭ. މަސައްކަތް ނުކުރާށެކޭ ނޫން. މަސައްކަތް ކުރުމޭ މީގެ މުހިންމީ. ކުރާ މަސައްކަތަކޭ މުހިންމީ. އައުޓްކަމަކަށް ނޫން ބަލަންވީ. އިންޕުޓަށް. އިންޕުޓްތާ ބަދަލުކުރެވޭނީ."
ފާޓިލިޓީ ސްޕެޝަލިސްޓް ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ ދުނިޔޭގައި ޕީސީއޯއެސް އަކީ ކޮންމެ 10 އަންހެނުންގެ ތެރެއިން އެކަކު ކަމަށެވެ. ނަމަވެސް، ރަނގަޅަށް ސާވޭއެއް ހަދައިފިނަމަ ރާއްޖޭގައި އެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީސީއޯއެސްއަށް ޑައިގްނޯޒްކުރާއިރު ސްކޭންގައި ބަލަނީ އޯވަރީއެއްގައި 12 ފޮލިކަލް ހުރިތޯ ކަމަށެވެ. އެކަމަކު، މިހާރު ޕީސީއޯއެސް އަށް ޑައިގްނޯޒްކުރަނީ މަދުވެގެން އޯވަރީއެއްގައި 20 ޕޮލިކަލް ހުރެގެންނެވެ.
މި ޕެނަލް ފަށާފައިވަނީ ޕީސީއޯއެސް ތަހައްމަލްކުރާ ބައެއްގެ ވާހަކަތަކުންނެވެ. އޭގެ ތެރެއިން، ވާހަކަދެއްކި ބައެއް މީހުން ބުނިގޮތުގައި މައްސަރު ކަންތަކުގައި މައްސަލައެއް ދިމާވެގެން ޑޮކްޓަރަށް ދެއްކުމުން ދޭތެރެ ދުރުކުރާ ބޭސް ދޭ ކަމަށެވެ. އެ ބޭސް ކާން ފެށުމުން ކުއްލިއަކަށް، އާދަޔާ ހިލާފަށް ބަރުދަން އިތުރުވުމާއި ވަރުބަލިވުމާއި މޫނު މައްޗަށް އަނދިރިވުން ފަދަ ކަންކަން ދިމާވެ އެވެ.
އެމްއެންޔޫގެ ސައިކޮލޮޖީ ލެކްޗަރާ މަރިޔަމް އިފްޝަން ވިދާޅުވީ ޕީސީއޯއެސް އަކީ ކްރޮނިކަލް މައްސަލައަކަށް ވާތީ އެކަން ތަހައްމަލުކުރާ މީހުންނަށް އެކި އުނދަގޫތައް ދިމާވާ ކަމަށެވެ. ނަފްސާނީ އަދި ޖިސްމާނީއަކީ ވަކި ނުކުރެވޭނެ ކަންތައްތައް ކަމަކަށާއި ޖިސްމާނީ ގޮތުން އުނދަގުލެއް ވާނަމަ ނަފްސާނީ ގޮތުން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު ތަންތަނަށް ދިއުމުން އެހެން މީހުންގެ ކުރިމަތިވާ ސުވާލުތަކާއި ފާޑުކިޔުންތައް އަމާޒުވިޔަސް، ޕީއެސްއޯއާއެކު ތަހައްމަލުކުރާ އުނދަގުލާއި އޭގެ ސަބަބުން ދަރިން ނުލިބުމުގެ ވޭނާއެކު އެ މީހަކު ތަހައްމަލުކުރާ ހާލަތު އެހެން މީހަކަށް ނޭނގޭނެ ކަމަށް އިފްޝަން ވިދާޅުވި އެވެ.
"..ރަނގަޅު މައުލޫމާތު ނުލިބިގެން ވަރަށް ގިނަ ކަންތައްތައް ވެއްޖެ. ފުރަތަމަ ކަމަކަށް ވެސް ރަނގަޅު މައުލޫމާތު ހޯދާށޭ. ރަނގަޅު މައުލޫމާތު ނުހޯދާ."
ލައިފްސްޓައިލް ބަދަލުތައް ގެންނައިރު، ގޯލަކީ ބަރުދަން ތިރި ކުރުން ނޫން ކަމަށާއި އަމާޒަކަށް ވާން ޖެހޭނީ، އިފްޝަން ވިދާޅުވި ގޮތުގައި، އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދުމެވެ. އާދައެއް ގޮތަށް އެކަން ކޮށްފިނަމަ ފައިދާ ފެންނަން ފަށާނެ ކަމަށާއި އަންރިއަލިސްޓިކް ގޯލެއް ނަމަ މާޔޫސްވުމުގެ ފުރުސަތު އޮވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުނދަގޫވާ ކަމުގައި ވަންޏާ ސަޕޯޓު ހޯދާ. ވަރަށް އުފާވޭ [ފާޓިލިޓީ] ސަޕޯޓް ގްރޫޕެއް އޮތުން. ސަޕޯޓު ގްރޫޕެއްގެ މަގުސަދަކީ، ތިމަންނަ އެކަންޏެއް ނޫނޭ ގޯ ތްރޫކުރަނީ. މިކަން ތަހައްމަލްކުރާ އެހެން ބަޔަކު ވެސް އެބަތިއްބޭ. މިއީ ނޯމަލް ކަމެކޭ. އޭގެ އިތުރުން ވެސް އިތުބާރުކުރެވޭ ބައެއްގެ ކައިރިން އެހީތެރިކަން ހޯދާށޭ." އިފްޝަން ވިދާޅުވި އެވެ.
"އަމިއްލަ ނަފްސަށް އަޅާލާށޭ. އަމިއްލަ ނަފްސަށް އޯގާތެރިވާށޭ. އަމިއްލަ ނަފްސު ހިތްހަމަޖެހޭ ކަހަލަ ކަންތައްތައް ކުރާށޭ. ވަޓް ޔޫއާ ގޮއިން ތްރޫ އިސް ވަރަށް އުނދަގޫ ކަމެކޭ. ދެޓް އިސް ސަމްތިން ކޮންޓިނިއު ވާނެއޭ. ވަގުތު ކޮޅެއް ނަގާލާށޭ އަމިއްލައަށް ކަމެއް ކޮށްލަން، އަމިއްލަ ނަފްސަށް. އަމިއްލަ ކޮންޓްރޯލްގައި އޮންނަ ކަމެއް މިއީ. އަނެއް މީހާ ބުނާ އެއްޗެއްސަކީ އަމިއްލަ މީހާގެ ކޮންޓްރޯލްގައި ހުންނަ ކަންކަމެއް ނޫން. ވަޓްޔޫ ކޭން ކޮންޓްރޯލް އިސް ވަޓް ޔޫ ބިހޭވް."
From the PCOS seminar today.
— Fertility Support Community (@FS_Community_) November 2, 2023
Thank you once again to our sponsors, panelists and all who attended the seminar 🩵#PCOSAwareness #PCOSSeminar#FertilitySupportCommunityMV #PCOSWarriors #PCOSAwarenessMonth2023#empowerment pic.twitter.com/FlYqc8TPsn
"އަމިއްލަ ނަފްސަށް އަބަދު ވެސް ހަނދާންކޮށްދޭށޭ ތިމަންނައަކީ ހިތްވަރު ގަދަ މީހެކޭ، ތިމަންނައަށް މިކަން ވާނެއޭ. އެ އޯގާތެރިކަމާއި އަޅާލުން އަމިއްލަ ނަފްސަށް ދޭށޭ،" އިފްޝަން ވިދާޅުވި އެވެ.
ޕީސީއޯއެސް ހުންނަ ނަމަ ޑޮކްޓަރުން ވެސް މިހާރު އެންމެ ލަފާ ދޭ އެއް ކަމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތުކުރުމެވެ.
އާއްމުންނަށް ސުވާލު ކުރަން ހުޅުވާލުން، ބައެއް މީހުން ވަނީ ބަރުދަން ލުއިކުރަން މަސައްކަތް ކުރިޔަސް ބަރުދަން ލުއިނުވާތީ، އެކަމުގައި ދެން ކުރިއަށް ދެވޭނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ.
ވެލްނެސް ކްލަބްގެ ސީއީއޯ ޝިފާނާ ވަޖީހު ވިދާޅުވީ ކައްޓާއިން ފެންނަ ބަރުދަން ލުއިކުރަން އެންމެން ވެސް މަސައްކަތްކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ހަށިގަނޑުގެ ދުޅަހެޔޮކަން އަންނަނީ ބަރުދަނަކުން ނޫން ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ ހަށިގަނޑު ގުދުރަތީ ގޮތުން މަސައްކަތްކުރަންޖެހޭ ގޮތަށް މަސައްކަތްކުރުމަށް އެހީތެރިވެދިނުމަށް ކަމަށެވެ.
"ކައްޓާއިން މި ފެންނަ ބަރުދަނަކީ ހަށިގަނޑުގެ ހުރިހާ ބަރުދަނެއް. ހަށިގަނޑުގެ ކައްޓާއި، މަސްތަކާއި ލެޔާއި އިސްތައްޓާއި ނިޔަފަތީގެ ހުރިހާ އެއްޗެއް ބަރުދަން ފެންނަނީ ކައްޓާއިން. ވަރަށް ގިނަ ފަހަރަށް ބަރުދަން ލުއިކުރަން އަދި ހާއްސަކޮށް ޕީސީއޯއެސްގައި ޑޮކްޓަރުން ބުނަނީ 15 ކިލޯ ލުއިކޮށްގެން ނޫނީ 10 ކިލޯ ލުއިކޮށްގެން އަންނާށޭ. އެހެންވީމަ، އެކްސްޓްރީމް ޑަޔެޓް އެބައާދޭ،" ޝިފާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައްޓާއިން ފެންނަ އަދަދު ލުއި ވިޔަސް ބަރުދަން ލުއި ވަނީ ސިއްހަތަށް ރަނގަޅު ގޮތުގައިތޯ ނުވަތަ ނޫންތޯ ބަލަންޖެހެ އެވެ.
ވަޒީފާގައި އުޅެމުން ކަސްރަތުކުރުމަކީ އުނދަގޫ ކަމެއް ކަމަށް، މި ޕެނެލް ޑިސްކަޝަންގައި ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.
ނަމަވެސް، ހަފްތާގެ ހަތް ދުވަހުގެ ތެރެއިން ހަތަރު ދުވަހު، މަދުވެގެން 30 މިނެޓަށް ނަމަވެސް ހެލިފެލިވެ އުޅުމަށް ޝިފާނާ އެދިވަޑައިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަލީމާދައިތަ
21 November 2023
އަހަރެން ފަލަވަނީ ހަމަ ގިނައިން ކެވޭތީ..ދޮގުހަދާކަށްނެތިން.. ކެއުން މަދުކޮއްލާއިރަށް ލުއިވޭ... .
ވޯލް
19 November 2023
ހަމަ ކާއެއްޗެހި ނުބަލާ ކއުމާއި ހެލިފެލިވެ އުޅެވޭލެއް ކުޑަވީމަ ފަލަ ވަނީ. ފަސޭހައިން ފަލަވާ މީހުންޖެހޭނެ އިތުިރަށް މަސައްކަތް ކުރަން ހިކެންޔާ. އެހެންވީމަ ހަމަ ނުބަލާކައި ސިއްހަތައް ބޭނުންވާ ކަސްރަތު ނުކުރެވެނީ،
ކައްނެތް ޖީލު
14 November 2023
ދަން ކޮއްފަ ދިވެހިން ކައިފަ ޖެހިގެން ހުރިފިހާރަ އަށްވެސް ސައިކަލުގަ ދާތީ ދިވެހިން ފަލަވަނީ، ފިޒީ ބުއިން،
ފިރުޒުލް_1
08 November 2023
ބަލަގަ ދެން ކުރާ ކަން ކަމަށް ޒިންމާ ނަގާ އެއްބަސްވީމަ ކަންމަކުން އަރައިގަނެވޭނީ.. ރާއްޖޭގަ އެކަންޏެއް ނޫން އަންހެނުން އުޅެނީކީއް.
ނީންނި
08 November 2023
"ވަޓް ޔޫއާ ގޮއިން ތްރޫ އިސް ވަރަށް އުނދަގޫ ކަމެކޭ. ދެޓް އިސް ސަމްތިން ކޮންޓިނިއު ވާނެއޭ." އިނގިރޭސި އަދި ދިވެހި އެއްކޮށްގެން ވާހަކަ ދެއްކުމަކީ މިހާރު ވަރަށް އާންމުކަމެއް ދެއްތޯ؟
ނާޑުވާ
06 November 2023
ހޯމޯނަލް އިންބެލެންސް އަންނަނީ އުޅެބޭ ގޮތުންނާ ކެވޭ އެއްޗެހިން
އައްޓަމަސް
05 November 2023
ދެން ކީއްވެ އިހުގެ ދިވެހިން ފަލަނުވަނީ! މަށައް ބުނެވޭނީ ހަމަ ފާސްޓްފުޑުއާ އަދިވެސް އެފަދަ ތަކެތި ކާތީ ހަމަ ފަލަވަނީ
ކަލްހޯނަހޯ
05 November 2023
ތައްޔާރީ ކާނާ އާ "ލުއި" ބުއިންތަކުގެ ސަބަބުންނާ، އަމިއްލަ ނަފުސު ކޮންޓްރޯލް ކުރަން ދަސްނުވުމުގެ ސަބަބުންވެސް ވޭ ދޯ؟ ކޮންމެ މީހަކީ ޕީސީއޯއެސް ހުންނަ މީހުނެއްނޫނެއްނު. އެކަމު މަ ބުނީ ފިރިހެންވެރީންނަށް ނެތްހޭ ތިޔަހެން ދައްކާލެވޭނެ އުޒުރެ
ގަލަން1
04 November 2023
ފައިނަލީ! ސަމްވަން ސެޑް އިތް
ކޮންތާކު
03 November 2023
ރެސްޓޯރެންޓް ތަކަށް ވަދެ ވައްކަޅިން ބަލާލަ ބަލަ ބޮޑެތި ތަށިވަރު އޯޑަރު ކުރަނީ ކޮންބައެއްތޯ.