"ޔޯދާ"ގެ ޕޯސްޓަރެއްގައި ސިދާތު.
08 ނޮވެމްބަރ 2023 - 05:50
ބޮލީވުޑްގެ ތަރި، ސިދާތު މަލްހޯތުރާގެ ކުރިއަށް އޮތް ފިލްމު "ޔޯދާ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
މި ފިލްމު ރިލީޒްކުރާ ގޮތަށް ކުރިން އޮތީ މިއަދެވެ. ނަމަވެސް، މި ފިލްމު ގެނެސްދޭ ދަރުމާ ޕްރޮޑަކްޝަނުން އިއްޔެ ވަނީ އާ ތާރީހެއް އިއުލާންކޮށްފަ އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ އަހަރު މާޗު 24 ގަ އެވެ.
"ޔޯދާ" އަކީ އެކްޝަން ތުރިލާއެކެވެ. މި ފިލްމަކީ ސިދާތު ފިލްމީ ދާއިރާ އަށް ނެރެދިން ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. ސުނިލް ޝެޓީ އާއި ދިޝާ ޕަޓަނީ އަދި ރާޝީ ކަންނާ ވެސް އުޅޭ މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ސާގަރު އަމްބުރޭ އާއި ޕުޝްކަރު އޯޖާގެ މަސައްކަތެކެވެ.
މި ފިލްމުގެ ތާރީހު ވަނީ އެކި ފަހަރު މަތިން ބަދަލުކޮށްފަ އެވެ.
"ޔޯދާ"ގައި ދައްކާނީ ޓެރިސްޓުންތަކެއް މަތިންދާބޯޓެއް ހައިޖެކް ކުރުމުން އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިންގެ މީހަކު ކުރާ މަސައްކަތެވެ.
މި ފިލްމު ފަސްކުރި އިރު، އަންނަ މަހު އިންޑިއާގައި ވާދަވެރި ގިނަ ފިލްމުތަކެއް ސިނަމާތަކުގައި ދައްކަން ވަނީ ތާވަލުކޮށްފަ އެވެ.
އޭގެ ތެރޭގައި، އަންނަ މަހު 15 ގައި ރިލީޒްކުރާ ރަންބީރު ކަޕޫރާއި އަނިލް ކަޕޫރުގެ "އެނިމަލް" އާއި ކެޓްރީނާ ކައިފް އާއި ވިޖޭ ސެތުޕަތީގެ "މެރީ ކްރިސްމަސް" ހިމެނެ އެވެ. އަދި ޑިސެމްބަރު 22 ގައި ޝާހްރުކް ހާންގެ "ޑަންކީ" އާއި ޕްރަބާސްގެ "ސަލާރު" ވެސް ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy