ރިޕޯޓް / ފްލެޓް

ގެދޮރުވެރިޔާ، ދޮގުވެރިޔަކަށް: މޮޅު ގޮތަކީ މިއީތަ؟

ބޮޑު ޝަކުވާއަކީ ހަމައެއް ނެތި ފްލެޓުތައް "ބަހާލާފައި" އޮތުމެވެ. އެތައް ބައެއްގެ ހައްގު ހިމެނޭ ކަމެއްގައި އިންސާފުން ބޭރުވުމެވެ. މި ހިތްދަތިކަން ބޮޑުވަނީ ކޮންމެ ފަހަރަކު ހުޅުވާލާ ފްލެޓްތަކަށް ކުރިމަތިލައި ނާއުއްމީދުވެ، ކުދިކުދި ތަންކޮޅުގައި އުމުރު ހުސްކުރާ މީހުންނަށެވެ.

މާލެ ބަދަލުވިތާ ދެ ތިން އަހަރު ވެސް ނުވެ އެވެ. އެކަމަކު، ވެރި ރަށުގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ކަމަށް ބުނެ ދައުލަތުގެ ރަސްމީ އިދާރާ، ރަށު ކައުންސިލުން ލިޔުން ހޯދައިގެން ފްލެޓް ކަށަވަރުކުރީ އެވެ. އަނެއް ބަޔަކު، ފްލެޓު ހޯދީ ރައްޓެހިންގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރި ކަމަށް ބުނެ، އެ ތަންތަނުން ހޯދި ލިޔުންތަކުންނެވެ. މާލޭގެ ގެއެއްގައި ދިގު މުއްދަތަކަށް ދިރިއުޅުނު ކަމުގެ ލިއުން ހޯދައިގެން ވެސް ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ދައްކާފައި އެބަހުއްޓެވެ.

މި ސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމްގެ ތެރެއިން ފުރަތަމަ ހަދާ 4،000 ފްލެޓާއެކު، ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރިއިރު އާއްމުންގެ ޝަކުވާއަކަށް ވީ، އެއްވެސް ހަމައެއް ނެތި ފްލެޓުތައް "ބަހާލާފައި" އޮތުމެވެ. އެތައް ބައެއްގެ ހައްގު ހިމެނޭ ކަމެއްގައި އިންސާފުން ބޭރުވުމެވެ. މި ހިތްދަތިކަން ބޮޑުވަނީ ކޮންމެ ފަހަރަކު ހުޅުވާލާ ފްލެޓްތަކަށް ކުރިމަތިލައި ނާއުއްމީދުވެ، މާލޭގެ ކުދިކުދި ތަންކޮޅުގައި އުމުރު ހުސްކުރަން ޖެހިފައި ތިބި މީހުންނަށެވެ.

ފްލެޓަށް ކުރިމަތިލާން ޝަރުތު ހަމަވާ އެންމެ ފުރަތަމަ ކަމަކީ، މާލޭގައި މެދުކެނޑުމެއް ނެތި 15 އަހަރު ދިރިއުޅުމާއި މާލޭގައި 600 ފޫޓަށް ވުރެ ބޮޑު ބިމެއް ނޫނީ ފްލެޓެއް ނެތުން އަދި މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 61،000ރ. އަށްވުރެ ދަށްވުމެވެ.

އެކަމަކު، އެތައް އަހަރެއް ވަންދެން މާލޭގައި ކުއްޔަށް ގަނަތެޅެމުން ދިޔަ މީހުންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އެ ޝަރުތުތައް ފުރިހަމަ ނުވިޔަސް މަޖިލިސް މެމްބަރުންގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ފްލެޓުތައް ދިންކަން ހާމައަށް އެނގެން އޮތީމަ އެވެ. އެ މަގު ފަހިވި ހަމައެކަނި ސަބަބަކީ ވެސް ހުށަހެޅި މައުލޫމާތުތައް ކަށަވަރުނުކުރުމެވެ. ފްލެޓަށް އެދި 20،000 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައި ވިޔަސް ދިރިއުޅުމުގެ ހާލަތެއް ނުބަލަ އެވެ. ޕޮއިންޓް ދިނީ ހުށަހެޅި މައުލޫމާތުތަކަށް އެކަންޏެވެ.

ޕޮއިންޓް ދިނުމުގެ އުސޫލުގައި ބަލާފައިވަނީ ހަ ކަމަކަށެވެ. އެއީ؛

1. ބޯހިޔާވަހިކަން

2. މައި-އެޕްލިކެންޓުގެ 18 އަހަރުން ދަށުގެ ދަރިންނާއި ޝަރުއީ ގޮތުން ބެލުން ހަވާލުވެގެން ބަދަލުމުންދާ 18 އަހަރުން ދަށުގެ ކުދިންގެ އަދަދު

3. ދިރިއުޅުމުގެ ހާލަތު

4. ބަދިގެއާ ލިވިން އޭރިޔާ

5. ފާހަނާ

6. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައި

ދާއިމީ ފްލެޓު ލިސްޓަށް ހުރި ޝަކުވާތަކާ ގުޅިގެން ހައުސިން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަކްރަމް (ވ) އަދި އެގްޒެކެޓިވް ޑިރެކްޓަރު އާރިފް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ބައިތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބެނީ 600 އަކަފޫޓުގެ އަމިއްލަ ތަނެއް ނެތުމާއި ހަތް ދަރިން ނުވަތަ އެއަށްވުރެ ގިނައިން ދަރިން ތިބުމާއި ދިރިއުޅެން ވަކި ހާއްސަ ތަނެއް ނެތުމަށެވެ.

އެކަމަކު، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓުގެ ދާއިމީ ލިސްޓު ނެރުނު ކަމަށް ބުނެ "މިހާރު" ގައި އެންމެ ފުރަތަމަ ޝާއިއުކުރި ހަބަރަށް 100 އަށްވުރެ ގިނަ ކޮމެންޓު ލިބުނުއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ވެސް ދޮގު ލިޔުން ހުށަހެޅި މީހުންނަށް ފްލެޓު ލިބުނު ކަމުގެ ކަންބޮޑުވުންތަކެވެ.

"އަޅުގަނޑު 27 އަހަރު މިވީ މާލޭގައި އުޅޭތާ ކުއްޔަށް. އަޅުގަނޑު ގެ ގެދޮރެއްނެތް މި އުޑުދަށުގަ އެއް. ޕޮއިންޓަށް ބެލިއިރު އިނީ 43 ލިބިފައި. އަޅުގަނޑު ދަންނަ ރައްޓެއްސެއް ދުވަހަކު މާލޭ އުޅުނު މީހަކު ނޫން އަދިވެސް އޭނާ އުޅެނީ އައްޑޫ ފޭދޫގައި. އޭނާއަށް ލިބިފައި އެބައިން 86 ޕޮއިންޓް. މިއީ ކިހިނެއްވާ ކަމެއްބާވައޭ ހިތަށް އަރައަރާ މި ހުންނަނީ. މީހަކަށް އެއްޗެއް ލިބުނީމަ ހަސަދަ ވެރިވަނީކީ ނޫން. އިއުލާނުކޮަށްފައިވާ ޝަރުތު ހަމަ އެވާގޮތް ނޭނގިގެން މި އުޅެނީ ހަމަ." އެ ހަބަރަށް އައި ކޮމެންޓެއްގައި ވެ އެވެ.

އަހުމަދު ކަލޯގެ ނަމުގައި ކުރި ކޮމެންޓެއްގައި ބުނީ އެންމެން މަގުތަކަށް ނުކުމެގެން ނަމަވެސް ފްލެޓު ބަހާގޮތް ހުއްޓާލަންޖެހޭ ކަމަށެވެ.

"ދުވަހަކު މާލެ ނާންނަ މީހުންނަށް ވެސް ފްލެޓް. ފަންސާސް އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅެ، ވަންނާނެތަނެއް ނެތް މީހުންނަށް 40 ޕޮއިންޓް. މިއީ ބޮޑު ޖަރީމާއެއް،" ކޮމެންޓުގައި ބުންޏެވެ.

މީގެ ކުރިން ފްލެޓަށް ފޯމު ހުށަހެޅީ އެތައް ގަޑިއިރެއް ވަންދެން ކިއުގައި ތިބުމަށްފަހުގަ އެވެ. މި ފަހަރު އެކަމަށް ހާއްސަ ޕޯޓަލް އަކުން ފްލެޓު ފޯމު ބަލައިގަނެ، ލިބުނު ޕޮއިންޓްގެ އަދަދު އާއްމުކޮށްފައިވެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ ފްލެޓު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ފްލެޓު ދިނުމަށް ބެލި އުސޫލު، އޭޕްރީލް 8، 2021 ގައި ގެޒެޓުކޮށް އާއްމުންގެ ކޮމެންޓަށް ހުޅުވާލި ކަމަށެވެ. އެއީ، ރާއްޖޭގެ އެންމެން ވެސް އެކަން ބަލައިގަނެ، އާ ބަސް ބުނެފައިވާ އުސޫލެއް ކަމަށާއި އޭގެ ފަހުން މިދިޔަ އަހަރުގެ ޖޫން މަހު ފްލެޓަށް ކުރިމަތިލާން ހަތަރު މަސް ދުވަހުގެ މުއްދަތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސްކީމް ހިންގާފައި މި އޮތީ މީގެ ކުރިން ސަރުކާރުން ހިންގި ހައުސިންގެ ހުރިހާ، ފްލެޓު ދިނުމުގެ ހުރިހާ ޕްރޮގްރާމެއްގައި ވެސް އޮވޭ އިވެލުއޭޓަރުންނަށް، ސަރުކާރަށް 15، 10، 20، 30 މާކްސް ދިނުމުގެ ފުރުސަތު. އެކަމަކު، މި ސްކީމްގައި އަޅުގަނޑުމެންނަކަށް، ސަރުކާރަކަށް އަދި އިވެލުއޭޓަރުންނަކަށް ވެސް ނޯވޭ އެންމެ މާކްސް އެއްވެސް މީހަކު ބޭނުންވާ މީހަކަށް ދިނުމުގެ ފުރުސަތެއް. މި މާކްސް ނަންގަވަނީ ފޯމު ހުށަހަޅުއްވާ ބޭފުޅާ،"

"އެ ބޭފުޅާ މި ނަންގަވަނީ މާކްސް، އެ ބޭފުޅާގެ ދަރިން ތިބި އަދަދާއި، އެ ބޭފުޅާ ދިރިއުޅުއްވާ ތަނުގައި ރޫމް ހުރި އަދަދާއި، ދިރިއުޅުއްވާ ތަނުގައި ފާހަނާ ބޭނުންކުރުމުގެ ހާލަތާއި ދިރިއުޅޭ ތަނުގައި ކައްކާ ކެއުން ބުއިމުގެ ހާލަތު ހުށަހަޅުއްވާފައި އިންނަ ގޮތަކަށް." އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޯމު ހުށަހެޅުމަށްފަހު، އެ ފޯމު ވަގުތުން މިނިސްޓްރީގެ ސިސްޓަމަށް ނަގައިދޭނެ ކަމަށެވެ. ޑެޑްލައިނަށްފަހު ސުޕަވައިޒަރުން ނަގައި ވެރިފިކޭޝަން މަސައްކަތުގައި އެ މީހަކު ދީފައި ހުރި މައުލޫމާތާއި ސިސްޓަމްގައި ހުރި މައުލޫމާތު ދިމާކުރާ ކަމަށް. އެއާއެކު، ވަކި މީހަކަށް އިތުރަށް މާކްސް ދެވޭނެ އެއްވެސް ގޮތެއް މި ސްކީމްގައި ހިމަނާފައި ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ހިންގި ސޯޝަލް ހައުސިން ސްކީމްތަކުން ދޫކުރި ފްލެޓުތައް ކަނޑައެޅިއިރު، އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލި އެވެ. އެކަމަކު، މި ފަހަރު އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކީ އަދި މިދިޔަ އަންގާރަ ދުވަހު ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ނޫސްވެރިންގެ އެންމެ ގިނަ ސުވާލު އަމާޒުކުރީ އެކަމަށެވެ.

ފްލެޓަށް ކުރިމަތިލާ އެންމެންގެ ދިރިއުޅުމުގެ ހާލަތު ބެލުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެ އެވެ. އެކަމަކު، އާއްމުން އެހާ ފެން ބޮވައިގެންފައިވާ ކަމެއް ކުރާއިރު، ހުށަހަޅާފައިވާ މައުލޫމާތުތައް އެއަށްވުރެ ރަނގަޅަށް ބަލަންޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެ ދުވަހުގެ ޕްރެސް ކޮންފަރެންސްގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހުރިހާ އެންމެންގެ މައުލޫމާތު މިނިސްޓްރީގެ ޑޭޓާބޭސްގައި ހުންނާނެ ކަމަށެވެ. އެކަމަކު، އެ ޑޭޓާބޭސްގައި ނެތް މައުލޫމާތެއް ވެރިފައި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ފްލެޓްގެ ދާއިމީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތުގެ ތަފުސީލު ނުދީގެން އާންމުންގެ ބަޔަކު މިނިސްޓްރީގެ އިދާރާ އަށް އެއްވެ މިދިޔަ ހަފުތާގައި މުޒާހަރާކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާރިފް ވިދާޅުވީ ސްކީމަށް ލިބުނު 20،000 ފޯމުގެ ތެރެއިން 3،000-3،500 ދެމެދުގެ ސާމްޕްލިންނެއް ނަގައި އެ ގޭތަކުގެ ހާލަތު ބަލާފައިވާ ކަމަށެވެ.

މާލޭގައި ހާލުގައި ދިރިއުޅޭ ގިނަ މީހުންނަކީ ކުއްޔަށް އުޅޭ މީހުންނަށް ވާއިރު، ފްލެޓަށް އެސެސްކުރަން ޖެހެނީ ފޯމުގައި ޖަހާފައި ހުންނަ ތަނުގެ މައުލޫމާތުތައް ކަމަށް ވިޔަސް، އިވެލުއޭޝަނަށް ދާއިރު ދިރިއުޅޭ ތަނުގެ ހާލަތު ބަދަލުވެފައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރިފް ވިދާޅުވި ގޮތުގައި ފްލެޓް ފޯމަށް ދީފައިވަނީ ދޮގު މައުލޫމާތެއް ނަމަ، އެ މީހަކާ މެދު އަމަލުކުރާނެ އިގުރާރެއް ވުމަށްފަހު ސަބްމިޓްކުރާ ކަމަށެވެ.

"ސާމްޕްލިން ނަގަން ދާއިރު ވަރަށް ގިނަ ބޭފުޅުން މިހާރު ތިބެނީ އެހެން ތަންތާގައި ދިރިއުޅުއްވަނީ. އެހެންވީމަ، އެ މައުލޫމާތާއި އެހެން މައުލޫމާތު ދިމައެއް ނުވޭ. އެއީ އަޅުގަނޑުމެންގެ މައްސަލަތޯ ނޫނީ އެ ބޭފުޅުންގެ މައްސަލަތޯ؟ ކޮންމެ ގޮތަކަށް ވެސް އަޅުގަނޑުމެންނަށް ފޯމު ސަބްމިޓްކުރާ ދުވަހު ނޫން އަނެއް ދުވަހު ހުރިހާ ބޭފުޅުން ކައިރިއަކަށް އެއީ ތެދު މައުލޫމާތުތޯ ބަލާކަށް ނުދެވޭނެ. ހަމަ ޓައިމް ނަގާނެ." އާރިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނެގި ސާމްޕްލިންގެ ވަރަށް ބޮޑު ޕަސެންޓެއް ދިމާވޭ ދިރިއުޅުއްވާ ތަނުގައި. ދެން އެހެން ތަންތަނަށް މޫވްކޮށްފައި ތިބި ބޭފުޅުންގެ މައުލޫމާތު އަޅުގަނޑުމެންނަކަށް ނުބެލޭ."

އާރިފް ވެސް ވިދާޅުވީ 15 އަހަރު ވެފައި ވުމަކީ ފްލެޓަށް ކުރިމަތިލުމުގެ ޝަރުތު ކަމަށާއި އެކަމަކު އެ މުއްދަތުގެ ތެރޭގައި މާލޭގައި ނޫޅޭ މީހެއްކަން ކަށަވަރުވެއްޖެނަމަ ފްލެޓު އަތުލާނެ ކަމަށެވެ. ޝަކުވާ ހުށަހަޅަން ދީފައިވާ މި މުއްދަތުގައި އެ ހުރިހާ ކަމެއް ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، 4،000 ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓް ލިބެނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

އެކަމަކު، ދިރިއުޅޭ ހާލަތު ވަޒަންކުރުމެއް ނެތި ފްލެޓުތައް ދޭނެ މީހުން ކަނޑައެޅުމަކީ އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމެކެވެ. އޭގެ ބަދަލުގައި، ހުރިހާ މޮޅެއް މި ލިބެނީ ކޮންމެ ގޮތަކުން ވެސް ފްލެޓު ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތު ހުށަހެޅި މީހުންނަށެވެ. ދައުލަތުގެ އިދާރާއަށް ދޮގު މައުލޫމާތު ދިނުމަކީ ކުށަކަށް ވިޔަސް، މިހާތަނަށް އޭގެ ފިޔަވަޅެއް އަޅާފައިނުވެ އެވެ.

156 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 12%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަނީއު

11 November 2023

'ސާމްޕްލިން ނަގަން ދާއިރު ވަރަށް ގިނަ ބޭފުޅުން މިހާރު ތިބެނީ އެހެން ތަންތާގައި ދިރިއުޅުއްވަނީ. އެހެންވީމަ، އެ މައުލޫމާތާއި އެހެން މައުލޫމާތު ދިމައެއް ނުވޭ. އެއީ އަޅުގަނޑުމެންގެ މައްސަލަތޯ ނޫނީ އެބޭފުޅުންގެ މައްސަލަތޯ؟' މީހަކު ރުޅި ނާންނާނެތަ. ކުއްޔަށް އުޅޭ ތަންތަނަށް މާކްސް ދޭން ނުވެސް ޖެހޭނެ. މިއީ އަމިއްލަ ހަރުމުދަލެއްނޫން. ކުއްޔަށް ދޭ މީހާ ނުކުންނާށޭ ބުނީމަ އެވީ ނުކުންނަން. ފޯމު ލީތާ އަހަރަކަށް ވުރެ ގިނަދުވަސްވީ. ބައެއް މީހުން ހަމަ ބަދަލުވާނެދޯ

The name is already taken The name is available. Register?

ހުޅުމާލެ އަލީ

10 November 2023

މިކަން ގޯސްވެގެން ދިއުމުގެ އަސްލަކީ ރައީސް ޔާމީންގެ ވެރިކަމުގައި ދިން ފުލެޓްތައް ދިނުމަށް ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން މާލޭގެ ދަފުތަރުގައި ނޫޅުނަސް ފޭކުލިޔުން ހޯދައިގެން މާލޭގައި އުޅުނުކަމަށް ލިޔުން ހުށަހެޅެގޮތަށް ހެދުމުން ދިމާވި މައްސަލައެއް. އޭގެ ކުރިން އޮންނަނީ މުނިސިޕަލްޓީ ދަފުތަރުގައި އުޅޭ މީހުންނަށް ލެވޭގޮތް.އެގޮތަށް އޮތުމުން މާލޭގައި އުޅުނު މުއްދަތުގެ މައްސަލަ ބަލަން ފަސޭހަ. ރަށްދޫކޮށް މާލޭގައި ވަޒަންވެރިވެގެން ދިރިއުޅޭނަމަ އޮންނާނީ މާލޭގެ ގެއެއްގައި ނުވަތަ މުނިސިޕަލްޓީގެ ދަފުތަރުގައި ޖެހިފަ.މިހާރުވެސް މިގޮތަށް ހެދުމުން ފޭކުލިޔުން ހުށަހެޅުމުގެ ފުރުސަތު އެ ގެއްލުނީ. ރަނގަޅުކުރަން ބޭނުންނަމަ މީ އެއްވެސް ކަމެއްނޫން. މިކަމުގެ ސަބަބުން ތެދުވެރިންނާއި ދޮގުވެރިން މި ވަނީ އޮޅިފަ.

The name is already taken The name is available. Register?

މޫސަ ގަލޮޅު

11 November 2023

ތިއީ އެންމެ ރަނގަޅު ގޮތެް ނޫން ދަފުތރުގަ ޖެހިފަ، މާލޭގަ ނޫޅެވިގެން ރަށުގައި ދިރިއުޅޭ އެތައް ބަޔަކު އެބައުޅޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

10 November 2023

މާލޭގައި އުފެދޭ ސަރުކާރު ތަކުގެ ސިޔާސަތު ކަޑައަޅާން އާންމުކޮށް ތިބެނީ ނުވަތަ އެފަދަ ހުރިހާ ސަރުކާރެއްގެ ގިނަ ވަޒީރުންނަކީ ކ.އަތޮޅު މާލޭ މީހުން ކަމަށްވާތީ އެމީހުން ސަރުކާރު ސިޔާސަތު ކަނޑައެޅުމުގައި އިސްކަންދެނީ "އެމީހުންގެ ރަށަށް ކުލީ އަޅުންގެ ގޮތުގައި ރާއްޖޭގެ ރައްްޔިތުން ޖަމާވާން މަޖުބޫރުވާފަދަ އެއްރަށްދައުލަތް ސިޔާސަތެއް" ކަމަށް ވާތީވެ، މިފަދަ އިޖުތިމާއީ ގިނަ މައްސަލަތަކެއް ނިކުންނަނީ. މިކަންބަދަލުވާނީ މިދެންނެވި "އަޅުވެތި ސިޔާސަތު" ދޫކޮށްގެން.

The name is already taken The name is available. Register?

ރާއްޖެ ތެރޭ މީހާ

10 November 2023

މީގަ އެންމެ ބޮޑު މައްސަލަ އަކީ މާލޭގައި 15 އަހަރު އުޅުނު ކަމަށް ބުނެ ދޮގެ ހެކި ހުށައެޅޭގޮތަށް ހުރުން. ދޮގު ހަދާ އޮޅުވާލި މީހުންނަށް މިނޫން ދުނިޔެ އެއްވެސް އެބައޮތްކަން ހަނދާން ކޮށްދެން.

The name is already taken The name is available. Register?

މިވެސް މީހެއް

10 November 2023

ކޮން ފިޔަވަޅެ ނާޅާނެ. ޙަމަބަހާލާފަ. ނިކަމެތިންނަށް ނިކަމެތިގޮތް. މިއަދު އުޅެވިދާނެ މަރުވީމަ އިންސާފު ލިބޭނެ. މަރުވާނެކަން ހަނދާންނެތީ.

The name is already taken The name is available. Register?

ޙޯހޯ

09 November 2023

މަ ހިތަށް އަރާ ކީއްކިރަން ފުރުވާ ފޯމެއްބާވައޭ؟؟؟ ބޭނުން ބަޔަކަށް ފްލެޓް ބަހާލަންވީނު. ވެރިކަން ލިބުނީމަ ކޮންމެ މީހަކުވެސް ހީކުރަނީ މި ޤައުމުގެ ހުރިހާ އެއްޗަކީވެސް އެބައްގެ ޕާޓީގެ އއަމިއްލަ އެެއްޗެއްސޭ. ގައުމުގެ ހަޒާނާއިން އެމީހަކު ބޭނުން ކަމެއް ކުރަން ވިއްޔޭ. ނިކަމެތި ރައްޔިތުމީހާ މަރުވަންދެންވެސް އުޅެންވާނީ މަރުވަންދެންވެސް 5 ދަރިން ގޮވައިގެން 4 ފޫޓް 4 ފޫޓް ކޮޓަރިގަނޑެއްގައޭ؟؟ ކޮބާ އިންސާފު.

The name is already taken The name is available. Register?

ޓިނު

09 November 2023

ދޮގު ހަދާމީހުން ދޮގުހަދަނީ އެކަންބަލައިފިނަމަ ގޯތިނުލިބޭނެކަން އެގިތިބެ . އެކަން ނުބެލީމަ މިފަހަރު މިއޮތީ އެމީހުންނަށް މޮޅުގޮތްވެފަ. މިފަރު މިކަން ނުބެލެއްޖެނަމަ ކުރިމަގުގަ އެކަން އިތުރުވާނެ

The name is already taken The name is available. Register?

އުންމީދު

09 November 2023

އަޅުގަނޑުގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އިންސާފުވެރިކަމާއެކު އަޅުގަނޑަށްވެސް ފްލެޓެއް ލިބުން. ސިޔާސީ ރައްޓެއްސެއްވެސް ނެތް މީހެއް ވީމަ މިހާރުދެން ނުލިބޭތަން ފެންނަނީ. ޑރ. މުއިއްޒު މިކަން ހައްލުކޮށް ދެއްވާނެކަމަށް ވަރަށް އުންމީދު ކުރަން.

The name is already taken The name is available. Register?

މަގާމު

09 November 2023

އަޅުގަނޑުމެން މާލޭގަ ގަނަތެޅޭތާ އެތައް އަހަރެއް މިވީ، ރާއްޖޭގެ އެއްވެސް ތާކު ބިމެއް ފުލެޓެއް ނެތް، އަންހެނުންގެ ވެސް ނެތް ބިމެއް ފުލެޓެއް، 3 ދަރިން އެބަތިބި، އެކަމަކު ޕޮއިންޓް މަދުވަނީ މީހެއްގެ ގެޔަކަށް ޕޮއިންޓް ދޭން ހަދައިގެން، މާލޭގާ މީހަކު ހަދާފަ ހުންނަ ގެއަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހާލަތު ދައްކުވައިދޭ އެއްޗެއް ނޫން، ދޮގު ހަދައިގެން ނޫން ގޮތަކަށް ތަންތަން ލިބެން އޮންނަ އޮތުން ބަދަލު ކުރަން ޖެހޭ..

The name is already taken The name is available. Register?

ދިސް އިޒް ސޯ ޓްރޫ ޕާޓް 2

09 November 2023

ޢަސްލު ކަންކަން ބައްޓަންވެފަ މި އޮންނަނީ ގަވާއިދަށް އުޅޭ ތެދުވެރި މީހާ ޕީނަލައިޒްވާގޮތަށް. މިސާލަކަށް, ޓްރެފިކް ޖޫރިމަނާ އެއްޗެތި ވަގުތުން ދައްކާ މީހާއަށް ދެރަގޮތް. ނުދައްކާ މީހާއަށް މާފް. މި ގައުމަކީ ގާނޫނާ ގަވާއިދު މުގުރާ މީހާއަށް ފެވަރ ކުރާ ގައުމެއް ކޮންމެ އަކަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454