ކުޅިވަރު / ގައުމީ ފެތުމުގެ މުބާރާތް

ގައުމީ މުބާރާތުގައި އެންމެ މޮޅު ފެތުންތެރިންނަކީ ސައުސަން އާއި ރިހާން އަދި ޝައިމް އާއި ތަޒްކިޔާ

އެންމެ މޮޅު ޖޫނިއާ ފެތުންތެރިންނަށް ހޮވުނު ތަޒްކިޔާ (ކ)، ޝައިމް (ކ-2) އަދި ރިހާން (ވ)، ސައުސަން (ވ-2).-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

15 ނޮވެމްބަރ 2023 - 11:13

ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުން މިމަހު ބޭއްވި ބީއެމްއެލް 47 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ސީނިއާ ބައިން އެންމެ މޮޅު ފެތުންތެރިންނަށް އައިޝަތު ސައުސަން އާއި މުހައްމަދު ރިހާން ޝިހާމް ހޮވުނުއިރު، ޖޫނިއާ ބައިގެ އެންމެ މޮޅު ފެތުންތެރިންނަށް ޝައިމް ހުސެއިން އިބްރާހިމާއި އަމްނާ ތަޒްކިޔާ މިރުޝާދު ހޮވިއްޖެ އެވެ.

މިމަހުގެ 2-8 އަށް ހުޅުމާލޭ ސްވިމިން ޕޫލްގައި ބޭއްވި މުބާރާތުގައި 181 ފެތުންތެރިން ވާދަކުރި އެވެ. އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޖޫނިއާ ބަޔާއި ސީނިއާ އަދި މާސްޓާސް ބައިގެ އިތުރުން ޓީމްތަކަށް ހުޅުވާލި ބަޔާ އެކު 151 އިވެންޓެއް ކުރިއަށް ގެންދިޔަ އެވެ.

ސީނިއާ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ރިހާން ހޮވުނުއިރު، ދެވަނަ ލިބުނީ އަލީ އިމްއާން އަށެވެ. ތިންވަނަ ލިބުނީ މުހައްމަދު އާން ހުސެއިނަށެވެ. އަންހެން ސީނިއާ ބައިގެ އެންމެ މޮޅު ފެތުންތެރިއަކަށް ސައުސަން ހޮވުނުއިރު، ދެވަނަ ހޯދީ ފާތިމަތު އަންޖަލް ފަޔާޒް އެވެ. އަދި ތިންވަނައަށް ދިޔައީ އައިޝަތު އައިނީ އަބްދުލް ހަމީދެވެ.

ޖޫނިއާ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ މަގާމު ހޯދީ ޝައިމް އެވެ. ލޫތު މުހައްމަދު ހުސެއިން އަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބުނީ ޔާސީމް މުހައްމަދު ޔޫސުފަށެވެ. އެންމެ މޮޅު އަންހެން ޖޫނިއާ ފެތުންތެރިޔަކަށް ތަޒްކިޔާ ހޮވުނުއިރު، ދެވަނަ ލިބުނީ އަޔާނާ އަރީފަށެވެ. އަދި ތިންވަނައަށް ދިޔައީ ލައިބާ ހަސަން މަނިކެވެ.

މާސްޓާސް ބައިގައި ވާދަކުރީ ފިރިހެން ފެތުންތެރިންނެވެ. މި ބައިގެ އެއްވަނައަށް ދިޔައީ ހުސެއިން މުބާހް އެވެ. ހަސަން އަޝްރަފް ދެވަނަ ހޯދިއިރު ތިންވަނަ ހޯދީ މިންވާލް އިބްރާހިމެވެ.

މުބާރާތުގައި ފިރިހެން 10 ޓީމުގެ އިތުރުން އަންހެން ހަތް ޓީމު ވާދަ ކޮށްފައިވެ އެވެ. ފިރިހެން ޗެމްޕިއަންކަން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) ހޯދިއިރު، އަންހެން ޗެމްޕިއަންކަން ހޯދީ ނިއު ލެގޫންސް ސްވިމިން ކްލަބެވެ.

ފިރިހެން ދެވަނަ ޓީމަކަށް ނިއު ލެގޫންސް ސްވިމިން ކްލަބް ހޮވުނުއިރު، ތިންވަނައަށް ހޮވުނީ ފީނާ ސްވިމިން އެކަޑަމީ އެވެ. އަންހެން ދެވަނަ ޓީމަކަށް ހޮވުނީ ޔޫތު ޗެލެންޖް ސްވިމިން ކްލަބެވެ. އަދި ތިންވަނައަށް ހޮވުނީ އެމްއެލްއޭ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ އެކި ކެޓެގަރީތަކުގެ އިވެންޓުތަކުން ކޮލިފައިން ޓައިމިން އަށް ފެތޭ ފެތުންތެރިންނަށް ބައިވެރިވެވޭ ގޮތަށެވެ. ކޮލިފައިވުމުގެ ގޮތުން، މިއަހަރު އެސޯސިއޭޝަނުން ބޭއްވި މުބާރާތްތަކާއި ރާއްޖޭން ބޭރުގައި އޮތް މުބާރާތްތަކުގައި ވާދަކުރި ޓައިމިން ހުށަހެޅުމުގެ ފުރުސަތު އޮތެވެ. އެގޮތަށް ޓައިމިން ނެގިފައި ނެތް ނަމަވެސް ފެތުންތެރިންނަށް ތަމްރީނުދޭ ކޯޗުން މެދުވެރިކޮށް ޓައިމިން ނަގައި ހުށަހެޅުމުގެ ފުރުސަތު ވެސް ދިނެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މުޅިން އަލަށް އޮޓަމޭޓެޑް ޓައިމިން ސިސްޓަމަކާއި ޕުޝްޕެޑް ބޭނުން ކޮށްގެން ފެތުންތެރިންގެ ޓައިމިން ނަގައިގެންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454