ފުލުހުންގެ ހިދުމަތުން އަންނަ ބުދަ ދުވަހު ރިޓަޔާކުރައްވާ ޕޮލިސް ކޮމިޝަނަރު ހަމީދު، "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 ނޮވެމްބަރ 2023 - 15:49
ފުލުހުންގެ އިސްވެރިޔަކަށް ހޭދަކުރެއްވި މުއްދަތުގައި މުއައްސަސާއަށް ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވާ ކަމަށާއި އެ މަގާމަށް ދެން ވަޑައިގަންނަވާ ބޭފުޅަކަށް ފަސޭހަވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސިފައިންނާއި ފުލުހުންގެ ހިދުމަތް ވަކިކުރިތާ މިވީ 19 އަހަރުގެ ތެރޭގައި، ޕޮލިސް ކޮމިޝަނަރުކަން އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި ހަމީދު، އަންނަ ބުދަ ދުވަހު ރިޓަޔާކުރެއްވުމުގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ އަބަދު ވެސް ރަނގަޅުކުރަންޖެހޭ، ކުރިއަށްދާ ހިދުމަތެއް ކަމަށެވެ. އެކަމަކު، އާ ސަރުކާރާ ހަވާލުވިއިރު އޮތީ ވަރަށް ބޮޑަށް ޓްރާންސްފޯމް ކުރަންޖެހިފައި ކަމަށާއި ގެންނަންޖެހޭ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާބިލް އަދި ރައްޔިތުންނަށް ހިދުމަތްދޭ މުއައްސަސާއަކަށް ބަދަލުކުރަން ފުރަތަމަ ވެސް ފަށަން ޖެހުނީ އިސްލާހުކުރުމުގެ ޕޮއިންޓުން ކަމަށެވެ.
ނަމަވެސް، ސީޕީގެ މަގާމުގައި ހޭދަކުރެއްވި ހަތަރު އަހަރާއި ނުވަ މަސް ދުވަހުގެ މަސައްކަތުގެ ސަބަބުން، ސީޕީއަކަށް ދެން ވަޑައިގަންނަވާ ބޭފުޅަކަށް މަސައްކަތްތައް ކުރައްވަން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
"..އޭގެ ތެރެއިން ކަނޑައެޅުނު ޕްރައޮރިޓީސްތަކާއި އޮބްޖެކްޓުތަކުން ވަރަށް ގިނަ ކަންކަން މި ފަސް އަހަރުގެ ތެރޭގައި ކުރެވިފައި ވަނީ. ދިވެހި ފުލުހުންގެ ހިދުމަތް މިހާރު އައިސްފައިވާ ހިސާބަށް ބަލާއިރު، ރައްޔިތުންގެ ކަންބޮޑުވުންތައް އެންމެ ބޮޑަށް އައިސްފައި ހުރި ކަންކަމަށް އަޅާލައި، އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގައި އުޅޭ މުއައްސަސާއަކަށް މި މުއައްސަސާ ބަދަލުވެއްޖެ،"
"އެއީ މަސްތުވާތަކެތީގެ މައްސަލައަށް ވިޔަސް، މާލެ ނުވަތަ އާބާދީ ބޮޑު ހިސާބުތަކުގައި މި ހިނގާ ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭގޮތަށް ނުރައްކާތެރި ކުށްތަކަށް އަރައިގަތުމާއި އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަރަކާތްތެރިވާ ޒުވާނުން ނުވަތަ އާއްމު ބަހުރުވައިން ނަމަ ގޭންގުތަކަށް ހައްލު ގެނެވެން ފަށާފައިވަނީ." އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރަން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ފުލުހުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހަމީދު ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާ މިހާރު ހިނގަނީ ކުރިއަށް ވުރެ ނިޒާމީކޮށް، އެކާވީސް ވަނަ ގަރުނަށް ފެތޭ ގޮތަށެވެ.
އަންނަ ހުކުރު ދުވަހު ވެރިކަމުން ފައިބައިވަޑައިގަންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސީޕީއަކީ ދެ ޅިޔަނުންނެވެ. އާއިލީ ގުޅުން އޮއްވައި ހަމީދު އެ މަގާމަށް އައްޔަންކުރެއްވުމުން ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.
އެކަމަކު، ސީޕީ ވިދާޅުވީ އެ މަގާމު އޭނާއަށް ލިބިވަޑައިގަތީ ރައީސާ އެކު އޮންނަ އާއިލީ ގުޅުމުގެ ސަބަބުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މި މަސައްކަތްތަކުގައި ފުލުހުންގެ މުއައްސަސާއަށް ނުރަނގަޅު ސިޔާސީ ނުފޫޒު ނުފޯރުވާ ތަނަކަށް ބަދަލުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނުރަނގަޅު ސިޔާސީ ނުފޫޒު ނުފޯރުވާ ތަނަކަށް މި މުއައްސަސާ ހެދިފައިވާނެ. އަތޮޅު ތެރޭގައި، މާލެ ފިޔަވައި، އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހަގީގީ މާނައިގައި އެ ފުލުހުންނަށް އޮޕަރޭޝަނަލް އިންތިޒާމްތައް ނުވަތަ އިހުތިޔާރުތައް ކުރިއާލައި ވަރަށް ބޮޑުތަން ލިބިގެންދާނެ. އެ މީހުންނަށް ދޭންޖެހޭ އޮޓޮނޮމީ އެ ތަންތަނުގައި އިތުރަށް ބާރުވެރިކުރުން، ވަސީލަތްތައް ފޯރުވައިދިނުން އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ސަބަބުން ނުވަތަ ފަރުމާ ކުރެވުނު ގޮތުން މި ޒަމާނަށް ފެތޭ އަދި ފިއުޗާއަށް ވެސް ފެތޭ މުއައްސަސާއަކަށް ބައްޓަންކުރަން ފެށިފައިވަނީ." ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދިވެސް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އަދި ފުލުހުންގެ މުއައްސަސާ އެކަނި ގާބިލްވެގެން ނުވާނެ ކަމަށާއި ފުލުހުން މަސައްކަތްކުރަނީ ގުޅިފައިވާ ޗެއިނެއްގައި ކަމަށައި ފުލުހުންނަކީ އޭގެ ތެރެއިން ބައެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
"އަޅުގަނޑު އެއްވެސް އިރެއްގައި ގަބޫލުކުރާ ކަމެއް ނޫން އަޅުގަނޑަށް މި މަގާމު ލިބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އާއިލާ ތެރޭގައި އޮންނަ ގުޅުމުގެ ސަބަބުން ކަމެކޭ. އަޅުގަނޑު އެއްވެސް އިރަކު ގަބޫލެއް ނުކުރަން ފުލުހުންގެ ހިދުމަތުގެ އެންމެ މަތީ މަގާމުތަކަށް އަންނަން ޖެހޭނީ އެ ގުޅުންތަކުންކަން. ކެޕޭސިޓީއާ، ތަޖުރިބާއާ އެ ގާބިލްކަން ހުރި ފަރާތްތަކަށް މި މަގާމަށް އާދެވޭނީ. އެއީ މި ތާ ތެރޭގައި އަބަދު ވެސް ބާއްވަންޖެހޭ ގޮތް،"
"ހަމަ ޔަގީނުން ވެސް އަޅުގަނޑުގެ މައްޗަކަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑު ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުރި މުއްދަތުގެ ތެރޭގައި ވެސް ނުރަނގަޅު ނުފޫޒެއް ފޯރުވާފައެއް ނެތް...އަޅުގަނޑު އެކަން ދޫކޮށްލާނީ ރައްޔިތުންނަށް ނުވަތަ ސިޔާސީ ފަރާތްތަކަށް. ކޮބައިތޯ މިދިޔަ ފަސް އަހަރު ފުލުހުން، އޭގެ ކުރިއާ އަޅާބަލާއިރު ސިޔާސީ ނުފޫޒުގައި ޖެހިގެން، ސިޔާސީ ގޮތުން ނުރަނގަޅު ފިޔަވަޅުތަކެއް އެއްވެސް ފަރާތަކާ އަޅާފައިވާ އަޅާފައިވާ ފަހަރުތަކަކީ." ސީޕީ ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތް ރިފޯމްކުރުމަކީ އުނދަގޫކަމެއް ކަމެކެވެ. ސިފައިންނާ އެއްކޮށް އޮތުމަށް ފަހު، 2004 ވަނަ އަހަރު ފުލުހުން ވަކިން އުފެއްދިޔަސް އެ މުއައްސަސާ އޮތީ މުޅި ދުނިޔެއަށް އަންނަ ބަދަލުތަކަށް ފެތޭ ގޮތަކަށް ނޫންކަން ފާހަގަކުރެއްވި އެވެ. ނަމަވެސް، ފާއިތުވި 19 އަހަރުގެ ތެރޭގައި އިޖުތިމާއީ އަދި ސިޔާސީގޮތުން އައި ހަލުއި ބަދަލުތަކާ އެއް ހަމަކުރަމުން ޕްރޮފެޝަނަލައިޒްކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.
އެކަަމަކު ދިވެހި ފުލުހުންގެ މުއައްސަސާ، ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް ޕްރޮފެޝަނަލައިޒްކުރަން 2021 ވަނަ އަހަރު ފެށި މަސައްކަތް، މި މަގާމުން ވަކިވެގެންދާއިރު ފުރިހަމަކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ކޮމިޓީއެއްގައި، ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
"ފުލުހުންގެ ހިދުމަތުގެ ކޮންމެ ރޭންކެއްގައި ހުންނަ ފުލުހަކީ ނުވަތަ ކޮންމެ މަގާމެއްގައި ހުންނަ މުވައްޒަފަކީ ކޮން ގާބިލްކަމެއް ހުންނަ ބައެއްކަމާއި ކޮން ރޭންކެއް ކަމާއި އެ ރޭންކުގައި ހުންނަ ފަރާތަކީ ކޮން ކަމެއް ކުރަންޖެހޭ މީހެއް ކަމާއި. ވަޒީފާގެ ބަޔާނެއްގެ ވާހަކައެއް ނޫން އެހެން ނަމަވެސް ކޮމްޕިޓެންސް އާއި އެ ފަރާތުގެ ގާބިލްކަމާއި އެ ކަންކަން ދައްކަން ޖެހޭ ގޮތާއި އެ ކަންކަން ދައްކައިދިނުމަށް އެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާއި އެ މީހަކަށް މުއައްސަސާއަށް ލައިދޭންޖެހޭ ގާބިލްކަންކަމާ، މި ހުރިހާ ކަމެއް ބަޔާންކުރާ ޑޮކިއުމެންޓް ސްޓްރެޓެޖީއެއް ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އަންނަ އަހަރުގެ ޖޫން/ޖުލައިގެ ތެރޭގައި އިމްޕްލިމެންޓްކުރަން ފެށީމަ އިތުރު ބަދަލެއް އަންނާނެ." އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތަށް ބަދަލުތައް ގެނައި ނަމަވެސް އާއްމުންގެ ފަރާތުން އަބަދު ލިބޭ ޝަކުވާއަކީ ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބުމާއި ކުށެއް ކޮށްފި ނަމަ ޖަލު ބަންދުގައި ހުންނަން ޖެހުމެވެ. އެކަމަކު، ވަކިވަކި ދާއިރާތަކުގެ ތެރޭގައި އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަހުރި ކަމަށާއި އާއްމުންނަށް ރައްކާތެރި ވެއްޓެއް ގާއިމްކުރަން އަދި ވެސް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ސީޕީ ވިދާޅުވީ، މިހާރު ފުލުހުން އިސްކަންދޭ ތަރުތީބެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ ސަލާމަތާއި އާއްމުންގެ ރައްކާތެރިކަމާ ގުޅިގެން ލިބިފައި ހުރި މައުލޫމާތުތަކަށް ބަލައިގެންނެވެ. ލިޔެގެން ތިން އަހަރުގެ ތެރޭގައި ކުރި މަސައްކަތުން، ހަމީދު ވިދާޅުވީ، މަސްތުވާތަކެއްޗާއި ހަރުކަށި ފިކުރާއި ކުޑަކުދިންގެ ރައްކާތެރިކަމާއި ގޭންގުތަކާއި އަނިޔާވެރި މާރާމާރީތަކާއި މީހުން މެރުން މަދުކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން، ފުލުހުންނާއި އާއްމުންނާ ދެމެދު އޮންނަ ހީނަރު ގުޅުން، ބަދަހި ކުރުމަކީ އެންމެ އިސްކަންދިން އެއް ކަންތައް ކަމަށް ވިދާޅުވި އެވެ.
"އާއްމުންނާ ވީހާ ވެސް ކައިރިން މަސައްކަތްކުރުމުގެ ފުރުސަތެއް މީގެ ކުރިން ނުލިބޭ. އެކަމަކު، ފުލުހުންގެ މަސައްކަތަކީ ވީހާ ވެސް ރައްޔިތުން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް. އެހެން ނޫނީ ކަންކަން ހައްލެއް ނުވާނެ. ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން އިންތިޒާމެއް ކަނޑައަޅައިގެން ކޮމިއުނިޓީ ޕޮލިސް ފައްޓައި ގާނޫނީ ބާރުދީފައިވޭ. ދެހާސް ބާވީސް ވަނަ އަހަރުގެ ޑިސެމްބަރުގައި އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި މާލެ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާ މައްސަލަތައް އަވަސްވެފައިވޭ. މިސާލަކަށް ފޭރުމާއި ގޭގެއިން ވަގަށް ނެގުމުން ހުށަހަޅާ މައްސަލަތަކަށް އަވަހަށް އެޓެންޑުވޭ،" ހަމީދު ވިދާޅުވި އެވެ.
"ރިކަވަރީއަށް މަސައްކަތް ކުރެވޭ. ކުރީގައި އޮނިގަނޑު ރާވާފައިވާ ގޮތުން ރިކަވަރީއެއް ނުކުރެވޭ އަދި އެ ހިދުމަތެއް ވެސް އަވަހަކަށް ނުދެވޭ."
ސީޕީ ވިދާޅުވީ މަސައްކަތްތައް ތަރުތީބުކުރިއިރު، އޭނާ އެންމެ އިސްކަންދެއްވީ ނުރައްކާތެރި ކުށްތަކާއި ގޭންގާއި މަސްތުވާތަކެތި އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށެވެ. އެކަމަށް ޓާގެޓުކޮށް، ސިފައިންނާ ގުޅިގެން މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ނަމަވެސް، މާލޭގައި އަދި އާބާދީ ބޮޑެތި ރަށްތަކުގައި ގޭންގުތަކުގެ ތަޅާފޮޅުންތައް އަދި ވެސް އޮވެ އެވެ.
ސީޕީ ވެސް ވިދާޅުވީ ގޭންގުތައް މައިތިރިކުރަން ފެށި މަސައްކަތް ފެއިލްނުވާ ކަމަށެވެ. އެކަން ފެތުރިފައި އޮތީ މާ ފުޅާކޮށް ކަމަށާއި އެ ތަންތަން ބާރުވެރިކުރުވިފައި ވަނީ އެތައް އަހަރެއްގެ ތެރޭގައި، މުޅި ދައުލަތުގައި ހިމެނޭ ފަރާތްތަކުގެ ސީދާ އަދި ނުސީދާ ބައިވެރިވުމާ އެކު ކަމަށް ވިޔަސް. ކުރިއާ ހިލާފަށް މާރާމާރީ ހިންގުމުގެ ޖާގަ އާއި ވަގުތު ހަނިކޮށް އެކަމަށް ވަކި ޔުނިޓެއް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބެއް ނިމިގެންދާއިރު، ގޭންގުތަކަށް ނިސްބަތްވާ ބޮޑެތި މީހުން ޕޮލިސް ކޮމިޝަނަރަށް އެކި ގޮތްގޮތުން މެސެޖު ކުރީމަ އެއިން ދައްކައިދެނީ އޭގެ އިންޕެކްޓު އަސްލު. އެ މީހުންނަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ވެއްޖެކަން. އަދި ގޭންގުތައް ނޫނަސް ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ވިޔަފާރިއަށް ހުރަސްއަޅައިފިން. ބިލިއަން ރުފިޔާގެ ޑްރަގްގެ ވިޔަފާރިއަށް ހުންނާނީ ހުރަސްއަޅާފައި. އޭގެ އަސަރު މި ފެންނަނީ، ޒާތްޒާތަށް ސޯޝަލް މީޑިއާގައި އެނޮނިމަސް އެކައުންޓުތަކުންނާއި ސީދާ މެސެޖުތަކުން ބަންޑުންކޮށްލާ އުދާސްތައް. އެކަންކަން އެގޮތަށް ނުކޮށް ތިބި ނަމަ އެ މެސެޖެއް ނާންނާނެ. އެކަން ކުރީމަ، އެ އުނދަގޫތައް އެ ފަރާތްތައް، ކުށްކުރާ ފަރާތްތަކަށް އައީމަ." ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުން އަންނަ ބުދަ ދުވަހު ރިޓަޔާކުރައްވާ ޕޮލިސް ކޮމިޝަނަރު ހަމީދު، "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ބޮޑެތި ކުށްތަކުގައި ބައިވެރިވާ މީހުންނަށް ދައުވާ އުފުލުމުން ޝަރީއަތް ގެންދަނީ އެންމެ އެކަށީގެންވާ ސްޕީޑުގައި ނޫން ކަމަށާއި ބޮޑެތި ކުށްތަކަށް އަރައިގަނެ ބަންދުގައި ވެސް ގިނަ ދުވަހު ތިބެންޖެހުމަކީ ކަންބޮޑުވުމެއް ކަމަށް ސީޕީ ވިދާޅުވި އެވެ. ގޭންގުތައް ނުހުއްޓުވިގެން އުޅެނީ ހަމައެކަނި ފުލުހުން މަސައްކަތް ނުކުރާތީއޭ ނުބުނެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ފުލުހުން ވަރަށް ބައިވަރު މަސައްކަތް ކުރާ ކަމަށެވެ. މުޅި ނިޒާމް ތެދުވިގެން ނޫނީ މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވެ، ހަމީދު ވަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމަށް ހާއްސަކޮށްގެން އެޓާނީ ޖެނެރަލްއާ ގުޅިގެން ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
"މިއީ، އެތައް އަހަރެއްގެ މައްސަލައެއް. އެއީ، ފުލުހުން ކަންކަން ނުކުރަނީ ކަމަކަށް ނުވަތަ ފުލުހުންނަށް އަދި ވެސް ކޮންޓްރޯލް ނުވަނީކަމަކަށް، ފުލުހުން ފެއިލްވަނީ ކަމަކަށް [ނުބުނެވޭނެ]. ފުލުހުން މަސައްކަތް ކުރޭ. އަޅުގަނޑަށް އެނގޭ ފުލުހުން ކުރާ މަސައްކަތް. އަޅުގަނޑުމެން އުފެއްދީ މިކަމަށް ހާއްސަ ޓީމެއް ވެސް. މާރާމާރީތައް ހުއްޓުވަން ނުވަތަ އެ ޖާގަ ނަގާލަން. އެކަންކަމަށް ބަލާއިރު ވަރަށް ސާފުކޮށް ބުނަން ކެރޭ، ފުލުހުންގެ ހިދުމަތުން ކުރިއާ ބަލާފައި މާ ބޮޑަށް ވެސް ފޯކަސްކޮށް މަސައްކަތްކުރަން ފަށައިފި. އޭގެ ނަތީޖާ ނުފެނިދާނެ އެއް ފަހަރާ ނުވަތަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި. މުޅި ނަތީޖާ ފެންނާނީ މުޅި ދައުލަތުގެ ނިޒާމް ހަރުދަނާވެގެން."
އަންނަ ހުކުރު ދުވަހު ރާއްޖޭގެ ވެރިކަމާ އާ ސަރުކާރަކުން ހަވާލުވާއިރު، މަގާމުތަކަށް އައްޔަންކުރަން ބޭފުޅުންނަށް ދަނީ ހުށަހެޅުންތައް ހުށަހަޅުއްވަމުންނެވެ. އެނގިފައިވާ ގޮތުގައި، ސީޕީ ހަމީދަށް ވަނީ އާ ސަރުކާރުގައި ވެސް ޕޮލިސް ކޮމިޝަނަރުކަން ހުށަހަޅައިފަ އެވެ. އެކަމަކު، ހަމީދު ވަނީ 28 އަހަރުގެ ހިދުމަތަށްފަހު މަގާމުން ވަކިވާން ނިންމަވައިފަ އެވެ.
ހަމީދު ވަނީ އެ މުއައްސަސާ ޕްރޮފެޝަނަލްކުރުމަށް މި ލީޑަޝިޕުން ކުރި މަސައްކަތް ފަހަތަށް ސޮއްސާލުމެއް ނެތި، ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ. އެ އިދާރާއިން މިހާތަނަށް ހޯދި ކުރިއެރުންތައް، ކްރިއޭޓިވް ގޮތްތަކުގެ ތެރެއިން އެ މުއައްސަސާ ތަރައްގީކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"މި މުއައްސަސާ ވީހާ ވެސް ޕްރޮފެޝަނަލްކޮށް ހިންގުމަށްޓަކައި ތިބި ގާބިލް ފަރާތްތަކާއެކު މަސައްކަތްކޮށްގެން ރައްޔިތުން ބަލައިގަންނަ ފަދަ މުއައްސަސާއަކަށް ހެދުމުގެ މަސައްކަތް ކުރަމުން ގެންދިއުން. އާދެވިފައި ހުރި ހިސާބުން މަސައްކަތް ކުރިއަށް ގެންދިއުމާއި ނުރަނގަޅު ނުފޫޒެއްގައި ނުޖެހި، ޕްރޮފެޝަނަލީ ފުލުހުންގެ އިދާރާ ހިންގުމަށް ފުރިހަމައަށް މި މުއައްސަސާ ލީޑްކުރުން. ރައްޔިތުންގެ ކަންބޮޑުވުމަށް ލީޑަޝިޕުން އިސްކަންދޭންޖެހޭ.."
ބޮޑެތި މައްސަލަތަކުގައި ފުލުހުން ކުރިއެރުން ހޯދާފައިވާ ކަމަށް ވިދާޅުވެ، ހަމީދު ވިދާޅުވީ މީހުން މެރުން ފަދަ ކުށްތަކުގައި ބައިވެރިވި މީހުން ހޯދާފައިވާ ކަމަށެވެ.
"ކޮންމެ ދުވަހަކު މި މުއައްސަސާ ލީޑްކުރުމަކީ ލިބޭ ހިތްހަމަޖެހުމެއް. މުއައްސަސާގެ މުސްތަގުބަލް ބިނާކުރުމަށްޓަކައި މުއައްސަސާގައި ތިބި ޓެލެންޓެޑް މީހުންނަށް އިންވެސްޓްކޮށްފައި ހުރުން އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކުރިއަށް އޮތް އަހަރުތަކުގައި މި މުއައްސަސާ ލީޑްކުރާނެ މީހުން އުފެއްދުން."
"އެންމެ ކަންބޮޑުވުން އޮތީ ކުރެވުނު މަސައްކަތްތައް އެގޮތުގައި ކޮންޓިނިއު ކުރެވިގެންދާނެތޯ. އެކަމާ ކަންބޮޑުވަނީ. އަނެއްހެން ދެރަވާ މި މުއައްސަސާއާ ވަކިވެ ދާންޖެހޭތީ. ދާންޖެހުން އެއީ އޭގެ ނެޗުރަލް ގޮތް. ރިޓަޔާކޮށްފައި ވެސް މި މުއައްސަސާއަށް އޮންނަ ލޯތްބެއް ނުދާނެ. އަޅުގަނޑު މި ދަނީ ވަރަށް ހިތްހަމަޖެހިގެން އަޅުގަނޑަށް ކުރެވުނު މަސައްކަތްތަކުން. ކުރި މަސައްކަތެއް، ގެނެވުނު ނަތީޖާ ބަލާނީ އެހެން ފަރާތަކުން." ސީޕީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޗާން ބުލޫ ބާޑު
14 November 2023
ވަޑައިގަން ނަވާނީ ހިތްހަމަޖެހިގެންނޭވިދާލުވުމުން އެމުވައް ސަސާގެ ގިނަމު ހިދުމަތް ތެރިންގެ ނުތަނަވަސްކަން އެބަހުރި ފުރުސަތުހަނި ފިތްތުންބޮޑު!
ތ6ޔގޔ6
14 November 2023
ކިތައް ސުކޭމަރުން ހައްޔަރުކުރެވުންތޯ؟ ކިތައް މައްސަލަ ތަހުގީގު ކުރެވުނުތޯ؟ މި ސުވާލަށް ޖަވާބެއް ދީބަލަ
ށޮމަން މިއާ
14 November 2023
ފުލުހުން ވަރަށް ޒާތީ. ޢަހަރެން ނަށް 750 ރުފިޔާގެ ސްޓިކާ ހަވާލުކުރީ އެެއްވެސް ކުށެއްނެތި . ޙަމަ ބަނގްލާ މީހުންނާ ޒާތީވެގެން. ސީ ޕީ އަވަސް އިސްތިއުފާދީ
ފުލުސްމީހާ
14 November 2023
މިހާތަނަށް ފުލުހުންގެ މުއައްސަސާ ހިންގަން ހަވާލުވި އެންމެ ނާޤާބިލު ކޮމިޝަނަރު.
ނަންއިތުރު
15 November 2023
ޒަމަނީ ޕޮލިސިންގ އާއި ޕްރޮފެށިނިލިޒަމް ނުދަންނަ ނުވަތަ ވަކަރުގޭ އުސޫލުން ކަންކުރަން އާދަވެފައި ހުރި މިހާހަކަށް ވިއްޔާ ހަމީދު ގެނައި ބަދަލުތައް ކަމަކު ނުދާނެއެވެ. އެކަމާއި އަޖައިބުވާންވީ ސަބަބެއް ނެތެވެ.
ޕޮލިސްހަމަސުމެއް
13 November 2023
މިދޭތެރެއިން ޕޮލިސް މެޑިކަލް ސްޓާފަކާ ޑީލްކުރަން ޖެހުނު. އެސޮރަށް އެންމެ ކުޑަވެގެން އީމެއިލް ލިޔަންވެސް ނޭންގޭ. އާއްމުަންނާ މުއާމަލާތްކުރުމުގެ އެއްމެ އަސާސީ ހުނަރެއްވެސްނެތް. އެހާ އާދައިގެ ސޮރަކު ފުއްޕާފާނެކަމަށް ހީވެސްނުކުރެވުނު. އެކަމު އެސޮރުވެސް ބާރުގެ ބޭނުންކޮށް، ބޭނުން ބަޔަކަށް އިސްކަންދީ "ކަލޭމެން އޮންނާނީ ލިސްޓު ފުލުގައޭ" ކިޔާ ހަޔާތްކުޑަ ފާޑަކަށް އުޅުނު. މުސާރަ ނަގައިގެން ޒިންމާ ނުނަގަާ އެލާރިކާން ލަދުވެސްނުގަނޭ
22222
13 November 2023
ވަކި ކަހަލަ ކުދިން ކޮޅެއް ގާތްކޮށްގެން 5 އަހަރު ނިންމާލީ.
ސަލާހު
13 November 2023
ކޮންމެގޮތަކައްތިތަނުންދިޔަޔަސް ރާއްޖޭގާހުރީއްޔާޝަރީއަތާއިކުރިނަތިލާ ތިމާގެމައުސޫމްކަންސާބިތުކޮއްދޭންޖެހޭނެ ނޫނީޖަލުގާ
ސްސްސް
13 November 2023
މީހަކަށް ފަސޭހަކުރާކަށްނޫން ވަޒީފާ ހަވާލުކުރީ. ހަމަހަމަކޮށް ކަންކަން ކުރަން. ފެނުނީ މާއްދާ27 އެއްކޮށް އުވާލިތަން
ކުޑަކަތީބު
13 November 2023
އަމިއްލައަށް މަމޮޅޭ ހެދިގެން ވާހަކަ ދައްކާނީ ކަނޑުކޮހުން، މޮޅެތިމީހުންގެ މޮޅުވަހަކަ ދައްކާނީ އެހެނިހެންމީހުން!
އަބްދުﷲ ބަދީއު
13 November 2023
ފުލުހުންގެ ތެރޭގައި އޮތީ ކޮރަޕްޝަން. އެންމެ އާދައިގެ މީހާވެސް އޭނާއަށް ނުކަތާވަރަށް މަގާމުގެ ނުފޫޒު ބޭނުންކުރޭ. ފުލުހުންނަށް ކްރެޑިޓަށް ބޭސްފަރުވާދޭނެ ބަޔަކުހޯދަން އިއުލާުނުކޮށްފައި، އެކި ފަރާތްތަކާއެކު އިމްޕްލިމެންޓްކުރަނީ އެއްވެސް އުސޫލެއްނެތި. އެއްބަޔަކު އަދިވެސް އޮތީ ލިސްޓު ފުލަށްލާފައި. އަނެއްބަޔަކަށް ހަމަ ރޮކެޓް ސްޕީޑް. ހިދުމަތް ސުމެއް. ސްޓާފުންގެ ފެންވަރުވެސް ހަމަ ސުމެއް