ރާއްޖޭގެ ހާރިޖީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
13 ނޮވެމްބަރ 2023 - 12:55
ނިމިގެން މިދާ ވެރިކަމުގެ ފަސް އަހަރު ހާރިޖީ ސިޔާސަތު ބިނާކޮށްފައިވާނީ ރާއްޖޭގެ އެންމެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މައްޗަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހާރިޖީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެ އޮތީ ހާރިޖީ މައިދާނުގައި ވަރަށް ބޮޑަށް ބާކީވެފައި ކަމަށެވެ.
"ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި. ބައެއް އިސްލާމީ ގައުމުތަކާ ރާއްޖެއާ ދެމެދު އޮތީ ގުޅުން ކެނޑިފައި. އެއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް އަދި ނިކަމެތިކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދޭދޭ ގައުމުތަކާއި ޖަމިއްޔާތަކާ އެކު އޮތް ގުޅުން ގާއިމްކޮށް އިތުބާރާއި ޔަގީންކަން ހޯދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. އެކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފޮރިން ސާވިސްގެ ހުރިހާ މުވައްޒަފުން އަދާކުރި ދައުރު ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ހާރިޖީ ދާއިރާ ވަރުގަދަ ކުރުމަށް މި ސަރުކާރުން ގެންގުޅުނު ތަސައްވުރުގެ ތެރެއިން 2022 ވަނަ އަހަރު ތައާރަފްކުރި ފޮރިން ސާވިސްގެ ހިދުމަތް ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، ހާރިޖީ މުވައްޒަފުންނަކީ ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ބައެއްގެ ގޮތުގައި ކަނޑައަޅައި ދިން ބާރުތަކުގެ ސަބަބުން އެދެވޭ ހެޔޮ ބަދަލެއް އައެވެ.
"މި މުހިންމު ބަދަލު ގެނައީ އެއިރެއްގައި އޮންނަ ސަރުކާރަކުން ހާރިޖީ ސިޔާސަތު ދަމަހައްޓައި ނެގެހެއްޓުމުގައި އެންމެ ފުރިހަމަ މާނައިގައި އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އެހީތެރިކަން ދިނުމަށް،" ރައީސް ވިދާޅުވި އެވެ.
ހާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށް ފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް އަރުވާ ޝަރަފު މިއަދު އެރުވީ ފޮރިން މިނިސްޓްރީގެ ސްޓޭޓްގެ މަގާމުގައި ހުންނެވި އަހުމަދު ހަލީލަށާއި ފޮރިން ސެކެރެޓަރީ އަހުމަދު ލަތީފަށެވެ.
ރައީސް ވަނީ ހާރިޖީ ދާއިރާއަށް މި ދެ ބޭފުޅުން ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޑްސް
15 November 2023
ގައުމަށް ގައްދާރުވި ވެރިޔެއް މި ނޫނީ ނުދެކެން. އިންޑަޔާ ސިފައިން ތިބިކަން އެނގިހުރެ އެކަން ދޮގުކޮށްފައި އަދި ނުވިތާކަށް 05 އަހަރު ނިމިގެން ދިޔައިރު އެންމެ މަގެއް ނުނިމި. އަދި ނިމިގެން އެދަނީ ހުރިހާ ވަގުންތައް މިނިވަންކޮށްފައި.
ބަރުބާދު
15 November 2023
މިޔައްވުރެ ގައުމައް ހަރާންކޯރުވި ވެރިޔަކު ގައުމުދެކިފަވޭބާ؟.
އެހެންޏާ
14 November 2023
ވެރިކަމުގަ ހުރެ އަދީބާ ޒިޔަތު ދޫކޮށްލާފަ ޔާމީނަށް މިނިވަން ނުވެވޭނެ ގޮތް ހެދީ ތިމާގެ ވެރިކަމުގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މައްޗަށް. މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް.
ހަސަން ލަތީފު
14 November 2023
މީއަޅެ ކޮންކަހަލަ މީހެއްބާ! ވެރިކަމުން ފައިބަން ތިންދުވަހަށްވީމައި ރައްޔިތުން ދަވާލި މުލު ދެވަގުންވެސް ދޫކޮށްލައި ރައްޔިތުންނަށް ދޯކާދިނީ! މިކަލޭގެވެސް ހުރީ ކައިގެން! ކަޅުދަބަސް؟
ޓެރޭސް
13 November 2023
އެންމެ މަތީ މަސްލަހަތަކީ އިންޑިއާ ފަސްޓްތޯ؟
ޙިންނަވަރަށް ހުތުރުކުރި
13 November 2023
ނިމިގެން މިދާ ވެރިކަމުގެ ފަސް އަހަރު ހާރިޖީ ސިޔާސަތު ބިނާކޮށްފައިވާނީ ރާއްޖޭގެ އެންމެ މަސްލަހަތު (އިންޑިޔާ އެދޭ ގޮތަކަށް ހިމާޔަތްކޮށް) ރައްކާތެރިކުރުމުގެ މައްޗަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އާދަނާ
13 November 2023
ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުމަށްތަ އިންޑިޔާ ސިފައިން މި ތަނަށް ގެނައީ؟!
1828
13 November 2023
ހާރިޖީ ސިޔާސަތު ބައްޓަންކުރީ އިންޑިއާގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް ދަމަހައްޓަން. އެކަން ދިވެހިންނަށް ކަށަވަރުކުރެވޭ. އިންޑިއާއި އެކު ހެދޭ ކޮންމެ އެއްބަސްބުމެއްހެން 'ސިއްރު'. ދެން އެކަމުން ދެމެހެއްޓުނީ އިންޑިއާގެ އެންމެ މަތީ މަސްލަހަތު ނޫން ދެން ކޮން އެއްޗެއް ތޯ؟