މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ | މަޖިލީހުގެ އިދާރާ
15 ނޮވެމްބަރ 2023 - 11:14
ސަޕްލިމެންޓްރީ ބަޖެޓްގެ ގޮތުގައި ހިމަނާފައިވާ 6.5 ބިލިއަން ރުފިޔާ އޮތީ ހަަރަދުކޮށް ނިންމާފައިވާ ކަމަށާއި އެ ބަޖެޓަކީ "ވައްކަމުގެ ރަސީދެއް" ކަމަށް ޑިމޮކްރެޓްސްގެ މެމްބަރުން މިއަދު ތުހުމަތު ކުރައްވައިފި އެވެ.
މި އަހަރުގެ ބަޖެޓަށް އިތުރުކުރާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސްގައި ޑިމޮކްރެޓްސް މެމްބަރުން ވިދާޅުވީ އެ ބަޖެޓު ހުށަހަޅާފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި ސަޕްލިމަންޓްރީ ބަޖެޓުގެ ނަމުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް، މަޖިލީހުން ފާސްނުކޮށް ހަރަދުކޮށް ނިންމާފައިވާ ފައިސާ އެވެ.
"މި ސަރުކާރަށް ބާކީ މި އޮތީ ތިން ދުވަސް. ހަތް ބިލިއަން ރުފިޔާ ކިހިނެއްތޯ ހަރަދުކުރާނީ؟ ކޮން ތާކުން ހަރަދުކުރާނީ؟ އަހަރު ނިމެންވެސް މި އޮތީ އެއް މަސް ދުވަސް،" އާޒިމް ވިދާޅުވި އެވެ.
"މި ބަޖެޓު ބަލާލީމަ އެބަ އެނގޭ ކުރިން ހަރަދުކޮށްފަ ކަން މި އޮތީ. ގާނޫނުއަސާސީގަ އެބަ ބުނޭ އެހެން ނުކުރެވޭނެއޭ."
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަޕްލިމަންޓްރީ ބަޖެޓުގައި ހިމަނާފައި އޮތީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ތެރޭގައި ތިއްބެވި އިސް ބޭފުޅުންނަށް، ވެރިކަން ނިމުމުގެ ކުރިން "ބަހަން" ކަނޑައަޅާފައިވާ ފައިސާ އެވެ.
"އެ މީހުންނަށް ފައިސާ ދޭން ވެގެން. މި އުޅެނީ އެ މީހުންނަށް ފައިސާ ދޭން ވެގެން. މި އުޅެނީ ސަރުކާރު ހިންގަން ދަތިވެގެނެއް ނޫން،" އާޒިމް ވިދާޅުވި އެވެ.
ބަހުސްގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ މި އަހަރަށް މަޖިލީހުން ފާސްކޮށްދީފައި އޮތް ބަޖެޓު އެކީގައި ހުސްކޮށްލާފައިވާ ކަން ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ މާލީ ހިސާބުތަކުން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.
ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި، ދައުލަތުގެ ބަޖެޓަކީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލް ބާއްވަން "ބަހާލަން" އޮންނަ އެއްޗެއް ނޫނެވެ.
"މިއީ ސަޕްލިމަންޓްރީ ބަޖެޓެއް ނޫން. މިއީ ވައްކަމުގެ ރަސީދެއް. ވައްކަމުގެ ރަސީދެއް. ވަރަށް މަދުން ވައްކަމުގެ ރަސީދެއް އަޅުގަނޑުމެންނަށް ލިބޭނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއޮތީ މާލީ ވަޒީރު ވައްކަން ކުރައްވާފައި، ވައްކަމުގެ ރަސީދެއް މި ތަނަށް ފޮނުއްވާފައި."
ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޑިމޮކްރެޓުން އިއްޔެ ނެގި ނިޒާމީ ނުކުތާތަކަށް، މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަސްލަމް ވަނީ ޖަވާބު ދެއްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ ގާނޫނީ އަދި ފަންނީ ބޭފުޅުން ލަފާ ދެއްވާފައިވާ، ސަޕްލިމެންޓްރީ ބަޖެޓާ އެކު މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ހުރިހާ ލިޔެކިޔުންތަކެއް ފިނޭންސުން ވަނީ ފޮނުވާފަ އެވެ.
"އެހެންކަމުން މި ކަމުގައި ނިޒާމީ ނުކުތާ ނަގައި، މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅަން ފުރުސަތު ނުދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން،" ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސަށް ހުޅުވައިލުމުގެ ކުރިން އަސްލަމް އިއުލާނުކުރެއްވި އެވެ.
މަޖިލީހުން އިއްޔެ ފާސްކޮށްފައިވަނީ، ބަހުސް ކުރަން އެދިވަޑައިގަންނަވާ ކޮންމެ މެމްބަރަކަށް ގިނަ ވެގެން ފަސް މިނެޓު ދިނުމަށް ފަހު، ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ދެ ދުވަސް، އަދި އޭގެ ފަހުން ކޮމިޓީ ރިޕޯޓުގެ ބަހުސަށް ކޮންމެ މެމްބަރަކަށް ގިނަވެގެން ދެ މިނެޓުގެ ފުރުސަތެއް ދިނުމަށެވެ.
މަޖިލީހުގެ އިމްތިޔާޒަށް އަމީރު އަރާވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ޑިމޮކްރެޓްސްގެ މެމްބަރުން އޭނާ އިންނެވި މޭޒު ވަށާލައިގެން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ހުރަސްއަޅުއްވަނީ. --
ސަޕްލިމެންޓްރީ ބަޖެޓު އިއްޔެ މަޖިލީހަށް ހުށަހަޅައިދެއްވަމުން އަމީރު ވިދާޅުވީ، ބަޖެޓުން އިތުރަށް ހަރަދު ކުރާ އެންމެ ބޮޑު އަދަދެއް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭން ޖެހުނު އެއް ސަބަބަކީ ބިން ވިއްކައިގެން ހޯދަން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބުމުން ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.2 ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުން ހަރަދު ކުރަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ފިއުލް ސަބްސިޑީއަށެވެ. ފިއުލް ސަބްސިޑީއަށް ފެނަކަ އާއި ސްޓެލްކޯއަށް 530 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
މިދިޔަ އަހަރު 2023 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސް ކުރީ 42.8 ބިލިއަން ރުފިޔާ އެވެ. ބަޖެޓަށް އިތުރު ކުރި އަދަދާ އެކު ޖުމްލަ މި އަހަރުގެ ބަޖެޓު 49.4 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު...
15 November 2023
ކުޑަކުދިންގެ ހައްގުގައި އަދި ދިވެހިބަހުގެ ހައްގުގައި މަޖިލީހުގައި ވާހަކަފުޅު ދައްޖަވާއިރު ރަގަޅު ދިވެހި ބަހުން ވަހަކަދެއްކުންއެދެން، ފައިސާގެ ރަޝީދު ނޫން ފައިސާގެ ރަސީދު ހުންނަނީ.....
ސަސި.
15 November 2023
ދެން ހަމަ ލައްކަގިނަ ކަންކަން ފެންނާނެ.
ޗަރުކޭސް
15 November 2023
މަނިކުފާނު ވެސް ފްލޯޓިންހައުސްއޭ ކިޔައިގެން އެތައްލާރިއަކާ ފަޅުތަކަކާ ފައިކޭޓަށްލައިގެން ހުންނަވާފައި ޕާޓީ ޕްރައިމަރީން ބަލިވީމާ ތިޖައްސަވާ ސަކަރާތް ބަލައިގަންނަން އުދަގޫ. މަނިކުފާނަށް ސިޔާސީ ފަހި މާހައުލެއް އޮވެއްޖެއްޔާ ކޮންމެ ކަމެއްވެސް އޯކޭ. ބާރުނެތިދާނެހެން ހީވީމާ ރައްޔިތު ރައްޔިތު.
އަބީދާ
15 November 2023
ތި ޑިމޮކްރެޓައް ނޭންގޭ މަސްވެރިނައް ކިލޯއަކައް ކުރިން ދެމުންގެންދިޔަ -/18ރ މިހާރު -/23ރ އައް ބޮޑުކިރިކަންވެސް އަދި މަސްވެރިނައް ޕޭކުރަންޖެހޭކަން. އައްނި އައް އެންމެ ފުރިހަމައައް ކުރަން އެގޭ ކަމަކީ ސަރުކާރު ތަކައް ޖެއްސުން ކުރުން ރައްޔިތުންގެ ފައިސާ އިން މަހެއްގެ މައްޗައް 250،000ރ ވަރު ނަގައިގެން