ރިޕޯޓް

ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުމާއި ވަރުގަދަ އަޒުމެއްގެ ނަމޫނާ!

އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އާންމުކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ /މިހާރު

މިއަދަކީ އެ ދުވަހެވެ؛ ރާއްޖޭގެ ސިޔާސީ ކުރިމަގާ މެދު މީގެ ތިން މަހެއްހާ ދުވަސް ކުރިން އެތައް ބައެއްގެ ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ލިބި، ހަގީގަތަކަށް ވާން ދެން މާ ގިނަ ވަގުތެއް ނެތެވެ؛ ރާއްޖޭގެ 8 ވަނަ ރައީސް ކަމުގެ މަގާމާ މ. ދިމްޔާތު، ޑރ. މުހަންމަދު މުއިއްޒު ހަވާލުވެ ވަޑައިގަންނަވާނެ އެވެ.

އެކަމަކު، އެއީ މީގެ ދެ ތިން މަހެއްހާ ދުވަސް ކުރިން އެއްވެސް މީހަކު ހިތަށް އަރައިފާނެ ކަމެއް ނޫނެވެ. ޑރ. މުއިއްޒު ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންފާނެއޭ މީހަކު ބުންޏަސް، ކޮންމެ މީހަކަށް ވެސް ބުނެވޭނީ "އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔޭ" އެވެ.

ޖަވާބަކީ މި އެވެ؛ މި ކުރު މުއްދަތުގެ ތެރޭގައި ވީ ހުރިހާ ކަމަކަށް، ލޯމަރާލައިގެން އިނދެ ވިސްނާލައިފި ނަމަ ފެންނާނީ ޑރ. މުއިއްޒުގެ ހިކުމަތްތެރި ވިސްނުމެވެ. ސުވާލެއް ނެތެވެ؛ އެއީ އެ މަނިކުފާނުގެ ވިސްނުންފުޅު ތޫނުކަން ކަން ކަށަވަރެވެ. ގަބޫލު ވެސް ނުކުރެވިދާނެ ކަމެއް ހަގީގަތަކަށް ހެއްދެވި މަންޒަރެވެ.

ޑރ. މުއިއްޒު ގައުމުގެ ރައީސް ކަމަށް ވަޑައިގެންފާނެ ކަން، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިއުލާން ކުރުމާ ހަމައަށް ވެސް ގަބޫލުކުރީ މަދު ބައެކެވެ. އެ މަނިކުފާނަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ލިބިދާނެ ކަމާ މެދު ވެސް އެތައް ބަޔަކު ޝައްކު ކުރި އެވެ. އެކަމަކު، ޕީއެންސީގެ ޕްރައިމަރީގައި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ މައްޗަށް ދެ ވޯޓުގެ ތަފާތުން ކުރި ހޯއްދަވައި ޓިކެޓް ކަށަވަރު ކުރެއްވި އެވެ.

ޕީޕީއެމާއި ޕީއެންސީގެ ފައުންޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައި ހުއްޓަސް އެ މަނިކުފާނުގެ އިތުބާރު ހޯދަން މުއިއްޒު ކުރެއްވި މަސައްކަތްޕުޅު ވެސް އެހާ ބޮޑެވެ. ޖަލު ހުކުމާ ގުޅިގެން ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން އެންމެ ފަހު ވަގުތު ނިންމުމުން އެ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ކުރެއްވި ފިއްތުންތަކާ ވެސް މުއިއްޒު ކުރެއްވީ އާދައިގެ "ހަނގުރާމައެއް" ނޫނެވެ. ޔާމީންގެ އާނބަސް މަޖުބޫރީ ހާލަތެއްގައި ވެސް ލިބިވަޑައިގަތީ ފޯމު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަންގެ މަރުކަޒަށް ވަދެވަޑައިގެންނެވި ފަހުންނެވެ.

"ޕްރައިމަރީ ކާމިޔާބުވީމާ ވެސް ޑރ. މުއިއްޒު ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީނަށް ފުރުސަތު ލިބިވަޑައިގަންނަވާ ހާލަތުގައި ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް. ރައީސް ޔާމީނަށް ފުރުސަތު ގެއްލިއްޖެ ހާލަތުގައޭ އިންތިހާބަށް ކުރިމަތިލައްވާނީ. އެ ގޮތުގައި ޑރ. މުއިއްޒު ހުންނެވީ،" މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ޑރ. މުއިއްޒު މީޑިއާއާ ވާހަކަފުޅު ދައްކަވަން ތައްޔާރުވެވަޑައިގަންނަވާއިރު، އެންމެ އަރިސް އެއްބޭފުޅާ އަބްދުއްރަހީމާ ހިޔާލު ބަދަލުކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އޭނާ ވިދާޅުވި ގޮތުގައި ޑރ. މުއިއްޒަށް ބޮޑެތި، އުނދަގޫ ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގަތެވެ. އެކަމަކު، މުއިއްޒަކީ ވަރަށް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާ އެކު ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކަށް ވާތީ ފަހަތަށް ބެއްލެވުމެއް ނެތި ފޯކަސް ކުރެއްވީ ކުރިމަގަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޑރ. މުއިއްޒަށް ވިސްނިވަޑައިގަންނަވާ ރާއްޖޭގެ ސިޔާސީ ކުރިމަގު މިދާ މިސްރާބު. އެހެންވެ، ވަރަށް ހިކުމަތްތެރިކަމާ އެކު މަސައްކަތް ކުރެއްވީ. ހާއްސަކޮށް ޑރ. މުއިއްޒަކީ ބަސް މަދު، އަހުލާގު ރަނގަޅު، ކެތްތެރި ބޭފުޅަކަށް ވާތީ އޭގެ ފައިދާ ވަރަށް ބޮޑަށް ކުރި ކަމަށް އަޅުގަނޑަށް ފެނުނީ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

ޔާމީނަށް ވެރިކަމަށް ކުރިމަތިލެއްވިދާނެ ކަމާ މެދު އެތައް ސުވާލެއް އުފެދި، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ނޫސްވެރިންގެ ކުރިމަތީގައި އެކި ވާހަކަތައް ދައްކަވަމުން ގެންދެވިއިރު ވެސް މުއިއްޒު ފެނުނީ "ހިމޭން" ބޭފުޅެއްގެ ގޮތުގަ އެވެ. ޕޯޑިއަމްތަކުގައި މާ ގިނަ ވާހަކަފުޅެއް ނުދައްކަވަ އެވެ. އެ ޖާގަ ހޯއްދަވަން ވެސް އުޅުއްވި ތަނެއް ނުފެނުނެވެ. އެއީ އޭރު ޕީޕީއެމްގެ ނައިބު ރައީސަކަށް ވިޔަސް ފެނުނީ ލީޑަޝިޕްގެ ބޭފުޅުންގެ ލިސްޓުގެ އެންމެ ފުލުންނެވެ. ޕީޕީއެމްގެ ޖަލްސާތަކުގައި ވެސް ގިނައީ މުއިއްޒަށް ޕޯޑިއަމް ލިބިވަޑައިނުގަންނަވާ ފަހަރުތަކެވެ.

"އަޅުގަނޑަށް ފެނުނު ތަނުގައި މުއިއްޒަކީ ވިދާޅުވާން ބޭނުންވާ އެއްޗެއް އެ ބޭނުންވާ ވަރަކަށް ވިދާޅުވާ ބޭފުޅެއް. ކޮންމެހެން މީޑިއާގައި ވާހަކަ ދައްކަވަން ޖެހޭތީ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން. ދައްކަވަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކަވާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް މުއިއްޒުގެ ފަރާތްޕުޅުން ހަމަޖެއްސަވާފައިވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމާއި މަޖިލިސްގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މައިނޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް އަދި އިންތިހާބީ ނައިބު ރައީސް މަޖިލިހުގެ އިދާރާގެ ގޯތިތެރޭގައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުއިއްޒާ އެކު، އެންމެ ގާތުން މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަމުން އިއްޔެ އިސްތިއުފާ ދެއްވި އާދަމް ރަމީޒެވެ. އޭނާއަކީ ކެމްޕެއިންގެ ފޯރި ނުވެސް ފެށެނީސް، މުއިއްޒަށް ކެމްޕެއިން ކުރާ ކަމުގެ ތުހުމަތުގައި "ކުށްވެރިވި" އެއް ބޭފުޅާ އެވެ. ޖަލުގައި ހުންނެވި ޔާމީންގެ އޯޑަރަށް ރަމީޒުގެ މައްސަލަ ވެސް ޕީޕީއެމްގެ ކަމާ ގުޅޭ ކޮމިޓީން ބަލަން ވެސް ފެށި އެވެ. އެކަމަކު، ފިޔަވަޅު އެޅުމުގެ ކުރިން ރަމީޒު އެ ޕާޓީން ވަކިވެވަޑައިގެން "ފެއަށް" ޖެހިވަޑައިގަތީ އެވެ.

ހީވެސް ނުކުރާ ކަހަލަ ގޮންޖެހުންތަކާ އެ މަނިކުފާނު ކުރިމަތިލައްވައިގެން މި ހިސާބަށް އައީ. މާޔޫސްވާ ކިތަންމެ ދަނޑިވަޅެއް އައި. ގޮތް ހުސްވި އެތައް ފަހަރެއް ކުރިމަތިވި ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ފަހުން ވެސް. އެކަމަކު، ކެތްތެރިކަމުގެ ނަތީޖާ މިއަދު މި ފެނުނީ،"--- އަބްދުއްރަހީމް

"އަޅުގަނޑަށް އެ ދުވަސްވަރު މަރުގެ އިންޒާރު ވެސް އައި. އެތައް ގޮންޖެހުމެއް ކުރިމަތިވި. އަޅުގަނޑު މިއާ [ޑރ. މުއިއްޒު ކެމްޕެއިނާ ނޫޅުއްވަނީސް] ގުޅޭ ކަމެއް ނުވެސް ކުރަނީސް ބޮލުގައި ތުހުމަތު އަޅުވައިގެން އުޅުނު،" ރަމީޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑރ. މުއިއްޒުގެ ކާމިޔާބީގެ އަސްލަކީ ވެސް ހިތްތިރިކަމާއި ކެތްތެރިކަން ކަމަށެވެ. ކުރިމަތިވާ ގޮންޖެހުންތަކާ ވިސްނުންތެރިކަމާ އެކު ކުރިމަތިލެއްވި ކަމަށް ރަމީޒް ވިދާޅުވި އެވެ.

އިއްޔެއާ ހަމައަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަމުގައި ހުންނެވި ރަމީޒު: އިންތިހާބީ ރައީސް ޑރ. މުއިއްޒު ދަސްކޮށްދެއްވީ މީހުންނަށް ރައްދު ދިނުމާއި ހިތްތިރިވުމުގެ ނަމޫނާ ކަމަށް ރަމީޒު ވިދާޅުވި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑުމެން ކައިރީގައި ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ވިދާޅުވާނެ ކަންކަމުގައި ހިތްތިރިވާށޭ. ކެތްތެރިވާށޭ. ކެތްތެރިންނާ އެކު ﷲ ވޮޑިގެންވަނީ. މީހަކަށް ބަދުބަހެއް ނުބުނައްޗޭ. ރައްދު ނުދެއްޗޭ،" މުއިއްޒުގެ އިރުޝާދާ ގުޅޭ ގޮތުން ރަމީޒު ވިދާޅުވި އެވެ.

ރަމީޒު 2015 ހިސާބުގައި އޭރުގެ އެޗްޑީސީގައި މަސައްކަތް ކުރެއްވިއިރު ވެސް ސަރުކާރުގެ ފަރާތުން އެ ކުންފުންޏަށް ކަނޑައަޅާފައި ހުންނެވި "ސުޕަ ސީއީއޯ" އަކީ މުއިއްޒެވެ. އެހެންވެ، އެއް ގޮތުން ބަލާއިރު ރަމީޒުގެ އެއް "ބޮސް" އަކީ މުއިއްޒެވެ.

"އެންމެ ކުރިން ވެސް އަޅުގަނޑަށް މުއިއްޒުގެ ފަރާތުން ފެނުނީ ހިކުމަތްތެރިކަމާއި ކެތްތެރިކަން. އޭގެ ނަތީޖާ މިއަދު މި ފެންނަނީ،" ރަމީޒު ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، މުއިއްޒަކީ ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅުއްވާ ބޭފުޅަކަށް ވުމަކީ ވެސް ރާއްޖޭގެ ރައީސުންގެ ލިސްޓުން ޖާގަ ހޯއްދެވި އެއް ސަބަބު ކަމަށެވެ. ކެމްޕެއިނަށް ލިބިވަޑައިގެންނެވި މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް މުއިއްޒުގެ 24 ގަޑިއިރު ހޭދަކުރެއްވީ ކާމިޔާބު ހޯއްދެވުމުގެ މިސްރާބަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަޅުގަނޑުމެން ކައިރީގައި ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ވިދާޅުވާނެ ކަންކަމުގައި ހިތްތިރިވާށޭ. ކެތްތެރިވާށޭ. ކެތްތެރިންނާ އެކު ﷲ ވޮޑިގެންވަނީ. މީހަކަށް ބަދުބަހެއް ނުބުނައްޗޭ. ރައްދު ނުދެއްޗޭ،"--- ރަމީޒު

"އެންމެ ސިކުންތެއް ވެސް ބޭކާރު ނުކުރައްވާ. ވަގުތުތައް ބޭކާރެއް ނުކުރައްވާ. ވަރަށް ބުރަކޮށް ޑރ. މުއިއްޒު މަސައްކަތްޕުޅު ކުރެއްވީ މި ކެމްޕެއިންގައި،" ކެމްޕެއިންގައި މުއިއްޒާ އެކު ހުރިހާ ރަށަކަށް ވަޑައިގެންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމަށް މިއަދު އޮތް ޔަގީންކަމަކީ ރައީސްކަމުގެ ހުވައާ އެކު، މުއިއްޒު ފަހަތަށް ނުބައްލަވާނެ ކަމެވެ. ބޭކާރު ކަންކަމަށް ވަގުތު ހޭދަ ނުކުރައްވާނެ ކަމެވެ.

"އެ މަނިކުފާނުގެ ވަގުތުތައް ބޭކާރު ކަންކަމުގައި ހޭދަ ނުކުރައްވާނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އަޅުގަނޑަށް އެބައޮތް. ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ އުޅުއްވާނީ. އެ ވިދާޅުވަނީ ރައްޔިތުންނަށް ފޮރުވާނެ އެއްޗެއް ނެތޭ. އެހެންވީމާ އެ ގޮތުގައި ޑރ. މުއިއްޒު ކުރިއަށް ވަޑައިގަންނަވާނެ ކަން ކަށަވަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މުއިއްޒުގެ ސަރުކާރުގައި މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނެ އެވެ. ބޭރުން އަންނަ ނުފޫޒުތަކުން ސަލާމަތްވާނެ އެވެ. ސަރުކާރަށް އަމިއްލަ އަށް ބަސް ވިދާޅުވެވޭނެ ވަރުގެ ގާބިލްކަމާއި ކެރުންތެރިކަން މުއިއްޒުގެ ހުންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ހީވެސް ނުކުރާ ކަހަލަ ގޮންޖެހުންތަކާ އެ މަނިކުފާނު ކުރިމަތިލައްވައިގެން މި ހިސާބަށް އައީ. މާޔޫސްވާ ކިތަންމެ ދަނޑިވަޅެއް އައި. ގޮތް ހުސްވި އެތައް ފަހަރެއް ކުރިމަތިވި ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ފަހުން ވެސް. އެކަމަކު، ކެތްތެރިކަމުގެ ނަތީޖާ މިއަދު މި ފެނުނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސްކަމާ މިއަދު ހަވީރު ހަވާލުވެވަޑައިގަންނަވާ ޑރ. މުއިއްޒު: އަރިސްބޭފުޅުން އެންމެ ބޮޑަށް ފާހަގަކުރައްވަނީ އެ މަނިކުފާނުގެ ހިކުމަތްތެރިކަމާއި ކެތްތެރިކަން.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަބްދުއްރަހީމާއި ރަމީޒަކީ ވެސް ޑރ. މުއިއްޒާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމަށް ވާއިރު، އެ ދެ ބޭފުޅުން ވެސް ވިދާޅުވީ، "މިއީ ތަފާތު ރައީސަކަށް ވާނެ" ކަމަށެވެ. ލިބިވަޑައިގެން ހުންނެވި ތަޖުރިބާގެ ބޭނުންފުޅު ކުރައްވައި ދިވެހިންގެ ކަންތައްތަކުގައި އުޅުއްވާނެ ކަމުގެ އެއްވެސް ޝައްކެތް ނެތް ކަމަށް ވިދާޅުވި އެވެ.

"ކެމްޕެއިންގައި އަދި މިހާރު ވެސް އެ ވިދާޅުވަނީ ޕޯޑިއަމް ކައިރީގައި ހުންނަވައިގެން ތިމަން މަނިކުފާނު ވިދާޅުވި ކޮންމެ ވާހަކަފުޅެއް ވިދާޅުވަނީ، އެ ކަމެއް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮވެގެންނޭ. އެ އަށް ތިމަން މަނިކުފާނު ޖަވާބުދާރީވާނަމޭ. މިއީކީ ފަސޭހަ ވާހަކަފުޅެއް ނޫން. އެކަމަކު އެހާ ވެސް ޔަގީންކަމާ އެކު އެ ވާހަކަފުޅު އެ ވިދާޅުވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އާ ރައީސް ޑރ. މުއިއްޒަށް މަރުހަބާ އެވެ. ރާއްޖެ އަނެއްކާ ވެސް މި ފަށަނީ އާ ފަސް އަހަރަކަށެވެ.

40 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 0%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 16%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުލްގާ

17 November 2023

ދިވެހީންނަށް ލިބިގެން މި ދިޔައީ ހިތްހެޔޮ މަޑުމައިތިރި ރައީސެއް. ޔަގީނުންވެސް ދިވެހީން އުފާ ކުރާނެ މި ފަށާ 5 އަހަރުތެރޭ

The name is already taken The name is available. Register?

ޒިޔާދުު

17 November 2023

ދިވެހިންނަށްޓަކައި ދިވެހި ގައުމައްޓަކައި ޑރ މުއިއްޒު ކުރައްވާ މަސައްކަތައް ހަމަ ސާބަހޭ.

The name is already taken The name is available. Register?

ނާޒިމް

17 November 2023

މިގައުމުގެ ރައްޔިތުންގެ ހާލު ބަލާ ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ލިބިގެންދާނެ. ވެފަ ހުރި ވައުދުތައް ފުއްދަވައި ރައްޔިތުންގެ ދިރިއުޅުން އުޖާލާ ކުރާނެކަން ޔަގީން.

The name is already taken The name is available. Register?

ހައިޝަމްް

17 November 2023

މުޅި ރާއްޖެ އެ ރައީސަކަށް ފުލުފުލުގާ ތައުރީފު ކުރާ ވެރިއަކަށް ޑރ މުއިއްޒު ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެތް ނެތް.

The name is already taken The name is available. Register?

ޖިޔާމް

17 November 2023

އެތައް އުނދަގުލަކާ ގޮންޖެހުންތަކާ ކުރިމަތިލި އިރުވެސް އެ އަޒުމަށް ބަދަލެއް ނައިސް ވެރިކަމާ އެ ހަވާލުވީ އިތުރަށް ގަދަކޮށް މި ގައުމު އާ އުސްމިނަކަށް ގެންދަވަން. މިވަރުގެ ރައީސެއް ނުހުންނާނެކަން ޔަގީން.

The name is already taken The name is available. Register?

މަސީހާ

17 November 2023

މުއިއްޒު ދިވެހިންނަށްޓަކާ ތި ކުރެއްވި އަގުވަޒަން ނުކުރެވޭ ވަރުގެ ހިދްމަތަށް ފަށްފަށުން ޝުކުރު އަދާކުރަން. މި ގައުމު އެދި ގޮވަނީ ތިފަތަ އަބްތާލުންނަށް.

The name is already taken The name is available. Register?

ޝަމީރާ

17 November 2023

މި ދިވެހި ރާއްޖޭގައި ޖުމްހޫރީ 2 ދައުރު ފުރިހަމަ ކުރައްވާ ބޭފުޅަކަށް މުއިއްޒުވާނެކަން ކަށަވަރު.

The name is already taken The name is available. Register?

ވަރުދާ

17 November 2023

މުއިއްޒު ދިޔައީ ވަރަށްގިނަ ދުޝްމަނުންނާ ކުރިމަތިލަމުން. ކުރިމަތިލެއްވީ މަޑުމައިތިރިކަމާއި ހިތްތިރިކަމާއެކު. މީ މަދުންނޫނީ ނުފެންނަ ޝަޙްސިއްޔަތެއް.

The name is already taken The name is available. Register?

ހިޝާން ސަލީމް

17 November 2023

ގިނަ ބަޔެއްގެ މިންނެތް މަސައްކަތުން އަދި މުއިއްޒުގެ ނުގުޑާ އަޒުމާއި ހިއްވަރުން މި ދައްކުވައިދިނީ ރަނގަޅު މަގަކަށް އިހްލާސްތެރިކަމާއެކީ މަސައްކަތް ކުރާ ކޮންމެ މީހަކަށްމެ ކާމިޔާބުދެއްވާނެކަން.

The name is already taken The name is available. Register?

ޝަމްވީލް

17 November 2023

ޤައުމިއްޔަތާއި ޖުމްހޫރިއްޔަތުގެ ދިފާއުގައި މުއިއްޒު ނުކުމެވަޑައިގަތީ މި ޤައުމު އަޅުވެތިކަމުން ސަލާމަތްކުރަން. މާތްﷲ ނަސަރަށް ކުރެއްވި ޖިހާދު ޤަބޫލްކުރައްވާ ކާމިޔާބުދެއްވި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454