އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވަނީ ޕީޕީއެމާ އެއްވެސް ހިޔާލުތަފާތުވުމެއް އޮވެގެން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ޕީއެންސީގެ ފޯމު ފުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ. އޭގެ ފަހުން، މުއިއްޒު ވެސް ވަނީ ޕީއެންސީ އަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ކުރާއިރު، އެ ޕާޓީއާ ގުޅިފައިވާ ޕީޕީއެމުން މެމްބަރުން ވަކިނުކުރަން ސަމާލުވާން އެދިވަޑައިގަންނަވާފަ އެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އައްޑޫ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ޕީއެންސީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރަނީ އެއީ ވެރިކަން ކުރާ ޕާޓީއަށް ވާތީ އިންތިހާބީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ނިމުނު ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު ކާމިޔާބުކުރެއްވި އިރު އެޕާޓީގައި ތިބީ 3،000 އެއްހާ މެންބަރުން ކަމަށާއި އަމާޒަކީ ޕީއެންސީގައި 10،000 މެންބަރުން ހަމަކުރުމެވެ.
އެކަމަކު، ޔާމީނާއި މުއިއްޒު ވެސް އިރުޝާދު ދެއްވާފައިވާ ގޮތަށް އެ މަސައްކަތް ކުރާނީ، ޕީޕީއެމްގައި ތިބި އެއްވެސް މެމްބަރަކު ޕީއެންސީއަށް ނުގެނެސް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އެއްގޮތަކަށް ވެސް ޕީޕީއެމާއި ޕީއެންސީގެ ހިޔާލުތަފާތުވުމެއް އޮވެގެން ހިނގާ ކަމެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ އަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށާއި، މުސްތަގުބަލުގައި ކުރިއަށްދާނީ ވެސް ދެ ޕާޓީގައި އެކުގައި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 38،704 މެމްބަރުންނެވެ. އެ މުއްދަތާ ހަމައަށް ޕީއެންސީގައި ތިބީ 3،159 މެމްބަރުންނެވެ.
މުއިއްޒު ބޭނުންފުޅުވަނީ ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ޕީޕީއެމް/ޕީއެންސީ ގުޅިގެން ވާދަކޮށް، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާށެވެ. ޔާމީން ވެސް މި ހަފްތާގެ ތެރޭގައި ޕީޕީއެމް މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ބާރު އެޅުއްވީ، މަޖިލިސް އިންތިހާބުގައި ދެ ޕާޓީ އެއްކޮށް ވާދަކުރުމަށެވެ.