ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ކުޅުނު ހުރިހާ މެޗެއްގައި ރިޒޭ ލަނޑު ޖަހައި އީގަލްސް ލީގަށް ވާން ކޮށްފި

ރިޒޭ ސަސް ކޮޅަށް ގޯލެއް ޖަހަނީ. އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދައިފަ. މިއީ ލީގުގައި މިހާތަނަށް ކާމިޔާބުކުރި ހަތަރުވަނަ ހެޓްރިކް.-- ފޮޓޯ: އަބްދުﷲ އަބީދު

ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ގެ ހެޓްރިކާ އެކު 5-2 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކްލަބް އީގަލްސް ލީގު ހޯދުމުގެ ރޭހުގައި ކުރިއަށް ޖެހިލައިފި އެވެ.

ރިޒޭ ވަނީ ލީގުގައި އީގަލްސް މިހާތަނަށް ކުޅުނު 12 މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. ގޯލެއް ނުޖެހުނު ހަމައެކަނި މެޗަކީ ދެވަނަ ބުރުގައި ވެލެންސިއާ ނުކުޅެ ދޫކޮށްލި މެޗެވެ. ރިޒޭ ވަނީ ލީގުގައި މިހާތަނަށް 23 ގޯލު ޖަހައިފަ އެވެ.

މިރޭގެ ހެޓްރިކަކީ އޭނާ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި ހަތަރުވަނަ ހެޓްރިކެވެ. ފުރަތަމަ ހެޓްރިކް ހެދީ ފުރަތަމަ ބުރުގައި ސަސް އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

މި ނަތީޖާއާ އެކު އީގަލްސް ވަނީ ލީގުގައި 13 މެޗުން 35 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ.

ލީގު ފަހު މެޗުގައި އީގަލްސް އާއި މާޒިޔާ

ލީގުގެ ފަހު މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސް އެވެ. އެ މެޗު ތާވަލް ކުރެވިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ ރެއަށެވެ. އެއީ އީގަލްސް އަށް ލީގުގައި ބާކީ އޮތް ހަމައެކަނި މެޗެވެ.

ސަސް ކޮޅަށް ގޯލެއް ޖެހުމަށް ފަހު ރިޒޭ (މ) އާއެކު އެޓީމުގެ އިބްރާހިމް މަހުދީ (ކ) އާއި ޕެޓްރޮވިޗް (ވ) އުފާފާޅު ކުރަނީ.-- ފޮޓޯ: އަބްދުﷲ އަބީދު

ފަހު މެޗުގައި އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން މާޒިޔާ އަށް ދެ މެޗު އެބަ އޮތެވެ. އެއީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން ތާވަލް ކޮށްފައި އޮތް މެޗާއި، 15 ވަނަ ދުވަހުގެ ރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން ތާވަލް ކޮށްފައި އޮތް މެޗެވެ.

ލީގުގެ ތިންވަނަ ބުރުގައި ގަދަ ހަ ޓީމު ވާދަކުރާ ގޮތަށް ރޭވިފައި އޮތް ނަމަވެސް، ބޮޑު ބްރޭކަކަށް ފަހު އެންމެ ފަހުން ލީގު ފެށިއިރު، އެންމެ ފުލުގައި އޮތް ދެ ޓީމު ކަމަށްވާ ކްލަބް ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ލީގުގެ ބާކީ މެޗުތައް ދޫކޮށްލަން ނިންމާފަ އެވެ. އެހެންވެ މިހާރު ވެސް ލީގު ކުރިއަށް ދަނީ ހަ ޓީމާ އެކު އެވެ.

އެފްއޭއެމުން ވަނީ މިއަހަރުގެ ލީގުގެ ތިންވަނަ ބުރު ކުރިއަށް ނުގެންގޮސް، ދެވަނަ ބުރުގެ މެޗުތަކާ ހަމައިން ލީގު ނިންމާލާ ގޮތަށް ހަމަޖައްސައިފަ އެވެ.

ތިން މަސް ތެރޭ ސަސްގެ ފުރަތަމަ މެޗު

މި މެޗަކީ ތިން މަސް ތެރޭ ސަސް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން އެންމެ ފަހުން ސަސް މެޗެއް ކުޅެފައި ވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު އީގަލްސް ނިންމާލީ 25 ވަނަ މިނިޓުގައި ރިޒޭ ކާމިޔާބު ކޮށްދިން ގޯލާއެކު ލީޑު ހޯދައިގެންނެވެ.

އީގަލްސްއާ ދެކޮޅަށް ނުކުތް ސަސްގެ ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް/ ފާއިދު އިބްރާހިމް

ދެވަނަ ހާފު ފެށިގޮތަށް ފުރަތަމަ މިނިޓު ތެރޭ އިބްރާހިމް އަތީގު ހަސަން (އިއްބެ) ކާމިޔާބު ކުރި ގޯލުން ސަސް ނަތީޖާ އެއްވަރު ކުރި ނަމަވެސް، 69 ވަނަ މިނިޓުގައި ޕެޓްރޮވިޗް މިލޮވާން ކާމިޔާބު ކޮށްދިން ގޯލުން އީގަލްސް ދެވަނަ ފަހަރަށް ލީޑު ނެގި އެވެ.

މެޗުގެ 78 ވަނަ މިނިޓުގައި ރިޒޭ އީގަލްސްގެ ތިންވަނަ ގޯލު ޖަހައިދީފައި ވަނިކޮށް އޭގެ އަށް މިނިޓު ފަހުން އަލީ ނަސޫހު ރަޝީދު (ޕިލާ) ސަސް އަށް ފަރަގު ކުޑަ ކޮށްދިނެވެ. ނަމަވެސް އީގަލްސް ވަނީ ގިނަ ކައުންޓާ އެޓޭކްތަކެއް އުފައްދައި ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ.

އެގޮތުން 89 ވަނަ މިނިޓުގައި ރިޒޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ. އަދި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި އެޓީމުގެ ފަސްވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޒައިން ޒަފަރެވެ.

100 ޕަސެންޓު ދިވެހިންނާ އެކު ސަސް ވަރަށް ގަދަ

އީގަލްސްއާ ދެކޮލަށް ދެ ފަހަރު ކުޅެގެން ވެސް ސަސް ވަނީ ބަލިވި ނަމަވެސް ވަރުގަދަ ފައިޓެއް ދިނެވެ.

ބިދޭސީ ކުޅުންތެރިއަކު ނުހިމަނައި ކުޅޭ ސަސް އަށް ވެސް ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ.

ލީގުގެ ތިންވަނައިގައި ސަސް އޮތީ 13 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތް ޓީސީ އަށް ވަނީ 12 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ.

ސަސް ވަނީ ލީގުގައި މިހާތަނަށް އެޓީމު ކުޅުނު 11 މެޗުން (ގްރީން އާއި ވެލެންސިއާ މެޗު ދޫކޮށްލުމުން ލިބުނު ފައިދާ ގޯލުތައް ނުހިމަނައި) 26 ގޯލު ޖަހައިފަ އެވެ.

މިހާތަނަށް ލީގުގައި ހަތަރު މެޗުން ސަސް ބަލިވެފައި ވާއިރު، އެއީ މި ސީޒަންގައި އޭއެފްސީ ކަޕް މެޗްތަކަށް ސްކޮޑް ވަރުގަދަކުރި އީގަލްސް އާއި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.

ދިވެހި ލީގުގެ ތާރީހުގައި ވެސް ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާ ވެސް ސަސް ގައި ހިމެނެ އެވެ. އޮގަސްޓް ނުވަވަނަ ދުވަހު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އެރި އާކިފް ބިން މުހައްމަދު ވަނީ މިރޭގެ މެޗުގެ ފަހު 10 މިނިޓަށް ކުޅެން އަރައިފަ އެވެ.

މިހާރު އުމުރުން 14 އަހަރުގެ މިޑްފީލްޑަރު ބުރު ސްޕޯޓްސް އާ ދެކޮޅަށް ކުޅެން ނުކުމެ ލީގުގެ އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލީ 13 އަހަރާ 11 މަހުގަ އެވެ. އޭގެ ކުރިން މި ސީޒަންގައި 14 އަހަރުގެ ތިން ކުޅުންތެރިން ވެލެންސިއާ ޓީމުގައި ހިމެނިގެން ކުޅެފައިވެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454