ޚަބަރު / އަބްދުއްރަހީމް އަބްދުﷲ (ސްޕެޝަލް އެޑްވައިޒަރު)

ޖަމީލް ހެއްދެވީ އިތުރުފުޅެއް، ޔާމީން އަޅުގަނޑަށް ނުގުޅުއްވާ، މެސެޖެއް ވެސް ނުކުރައްވާ: އަބްދުއްރަހީމް

ރައީސް ޑރ. މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާ އެކު މީޑިއާއާ ވާހަކަ ދައްކަވަނީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޯން ކޯލްތަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ، ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަަދު ހެއްދެވީ އިތުރުފުޅެއް ކަމަށް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ އަބްުދުއްރަހީމް "މިހާރު" އަށް އެހެން ވިދާޅުވީ، ޕީޕީއެމްގެ ލީޑަޝިޕާ މެދު ޔާމީން ހިތްހަމަޖެހިވަޑައިނުގެން އެ ޕާޓީ ދޫކުރެއްވި މައިގަނޑު އެއް ސަބަބަކީ އެ ބޭފުޅުން ޔާމީންގެ ކޯލްތަކަށް ޖަވާބު ނުދެއްވުން ކަމަށް ޖަމީލް ވިދާޅުވުމުންނެވެ. މަޝްވަރާ ނުކުރެއްވުން ކަމަށެވެ. އޭގެ ތެރޭގައި އަބްދުއްރަހީމްގެ ނަން ވެސް ޖަމީލް ވިދާޅުވި އެވެ.

އެކަމަކު، އެ ވާހަކަތައް ދޮގުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބުނު ދުވަހުގެ ފަހު ދުވަހު ޔާމީން ޖަލުން ގެ އަށް ބަދަލުކުރި ފަހުން ޔާމީންގެ ކޯލެއް ވެސް އަދި މެސެޖެއް ވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

"އެހެންވީމާ، އެއީ ކަނޑައެޅިގެން ޖަމީލް ހެއްދެވި އިތުރުފުޅެއް،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑަޝިޕާއި ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެ، ޖަމީލް ދެއްކެވި ވާހަކަތަކާ ވެސް އަބްދުއްރަހީމް ދެކޮޅެވެ. ވިދާޅުވީ، ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ދާދިފަހަކާ ޖެހެންދެން ޔާމީނާ މުއާމަލާތު ކުރެއްވި ކަމަށެވެ. އަދި ޝިޔާމް ޕީޕީއެމްގެ އޮފީހަށް ވަޑައިގެން މަސައްކަތް ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑަށް [ޔާމީން] ނުގުޅުއްވާތީ އަޅުގަނޑެއް ނުގުޅަން. އަޅުގަނޑަށް [ޔާމީން] މެސެޖެއް ނުކުރައްވާތީ އަޅުގަނޑެއް މެސެޖެއް ނުކުރަން،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އަބްދުއްރަހީމް އިސްވެ ނުގުޅުއްވާ ސަބަބު!

ޔާމީންގެ ފޯންކޯލެއް ނުވަތަ މެސެޖެއް މިދިޔަ ދެ މަހެއްހާ ދުވަހު ލިބިވަޑައިނުގަތަސް އަމިއްލަ އަށް ޔާމީނަށް ނުގުޅުއްވަނީ ސަބަބުތަކެއް ހުރެގެން ކަމަށް ވިދާޅުވި އެވެ.

ހަވާލާ ދެއްވީ ޔާމީން ފުރަތަމަ ޖަލުން މިނިވަންވުމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމާ ބެހޭ ގޮތުން ޔާމީން ދެއްކެވި ވާހަކައަށެވެ.

"އެ ރޭ [ޔާމީން] ވިދާޅުވީ، ތިމަންނަގެ ސިޔާސީ އެންމެ ގާތް އަހު، ތިމަންނަ އެންމެ އިތުބާރުކުރާ، ތިމަންނައާ އެކު ސިޔާސީ މަސައްކަތުގައި އެންމެ ގިނަ ދުވަސްވީ، އެ ތިން ޖުމުލަ ބޭނުންކުރައްވާފައި [ޔާމީން] އަޅުގަނޑަށް އެޑްރެސް ކުރެއްވީ. އެހެންވީމާ އެހާ އިތުބާރު ކުރެއްވި، އެހާ ގިނަ ދުވަހު އެކުގައި މަސައްކަތް ކުރި ބޭފުޅަކު ހަވާލުކުރެއްވި މަސްއޫލިއްޔަތުތައް އަދާކުރަނިކޮށް ކުއްލިއަކަށް ގުޅުން ކަނޑާލީމާ ފަސޭހައެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީނާއި އަބްދުއްރަހީމް އަދި ޖަމީލް ބައްދަލުވުމެއްގައި.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އޭނާއާ ގުޅޭ ގޮތުން އެކި މީސްމީހުން ކައިރީގައި ވެސް ޔާމީން ވަނީ ނޭދެވޭ ވާހަކަތައް ދައްކަވައިފަ އެވެ. އަބުރަށް ހުތުރުވާ އެތައް ވާހަކަތަކެއް ޔާމީން އެކި މީސްމީހުން ކައިރީގައި ދެއްކެވި ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރައްވަ އެވެ.

"އެހެންވީމާ އަޅުގަނޑު އިސްވެ [ޔާމީނަށް] ގުޅުމުގެ ބޭނުމެއް ނެތް ކަމަށް އަޅުގަނޑަށް ފެނުނީ. އެކަން [އަބްދުއްރަހީމްގެ ނޭދެވޭ ކަންކަން] ކުއްލިއަކަށް ބާވައޭ އަޅުގަނޑު ހިތަށް އަރަނީ ރައީސް ޔާމީނަށް އެނގިވަޑައިގަތީ. ވިއްސަކަށް އަހަރު ރައީސް ޔާމީނާ އެކު ސިޔާސީ މަސައްކަތް ކޮށްފިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ގުޅިގެން ވާދަކުރުމާ މެދު ގޮތެއް ނިންމަން ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަކަށް އެ ކޯލިޝަންގެ ފަސް މެމްބަރުންގެ ޓީމެއް ޔާމީންގެ އަރިހަށް ދިޔަ އެވެ. މަޖިލިހުގެ އިންތިހާބަށް ދެ ޕާޓީ އެކުގައި ޕްރައިމަރީ ބާއްވަން ކަނޑައަޅައި އެ ދުވަހަކީ އަންނަ އަހަރުގެ ޖެނުއަރީ 20 ކަމަށް އެއްބަސްވީ ވެސް އެ ބައްދަލުވުމުގެ މަޝްވަރާގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ އަރިހަށް ވަޑައިގަތް ޓީމުގައި ހިމެނެނީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އާއި ޕީއެންސީގެ ނައިބު ރައީސް އަދި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ހިމެނެ އެވެ.

ކުރީގެ ރައީސް ޔާމީން: ޕީޕީއެމް ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް މާދަމާ އީސީ އަށް ހުށަހަޅުއްވާނެ ކަމަށް ޔާމީންގެ މިހާރުގެ އަރިސް ބޭފުޅުން ވިދާޅުވޭ.

"އެ ބޭފުޅުން ވިދާޅުވި، ރައީސް ޔާމީން ވިދާޅުވިއޭ ތިމަންނަ އަށް ވެސް އެންމެ ރަނގަޅޭ އެ ގޮތް. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަނީ މަޝްވަރާ ކުރިއަށް ގެންދިޔައޭ،" ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އެންމެ އިސް ބޭފުޅާ ވިދާޅުވި އެވެ.

ޔާމީން، ޕީޕީއެމް ދޫކުރެއްވުމުން އަބްދުއްރަހީމް ވިދާޅުވީ، "ކަންކަން މިހާރު ވަރަށް ސާފު" ކަމަށާއި މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ނުކުންނާނީ އެއްކޮށް ކަމަށެވެ.

އަޅުގަނޑަށް ހީވަނީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް ވެސް މިވީ ފަސޭހައޭ ވޯޓުލާން. އެއީ އޮޅުމެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭނެ. ކެންޑިޑޭޓަކީ ކޮބައިކަން ނޭނގިގެން ތިބޭކަށް ނުޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީން ނެތަސް މާ ބޮޑު އުނދަގުލެއް ނެތް

އަބްދުއްރަހީމް ދެކެވަޑައިގަންނަވާ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާ އެކު ޔާމީން ނެތަސް މަޖިލިސް އިންތިހާބަށް މާ ބޮޑު އުނދަގުލެއް ނުވާނެ ކަމަށެވެ. ކުރިން ވެސް ގަބޫލު ކުރެއްވި ގޮތަށް މަޖިލިހުގެ އަޣުލަބިއްޔަތު އެ ކޯލިޝަނަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިދާޅުވީ، ދިވެހިން ވޯޓު ދިނީ ރައީސް ޑރ. މުއިއްޒުގެ ވައުދުތަކާއި މެނިފެސްޓޯ އަށް ކަމަށެވެ.

"އެއްވެސް ހާލެއްގައި އަޅުގަނޑު ނުދަންނަވަން ރައީސް ޔާމީނަށް ތާއީދުކުރާ މީހުން ރައީސް ޑރ. މުއިއްޒަށް ވޯޓު ނުދެއެކޭ. އެކަމަކު، ޖުމުލަ ގޮތެއްގައި ދިވެހި ރައްޔިތުން އެ ބަލައިގަތީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯ. އެ ތަންފީޒު ކުރުމަށް ފުރުސަތު ދެއްވީ ރައްޔިތުން. އެހެންވީމާ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓާއި އެ މަނިކުފާނުގެ ޓީމާ އެކީގައި އަޅުގަނޑު ގަބޫލު ކުރަނީ މާ އުނދަގޫ ނުވެ ކުރިއަށް ދެވޭނެއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

61 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 52%
icon wow icon wow 2%
icon inlove icon inlove 28%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫރަން

26 November 2023

އޭ އަދުރޭ! ޔާމީން ފޯނުގަ ކްރެޑިޓް ނެތިގެން ޖެހީ މިސް ކޯލެކެވެ. ދެން ކީއްޗެގެންތޯ ކޯލް ރެޓާން ނުކުރަނީ؟

The name is already taken The name is available. Register?

ޓިނޭ

26 November 2023

ޖަމީލް ދޮގު ހަދާފާނެ، އެކަމަކު މަށަށް ޔަގީންްވޭ އަދުރޭ ދޮގެއް ނަހަދާނެކަން.

The name is already taken The name is available. Register?

ދުންމާރި އަޑު

26 November 2023

ވައްކަންވެސް ނުކުރެވޭނެ ވަގުންގެ މެދުގައި ވެސް ތެދުވެރި ކަމެއް ނެތަމަ... ހަރުބަހެއް. ވީމާ ދެފުއްކެހެރިކަން ދޫކޮށް ގެން ގުޅިގެން ވާނީ................

The name is already taken The name is available. Register?

ފޮޓޯ

26 November 2023

ޔާމީންގެ ބޮޑު ފޮޓޯޖަހައިގެންނާ ޔާމީން ހުރި ނިކަމެތި ހާލުގެ ނާޖާއިޒް ފައިދާ ނަގައިގެން ވެރިކަމަށް އައިކަން އެއީ ދުވާލުގެ އިރު ފަދައިން ފެންނަން އޮތް އެންމެ ބޮޑު ހަގީގަތް. ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނެގިއަސް ދާނެ ގޮތް އަދުރޭއަށްވެސް ރަގަޅަށް އެނގޭނެ. ދުނިޔެ ހިނގާ އުސޫލުތައް ބަދަލެއް ނުކުރެވޭނެ. އިބޫ އަންނި އެއްކައިރިކޮށްގެން ލިބުނީ ކޮން މޮޅެއް؟ މުއިއްޒު މުއިއްޒަކަށް ހެދީ ޔާމީން. އެކަން ހަނދާން ނައްތާލައިގެން ލިބޭނެ މޮޅެއް ނޯންނާނެ.

The name is already taken The name is available. Register?

ޘިފާ

26 November 2023

މުއީޒުގެ ސަރުކާރު ހުރިހާ މަގާމަކަށް އަދުރޭ ވަދެ ބިސް އަޅައިފި.

The name is already taken The name is available. Register?

ސިކުނޑި

26 November 2023

އަދުރޭއާއި ޖަމީލު ކޮންމެހެން އިތުރު ބަހުސެއް ކުރާނެ ޖާގައެއްނެތް! ވަރަށް ސާފުކޮށް ފެންނާން އެބައޮތް އަދުރޭމެން ޔާމިނަށް ކޮޅުކެހި ދިންކަން! ހުސްގޮނޑި ބަހައްޓައިގެން ކެމްޕެއިން ކުރި ހަނދާނެއް ނުނެތޭނެ!

The name is already taken The name is available. Register?

ނަގިއްޔާ

26 November 2023

ކޮންއިތުފުޅެއް، ރޯބުހުތާން ދޮގު އެހެން ބުނެބަލަ، ވެރިއަކު ދޮގެއް ހެދިމަ އިތުރުފުޅެކޭ ބުނީމަ ހީވަނީ އޭނަ ހެދީ ހައިބަތު ލިބިގެންވާ ދޮގެއްހެން. ދޮގަކަށް ކޮން ދަރަޖައެއް ދޭކަށް. ދޮގެއް ވެއްޖެއްޔާ އެއީ ދޮގެއް ވެރިޔަކު ހެދިޔަސް ވަގަކު ހެދިޔަސް.

The name is already taken The name is available. Register?

ވެރިޔާމުއިއްޒް

26 November 2023

އަދުރޭ އަށް މިނިސްތަރ ކަން ހައްގު. އެއީ ސިޔާސީ މަސައްކަތް އެވަރަށް ކުރީމަ. ދަރި ފައިސަލް ޓޫރިޒަމް ދާއިރާ އަށް ކީއްކުރީ؟ ސިޔާސީ ގޮތުން ޚިއްކުރީ؟ އަދުރޭގެ ބޭބެ އަށް ސްޓޭޓް މިނިސްޓަރ ކަން ލިބުނީ ކޮން ގޮތަކަށް ބަލާފަ؟ އަދުރޭގެ ދަނބިދަރިއަށް ރައީސް އޮފީސް މިނިސްޓަރ ކަން ލިބުނީ ސިޔާސީ ކޮން މަސައްކަތެއް ކޮށްގެން؟ ރައީސް ނަޝީދާއި ރައީސް ޔާމީން ބުނާހެން އަދުރޭ މިހާރު އެހުރީ މަގާމުތަކަށްޓަކައި ކޮމްޕްރޮމައިޒް ވެފައި. ދިވެހިން ބުނާ ނަމަ ފިތިފައި.

The name is already taken The name is available. Register?

ކޮރަލް

26 November 2023

މިހާރު ޕާޓީ ތެރޭ ދިމާ ވެގެން އުޅޭ މައްސަލަ ހައްލު ކުރަން ޔާމީން ކައިރި އަށް ދާންވީ އެވެ. މީހާ މީހަކަށް ހަދާދިނީ ޔާމީން އެވެ. އޭނަ ކައިރި އަށް ގޮސް ވާހަކަ ދައްކާ ސުލްހަ ވާން ވީ އެވެ.

The name is already taken The name is available. Register?

ފޫހި

26 November 2023

އަދުރޭގެ ސަބަބުން މި ވެރިކަމަށް ހުތުރުވޭ. ފުރަތަމަ ޢާއިލާމީހުންނަށް ތިޔަ ދިން މަގާމުތަކަކީ އެމީހުންނަށް ހައްގުމަގާމުތަކެއްތޯ؟ އެއީ ހަމަ އަހަރެމެންގެ ޓެކްސްފައިސާ. ތިމާގެ ބޭބެއަށް ހެލްތް މިނިސްޓްރީގެ ސްޓޭޓްކަން ދިން އިރު އެއީ އެމަގާމަށް އެކަށީގެންވާ ގާބިލް މީހެއްބާ؟ ވާހަކަނުދައްކާ ހުރެވޭތޯ ބަލާބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454