ކުޅިވަރު / އޭއެފްސީ ކަޕް

މާޒިޔާ އިން އޭއެފްސީ ކަޕް ނިންމާލީ މޯހަން ބަގާން ބަލިކޮށްފައި

ހަންނަ މާޒިޔާގެ ގޯލު ޖަހައިދިނުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓާ ވާދަކޮށް 1-0 އިން އެޓީމު ބަލިކޮށްފައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އިން މި ސީޒަންގެ އޭއެފްސީ ކަޕް ނިންމާލައިފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭރިއާގެ ބޭރުން ހަންނަ އަށް ލިބުނު ބޯޅަ އޭނާ ވަނީ ކޮންޓްރޯލް ކޮށްލާފައި ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.

މިއަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މާޒިޔާ ވަނީ ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މޮޅުވީ ފުރަތަމަ ގަލޮޅު ދަނޑުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން 3-1 އިންނެވެ. ނަމަވެސް ގުރޫޕް ސްޓޭޖް ނިންމާލާފައި ވަނީ ހަ ޕޮއިންޓާ އެކު ފުލުގަ އެވެ. އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ތިންވަނައިގައި ނިންމީ މޯހަން ބަގާނެވެ.

މޯހަން ބަގާން ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން މާޒިޔާގެ އައިސަމް މަސައްކަތް ކުރަނީ.-- ފަޔާޒް މޫސާ/ މިހާރު

އެއްވަނައިގައި އޮތީ 10 ޕޮއިންޓް ހޯދާފައިވާ ބަޝުންދަރާ ކިންގްސް އެވެ. ދެވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދާފައިވާ އިންޑިއާގެ އޮޑީޝާ އެފްސީ އެވެ. މި ގުރޫޕުން އަނެއް ބުރަށް ދާނީ މިރޭ ބަޝުންދަރާ އާއި އޮޑީޝާ ބައްދަލުކުރާ މެޗަށް ފަހު އެއްވަނައިގައި އޮންނަ ޓީމެކެވެ.

އަނެއް ބުރުގެ ފުރުސަތު މާ ކުރިން ގެއްލިފައި އޮތް މޯހަން ބަގާނުން މިއަދުގެ މެޗަށް ނެރުނީ ރިޒާވް ޓީމާއި އެކަޑަމީ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ 22 އަހަރުން ދަށުގެ ތަޖުރިބާ މަދު ސްކޮޑެކެވެ. އަދި ޓީމުގެ ފުރަތަމަ 11 ގެ އިތުރަށް ބެންޗުގައި ތިބީ ދެ ކުޅުންތެރިންނެވެ.

މޯހަން ބަގާނުގެ ހެޑް ކޯޗު ހުއާން ފެރަންޑޯ ޓީމާ އެކު މާލެ އައިސްފައި ނުވާއިރު، ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ކްލިފޯޑް މިރަންޑާ އެވެ. އެ ޓީމުގެ 12 ކުޅުންތެރިންނަށް އަނިޔާ ވެފައި ވާކަމަށާއި ކޯޗު މާލެ ނައީ އޭނާ ބަލިވެ އުޅޭތީ ކަމަށް މިރަންޑާ ވަނީ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ފާހަގަ ކޮށްފަ އެވެ.

ޗޯޓު، މޯހަން ބަގާން ކުޅުންތެރިއެއް ކައިރިން ނައްޓަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ފުރަތަމަ ހާފުގައި މާޒިޔާ އިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ހަމަލާތަކެއް ވެސް ފޮނުވާލި އެވެ. ދެވަނަ ހާފު ފެށިގެން ގެނައި ބަދަލާ އެކު މާޒިޔާ އަށް ރަނގަޅަށް ގޭމުގެ ތެރެއަށް ނުވަދެވެނީސް މޯހަން ބަގާނުން ކުރިއަށް ޖެހިގެން ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އެގޮތުން ނިންގޮމްބާ އެންސޮން ސިންގް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.

މާޒިޔާ އަށް ލިބުނު ފުރުސަތުތަކުގައި ވޮޖިސްލާވް ބަލަބަނޮވިޗް ފޮނުވާލި ގިނަ ބޯޅަތައް ގޯލާ އަމާޒެއް ނުވެ އެވެ. ސެންޓޭ ތަނަވަސް ކުރި ފުރުސަތެއްގައި ބަލަބަނޮވިޗް ފޮނުވާލި ބޯޅަ ދިފާއު ކުރީ މޯހަން ބަގާނުގެ ކީޕަރު އަންޝް އަންވަރު ޝެއިހް އެވެ. ފުރަތަމަ ހާފުގައި ހުސެއިން ނިހާން (ނިހާޓް) އާއި އިބްރާހިމް އައިސަމް އަދި ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ފޮނުވާލި ހަމަލާތައް ވެސް ކާމިޔާބެއް ނުވި އެވެ.

ފަހު ހާފުގައި މާޒިޔާ އިން ގޭމުގެ ތެރެއަށް ވަދެގެން ކުޅުން ރަނގަޅުކޮށް މޯހަން ބަގާނުގެ ގޯލަށް ނުރައްކާ ކުރި އެވެ. އެގޮތުން ހަމްޕު އާއި ނާއިޒް ހަސަން (ދާދު) ފޮނުވާލި ހަމަލާތައް ކީޕަރު ދިފާއު ކުރި އިރު، ހަމްޕުގެ ހަމަލާއެއް ގޯލު ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ޓޮމޮކީ ވަޑާ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑުގަ އެވެ. އަދި ފަހު ވަގުތު ހަސަން ނަޒީމް (ޗޯޓު) ފޮނުވާލި ބޯޅައެއް ދިޔައީ ގޯލު ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސޭންބެ

11 December 2023

އޭކީކޭ؟ އެކަޑަމީ ޓީމޭ؟ 22 އަހަރު ދަށޭ؟ ރާއްޖެ ގައުމީ ޓީމު 1-0 ކޭ؟ އަމައްޔާއި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454