ކުޅިވަރު / އެފްއޭއެމް އިލެކްޝަން

ތުހުމަތުތައް ކުރެވިފައިވާ ބައްސާމް ހުންނަވައިގެން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެތަ؟

އެފްއޭއެމްގެ ކޮންގްރެސްގައި ބައްސާމް އާއި އޭނާގެ އެކްސްކޯ: ތުހުމަތުތައް ކުރެވިފައި އޮތް ބައްސާމްގެ އެކްސްކޯގެ ދަށުން ބާއްވާ އިންތިހާބު އިންސާފުވެރި ވެދާނެ ކަމަށް ގަބޫލުކުރަން ބައެއް މީހުން ބޭނުމެއް ނުވޭ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ، ދެވަނަ ދައުރު ނިމެން ބާކީ ހަ މަސް އޮއްވައި، އިއްޔެ ވަނީ ކުއްލިއަކަށް އިންތިހާބު އަވަސްކޮށް 45 ދުވަހުގެ ތެރޭގައި ބާއްވަން ނިންމައިފަ އެވެ. އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ، އިންތިހާބު އަވަސްކުރަން ނިންމީ، އެކްސްކޯގެ ބައްދަލުވުމަކުން ފާސް ކުރުމަށް ފަހު ކަމަށެވެ.

އަންނަ މަހު 31 ގައި އިންތިހާބު ބާއްވަން ނިންމައި، މި މަހުގެ 27 ވަނަ ދުވަހަކީ އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހުން ދުވަސް ކަމަށް ވެސް އެފްއޭއެމުން ވަނީ ކަނޑައަޅައިފަ އެވެ.

ތިންވަނަ ދައުރަކަށް ވާދަ ނުކުރައްވާނެކަން، އިއުލާން ކުރެއްވުމަށް ފަހު ނެރުއްވި ބަޔާނުގައި ބައްސާމް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދިނުމަކީ އޭނާ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނީ އިލެކްޓޯރަލް ކޮމިޓީން ކަމަށާއި އިދާރީ މަސައްކަތް އޭނާ ނައިބު ރައީސް އަލީ އުމަރާއި ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ކުރައްވާނެ ކަމަށް ވެސް ބައްސާމްގެ ބަޔާނުގައި ވެއެވެ.

ބޭރުގެ އިދާރާތަކުން އެފްއޭއެމް އަށް ފޮނުވާ ފައިސާ އެތަނުގެ ވެރިން ނަހަމަގޮތުގައި ބޭނުން ކުރައްވާފައިވާކަމުގެ ތުހުމަތުގައި ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ދަނީ ތަހުގީގެއް ކުރަމުންނެވެ. ޝަމީމް ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ހިޔާނާތުގައި ޕްރައިމް ސަސްޕެކްޓަކީ ބައްސާމް ކަމަށެވެ. އެ ތަހުގީގުގައި ބައްސާމްގެ ޕާސްޕޯޓް ފުލުހުހުން އެދިގެން އިމްގްރޭޝަނުން ވަނީ ހަ މަސް ދުވަހަށް ހިފަހައްޓައިފަ އެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ފައިސާއިން ނަހަމަގޮތުގައި ބޭނުން ކުރައްވާފައިވާ ކަމުގެ ތުހުމަތު ބައްސާމްގެ މައްޗަށް ކުރެވޭ އިރު، އޭނާ މަގާމުގައި ހުންނަވައިގެން ބާއްވާ އިންތިހާބެއް މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ ކާމާ މެދު ފުޓްބޯޅައިގެ އުޅޭ ފަރާތްތަކުން ވެސް ސުވާލު އުފައްދަ އެވެ.

އެފްއޭއެމްގައި ކުރިން އިސް މަގާމެއް އަދާކުރެއްވި ބޭފުޅަކު ވިދާޅުވީ، ބައްސާމްގެ ލީޑާޝިޕްގެ ދަށުން އުފައްދާ އިލެކްޓޯރަލް ކޮމިޓީ އެއް ވެސް ރަނގަޅަށް ހިންގިދާނެ ކަމާ މެދު މިހާރު ސުވާލު އުފެދޭ ކަމަށެވެ.

"އެއީ މިހާރު އެފްއޭއެމް އޮތީ އެއަށް ވުރެ މާ ބޮޑަށް ބޮއްސުންލައިފަ،" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގައި މިނިވަން ކަމާ އެކު މަސައްކަތް ކުރާ ކޮމިޓީއެއް ނެތް ކަމަށާއި އެ ކޮމިޓީތައް ބަރާބަރަށް މަސައްކަތް ކުރާނަމަ، ބައްސާމް ހުންނަވަން ޖެހޭނީ ވަގުތީ ގޮތުން މަގާމުން އެކަހެރިކޮށްފައި ކަމަށެ ވެސް އޭނާ ވިދާޅުވި އެވެ.

ބައްސާމް އާއި އޭނާގެ ނައިބު ރައީސް އަލީ އުމަރު: --- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަސާސީ ގަވާއިދުގައި ބުނާ ކޮމިޓީތައް ނުހަދާ ހުރީ. މިނިވަން ކަމާ އެކު މަސައްކަތް ކުރާ ކޮމިޓީއެއް ނެތް. އެ ޖާގަ އެފްއޭއެމްގެ ލީޑާޝިޕަކުން ނުދޭ. އެ ޖާގަ ދޭނަމަ އެތިކްސް ކޮމިޓީ ފަންކްޝަން ވާނެ. ކޮމިޓީތައް ފަންކްޝަން ވާނަމަ ކުރެވިފައި އޮތް (ފައިސާ ނަހަމަގޮތިގައި ބޭނުން ކުރި ކަމުގެ) ތުހުމަތުގައި ރައީސް [ބައްސާމް] ހުންނަވާނީ މަގާމުން އެކަހެރި ކޮށްފައި. ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ހުށަހެޅުމުން ވަކި ކްލަބެއް ވީމަ މައްސަލަ ނުބަލައެއް ނޯންނާނެ ކޮމިޓީތައް މިނިވަންކަމާ އެކު ފަންކްޝަން ކުރާ ކަމަށްވާނަމަކައެއް،" އޭނާ ވިދާޅުވި އެވެ.

ބައްސާމް ކުރިމަތި ނުލައްވިޔަސް، އޭނާގެ ޓީމުގެ ފަރާތުން އެހެން ބޭފުޅަކު ރައީސްކަމަށް ނެރެން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އަދި އެއީ ކޮން ބޭފުޅެއްކަން ކަށަވަރެއް ނުވެ އެވެ.

ތުހުމަތުތައް ކުރެވިފައި އޮތް ބައްސާމް އާއި އޭނާގެ އެކްސްކޯގެ ލީޑާޝިޕްގެ ދަށުން ބާއްވަން އުޅޭ އިންތިހާބާ މެދު ސުވާލު އުފައްދާ އަނެއް ސަބަބަކީ މީގެ ކުރިން އިންތިހާބުތަކުގައި އޭނާ އަށް ފަހިވާ ގޮތަށް ކަންކަން ކުރުމުގެ ތާރީހެއް އޮތުމުން ކަމަށް، ތުހުމަތުތައް ކޮށް ކުރިން އެފްއޭއެމްގައި މަސައްކަތް ކުރި ބޭފުޅަކު ވިދާޅުވި އެވެ. އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އާ ވާދަކޮށް 2016 ގައި ބައްސާމް، ރައީސް ކަމަށް ވަޑައިގެންނެވި އިންތިހާބަށް ބައްސާމްގެ އެކްސްކޯ ހުށަހަޅާފައި ވަނިކޮށް ފަހުން އުސޫލުން ބޭރުން އެކްސްކޯގެ ނަންތައް ބަދަލު ކުރި ކަމަށް ވާހަކަ ދެއްކި ފަރާތުން ތުހުމަތު ކުރެ އެވެ.

"ފުޓްބޯޅައިގެ އެންމެންނަށް އެނގޭނެ، 2016 ގެ ދެވަނަ އިންތިހާބު [ތޯރިގް އާ ވާދަކޮށް ބައްސާމް ރައީސްކަމަށް ވަޑައިގެންނެވި އިންތިހާބު] ގައި ވީ ކިހިނެތްކަން. އިލެކްޓޯރަލް ޕްރޮސެސްގައި ވަނިކޮށް ކިހިނެއްކަން ބައްސާމްގެ އެކްސްކޯ ބަދަލު ކުރީ،" ތުހުމަތުތައްކޮށް ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވި އެވެ.

އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައި ބައްސާމް އޭނާގެ އެކްސްކޯ -. ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ނަން ޖަހަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ވާހަކަ ދެއްކި އެ ބޭފުޅާ ވިދާޅުވީ އިންތިހާބީ މަރުހަލާތަކުގައި ގޯސްތަކެއް ހެއްދެވުމުގެ ތާރީހެއް ބައްސާމާ ގުޅިފައި އޮތުމުން، އޭނާ އެފްއޭއެމްގައި ހުންނަވައިގެން އިންސާފުވެރި އިންތިހާބެއް ބޭއްވާނެކަން ގަބޫލު ކުރަން ފަސޭހަ ނޫން ކަމަށެވެ.

"ކޮންމެގޮތެއް ވިޔަސް މިކަހަލަ ހިސްޓްރީއެއް އެބައޮތް އެބޭފުޅުންނާ ގުޅިފައި ދެއްތޯ. އަނެއްކާ އެ ބޭފުޅުންގެ ފަރާތުން އެހެން ބޭފުޅަކު ކުރިއަށް މިއޮތް އިންތިހާބުގައި ވާދަ ކުރައްވާއިރު ހަމަ އެބޭފުޅުން ލީޑާޝިޕްގައި ތިއްބަވައިގެން އިންސާފުވެރި އިންތިހާބެއް ބޭއްވޭނޭ ބުނަން ވީތޯ. މިކަހަލަ ކަންތައްތަކެއް ކުރިން ފާހާގަ ވެފައި އޮތް އިރު،" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ އިންތިހާބާ ބެހޭގޮތުން ވާހަކަ ދެއްކި އެހެން ބޭފުޅަކު ވިދާޅުވީ ޖިނާއީ ތުހުމަތެއް ކުރެވިފައި އޮތް އިރު އިންތިހާބު ބާއްވަން ބައްސާމް މަގާމުގައި ހުންނަވައިގެން އުފައްދާ ކޮމިޓީއަކަށް ދޫކޮށްލުމަކީ، އިންތިހާބުގެ އިންސާފުވެރި ކަމާ މެދު އާންމުން ވެސް ސުވާލު އުފައްދާނެ ސަބަބެއް ކަމަށެވެ.

އަނެއް ކަމަކީ، ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ކްލަބްތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އިންތިހާބު އަވަސްކޮށް ކުރު ގަޅުވާލުމެވެ. ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އެފްއޭއެމް ތާށިވެފައި އޮތް އިރު، އިންތިހާބު އަވަސް އަރުވާލައިގެން ބާއްވަން ޖެހޭ ހާލަތެއް އެފްއޭއެމްގައި ނެތް ކަމަށް އެހެން ބޭފުޅުން ވެސް ވިދާޅުވި އެވެ. ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގައި ފުޓްބޯޅަ އޮތީ އިތުރު ކަންތައްގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ.

އެފްއޭއެމް ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްދޮޔަ އިރު ބައްސާމް އެފްއޭއެމް އޮފީސް ކައިރީގައި: އެ ތަހުގީގު ކުރަނީ އެފްއޭއެމްގެ ވެރިން އެތަނުގެ ފައިސާ އަށް ހިޔާނާތްތެރި ވެފައިވާ ކަމުގެ ތުހުމަތުގައި --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

އަސާސީ ގަވާއިދުގައި، ޑިވިޝަންތަކުގައި ޓީމު ތަމްސީލު ކުރަން ޖެހޭ އަދަދު ވަކި ގޮތަކަށް ކަނޑައަޅާފައި ވަނިކޮށް، ޑިވިޝަންތަކަށް ޓީމުތަކުގެ އަދަދު އިތުރު ކުރުމަށް އެފްއޭއެމުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއްވަނަ ޑިވިޝަނުން ރެލިގޭޝަނަކާ ނުލައި އިތުރު ޓީމެއް ޕްރޮމޯޓްކޮށްފިނަމަ އަސާސީ ގަވާއިދާ ހިލާފު ވާނެ އެވެ. މިކަން ހައްލު ކުރަން ބޭނުން ވާނީ ގާނޫނީ ފަރުވާއެކެވެ.

އެކަމަކު އެ މައްސަލަތައް ހުރި ގޮތަށް ބަހައްޓާފައި، އެފްއޭއެމުން އަވަސް އަރުވާލާފައި އިންތިހާބު ބާއްވަން އުޅޭތީ ވެސް، އިންތިހާބާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

"ތި ފާހަގަ ކުރިން ކަންކަން ނޫންތޯ ފުރަތަމަ ހައްލު ކުރައްވަން ވީ. އެކަމަކު އެކަމާ ނޫޅެ އަވަސް އަރުވާލައިގެން އިންތިހާބަކަށް މިދަނީ. ތިހުރީ މުޅިން ވެސް ސުވާލު އުފެދޭ ކަންތައްތައް،" އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްއާ މެދު ކިރިޔާ ވެސް އާންމުންގެ އިތުބާރު ދަމަހައްޓަން ބޭނުން ނަމަ، ބައްސާމް މަގާމުން ދުރަށް ޖެހި ވަޑައިގެން އިންޓަރިމް ހާލަތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

"މިހާރު އޮތް ބައިވަރު ކަންކަން [މައްސަލަތަކާ އެކު] އަވަސް އަވަސްކޮށްލާފައި އިންތިހާބު ތޯ ބާއްވަންވީ. އޭގެ ބަދަލުގައި ބައްސާމް އިސްތިއުފާ ދެއްވައި އިންޓަރިމް ހާލަތަކަށް ގެންގޮސް ކަންކަން ހަމަޔަކަށް އެޅުމަށް ފަހު އިންތިހާބަކަށް ދާންވީ ނޫންތޯ. އެއީ ރީތި ގޮތަކީ ވެސް."

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްނާމް އަފޭ

19 December 2023

ބައްސާމް ގޯސް. ބާލަންޖެހޭ. ޓޮމްއަކީ ޗޮއިސްއެއް ކަމަށް ފުޓުބޯޅަ ކޮމިއުނިޓިން ނުބަލާ. ދަގަނޑޭ ނިކުންނަންވީ

The name is already taken The name is available. Register?

ފަންގްޝަން

18 December 2023

ނަން ނުޖަހަން އެދުނަކަސް ތިތާ އެތެރޭގައި "ފަންގްޝަން" ކިޔާ މީހަކު ހޯދާލަނިކޮށް ކާކުކަން އެނގުނީއެވެ. އެއީކީ މާކަ ގިނަބަޔަކު ބޭނުންކުރާ ބަހެއްނޫންވިއްޔާއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454