އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފުށިދިއްގަރު ހިއްކަނީ ހުޅުމާލޭން 10، ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޭގޮތަށް ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
21 ޑިސެމްބަރ 2023 - 17:03
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އުއްމީދީ މަޝްރޫއު، ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެ 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭގޮތަށް ކަމަށް އާބަންކޯ އިން ބުނެފި އެވެ.
އާބަންކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއު ހިންގަން ސަރުކާރުންނާއި އާބަންކޯ އިން ވެސް އެއްވެސް ހަރަދެއް ނުކުރާނެ ކަމަށާއި ބިން ހިއްކަން ހުރިހާ ހަރަދެއް ކުރާނީ، މަސައްކަތް ހަވާލުކޮށްފައިވާ ސީއެމްސީސީ ކުންފުނިން ކަމަށެވެ.
މި މަޝްރޫއު ހިންގަނީ ސީއެމްސީސީ އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން އެއްވެސް އަގަކާ ނުލައި 10 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ވަނީ ދީފަ އެވެ. އެ ބިން ހިއްކުމަށް ބޭނުންވާ ފައިސާ އެ ބިން ވިއްކައިގެން އެ ކުންފުންޏަށް ހޯދޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. ފަޒުލް ވިދާޅުވީ އެ ބިން ކުންފުނިން ބޭނުންވާ އަގަކަށް ވިއްކޭނެ ކަމަށާއި ނަމަވެސް، ބިން ވިއްކަން ޖެހޭނީ ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވިދާޅުވި އެވެ.
ރަސްމާލެ ހިއްކައި ނިންމުމުން އެ ތަނުން ވެސް 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޫކުރާނެ ކަމަށާއި އެ ތަން ދޫކުރަނީ ރަސްމާލެ ތަރައްގީ ކުރަން ހޭދަވާނެ ކަމަށް ބެލެވޭ 99 އަހަރުގެ މުއްދަތަށް ކަމަށް ފަޒުލް ވިދާޅުވި އެވެ. ނަމަވެސް، ހުޅުމާލެ އިން ދޫކުރި ބިމުގެ އަަގާއި ރަސްމާލެއިން އުފެދޭ 60 ހެކްޓަރުގެ ބިމުގެ އަގަކީ ކޮބައި ކަމެއް ފަޒުލް ވިދާޅެއް ނުވެ އެވެ.
"މި ބިން ވިއްކައިގެން އެ ބޭފުޅުންނަށް ލިބޭ ފައިސާ އިން މި މުޅި އޮޕަރޭޝަން އެ ބޭފުޅުން ހިންގަންވީ. މިއަކަށް އަޅުގަނޑުމެން ލާ ލާރިއެއް ނެތް. އަޅުގަނޑުމެން އަތުގައި އޮތް އެސެޓެއް އަޅުގަނޑުމެން މި ދެނީ 1093 ހެކްޓަރު އަޅުގަނޑުމެންގެ އަތަށް ލިބޭ ގޮތަށް. ރައްޔިތުންގެ ބޯހިޔާވަހިކަމަށްޓަކައި 10 ހެކްޓަރުގެ ބަދަލުގައި އެބަ ލިބޭ 1093 ހެކްޓަރުގެ ބިން، މިއީ މި މަޝްރޫއުގެ އަގަކީ،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ސީއެމްސީސީއަށް ދޫކުރި ބިންތައް އެ ކުންފުނިން ބޭނުންވާ އަގެއްގައި ވިއްކޭނެ ކަމަށާއި އެކަމުގެ ތެރެއަށް އާބަންކޯ ނުވަންނާނެ ކަމަށެވެ. ނަމަވެސް ބިން ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ އާބަންކޯގެ އެކްސްކްރޯ އެކައުންޓަކަށް ކަމަށާއި ސީއެމްސީސީއަށް ފައިސާ ދޫކުރާނީ އެ ކުންފުނީގެ ޕްރޮގްރެސިވް ޑިވެލޮޕްމެންޓަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހާ ސާފުކޮށް ރީތިކޮށް އޮތް ކޮންޓްރެކްޓެއްގެ ވާހަކަ މި ދަންނަވާލަނީ،" ފަޒުލް ވިދާޅުވި އެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފުށިދިއްގަރު ހިއްކަނީ ހުޅުމާލޭން 10، ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޭގޮތަށް ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ފަޒުލް ވިދާޅުވީ މި މަޝްރޫއުއަކީ ޕްރޮގްރެސިވް ޑިވެލޮޕްމެންޓްގެ އުސޫލުން ފައިސާ ދައްކާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށާއި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި އާބަންކޯ އިން ޒިންމާވާ ގޮތަށް ކޯޕަރޭޓިވް ގެރެންޓީއަކާ އެކު ފަށާ މަޝްރޫއެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް މީގެން ކުރާނެ އަސަރެއް ނެތް. ކުރިއަށް އޮތް ތަނުގައި މި ޕްރޮޖެކްޓްގެ ސަބަބުން އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް އިތުރު ތިޔާގިކަން ލިބިގެންދާނެ، އިތުރު ލޯނު ނެގުމުގެ ފުރުސަތުތަކެއް ރާއްޖޭން ބޭރުގެ ކުންފުނިތަކަށް އަޅުގަނޑުމެންގެ އެޝުއަރެންސްތަކެއް ލިބިގެން މިދިޔައީ،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ހުޅުމާލެ އާއި ރަސްމާލެ އިން ދޫކުރި 70 ހެކްޓަރުގެ ބަދަލުގައި އާބަންކޯ އަށް ލިބެނީ ރަސްމާލޭގެ 1093 ހެކްޓަރު ބިން ކަމަށާއި އެއީ އާބަންކޯގެ އެސެޓަށް އިތުރުވެގެންދާ ބޮޑު ބިމެއް ކަމަށެވެ.
ފުށިދިއްގަރު ފަޅަކީ ރައީސްގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނަށްވާއިރު، މި ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ އެ ފަޅު ހިއްކުމުގެ މަސައްކަތްކުރަން ހިމަނައި އެކަން ވަނީ ފަށައިފަ އެވެ.
އެކަމަކު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން އެކަމަށް 400 މިލިއަން ރުފިޔާ ހިމެނުމަށް ފަހު ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށް ބަހާލައިފަ އެވެ.
ނަމަވެސް މިދިޔަ ހޯމަ ދުވަހު ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށް، ފުށިދުއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވަނީ އާބަންކޯގެ ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފަ އެވެ. އެ މަޝްރޫއު ދައުލަތުގެ ބަޖެޓު ނުހިމަނައި އެ މަޝްރޫއު ފެއްޓުމުގެ އިތުރުން އިއުލާނު ނުކޮށް ހަވާލުކުރުމުގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
މިކަންކަމަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ރޭ ވިދާޅުވީ ރަސްމާލެ މަޝްރޫއު މިހާރު އެ ވަނީ ފެށިފައި ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭގައި އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުއޮޑި
24 December 2023
ދެވަނަ ދައުރެއް ރައީސް މުއިއްޒު އަށް ދޭންޖެހުނަސް އަހަރެމެން މިތިބީ ދޭން ތައްޔާރަށް މިކަންތަށް ކޮއްދީ ބޯހިޔާވެހިކަން ރައްޔިތުންނަށް ހޯދައިދީފިކަމުގައިވާނަމަ.
ޖިނާދު
24 December 2023
ވަރަށް ސަޅި. މުޢިއްޒުގެ ސްޓައިލް އެހެން ލެވެލްއެއް.
ލައުފަޒު
24 December 2023
ހެހެ. އެމްޑީޕީ ވެރިކަން އެހެން ބަހައްޓާފަ ޑރ.މުޢިއްޒު މި ދަނީ މުޅި ގައުމުގެ މައްސަލަތަކަށް ހައްލު ހޯދައިދެމުން.
ނަޖުމީނާ
24 December 2023
ކޮންސެޕްޓް ވަރަށް ފުރިހަމަ. ތާއީދު މިކަމަށް ވަރަށް ބޮޑަށް
ޖައުފަރުު
24 December 2023
ކަލޯ ރާއްޖޭގެ އެންމެނަށް ބޯހިޔާވެހިކަން ދެވޭނެ މިވަރުން. ވަރަށް ބަރާބަރު.
ޖިހާދު
24 December 2023
ކޮންމެ ގޮތެއްވިޔަސް ޑރ.މުޢިއްޒުގެ ޑީލް މާ ރަނގަޅު. މިކަން މި ދަނީ ކުރަން ޖެހޭގޮތަށް ބާރު ސްޕީޑުގައި
މަސީޙު
24 December 2023
އިބޫގެ ވެރިކަމާއި މި ވެރިކަމާއި ވަަރަށް ތަފާތު. މި ވެރިކަން ހަބޭސް
ކަޓްކަނީއޭ
22 December 2023
ހުޅުމާލޭން 10 ހެކްޓަރުގެ ބިން ލަންކާގެ ސީއެމްސީސީ ކުންފުންނަށް ދޭން ޖެހޭނެ ސަބަބެއް ސަރުކާރަށް ބުނެނުދެވެއޭ އެއްގޮތަކަށް ވެސް ފުށިދިއްގަރު ފަޅު ހިއްކަން ބޭނުން ކުރަނީ އެމްޓީސީސީގެ ކޮންނަ ބޯޓް ތަކޭ އަދި ހުރިހާ ވެހިކަލްސް ތަކަަކީ އެމްޓީސީސީގެ ވެހިކަލްސް ތަކޭ ތިޔާ ބުނާ ލަންކާ ކުންފުންނަކީ އެއީ އެންމެ ކޮންނަ ބޯޓެއް ވެސް އަދި ވެހިކަލެއް ވެސް ރާއްޖެ އަށް ގެނެސްގެން އުޅޭ ބައެއް ނޫނޭ ތިޔާއީ ސީދާ ލަންކާ ކުންފުންނެއް މެދުވެރިކޮށް ބިންތައް ވިއްކާ ކަޓްކަނީއޭ
ސަލްމީ
22 December 2023
7.5 މިލިއަން އަކަ ފޫޓް އެއީ ކުޑަރަށެެއްގެ ދެރަށެެވެ. ބޭރު ބަޔަކަަށް ވިއްކީމައި އެވިއްކެނީ ދިވެހި ބިމުން ދިވެހިންނަށް ބާރު ނުހިގާގޮތަށް ބޭރު ބަޔަކަށެވެ. ދިވެހި ޤައުމީއްޔަތޭ ކިޔަމުން އައިސް ވެރިކަމުގެ ދާނުގައި ރަނގަޅަށް ގަރާރުނުވަނީސް މިއޮތީ ބިން ވިއްކާލާފައެވެ. ދެންވެސް ޤައުމީއްޔަތޭ ކިޔާލަ ކިޔާލައި ހަމަ ތިބެންވީތޯއެވެ؟ ވެރިކަން ހޯދަން ދެއްކިހާ ވާހަކައާއި ޤައުމުން ބޭރުމީހުން ބާލާނެކަމަށް ދެއްކިވާހަކަ ކޮބާތޯއެވެ؟
ފިތިބާރު
22 December 2023
ޤައުމު ނުވިއްކަން ބުނި މިހާ މިފެނުނީ ޤައުމު ވިއްކާލާފައި އޮތް ރަސީދު! މިވަރުންވެސް ދިދައަަށް ލޯބިކުރަމޭ ބުނީމައި އަހަރުމެން ގުނބޯ ހެދިގެން ތިބެންވީތޯއެވެ؟