ޚަބަރު / ސީއެޗްއެސްއީ

ކާފަގެ ހުވަފެން ހަގީގަތަކަށް ހަދަން 100 ވަނަ އުފަން ދުވަހަށް ރާއްޖެ އަށް

ކްރިސްޓާ (ވ-2)، ކާފަ ޑރ. މާލިކް (ވ) އަދި މަންމަ އާއި ބައްޕައާއެކު.-

ސީއެޗްއެސްއީގެ ފުރަތަމަ ޕްރިންސިޕަލް ޑރ. އިބްރާހިމް އަބްދުލް މާލިކު ރާއްޖެ އަށް ކުރެއްވި ދަތުރު ނިންމަވާލައްވައި އެމެރިކާ އަށް ވަޑައިގަތީ އޭގެ ހަ އަހަރު ފަހުން، އޭނާގެ 100 ވަނަ އުފަން ދުވަހަށް ވެސް ރާއްޖެ އަށް ވަޑައިގެންނެވުމުގެ ފޮނި އުއްމީދުގަ އެވެ. އުމުރުން ކިތަންމެ ދޮއްޓަސް އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ. އަމިއްލަ އަށް ހިންގަވައި، ބަރާބަރަށް މަސައްކަތް ކުރައްވަ އެވެ.

އެކަމަކު، ކޮވިޑާ އެކު 2020 ވަނަ އަހަރު ހާލު ސީރިއަސްވެ، އެ އަހަރުގެ އޭޕްރީލް 1 ގައި މާލިކް ވަނީ އަވަހާރަ ވެފަ އެވެ. އޭރު އުމުރުން 96 އަހަރެވެ.

ކާފަގެ އެއް ގަރުނު ފާހަގަކުރުމަށް ރާއްޖެ ވަޑައިގަތުމަށް ޑރ. މާލިކް ނިންމަވާފައި އޮތީ ދުނިޔޭގައި އޭރު ހުރި ހަމައެކަނި އަންހެން ދަރިފުޅާ ވެސް އެކުގަ އެވެ. ނަމަވެސް ޑރ. މާލިކް ވަކިވިތާ ދެ އަހަރު ފަހުން، ސްޓްރޯކެއް ޖެހި އެ އަންހެން ދަރިފުޅު ވެސް ވަނީ އުމުރުން 66 އަހަރުގައި މިދިޔަ އަހަރު މަރުވެފަ އެވެ.

ކްރިސްޓާ (މ) އޭނާގެ މަންމަ އަދި ކާފައާއެކު.

އެކަމަކު، ޑރ. މާލިކްގެ އެ އުއްމީދު ފުރިހަމަކުރަން ދުނިޔޭގައި ހުރި އޭނާގެ ހަމައެކަނި ކާފަ ދަރިފުޅު ކްރިސްޓާ އެމްބަސްޓްސް ވަނީ މިދިޔަ ހަފުތާގައި ރާއްޖެ އައިސްފަ އެވެ. އެއީ ކާފަގެ ވަސިއްޔަތް ފުރިހަމަ ކުރުމަށެވެ. ޑރ. މާލިކްގެ 100 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ފަހު ކްރިސްޓާ މާދަމާ ފުރާނެ އެވެ.

އެ ވަސިއްޔަތް އޭނާ ފުރިހަމަ ކޮށްދީފި އެވެ. ކާފަ އަބަދުވެސް ބޭނުންވި ކަންތައް ކާފަ ނެތް ދުނިޔޭގައި ކޮށްދީފި އެވެ.

ކްރިސްޓާ، 33، "މިހާރު" އަށް ބުނީ ކާފަ ރާއްޖޭގައި ހޭދަކުރެއްވި ހަތަރު އަހަރަށް ފަހު ގައުމަށް ވަޑައިގެންނެވިއަސް، ރާއްޖެ އަށް އޮތް ލޯތްބަކަށް ފަނޑުވުމެއް ނެތް ކަމަށެވެ. އަވަހާރަވުމާ ހަމައަށް ވެސް ދިވެހިންގެ ހިތްހެޔޮކަމާއި ރަނގަޅު ވާހަކަ ދެއްކެވި ކަމަށް، މި ފަހުން ޖަރުމަނަށް ދިރިއުޅުން ބަދަލުކޮށް، އެ ގައުމުގައި މާސްޓާސް ޑިގްރީ ކިޔަވަން ތައްޔާރުވަމުން އަންނަ ކްރިސްޓާ ބުންޏެވެ.

"އެއީ އަޅުގަނޑުގެ ބެސްޓްފްރެންޑް. ހުރިހާ ކަމެއްގައި މެންޓާ. އަޅުގަނޑަކީ ހުރި ހަމައެކަނި ކާފަ ދަރިފުޅަށް ވީމާ ވަރަށް ގާތް އަދި ވަރުގަދަ ގުޅުމެއް އޮތް. ބަސްބަހަށް އޮންނަ ލޯތްބާއި އެކި ތަންތަނަށް ދަތުރުކުރުމާއި އޯޕަން މައިންޑްވުމާއި ހިތްވަރުގަދަ ކުރުމަކީ ކާފަގެ ފަރާތުން ދަސްވި ކަންކަން. އެހެން މީހަކަށް ވުރެ ކާފަ ދެކެ ލޯބިވޭ." ކްރިސްޓާ ބުންޏެވެ.

ކާފަގެ ހަނދާނުގައި ކްރިސްޓާ މިދިޔަ ހަފުތާގައި ބޭއްވި އެއްވުމުގައި، މާލިކްގެ ދަރިވަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޑރ. މާލިކަށް ލިބިވަޑައިގަތީ ދެ ބޭފުޅުންނެވެ. ލިބިވަޑައިގެންނެވި ހަމައެކަނި ފިރިހެން ދަރިފުޅު ވެސް މީގެ ފަސް ވަރަކަށް އަހަރު ކުރިން މަރުވި އެވެ. އޭނާ އެއްވެސް މީހަކާ ނީނދެ، އަދި ދަރިއެއް ވެސް ނެތެވެ. އެހެންވެ، އެ އާއިލާގައި މި ވަގުތު ހުރީ ކާފަ ދަރިފުޅު ކްރިސްޓާ އެކަންޏެވެ.

"މި ގައުމަށާއި ސީއެޗްއެސްއީ އަށް ކާފަގެ އޮތް ލޯތްބާއި އެ ލެގަސީއަށް އިހުތިރާމްކުރުމުގެ ގޮތުން އަޅުގަނޑު ނިންމީ އެކަނި ހުއްޓަސް މިކޮޅަށް އައިސް އަމިއްލަ އަށް ބަލާލާނަމޭ ބިނާކުރި ސްކޫލާއި މި ގައުމަށް އޮތް ލޯބި،" އޭނާ ބުންޏެވެ.

ކްރިސްޓާ ބުނީ ކާފަ އާއި މަންމަ ދުނިޔޭގައި ނެތުމުން، ކާފަ އެނގޭ މީހަކާ ގުޅޭނެ ގޮތެއް ފުރަތަމަ ޖެހުނީ ހޯދަން ކަމަށެވެ. އީމެއިލް ބަލަމުން ދަނިކޮށް، "މިހާރު" ގައި މާލިކާ ބެހޭގޮތުން 2017 ވަނަ އަހަރު ލިޔުނު އާޓިކަލް ކްރިސްޓާ އަށް ވެސް ފޮނުވައި، ހަމަ އެ އީމެއިލްގައި އެކި މީހުންނަށް ކޮޕީކޮށްފައި ހުރުމުން، އޭނާ ދެން ބެލީ، އޭގައި ތިބި މީހުންނަށް ވަކިވަކިން މެއިލްކޮށް، އޭނާގެ ބޭނުން ކިޔައިދޭށެވެ. އެ އަށް އެންމެ ފުރަތަމަ ޖަވާބު ދެއްވީ، ޑރ. މާލިކް އެންމެ ފަހުން ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވެސް މެހެމާންދާރީ އަދާކުރެއްވި ރައީސް އޮފީހުގެ ކުރީގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދެވެ.

ކްރިސްޓާ، "މިހާރު" އަށް މިދިޔަ ހަފުތާގައި އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވަނީ ސީއެޗްއެސްއީގެ ބާ އިމާރާތް އަދި އާ ސްކޫލަށް ޒިޔާރަތްކުރުމުގެ އިތުރުން ޑރ. މާލިކްގެ ކުރީގެ ދަރިވަރުން އަދި ސްކޫލުގައި އެއްކޮށް މަސައްކަތްކުރި މީހުންނާ ބައްދަލުކޮށްފަ އެވެ.

"އެސްއީއެސްގެ ޕްރިންސިޕަލްކަން އެނގޭ. އެކަމަކު، ކާފަގެ ސަބަބުން އެ ކުދިންގެ ދިރިއުޅުމަށް ކުރި އަސަރު އަސްލު ނަގައިނުގަނެވުނު. ފުރަތަމަ ބެޗުގެ ދަރިވަރުން ވަނީ އެޑިއުކޭޓާސް، މެޑިކަލް ޑޮކްޓަރުން، ސިޔާސީ މީހުންނަށް ބަދަލުވެފައި. ކާފަގެ ދަރިވަރުންނާ ވާހަކަ ދެއްކެވުނު ވަރަކުން އެނގުނީ ދިވެހިންގެ ދިރިއުޅުމަށް ގެނެވުނު ބަދަލު...އާ ޖެނެރޭޝަނަށް ކިޔަވައިދެމުން އަންނަ ޕްރިންސިޕަލުންނާ ދިމާވި. އެ މަސައްކަތުގެ ފުރިހަމަކަމުން ވަރަށް އަސަރުކުރި،" ކްރިސްޓާ ބުންޏެވެ.

ޑރ. މާލިކް، އެންމެ ފަހުން ރާއްޖެއަށް ކުރެއްވި ދަތުރުގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.- ފައިލް ފޮޓޯ: މިހާރު

ކްރިސްޓާ ބުނީ އެ އެންމެން ވެސް ކާފަގެ ހަނދާންކުރަނީ، މަޑުމައިތިރި، ހިތްތިރި، މަޖާ އަދި ދަރިވަރުންނަށް ހިތްވަރާއި ހެޔޮ ނަސޭހަތް ދެއްވި ޕްރިންސިޕަލެއްގެ ގޮތުގައި ކަމަށެވެ. އެއީ، މިހާރު ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ކަންތައްތަކުގައި ކާފަ އަށް ބަރޯސާވިން. އެކަމަކު، މިހާރު ހިތްހަމަޖެހުން ލިބެނީ ކާފަ ދުނިޔޭގައި ހުރިއިރު ވަރަށް ގިނަ ކަންތައްތައް ދަސްކޮށްދީ މަގުދައްކައިދީފައި ވާތީ."

ޑރ. މާލިކް، އެންމެ ފަހުން ރާއްޖެ އަށް ކުރެއްވި ދަތުރަށް ފަހު، އަނބުރާ އެމެރިކާ އަށް ވަޑައިގަތުމަށް ފަހު ވެސް، މާލެ އެތައް ގޮތަކުން ބަދަލުވި ކަމަށް ވިދާޅުވި ކަމަށް ކްރިސްޓާ ބުންޏެވެ. ނަމަވެސް، ބަދަލު ނުވެ އޮތް ކަމަކީ، ކާފަގެ ބަހުން ނަމަ، ދިވެހިންގެ ހިތްހެޔޮކަމާއި މެހުމާންދާރީ އަދާކުރުމުގައި އޮތް ނަމޫނާ އެވެ.

ކާފަގެ ހަނދާނުގައި ކްރިސްޓާ (މ) މިދިޔަ ހަފުތާގައި ބޭއްވި ކުޑަ އެއްވުމުގައި، މާލިކްގެ ދަރިވަރު، ކުރީގެ ރައީސް ޑރ. ވަހީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މިހެން އުޅޭ އުޅުމުގައި ވެސް ވަރަށް ގިނައިން ރާއްޖޭގެ ވާހަކަ ދައްކާ. އަނބުރާ ގައުމަށް ވަޑައިގެންނެވީ ކާފަގެ މުހިއްމު ބައެއް މި ތަނަށް ދޫކޮށްފައި. އެހެންވެ، އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ކިޔަވައިދިން ދަރިވަރުންނާ ގާތްގުޅުމެއް ބޭއްވިގެން އެ ދިޔައީ،" އޭނާ ބުންޏެވެ.

ދެ ޕީއެޗްޑީ ހާސިލްކުރައްވައި، އަވަހާރަވުމާ ހަމައަށް ވެސް ޑރ. މާލިކް އުޅުއްވީ ހަރަކާތްތެރި ދިރިއުޅުމެއްގަ އެވެ. ގަވައިދުން ކަސްރަތު ކުރައްވައި، ވަރަށް ރަނގަޅަށް ކެއުން ބެލެހެއްޓި އެވެ. އެކަމަކު، ކާފައާ ގުޅޭގޮތުން ކްރިސްޓާގެ އެންމެ ފޮނި ހަނދާނަކީ ވެސް، އޭނާ އައިސްކްރީމް ބޯން ބޭނުންވެގެން އުޅޭއިރު، ކްރިސްޓާއާ އެކު ޑރ. މާލިކް ވެސް ކުޑަކޮށް އައިސްކްރީމް ބައްލަވަން އުޅުއްވާ އުޅުމެވެ. އެއީ، އޭނާ ބުނާ ގޮތުން ނަމަ އެ ދެ މީހުންގެ ދެމެދުގައި އޮތް ސިއްރެކެވެ.

2 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 4%
icon angry icon angry 0%
icon wow icon wow 4%
icon inlove icon inlove 39%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންދަލޫސިޔާ

25 December 2023

މިއީ ދަރިވަރުން ބިނާކުރައްވާ ބޭފުޅުންނަކީ. މާތްﷲ ޑރ. މާލިކްއަށް ޖަންނަތުލް ފިރްދައުސް މިންވަރުކުރައްވާށި. އާމީން

The name is already taken The name is available. Register?

މޮނޯ

26 December 2023

އޭނާވެސް މިހާރު އައިސް ޕްރިންސިޕަލްކަން ކުރަން އުޅެފިނަމަ ރަނގަޅަށް ކުރެވޭ އެއްކަމެއް ނޯންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454