ޗެލްސީގެ ހަޒާޑް (ވ) އަތުން ބާންލީގެ ބޮއިޑް ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ
13 ފެބުރުއަރީ 2017 - 10:27
ލަންޑަން (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު ޗެލްސީ އޮތް ނަމަވެސް މާ ކުރިން އެ ޓީމަށް ލީގު ލިބޭނެ ކަމަށް ޔަގީން ކޮށްގެން ތިބުމަކީ ހެދޭނެ ގޯހެއް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ލީގުގައި ރޭ ޗެލްސީ ކުޅުނު މެޗުން ވަނީ ބާންލީއާ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުން މޮޅުނުވެވުމުން ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ޗެލްސީ އަތުން ވަނީ ގެއްލިފަ އެވެ. ޗެލްސީ އެއް ވަަނައިގައި އޮތީ 25 މެޗުން 60 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 25 މެޗުން 50 ޕޮއިންޓެވެ.
ބާންލީ ދަނޑުގައި ޗެލްސީ އަށް ރޭ ލީޑު ނަގައިދިނީ ޕެޑްރޯ ރޮޑްރިގޭޒެވެ. ބާންލީ އަށް އެއްވަރު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ރޮބީ ބްރޭޑީ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ވަޓްފޯޑް އަތުން މޮޅުވި މެޗަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އަތުނުލެވޭނެ ކަމަށާއި އެއީ ޓީމަކީ ޑިފެންސިވް ޓީމަކަށް ވާތީ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދެމުން ކޮންޓޭ ބުނީ މޮރީނިއޯ ބޭނުންވަނީ ޗެލްސީ އަށް އުނދަގޫ ކުރަން ކަމަށެވެ.
"އަހަންނަށް އެނގޭ މި ކަހަލަ ދަނޑިވަޅުތަކުގައި އިދިކޮޅު ހުރިހާ ޓީމެއްގެ ކޯޗުން ވެސް ޗެލްސީ އަށް އުނދަގޫކުރަން ބޭނުންވާނެކަން. މޮރީނިއޯގެ ވިސްނުމަކީ ވެސް އެއީ އަހަރެމެންނަށް ކުރެވެން ހުރި ގޮތަކަށް އުނދަގޫ ކުރުން މޮރީނިއޯގެ މަގުސަދަކީ،" ކޮންްޓޭ ބުންޏެވެ.
ރޭގެ މެޗުން އެއްވަރުވުމުން ކޮންޓޭ ވަނީ ބާންލީ އަށް މަރުހަބާ ކިޔައިފަ އެވެ.
"ބޮޑެތި ޓީމުތަކަށް މި ދަނޑުގައި މޮޅުވާން ފަސޭހައެއް ނޫން. ބާންލީ މި މެޗުގައި ދެއްކި ކުޅުމަށް ތައުރީފް ހައްގު. އަހަރެމެންނަށް ފިލާވަޅެއް ލިބިއްޖެ. އެއީ ލީގު ޔަގީން ކޮށްގެން ތިބުމަކީ އަހަރެމެންނަށް ހެދޭނެ ގޯހެއްކަން ކުޅުންތެރިންނަށް ވެސް ވިސްނިއްޖެ،" ކޮންޓޭ ބުންޏެވެ.
ލީގުގައި މިރޭ ބޯންމައުތާ ދެކޮޅަށް މެންޗެެސްޓާ ސިޓީ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ޗެލްސީގެ ލީޑު އަށް ޕޮއިންޓަށް ކުޑަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy