ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ރައީސް އޮފީސް
07 ޖެނުއަރީ 2024 - 22:08
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ ލުއި ލޯން ސްކީމްތައް އެކުލަވާލުމުގެ މަސައްކަތް އަންނަ މާޗު މަހުގެ ނިޔަަލަށް ނިންމާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ ޓްރަސްޓް ފަންޑެއް ގާއިމްކުރުމާއި ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ލުއި ލޯން ސްކީމެއް ފެށުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުން މިއަދު މަޝްވަރާކުރި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ކަންކަމާ ގުޅޭ އިތުރު މަޝްވަރާތައް އިކޮނޮމިކް ކައުންސިލްގައި ވެސް ކުރިއަށް ގެންދާނެ އެވެ. ސަރުކާރުން އަލަށް ގާއިމްކުރާ ޑިވެލޮޕްމަންޓް ބެންކާއި މިހާރު ހުރި ބޭންކިން ނިޒާމުގެ ތެރެއިން ސޯޝަލް ހައުސިން ލޯންތަކެއް ތައާރަފު ކުރެވޭނެ ގޮތްތައް ދެނެގަނެ، އެކަމާ ގުޅޭ ގޮތުން ވެސް އެ ކައުންސިލުން މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ލޯނުތަކަކީ ފަސް ޕަސެންޓް އިންޓްރެސްޓަށް ވުރެ ކުޑަކޮށް ދޫކުރެވޭ ލޯންތަކެއް ކަން ޔަގީންކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.
އިމާރާތް ކުރަން ފަށައި ނުނިމި ހުރި ތަންތަން ނިންމުމަށް ހާއްސަ ލޯނު ސްކީމެއް ތައާރަފު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ސޯޝަލް ހައުސިން ކެޓަގަރީއެއް ކަނޑައެޅުމާ ގުޅޭ ގޮތުން ވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން ވަކި ޕަސެންޓެއް ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެއްސުމަށް މަޝްވަރާކުރި ކަމަށެވެ.
މި ސަރުކާރުގެ "ހަފްތާ 14"ގެ މަގު ޗާޓުގައި ހިމެނޭ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރެގިއުލޭޓްކުރުމަށް ގެދޮރުވެރިކަމުގެ މިނިވަންކަމުގެ ބިލެއް އެލުލަވާލުމުގެ މަސައްކަތްކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
09 January 2024
މަޖިލީހުގެ އިންތިޚާބުގެ ކުރިން ނިންމެން ނެތްތަ؟ ލޯނު ހޯދަންޏާ ޖެހޭނެދޯ ވޯޓު ދޭން. އެހެންވެ ތި ލަސްކޮށްލީ.
ޖަލީލީ
08 January 2024
ސަރުކާރުން ކޮންޓްރަކްޓަރުން ލައްވާ ގެދޮރު އިމާރާތް ކޮށްފަ. ކޮންޓްރަކުޓަރުންގެ ބިލްތަކަށް ސަރުކާރުން ޕޭ ކޮށްފަ، އެ ބިލްތަކަށް ކުޑަ ފައިދާ ޕަސެންޓެއް އެޑްކޮށްފަ، ރައްޔަތު މީހާ އަށް އިންސްޓޯލްމަންޓް ބޭސިސްއަށް ޕޭ ކުރުމަށް ދޫކޮށްލަންވީ. ކުރީ ސަރުކާރުގަ އަސްލަމްމެން ގެވަޅު ތަކުގަ ގެ އަޅައިދިންވަރަށް މި ސަރުކާރުގައި އަޅައި ނުދޭތި
ނަބީހާ
08 January 2024
ޝުކުރިއްޔާ ރައީސް މުއިއްޒު. ރައްޔިތުންނަށް ފަސޭހަވާނެ ހުރިހާގޮތެއް ހޯދަންވާނެ.
ހައިކަލްް
08 January 2024
ވަކި ޕަސެންޓެއް ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެއްސުން އެއީ ވަރަށް ސަޅި ކަމެއް.
އ. ފަރޫ
08 January 2024
ވަޒީރުންގެ މަޖިލީސް މި އޮތީ މެކުހައް ޖަހާފަ އެއްނު. އަބަދުވެސް ކޮންމެވެސް ސަޅި ކަމެއް ނިންމަމުން މިދަނީ. މުއިއްޒު ދުވެލި ހަމަ ތަފާތީ
ޖައިބެ
08 January 2024
ވަރަށް ސަޅި ނިންމުމެއް. މިކަހަލަ ލޯނުތައް އަހަރުން ބޭނުން ވަނީ. އިންޓްރެސްޓް ކުޑަ ލޯނުތައް
ވަސީމާ އަލީ
08 January 2024
މި ލޯންތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ތަކުލީފު ނިމުމަކަށް ގެންނާނެ.
ރިމާހް
08 January 2024
ތިވަރުގެ ކަމެއް ކުރާކަށް ނޭގުނު މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް
ނިހާދް
08 January 2024
ވަރަށް ރަނގަޅު. އަހަރެމެންނަށް ދީފަ ހުރި ގޯތި ހެދޭނީ ތިކަހަލަ ލުއި ލޯނުތަކެއް ތައާރަފުކޮށްކެން
ވާހިގް
08 January 2024
އަސްލުވެސް ބޯހިޔާވަހިކަމަށް އެބަޖެހޭ ވަރަށް ކުޑަ އިންޓްރެސްޓް ރޭޓެއްގަ ލޯނުދޭން. ރަނގަޅު ނިންމެވުމެއް