ކުޅިވަރު

ސައްޓު ގަލޮޅު ދަނޑަށް އެނބުރި އައި މެޗުން ފަހު ވަގުތު ހިތްދަތިކަން

މަހިބަދޫ އާއި ޖޭޖޭ ކުޅުނު މެޗުގައި ސައްޓު ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރަނީ.-- ފޮޓޯ: މިހާރު

މީގެ ތިން އަހަރު ކުރިން ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ކުޅުން ހުއްޓާލި އިޝާން އިބްރާހިމް (ސައްޓު) އެނބުރި އައިސް ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖެހި ނަމަވެސް، އޭނާ ކުޅޭ ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްދާ ދެ ވަނަ ޑިވިޝަން މުބާރާތުގައި އިއްޔެ ހަވީރު ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިވީ މަހިބަދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް އެންމެ ފަހު ވަގުތު 3-2 އިންނެވެ.

މެޗުގެ 28 ވަނަ މިނިޓުގައި އަބްދުﷲ އަނީސް އިބްރާހިމް ކާމިޔާބުކުރި ގޯލުން ފުރަތަމަ ހާފު ނިންމާލީ މަހިބަދޫ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 13 ވަނަ މިނިޓުގައި ޖޭޖޭ އަށް އެއްވަރު ކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.

ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ މަހިބަދޫންނެވެ. މެޗުގެ 68 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގަން ގޯލު ޖަހައިދިނީ އާދަމް ނާއިލް އެވެ. ނަމަވެސް ސައްޓު ވަނީ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ މަހިބަދޫގެ ގޯލްކީޕަރު ކައިރިން ވެސް ނައްޓާފައި ބޯޅަ ގޯލަށް ފޮނުވާލައިގެން 83 ވަނަ މިނިޓުގައި ޖޭޖޭ އަށް ދެވަނަ ފަހަރަށް މެޗުގައި އެއްވަރު ކޮށްދީފަ އެވެ.

މަހިބަދޫ އާއި ޖޭޖޭ ކުޅުނު މެޗުގައި، މަހިބަދޫ އިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: މިހާރު

މަހިބަދޫ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އެޓީމުގައި މޮޅު ކުޅުމެއް ދެއްކި އާދަމް ފަހުމާން (އެޑަމާ) އެވެ.

އިއްޔެގެ މި މެޗަކީ ގުރޫޕް އޭގައި ހިމެނޭ މަހިބަދޫ އާއި ޖޭޖޭ ސްޕޯޓްސް ވެސް މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި މަހިބަދޫ ބަލިވީ މަސް އޮޑި ސްޕޯޓްސް ކްލަބް އަތުންނެވެ. އަދި ޖޭޖޭ ބަލިވީ ކުޑަހެންވޭރު ޔުނައިޓެޑް އަތުންނެވެ.

ސައްޓު އާއި ފާއްޓޭގެ ވެސް މުބާރާތުގެ ފުރަތަމަ މެޗު

މިއީ ސައްޓު އާއި ކުރިން އެއްވަނަ ޑިވިޝަންގައި ކުޅެފައިވާ ފާއްޓޭ ވެސް މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ޖޭޖޭގެ ފުރަތަމަ މެޗުގައި ކުޑަ ހެންވޭރާ ދެކޮޅަށް ކުޅުނު މެޗުގައި މި ދެ ކުޅުންތެރިން ވެސް ސްކޮޑުގައި ނުހިމެނެ އެވެ.

ޖޭޖޭގެ ފާއްޓޭ ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރަނީ.-- ފޮޓޯ: މިހާރު

ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ، ފާއްޓޭ ވަނީ 2021 ވަނަ އަހަރު ކްލަބް އީގަލްސްގެ ސްކޮޑުގައި ވެސް ހިމެނިފަ އެވެ. ނަމަވެސް އެ އަހަރު އޭނާ އަށް ކުޅެން މާލެ އާދެވޭ ގޮތެއް ނުވި އެވެ.

އީގަލްސް އަށް ކުޅެން ފަށައި، ފުރަތަމަ ޑިވިޝަންގައި ކްލަބް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުޅުމަށް ފަހު އޭނާ އެއްވަނަ ޑިވިޝަން ފުޓްބޯލަ ދޫކޮށްލަން ނިންމީ ފަޔަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެންނެވެ.

އިއްޔެގެ މެޗުގެ ކުރިން ފާއްޓޭ އެންމެ ފަހުން ގަލޮޅު ދަނޑުގައި ކުޅެފައި ވަނީ 2016 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް މެޗްގަ އެވެ.

މުބާރާތުގައި ނިއު ރޭޑިއަންޓަށް ކުޅެން ސައްޓު ފުރަތަމަ އެއްބަސްވި ނަމަވެސް، ރަށުގައި ވަޒީފާ އަދާކުރަމުން ޕްރެކްޓިސްތަކަށް މާލެ އައުމަށް ދަތިވާތީ އެ ފުރުސަތު ދޫކޮށް ނިންމީ ޖޭޖޭ އަށް ކުޅޭށެވެ.

ސައްޓު ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރަނީ.-- ފޮޓޯ: މިހާރު

މީގެ ކުރިން މާލޭގައި ބާއްވާ އެފްއޭއެމްގެ މުބާރާތެއްގައި އެންމެ ފުރަތަމަ ސައްޓު ކުޅުނީ ވެސް ޖޭޖޭ އަށެވެ. ދެވަނަ ޑިވިޝަން 2012 ގައި ޖޭޖޭ އަށް ކުޅުމަށް ފަހު، އޭނާ ވަނީ ގަލޮޅު ދަނޑުގައި އޭދަފުށީ ފުޓްބޯޅަ ޓީމާ އެކު މިނިވަން ޗެމްޕިއަންޝިޕް ތަށި އުފުލާލައިފަ އެވެ. އެއަށް ފަހު ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމުގައި ދެއްކި ކުޅުމާ އެކު ޓީސީން ލިބުނު ފުރުސަތުގައި އޭނާ ވަނީ ގިނަ ބައެއްގެ އިތުބާރު ހޯދައިފަ އެވެ.

ޓީސީ ސްޕޯޓްސް ކްލަބުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި އެޓީމަށް ދިވެހި ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ސައްޓު ފުރަތަމަ ޑިވިޝަންގައި ކުޅުން ހުއްޓާލީ 2019/2020 ސީޒަނަށް ފަހު އެވެ. އެހެން ނަމަވެސް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޭނާ އަށް ނުލިބުނެވެ.

ފުޓްބޯޅަ ގައުމީ ޓީމުން ފުރުސަތު ނުލިބުނަސް، އެއްވަނަ ޑިވިޝަންގައި ކުޅުން ހުއްޓާލުމަށް ފަހު އޭނާ ވަނީ ފުޓްސަލްގައި، ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ހޯދައިފަ އެވެ. އޭނާ އަކީ ފުޓްސަލް ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454