އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން (ކ) އިޒްރޭލުގެ ޑިފެންސް މިނިސްޓަރާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
10 ޖެނުއަރީ 2024 - 06:02
ފަލަސްތީނުގެ ޣައްޒާއަށް މިހާތަނަށް ދޭ އެންމެ ވަރުގަދަ ހަމަލާތަކަށް ތިން މަހަށް ވުރެ ގިނަ ދުވަސް ވީ ފަހުން، ފަލަސްތީނުގެ އާންމުންނަށް އިތުރު ގެއްލުމެއް އެމެރިކާގެ އިސް ޑިޕްލޮމެޓް އެންޓަނީ ބްލިންކެން އިޒްރޭލަށް ގޮވައިލައްވައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމެއްގައި ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ފަދަ ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ކަމެއް ކުރުމުގެ ހައްގު އިޒްރޭލަށް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ބްލިންކެން ވަނީ ހަަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 23،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު "އާންމުންނަށް ލިބޭ އިތުރު ގެއްލުމަކުން ސަލާމަތްވެ، ޣައްޒާގެ މަދަނީ އުމްރާނީ ވަސީލަތްތައް ހިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ބާރު އަޅުއްވައިފަ" އެވެ.
މިލާ ވިދާޅުވީ ދިގު މުއްދަތެއްގެ ސުލްހައެއް ބޭނުން ނަމަ ފަލަސްތީނުގެ ދައުލަތެއް އިޒްރޭލުން ވެސް ގަބޫލުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ބްލިންކެން ވާހަކަ ދެއްކެވި ކަމަށެވެ.
ބްލިންކެން ވަނީ މެދުއިރުމަތީގެ ގައުމުތަކާއި އިޒްރޭލާ ދެމެދު ގުޅުން ރަނގަޅުކުރުމަށް އެމެރިކާ އިސްވެ ކުރާ މަސައްކަތުގައި އިޒްރޭލަށް ވަރަށް ރަނގަޅޫ ފުރުސަތުތަކެއް މިހާރު ތަނަވަސް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް، ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
އިޒްރޭލުން އިއްޔެ ވެސް ބުނެފައިވާ ގޮތުގައި އިޒްރޭލު ސިފައިން ގެންދަނީ ޣައްޒާގެ އެތެރެއަށް އިތުރަށް ވަދެ ހަމަލާތައް ދެމުންނެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ ވާހަކަ ގައުމުތަކުން ދެއްކިޔަސް އިޒްރޭލުން ވަނީ މިއީ އަވަހަށް ނިމޭނެ ހަނގުރާމައެއް ނޫން ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރަދުން
11 January 2024
ބައިޑެން ބުލިންކެން އަދި ނުލަފާ ޔަހޫދީންނަށް ފަނާވަނިވި ވޭންދެނިވި ހަލާކެއް ލައްވާށި!!
ނުރަބޯ
10 January 2024
މިހާރު ވާވަރުވީތޯ……؟
ބާބޫ
10 January 2024
ބުލިންކެންވެސް ރަނގަޅު އެއްޗެއް ބުނެފިއްޔާ ޝުކުރުއަދާކުރަންޖެހޭ.
ބަނީ އިސްރާއީލު.
10 January 2024
ޔަހޫދީން ތެދެއް ހަދާނެތަ. އެއީ މުނާފިގުން. އެމީހުން އެއް އަތުން ގޮވާނެ ހުއްޓާށޭ. އަނެއް އަތުން ގޮވާނެ ފަލަސްތީނުގެ ނަސްލު ނައްތާލުން.