ޚަބަރު / އިސްކަންދަރު ސްކޫލް

ސައީދަށް އިސްކަންދަރުން ލޯތްބާ އެކު އަސަރުގަދަ ވަދާއެއް

ޕްރިންސިޕަލް ސައީދަށް، އިސްކަންދަރުގެ ދަރިވަރުން ދެއްވި ހާއްސަ އެސެމްބްލީގައި ދަރިވަރުންނާއެކު: ކުދިންނާއި ޓީޗަރުން ގަބޫލުކުރާ ގޮތުގައި އެއީ އެ ސްކޫލަށް ލިބުނު "ލެޖެންޑެއް".-- ފޮޓޯ: ސްކޫލް

އިސްކަންދަރު ސްކޫލްގައި އެތައް އަހަރެއް ވަންދެން، އެތައް ޕްރިންސިޕަލުންނަކާ އެކު މަސައްކަތްކޮށްފައިވާ މުވައްޒަފުން ވެސް ދައްކާ އެއް ވާހަކައެއް އޮވެ އެވެ؛ އެ ސްކޫލުގައި 13 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް ހުސައިން ސައީދު ގެންގުޅުއްވާ ރީތި، ހަރުދަނާ އުސޫލުތަކުގެ ވާހަކަ އެވެ. މަސައްކަތަށް ފަރުވާތެރިކަމާއި ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާ މެދު ބެހެއްޓެވި ގާތްކަމެވެ. އިންސާފުވެރިކަމެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ މަހުގެ 14 ގައި ސައީދު ވަޑައިގަތުމާ ހަމައަށް ވެސް ދަރިވަރުންގެ ކުރިއެރުމަށްޓަކައި ސްކޫލަށް ގެންނަން ޖެހުނު ކޮންމެ ބަދަލެއް ގެނެސްދެއްވިކަން، އެ މުވައްޒަފުން ގަބޫލުކުރެ އެވެ.

އިސްކަންދަރުގެ ޕްރިންސިޕަލަކަށް ހުންނެވި ސައީދު، އެ ސްކޫލުން ވަކިވެވަޑައިގަތުމުން އޭނާއަށް އަލްވަދާއު ކިޔަން މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބަހައްޓާފައި ހުރި ކާޑުތަކެއް..-- ފޮޓޯ: އިސްކަންދަރު ސްކޫލު

އިސްކަންދަރުން ވާހަކަދެއްކި ޓީޗަރަކު ބުނީ، ޕްރިންސިޕަލްގެ މަގާމުގައި ސައީދު އެ ސްކޫލަށް ކޮށްދެއްވި މަސައްކަތްތަކުގެ އަގުވަޒަން ނުކުރެވޭނެ ކަމަށެވެ.

"އެ ވަރުގެ ޕްރިންސިޕަލެއް އަދި ސްކޫލަކަށް ނުލިބޭ. އެއީ އިސްކަންދަރު ސްކޫލަށް ލިބުނު ލެޖެންޑެއް. އަޅުގަނޑުމެން ކިތަންމެ މަސައްކަތެއް ކުރިޔަސް ޕްރިންސިޕަލް ކޮށްދެއްވި ކަންކަމުގެ އަގު އަދަދެއް ނުކުރެވޭނެ،" ޕްރިންސިޕަލް ކަމުން ވަޑިވެވަޑައިގެންނެވުމުން ސައީދަށް އަލްވަދާއު ކިޔުމަށް ސްކޫލުގެ ދަރިވަރުންނާއި ހުރިހާ ސްޓާފުން ބޭއްވި ހާއްސަ އެސެމްބްލީގެ ވާހަކަ ދައްކަވަމުން އެ ސްކޫލުގެ ޓީޗަރަކު ވިދާޅުވި އެވެ.

ޕްރިންސިޕަލް ސައީދަށް، އިސްކަންދަރުގެ ދަރިވަރުން ދެއްވި ހާއްސަ އެސެމްބްލީގައި ކެޑޭޓުންގެ ގާޑް އޮފް އޮނާގައި ރަތްދޫލާގައި މަރުހަބާ ކިޔަނީ.-- ފޮޓޯ: އިސްކަންދަރު ސްކޫލް

ޕްރިންސިޕަލް ސައީދަށް، އަލްވަދާއު ކިޔުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އެސެމްބްލީއަށް އޭނާ ވަޑައިގަތުމުން އެ ސްކޫލުން މަރުހަބާ ކިޔާފައިވަނީ ކެޑޭޓުންގެ ގާޑް އޮފް އޮނާގައި ރަތްދޫލައިންނެވެ. ދަރިވަރުންގެ މެދުގައި އޮތް ވަރުގަދަ ލޯބި ހާމަވެގެން ދިޔަ އެއް ކަމަކީ، ސްކޫލުގެ 67 ކްލާހުގެ ތެރެއިން ކޮންމެ ކްލާހަކުން ވެސް، އެ ދަރިވަރުންގެ ހިތުގެ ޝުއޫރު ފާޅުކޮށްފައިވާ ކާޑުތަކާއި މަލުގެ ގުލްދަސްތާތަކުން ބަންޑުން ކޮށްލުމުންނެވެ.

"ރަތްދޫލައިން މަރުހަބާ ކިޔަސް އެއީ އަޅުގަނގަނޑު ގަބޫލުކުރާ ގޮތުގައި އެ ޕްރިންސިޕަލް އަޅުގަނޑުމެންނަށް ކޮށްދެއްވި، ދަރިވަރުންނަށާއި ޓީޗަރުންނަށް ކޮށްދެއްވި ކަންކަމާ އަޅާ ބަލާއިރު ވަރަށް ކުޑަ މިންވަރެއް. އެ އަގު އަދައެއް ނުކުރެވޭނެ،" ސްކޫލުގެ މުވައްޒަފަކު ބުންޏެވެ.

"ވަންނަ ގޭޓުން ފެށިގެން ސްކޫލުގެ މުޅި ގޯތިތެރެއަށް ގެނައި ބަދަލު، އެ ޕްރިންސިޕަލަކީ މި ސްކޫލުގެ ކަލްޗާ ބަދަލުކޮށްލި، ސްކޫލުގެ ނަތީޖާ ބަދަލުކޮށްލަދިން ޕްރިންސިޕަލެއް،"

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ސައީދު ވަކިވެވަޑައިގަތުމުން ބޭއްވި ވަދާއީ އެސެމްބްލީގައި ސައީދު އަދި އެ ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: އިސްކަންދަރު ސްކޫލް

ސައީދުގެ ދުރުވިސްނޭ ސިޔާސަތު މުހިއްމު ދައުރެއް އަދާކުރީ ހަމައެކަނި ސްކޫލު އިމާރާތުގެ ތަރައްގީއަށް ނޫން ކަމަށާއި ދަރިވަރުން ބައިވެރިވާ އިމްތިހާނުތަކުގައި ރަނގަޅު ނަތީޖާ ހޯދުމާއި އިތުރު ހަރަކާތްތަކުން ވެސް އެކަން ފެނިގެން ގޮސްފައިވާ ކަމަށް ސްކޫލް މުވައްޒަފުން ގަބޫލު ކުރެ އެވެ.

"ސްކޫލަށް ހެނދުނު 6:00 ގައި ވަޑައިގަންނަވާ ގޮތަށް ބައެއް ދުވަސްތަކުގައި ގެއަށް ވަޑައިގަންނަވާނީ ރޭގަނޑު 9:00 ހާއިރު. އިތުރު ހަރަކާތެއް އޮތިއްޔާ ބައިވެރި ނުވެ ނުދާނެ. ކުދިންގެ ކަންކަމަށް ވަރަށް އިސްކަން ދެއްވާނެ. ކިޔެވުމާއި އިތުރު ހަރަކާތްތަކަށް ވެސް. މި ދިޔަ އަހަރު ތަކަކީ ސްކޫލުގެ އެންމެ ކާމިޔާބު ދުވަސްތައް ކިޔެވުމުގައި ވެސް." ޓީޗަރަކު ބުންޏެވެ.

ޕްރިންސިޕަލް ސައީދަށް، އިސްކަންދަރުގެ ދަރިވަރުން ބޭއްވި ހާއްސަ އެސެމްބްލީގައި މަރުހަބާ ކިޔުމަށް ކޮންމެ ކްލާހަކުން ތައްޔާރުކުރި ކާޑުތަކާއި މާތައް.-- ފޮޓޯ: ސްކޫލް

ޓީޗަރުން ބުނާގޮތުން، އެ މީހުންގެ ހިތުގައި އެންމެ ހަރުލާފައި ހުންނަ އެއް ކަމަކީ ސައީދު ގަޑިއަށް ފަރުވާތެރިވުމަށް ދެއްވާ އިސްކަމާއި ކަމެއް ގޯސްކޮށް ކުރެއްވިއްޖެ ނަމަ އެކަމެއް ރަނގަޅު ކުރުމަށް ދެއްވާ އިރުޝާދެވެ.

"ބުނެވިދާނެ އެއީ އަޅުގަނޑުމެންނަށް، ބައްޕައެކޭ ވެސް. މިސްޓޭކެއް ހެދުނަސް އެކަމެއް ރަނގަޅު ކުރާނެ ގޮތް ކިޔައިދޭނީ ވަރަށް ލޯބިން. ރުޅި އައިސް ބާރަށް އެއްޗެހި ބުނެ، ޓީޗަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން އެއީ އެ ޕްރިންސިޕަލް ކުރައްވާ ކަންކަމެއް ނޫން. ހަމަހަމަ ވާނެ، ކުދިންގެ މެދުގައި ވެސް ބެލެނިވެރިން ވެސް،" ޓީޗަރަކު ވިދާޅުވި އެވެ.

އިސްކަންދަރުގެ ދަރިވަރުން ދެއްވި ހާއްސަ އެސެމްބްލީގައި ޕްރިންސިޕަލް ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: އިސްކަންދަރު ސްކޫލް

ދަރިވަރުން ބުނާ ގޮތުގައި އެ ކުދިންނަށް ޕްރިންސިޕަލް ސައީދު ބަހައްޓަވާ ގާތް ކަމަކީ ހަނދާނުން ފޮހެލަން އުނދަގޫ ކަންކަމަށް ވާނެ އެވެ.

"ބައެއް ކުދިން ބުނޭ އެ ޕްރިންސިޕަލް [ސައީދު]ގެ އެންމެ ހަދާން ވަނީ ސްކޫލަށް ކުދިން ވަންނައިރު ވެސް ނުކުންނަ އިރު ވެސް ޕްރިންސިޕަލް ހުންނަވާނޭ ދޮރުމަތީގައި. އެއީ އެ ކުދިންނަށް ކޮންމެ ދުވަހަކު ވެސް ފެންނަ މަންޒަރެއް. އެހާ ގާތްކޮށް ކުދިންނާ ވެސް ޕްރިންސިޕަލް މަސައްކަތް ކުރެއްވީ،" ސައީދުގެ ވާހަކަ ކުދިން މިހާރު ވެސް ދައްކާ ކަމަށް އެ ސްކޫލުގެ ސްޓާފުން ކިޔައިދިނެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ސައީދު ވަކިވެވަޑައިގަތުމުން ބޭއްވި ވަދާއީ އެސެމްބްލީގައި ސައީދު (ވ-2) އަދި އެ ސްކޫލުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އިސްކަންދަރު ސްކޫލް

ތައުލީމީ ކެރިއަރުގައި ސައީދަށް މި ލިބިވަޑައިގެންނެވި ކުރިއެރުމަށް ޓީޗަރުންނާއި ބެލެނިވެރިން ވެސް މަރުހަބާ ކިޔަ އެވެ. ނަމަވެސް، އެ އެންމެން ވެސް ގަބޫލުކުރާ ކަމެއް އެބައޮތެވެ، އޭނާ ނެތް ތަން ސްކޫލުން ދައްކާނެ އެވެ. އެ ލެގެސީ އަބަދަށް ދެމި އޮންނާނެ އެވެ.

5 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 16%
icon angry icon angry 6%
icon wow icon wow 6%
icon inlove icon inlove 42%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިމްރާން

18 January 2024

ތީ އެއްޖިންސުން ގުޅުންހިނަގަން ދަރިވަރުންނައް ގޮވާލައި ރެއިންބޯ ފަތުރަން މަސއކަތް ކޔރި މީހެއް

The name is already taken The name is available. Register?

ނިންމުން

18 January 2024

މިކަހަލަ ބޭފުޅުން އެޑިޔުކޭޝަންގެ ބޮޑު މަގާމަކައް ލުމަކީ ވަރައް ރަނގަޅު ފެށުމެއް ކަމުގައި ބެލެވޭ

The name is already taken The name is available. Register?

ވައްލަ

18 January 2024

ޙުސައިން ސަޢީދަކީކޮންމެ ކަމެއްގައި ނަމޫނާދައްކަވާ ހީވާގި ހިނަގުންތެރި ޤާބިލުބޭފުޅެއް. ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވުމުގެ ކުރީން އައްޑު އަތޮޅުގެ އަތޮޅުވެރިކަންކުރެއްވި އިރުވެސް ދެއްކެވީ ހަމަ އިސްކަންދަރުން ދެއްކެވި ނަމޫނާ. އެތައްޒަމާނެއްވަންދެން ޙައްލުނުކުރެވިހުރި މައްސަލަތައް ވިސްނުންތެރިކަމާއިއެކު ޙައްލުކުރެއްވުމާއި،ރައްޔިތުންނާއިގުޅޭކަންކަމުގައި މަޝްވަރާގެ އުސޫލުން ކަންކަންކުރެއްވި ރައްޔިތުންގެ ލޯބިހޯއްދެވި ވެރިއެއް.

The name is already taken The name is available. Register?

އެސްޒެޑް

18 January 2024

ވަރަށްބޮޑު ތެދުފުޅެއް

The name is already taken The name is available. Register?

ޢިސްކަންދަރު

17 January 2024

ޙުސައިން ސައީދަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އިސްކަންދަރަށް އަންނަންވާނީ އެވަރުގެ ޕްރިންސިޕަލެއް. ޢެހެންނޫނީ އިސްކަންދަރު ދާނީ ފަހަތަށް. ލާނީ ބޮއްސުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454