ޖޭޖޭއާ ދެކޮޅަށް ކުޅުނު މެޗުގައި މަހިބަދޫގެ ފަހުމާން.-- ފޮޓޯ: މިހާރު
21 ޖެނުއަރީ 2024 - 08:42
އާދަމް ފަހުމާންގެ މޮޅު ކުޅުމާ އެކު 4-1 އިން އެލްޓީ ސްޕޯޓްސް ކްލަބް ބަލިކޮށް، މަހިބަދޫ ސްޕޯޓްސް ކްލަބް ދެ ވަނަ ޑިވިޝަންގެ ނޮކައުޓް ބުރުގެ ޖާގައެއްގެ އުންމީދު ހޯދައިފި އެވެ.
ފުރަތަމަ މެޗުގައި މަސްއޮޑި ސްޕޯޓްސް ކްލަބް އަތުން ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި ވަނީ ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އެލްޓީ ސްޕޯޓްސް ބަލިކޮށް މަހިބަދޫ ވަނީ ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށްފަ އެވެ.
އިއްޔެގެ މެޗުގެ 10 ވަނަ މިނިޓުގައި ކޯނަރަކުން ލިބުނު ފުރުސަތެއްގައި ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ޝުއެއިދު ސައީދެވެ. އޭގެ ނުވަ މިނިޓު ފަހުން އެލްޓީން ނަތީޖާ އެއްވަރު ކުރި އެވެ. ޕެނަލްޓީ ޖަހައިދިނީ އާދަމް ލަރީފް (ރޮނާ) އެވެ.
މަހިބަދޫ އިން ދެވަނަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޝުއެއިދު އަރިމަތީ ހުރެ ފޮނުވާލި ބޯޅަ ގޯލަށް ވަދެގެންނެވެ.
ޖޭޖޭއާ ދެކޮޅަށް ކުޅުނު މެޗުގައި މަހިބަދޫގެ ފަހުމާން.-- ފޮޓޯ: މިހާރު
އެ ޓީމުން ލީޑު ފުޅާކުރީ 64 ވަނަ މިނިޓުގައި ރީބައުންސް ބޯޅައަކުން އާދަމް ފަހުމާން ޖަހައިދިން ގޯލުންނެވެ. އޭގެ ތިން މިނިޓު ފަހުން އޭނާ މެޗުގެ ފަސްވަނަ ގޯލު ޖެހީ ކީޕަރު ބޯ މަތިން ބޯޅަ ކުރިއަށް ޖައްސާލައި ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
މިއީ ފަހުމާން މި މުބާރާތުގައި ޖެހި ތިންވަނަ ގޯލެވެ. ޖޭޖޭ ބަލި ކުރި މެޗުގައި ފަހުމާން ވަނީ ޑިފެންސުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
މަހިބަދޫ އަށް ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. ކުޑަހެންވޭރު ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެއީ މި ގުރޫޕްގެ އެއް ފޭވަރިޓުންނެވެ.
ގުރޫޕްގެ އެއްވަނަ އަދި ދެ ވަނަ ޓީމުގެ އިތުރުން، ކޮންމެ ގުރޫޕަކުން ތިންވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަކަށް ވެސް ކުއާޓާ އިން ފުރުސަތު ލިބޭނެ އެވެ.
މަހިބަދޫ، 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މުބާރާތުން ރެލިގޭޓްވި ފަހުން ޖެހިގެން އައި އަހަރުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލް ކުޅުނެވެ. ނަމަވެސް އޭގެ ފަހުން އަދި ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭގޮތެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަަތީބު
21 January 2024
ކުޅުންތެރިޔާގެ ޕޯސްތަކުގާ މެރެޑޯނާއާ ވައްތަރުގޮތެއް އެބަހުރި.