އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް. -- ފޮޓޯ: އޭއެފްޕީ
25 ޖެނުއަރީ 2024 - 05:51
އިޒްރޭލުގެ އިތުރުން ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމުގެ ހައްލަށް އިޒްރޭލުން ދެކޮޅުހެދުން ބަލައިނުގަނެވޭ ކަމަށާއި މިކަމަށް އެއްބަސްނުވާ ނަމަ ހަނގުރާމަ ދިގުދެމިގެން ދާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެ އެވެ.
"ދެ ދައުލަތް ގާއިމުކުރުމަށް އިޒްރޭލު ސަރުކާރުގެ އެންމެ މަތިން މިދިޔަ ހަފްތާގައި ދެކޮޅުހެދުން އެއީ ބަލައިގަނެވޭ ކަމެއް ނޫން،" އދ.ގެ ސަލާމަތީ މަޖިލީހުގައި ގުޓަރެސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ގުޓަރެސް ވިދާޅުވީ ފަލަސްތީނަށް ދައުލަތެއް ލިބުމުގެ ހައްގަށް ދެކޮޅުހަދާ ނަމަ މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް އަދިވެސް ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެ ކަމަށެވެ. އަދި މިއީ މުޅި ދުނިޔޭގެ ސަލާމަތީ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.
މިހެން ވެއްޖެ ނަމަ ފެންނާނީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށާއި މިކަމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ހައްދުފަހަނައެޅުމުގެ މައްސަލަ ވެސް އިތުރަށް ބޮޑުވާނެ ކަމަށް ގުޓަރެސް އިންޒާރު ދެއްވި އެވެ.
ގުޓަރެސް ވަނީ ފަލަސްތީނު ރައްޔިތުންނަށް ވެސް އެ މީހުންގެ އަމިއްލަ މިނިވަން ދައުލަތެއް އޮތުމަށް މުޅި ދުނިޔެއިން ވެސް ތާއީދުކުރަން ޖެހޭނެ ކަމަށެވެ.
އިޒްރޭލަށް ހަމާސް އިން ދިން ހަމަލާތަކަށް ފަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މުޅި ސިޓީ ބިމާ ހަމަވެ 25،000 އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައި ވާއިރު ހަމަލާތައް ހުއްޓާލަން ގޮވާލާ ގޮވާލުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންދަވަނީ ދެކޮޅުހައްދަވަމުންނެވެ. އަދި ފަލަސްތީނަށް މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމަށް ނަތަންޔާހޫ ދެކޮޅުހައްދަވާތީ އެކަމަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްތަމަ އުސްތާޛް
27 January 2024
މުއިޢްޒުއަށް ކެރިވަޑައިގަންނަވާނެތަ އދ އިން ވަކިވާން
އިސްލާޙް
25 January 2024
ކޮން ދެދައުލަތެއް. ފަލަސްތީންގެ ބިމެއް އެއީ. ހުނޅަގުންވެސް ޔަހޫދީން ބޭނުން ނުވާކަން މީގެން އިނގެނީ.